|
އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަ ދެކޮޅުނުޖެހުނު! މިވަނީ
ކިހިނެއް؟ އެއްފުޅައްމަތީން ފުންމާލި ބަކަރި އަނެއް
ފުޅައްމަތީންވެސް ފުންމާނެ ކަމަށް ދިވެހީން ބުނެއުޅޭ!
އިސްލާމީ
ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް އަދި
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އައްޝެއިޚް މުޙަންމަދު
ރަޝީދު އިބްރާހިމް މީގެ ކުޑަ ދުވަސްކޮޅެއް ކުރީން މިޞްރަށް
ވަޑައިގެމް ޤާހިރާގައި ތިބޭ ދިވެހި ކިޔާވާކުދިންނާ ބައްދަލު
ކުރެއްވިއެވެ.
މިބައްދަލު
ވުމުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގައި ބޭރުގެ
ބަޔަކު ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރާތީ އެކަމާ
އިޙްތިޖާޖް ކުރެއްވިއެވެ. އަދި ކްރިސްޓިއަން ދީން ފަތުރަން
ބަޔަކު މަސައްކަތްކުރާ ކަމާއި 2000 ވަނަ އަހަރާ ހަމައަށް
ރާއްޖޭގައި ފައްޅިއެއް އެޅުމަށް ބޭރުގެ ޖަމާޢަތަކުން
މަސައްކަތްތަކެއް ކުރާކަމަށްވެސް ވިދާޅުވިއެވެ.
" މިހުރިހާ
ކަމަކަށް އަހަރެމެން މިތިބެނީ ބަރަށް ތައްޔާރުވެގެން، އެހެން
ދީނެއް ރާއްޖޭގައި ފެތުރިޔަކަ ނުދޭނަން" މުޙަމްމަދު ރަޝީދު
ވިދާޅުވިއެވެ.
އެ
ވާހަކަތަކުގެ ފަހުން ޖަލްސާގެ ހަވާސާގައި ކުދިން ކުރާ
ސުވާލުތަކަށް ޖަބާބު ދެއްވުމުގެ ބުރެއް ފެށިގެން ދިޔައެވެ.
އެދަނޑިވަޅުގައި ކުއްޖަކު ކުރި ސުވާލަކީ މާލޭގައި ރީތީގެ
މުބާރާތެއް ބާއްވަން އުޅޭ ޚަބަރު ލިބޭ ކަމަށާއި، އެކަމަށް
ސަރުކާރުން ހުއްދަވެސް ދެއްވައި، ފަހުން ދީނާ ޚިލާފު
ކަމަކަށް ވާތީ ސަރުކާރުން އެކަން ކުރަން ނުފެންނަކަމަށް
ވިދާޅުވާތީ، ރީތީގެ މުބާރާތުގެ ބަދަލުގައި ފެޝަން ޝޯވއެއް
ބާއްވަން އެބަޔަކު މަސައްކަތްކުރާ ޚަބަރުވެސް ލިބިފައިވާތީ،
އެކަން އެދަނީ ކިހިނެއްތޯއާއި، ރީތީގެ މުބާރާތް ފެޝަން
ޝޯވއަކަށް ބަދަލުވީ ދީނުގައި އެކަމަކީ ހުއްދަ ކަމަކަށްވާތީ
ތޯއެވެ.
ޖަވާބުގައި
ޝައިޚް ރަޝީދު ވިދާޅުވީ އެމުބާރާތް އެއްވެސް ނަމެއްގައި
ނުބޭއެއްވޭނެކަމަށެވެ. އަދި އެކަހަލަ އެއްވެސް ކަމެއް
ރާއްޖޭގައި ހިންގިޔަ ނުދެއްވާނެކަމަށާއި، އަހަރުމެން މިތިބީ
ވަރަށް ވިސްނައިގެން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
އެހެން
ޝައިޚް ވިދާޅުވެފައިވީ ނަމަވެސް ޝައިޚް ވިސްނާވަޑައިގެން
ހުންނެވިކަމަށް މިހާރު ބެލެވޭކަށް ނެތެވެ. މިހެން މިދެންނެވީ
މި މަހުގެ 18 ވަނަ ދުވަހު ހަމަ އެއްކަލަ ރީތީގެ މުބާރާތް
ފެޝަން ޝޯވއެއްގެ ގޮތުގައި ބާއްވަން ތައްޔާރުވަމުން ދާކަމަށް
ލިޔެފައިވާތީއެވެ. އަދި އެކަމަށް އިންފޮރމޭޝަން މިނިސްޓްރީން
ހުއްދަ ދެއްވިކަމަށް ލިޔެފައިވާތީވެސް މެއެވެ.
ކުރީންވެސް
ރީތީގެ މުބާރާތް ބާއްވަން އުޅުން 'އެޑަމް' ބުނެފައިވަނީ"
އަޅުގަނޑުމެންނަށް އިންފޮރމޭޝަނުގެ ހުއްދަވެސް ލިބިއްޖެ،
މިހާރު އެހެންވީމާ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ޝޯ
ބާއްވާނީ، ޝޯ އޮންނާނީ އަލިމަސް ކާނިވަލްގެ ސްޓޭޖްގައި"
މައްސަލައަކީ
ކޮމްމެހެން ރީތީގެ މުބާރާތް ބާއްވަން އުޅުނު ފަރާތުން ފެޝަން
ޝޯ ބޭއްވުމެއް ނޫނެވެ. މައްސަލައަކީ އެފަދަ ގޮތްގޮތަށް
މުސްލިމު އަންހެނުން ދައްކާލުމުގެ މުބާރާތް ބޭއްވުމަކީ
އެއްވެސް ޙާލެއްގައި އިސްލާމްދީން ހުއްދަ ނުކުރާކަމަކަށް
ވުމެވެ. އަންހެނުން ވިޔަސް ފިރިހެނުން ވިޔަސް މިބާވަތުގެ
ކަންތައްތަކަކީ ޙަޤީޤަތުގައި އިސްލާމް ދީނުގެ ގިއުގަނޑުން
ބޭރުން ހުޅަނގުގައި ހިނގާ ލާދީނީ ކަންކަމެވެ. ޙަޤީޤީ
މައްސަލައަކީ، މިބާވަތުގެ ކަންތައްތަކުގެ ސަބަބުން
މުޖުތަމަޢްގައި މިފަދަ ލާދީނީ ކަންކަމަށް މަގުފަހިވެ، މި
އޮއިވަރު ފެތުރި ފަސާދަތައް އިތުރުވާނެތީއެވެ.
ފަހަރަކު ކަމެއް ތަރުތީބުން މަގުފުރެދި ހަލާކުވާތަން ދެކެން
މިތިބީ ތައްޔާރަށެވެ. އެންމެ ފުރަތަމަ ބޭއްވީ އެބުނާ ފެޝަން
ޝޯއެކެވެ. ފަހުން ބާއްވަން ބޭނުންވީ އަންހެނުންގެ ރީތީގެ
މުބާރާތެވެ. ދެން ބާއްވާނީ ކޯޗެއްބާއޭ ހިތަށް އަރައެވެ.
ދިވެހިރާއްޖޭގެ ސަޤާފަތާއި އިސްލާމްދީނުގެ މިންގަނޑުތަކުގެ
ތެރޭގައި މިބާވަތުގެ ކަންކަމުގެ ވާހަކަ ދެކެވޭތީ ލައްކަ
ހައިރާންވާން ޖެހެއެވެ. އިސްލާމް ދީނުގެ ހުދޫދާއި އިންތަކުން
ބޭރުވެގެންވާ ކަންތައްތައް އެބުނާ ދީނާއި އެއްގޮތަށް
ކުރެވޭނީ ކިހިނަކުން ބާވައެވެ!
ކޮންމެއަކަސް
އަންހެނުންގެ ވަނާތަކުގެ ރީތިކަން އިންސާފުކުރުމުގެ މުބާރާތް
ކެންސަލްވީވެސް ޢާންމުންގެ ބަޔަކު އެކަމާ ނުރުހުން
ފާޅުކުރީތީއެވެ. މިކަންތައް އަދި މިބުނާ ޑިމޮކްރަސީއާއި
ދައްކާލުމުގެ މިނިވަންކަމުގެ ތެރެއިން ލާފައި ނާންނާނެކަމުގެ
އެއްވެސް އުންމީދެއް މިހާރަކު ނެތެވެ. އިސްލާމީ
ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން ކުރަނީ ކީއްބާއޭ އެ
ކުރަނީ ހިތައްއަރައެވެ. އެ މަޖިލިސް އޮތީ ހޭލާކަމަށް
ބުނެވޭކަށް ނެތެވެ. ނިމުނީ! |