09/06/2005

Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

 At a Glance

 Constitution

 Government

 Foreign Policy

OPINION

 

އިސްލާމީ ނަޒަރަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން

06/09/2005 | މުޙަންމަދު ޝަހީމް ޢަލީ ސަޢީދު

މާތްވެގެންވާ އިސްލާމްދީނުގެ އަސާސީ މަބާދިއުތަކަށް ނަޒަރު ހިންގާލުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުރިހަމަގޮތެއްގައި އިންސާނާ އަށް ދީފައިވާ ޙައްޤެކެވެ. ނަމަވެސް ދުނިޔޭގެ އެހެނިހެން ފަލްސަފީ ނިޒާމުތަކަށް ވުރެން ފުރިހަ ގޮތެއްގައި އަޚްލާޤީ ހަމަތަކަށް ތަބާވެ ތިބެގެން ޚިޔާލު ފާޅުކުރުމަށް އިސްލާމްދީން ބާރު އަޅާފައިވެއެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި މާތްވެގެންވާ އިސްލާމްދީނަކީ އެންމެ ފުރިހަމަ ނިޒާމެވެ. އިންސާނީ ޖަމާޢަތަށް އެންމެ މަޞްލަހަތު ހުރި ގޮތް ކަނޑައަޅުއްވާފައިވާ މަތިވެރި ނިޒާމެވެ. މިއީ އިންސާނިއްޔަތުގެ ތާރީޚުގައި އިންސާނުން ތަޖުރިބާކޮށްފައިވާ ޙަޤީޤަތެކެވެ.

އިސްލާމް ދީނުގައި ވަކިކަމެއް ކުރުމަށް އަމުރު ކުރައްވާފައިވާ ގޮތަކަށް އެކަމެއްކުރުމުން އިންސާނީ ޖަމާޢަތަށް ފައިދާކުރާކަމީ އިންސާނުން ދެކިފައިވާ ޙަޤީޤަތެކެވެ. މިއީ ހަމަ އެކަނި އިސްލާމީ ތާރީޚް ދެކިފައިވާ ކަމެއްނޫނެވެ. އެހެނިހެން ދީންތަކާއި ފަލްސަފީ ނިޒާމުތައްވެސް މިކަމުގެ މައްޗައް ހެކިވެއެވެ.

އިންސާނާއަށް ﷲ ތަޢާލާ ވަނީ ވިސްނުމާއި ބުއްދި ދެއްވާފައެވެ. އޭނާގެ މުޖުތަމަޢުގެ ކަންހިނގުމުގައި ޚިޔާލުފާޅުކުރުމުގެ ޙައްޤުވެސް ވަނީ ހޯދާދެއްވާފައެވެ. ކީރިތި ނަބިއްޔާގެ ޙަޔާތްޕުޅުގައިވެސް އަޞްޙާބު ބޭކަލުންގެ ތެރޭގައި ، ކީރިތި ރަސޫލާއަށް ކަންކަމުގައި ޚިޔާލުދެއްވާ ، ލަފާ ދެއްވާ ހައްދަވާ ބޭކަލުން ތިއްބެވިއެވެ. އަދި ކީރިތި ރަސޫލާ ބައެއް ކަންކަމުގައި ދެކެވަޑައިގަންނަވާގޮތާއި ޚިލާފަށް އަޞްޙާބު ބޭކަލުން ޚިޔާލު ހުޅަހަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާ އެބޭކަލުންގެ ޚިޔާލުފުޅުތަކަށް އިޙްތިރާމް ކުރައްވާފައިވެއެވެ. އަދި އެބޭކަލުންގެ ބައެއް ޚިޔާލުފުޅުތަކާ އެއްގޮތައް ޢަމަލުފުޅު ކުރައްވާފައިވެސް ވެއެވެ.

މިގޮތުން އެކަލޭގެ ފާނުގެ ޚިޔާލުފުޅާ އިދިކޮޅަށް އެކަލޭގެފާނަށް މަޝްވަރާ އެރުވުނު ކަންކަމުގެ ތެރޭގައި ، ޙުދައިބިއްޔާގައި ޢުމަރުގެފާނު ދެެއްވި ޚިޔާލާއި ، ބަދުރު ހަނގުރާމަކުރެއްވުމަށް ވަޑައިގެން މަޑުކުރެއްވި ތަން ކަމުނޮގޮސްގެން ، ބޭކަލަކު ދެއްވި ޚިޔާލުފުޅަކާއި ، އަދި އުޙުދު ހަނގުރާމައިގައި މަދީނާއިން ބޭރުގައި ހަނގުރާމަ ކުރެއްވުމަށް ޒުވާން އަޞްޙާބު ބޭކަލުން ދެއްވި ޚިޔާލު ފުޅުތަކާއި ، މިނޫންވެސް ކިތައްމެ ޙާދިޘާއެއް ހިމެނެއެވެ.

ޢުމަރުގެ ފާނާއި އަދި ޢަޞްޙާބު ބޭކަލުންގެ ތެރެއިން ވަރަށް ގިނަބޭކަލުން ޙުދައިބިއްޔާގެ ޞުލްޙައާއި އިދިކޮޅު ހެއްދެވިއެވެ. ކާފިރުންނާއެކު ޞުލްޙަ ޤާއިމު ނުކުރެއްވުމަށް ރަސޫލާ އަށް ޚިޔާލުފުޅު އެރުއްވިއެވެ. ކީރިތި ރަސޫލާއާއި އަބޫބަކުރުގެ ފާނާއި ދެބޭކަލުން ބުރަވެވަޑަައިގަތީ އެބައިމީހުންނާއެކު ޞުލްޙަ ޤާއިމު ކުރެއްވުމަށެވެ. މިކަމުގެ ސަބަބުން މައްކާފަތަޙަވުމަށް މަގުފަހިވެގެން ދިޔައެވެ.
ބަދުރު ހަނގުރާމައިގައި ކީރިތި ރަސޫލާ ލަޝްކަރާއިގެން މަޑުކުރެއްވީ ހަނަފަސްތަނެއްގައެވެ. އެތަނަކީ ހަނގުރާމައިގައި މަޑުކުރެއްވުމަށް ޙިކުމަތްތެރި ތަނެއްނޫންކަމަށް ދެކެވަޑައިގެން ބޭކަލަކު މަޝްވަރާ ދެއްވުމުން އެތަން ދޫކުރައްވައި ، ފެނާއި ގަތާތަށް ވަޑައިގަތެވެ. މިކަމުގެ ސަބަބުން މުސްލިމުންނަށް ހަނގުރާމައިގެ މައިދާނުގައި ފަސޭހަތަކެއް މެދުވެރިވެގެން ދިޔައެވެ.
އުޙުދު ހަނގުރާމަ ކުރެއްވުމަށް ކީރިތި ރަސޫލާ ޚިޔާލު ކުރެއްވީ މަދީނާގެ ސަރަޙައްދުގެ ތެރޭގައެވެ. ނަމަވެސް އަޞްހާބު ބޭކަލުންގެ ތެރޭގައި ތިއްބެވި ޒުވާން ބޭކަލުން ބުރަވެ ވަޑައިގަތީ މަދީނާއިން ބޭރުގައި ހަނގުރާމަ ކުރެެއްވުމަށެވެ. ކީރިތި ރަސޫލާ އެގޮތަށް ކަންތައްކުރެއްވިއެވެ. މިކަމުގެ ސަބަބުން ހިތި ނަތީއްޖާއާއި ކުރިމަތި ލާންޖެހުނެވެ.
އަދި ޚިޔާލު ފާޅުކުރުމަށް މިނިވަންކަންދެވިފައިވާ މިންވަރު އަންގައިދޭ އެންމެ ވަރުގަދަ ހެއްކަކީ ވަޙީ ބާވާލެއްވޭ މާތް ނަބިއްޔަކަށް އަޞްޙަބު ބޭކަލުން ޚިޔާލު ދެއްވާކަމެވެ. މިގޮތުން ޚަނދަޤު ނުވަތަ އަޙްޒާބު ހަނގުރާމައިގައި މަދީނާ ވަށައިގެން ޚަނދަޤު ކޮންނެވުމަށް މާތް ޞަޙާބީ ސަލްމާނުލްފާރިސީ ދެއްވި ޚިޔާލު ފުޅު ހިމެނެއެވެ. އެމާތް ޞަޙާބީގެ ޚިޔާލުފުޅުގެ މަތިން ކީރިތި ރަސޫލާ ދުޝްމަނުންގެ ކިބައިން މަދީނާ ޙިމާޔަތްކުރެއްވުުމަށްޓަކައި ޚަންދަޤު ކޮންނެވިއެވެ.
އަދި ބައެއް ބޭކަލުން ކަންތައް ކުރައްވާ ގޮތާމެދު ހިންމަ ޖެހިވަޑައި ނުގަންނަވާ ،   ޚުދު   ކީރިތި ރަސޫލާ   މީސްތަކުން އެއްކުރައްވާ ބަސްފުޅު ވިދާޅުވެއެވެ. ނަމަވެސް ގިނަ ފަހަރު އެއިން ބޭކަލެއްގެ ނަންފުޅު ވިދާޅެއް ނުވެއެވެ. އެއީ މީސްތަކުންގެ މެދުގައި އެބޭކަލުން ފަޟީޙަތް ނުކުރެއްވުމަށެވެ. ވިދާޅުވަނީ [ މިވެނި އެވެނި ބަޔަކު މިފަދައިން ކަންތައް އެބަކުރެއެވެ . އެއީ ކީއްވެގެން ހެއްޔެވެ؟ ] ޝައްކެއްނެތް ގޮތުގައި މިއީ މިކަމުގައި އޮތް އެންމެ ރީތި އުސްލޫބެވެ. އިޞްްލާޙު ކުރަން ބޭނުންނަމަ މިފައިން ޢަމަލު ކުރުމަކީ ކާމިޔާބު އުސްލޫބެކެވެ. މިކަމުގެ ނަތީޖާ އަފްރާދުންނަށާއި ، މުޖުތަމައަށް ކުރާނެ ކަން ކަށަވެރެވެ.
އިސްވެދިޔަ ވާހަކަތަކުން އެންގޭ އެއްޗަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމެވެ. އަދި ވެރިއަކަށް ހުންނަ މީހާއަށް ވެސް ރައްޔިތުންގެ ފަރާތުން ޚިޔާލު ހުށަހެޅިދާނެކަމެވެ. އަދި އެމީހާއަށް އެޚިޔާލަކީ ޤައުމުގެ މަޞްލަޙަތު އޭގައިވެދާނެ ޚިޔާލެއްކަމަށް ފެނިއްޖެނަމަ އެއަށް ޢަމަލު ކުރެވިދާނެކަމެކެވެ. އޭގައި މަޞްލަޙަތެއް ނުވާކަމަށް ފެނިއްޖެނަމަ އެޚިޔާލަށް ޢަމަލު ކުރުމަކީ އޭނާއަށް ލާޒިމުކަމެއް ނޫންކަމެވެ. އަދި ވެރިއެއްނަމަ އޭނާގެ އަމިއްލަ ޚިޔާލާ އެއްގޮތް ނޫން ޚިޔާލަކަށް މަރުޙަބާ ކިއުމަކީވެސް މާތް ސިފައެއްކަމެވެ. އަދި އެ ޚިޔާލެއްގައި ކަނޑައެޅިގެން ޤައުމަށް މަޞްލަޙަތު ވާކަން ޔަޤީން ވެއްޖެނަމަ އޭގައި ހިފުމަކީ ލާޒިމު ކަމެއްކަމެވެ.
އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލަކު ވިދާޅުވެފައިވެއެވެ. [ މުޙައްމަދުގެފާނަށް ވުރެން ބޮޑަށް އަޞްޙާބުންނާއި ޚިޔާލުބަދަލުކޮށް މަޝްވަރާ ހޯއްދަވާ ބޭކަލަކު ދުވަހަކުވެސް ތިމަންމެން ނުދެކެކެވެ. ]
މުޖުތަމަޢުގެ ކަންތައްތަކުގެ އިތުރުން ދަވްލަތް ހިންގުމުގައި މާތްވެގެންވާ އިސްލާމް ދީނުގެ އުޞޫލަކީވެސް މަޝްވަރާގެ ނިޒާމެވެ. މަޝްވަރާއަކީ މުހިންމު އެއްޗެކެވެ. މަޝްވަރާއެއްނެތި ކަންތައްކުރުމަކީ އޭގޭ ނަތީޖާއާމެދު ސުވާލު އުފެދޭކަންކަމެވެ. އަދި ކަންކަމަށް ފާޑު ކިއުމަކީ ވެސް ކުރިއަރައި ތަހުޒީބުގެ ތެރެއަށް ވަނުމުގެ ތަޅުދަނޑިއެވެ. މިތަޅުދަނޑިން ހުރަސް ދޮރުފަތްތައް ހުޅުވިގެންދާނީ ފާޑުކިއުންތަށް ބަލައިގަތުމުންނެވެ.
ކޮންމެ އަކަސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މާތްވެގެންވާ އިސްލާމްދީނުގައި ވަނީ އަޚްލާޤީ މިންގަނޑަށް ފައްތާފައެވެ. ވަކި އުޞޫލުތަކެއްގެ ދަށުން އެކަން ކުރުމަށް ބާރު އަޅުއްވާފައެވެ. މިގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

1. ފާޅުކުރެވޭ ޚިޔާލަކީ ﷲ އާއި އެކަލާނގެ ރަސޫލާއާއި ، އުއްމަތުގެ ދަންނަބޭކަލުން ކަމެއްގައި ނިންމަވާފައިވާ ގޮތަކާއި ، ޚިލާފަށް ފާޅުކުރެވޭ ޚިޔާލަކަށް ނުވުން: އަލްޙުޖްރާތު ސޫރަތުގެ 1 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ [ އޭ އީމާންވީ މީސްތަކުންނޭވެ! ﷲ އާއި އެކަލާނގެ ރަސޫލާ ކަމެއްގައި އަންގަވާފައިވާގޮތައް ތިޔަބައިމީހުން އިސްވެ ގޮތް ނުކިޔާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ އީ ތިޔަބައިމީހުން ދައްކާ ވާހަކަ އައްސަވާ ވޮޑިގެންވާ އިލާހެވެ. ތިޔަބައިމީހުން ކުރާކަންތައް ދެނެވޮޑިގެންވާ އިލާހެވެ. ] މިހެން ކަމުން ﷲ އާއި އެކަލާނގެ ރަސޫލާ ކަމެއްގައި ނިންމަވާފައިވާ ގޮތަކަށް ނުވަތަ އެއާ ތަޢާރުޟްވާގޮތަށްވެސް ޚިޔާލެއް ހުށަހެޅިއްޖެނަމަ އެޚިޔާލަކީ ޝަރުޢީ ހަމަތަކުން ބޭރުގައިވާ ޚިޔާލެކެވެ. ޝަރުޢީ ހަމަތަކުން ބޭރުވެއްޖެނަމަ އެއަށް ޢަމަލުކުރެވިގެން ނުވާނެއެވެ. އެއާ އެއްގޮތަށް މުޖުތަމަޢުގެ ކަމެއްވެސް އަދި އިސްލާމީ ދަވްލަތެއްގެ ކަމެއްވެސް ނިންމިގެންވެސް ނުވާނެއެވެ. މިސާލަކަށް ޤައުމެއްގެ ވެރިއަކަށް [ އަންހެނަކު ] ބަހައްޓަން ޚިޔާލު ދިނުން ، ނުވަތަ [ ޒިނޭކުރުން ] މި ލަފްޒުގެ މާނަ [ ނަހަމަ ގުޅުމަށް] ބަދަލުކުރަން ޚިޔާލު ދިނުން ، ނުވަތަ އަންހެނުންނަށް ޤާޟީކަން ދޭން ޚިޔާލު ދިނުމާއި ، މިފަދަ ކަންކަމަކީ އިސްލާމްދީނުގެ މަޞާދިރުތަކާއި ޚިލާފު ޚިޔާލުތަކެކެވެ. އަދި ހަމަ އެހެންމެ ޝަރުޢީ ގޮތުން މަނާކުރައްވާފައިވާ [ މަސާޖު ] ކުރާތަންތަން އިސްލާމުން ދިރި އުޅޭ މުޖުތަމަޢުގައި ވަކި ޤަވާޢިދެއްގެ ދަށުން ހިނގުމަށް ޚިޔާލު ދިނުމަކީވެސް ކަނޑައެޅިގެން މަނާކަމެއްކަން އެނގެން އޮތް ކަމެކެވެ. ވީމާ މިފަދަ ޚިޔާލުތަކަކީ ބާޠިލު ޚިޔާލު ތަކެކެވެ. މިއަށް ޢަމަލުކުރަން ހެޔޮނުވާނެއެވެ.
2. ހުށަހެޅޭ ޚިޔާލަކީ ޖަމާޢަތުގެ މަޞްލަޙަތައްޓަކައި ހުށަހެޅޭ ޚިޔާލަކަށް ވުން: ވަކި ބައެއްގެ ފައިދާއަށްޓަކައި ހުށަހެޅޭ ޚިޔާލުތަކަކީ މަޞްލަޙަތު އޭގައި ވާ އެއްޗެއްނޫނެވެ. ޚިޔާލު ފާޅުކުރަންޖެހޭނީ މުޖުތަމަޢާއި ، ތިމާގެ ޤައުމުގެ ޢާއްމު މަޞްލަޙަތައްޓައި ކަންތައްތައް އިޞްލާޙު ކުރުމަށެވެ. ފަހަރެއްގައިވެސް ޖަމާޢަތުގެ ތެރޭގައި ފަސާދަ އުފެދި ، ޢާއްމު މަޞްލަޙަތަށް ބުރޫ އަރާފަދަ ގޮތަކަށް ޚިޔާލު ފާޅުކުރެވިގެން ނުވާނެއެވެ. އޭރުން ޚިޔާލު ފާޅުކުރުމުގެ މަޤްޞަދު ގެއްލި ހިނގައިދާނެއެވެ. މީގެ މާނައަކީ ވަކި ބަޔަކު އަމިއްލަ ފައިދާއަށްޓަކައި ކުރާ ކަންކަމަށް ފާޑު ނުކިޔާ ވާހަކައެއްނޫނެވެ. އެފަދަ ބަޔަކަށާއި ، އެފަދަ ކަންކަމަށް ފާޑު ކިޔަން ވާނެއެވެ . އެއީ އެބައިމީހުންނާއި އެބައިމީހުން ކުރާ އެކަންތައްތައް އިޞްލާޙު ކުރުމަށްޓަކައެވެ. މިއީ ފަސާދައެއްނޫނެވެ. މިއަށް ކިޔަނީ އިޞްލާޙު ކުރުމެވެ. ނަމަވެސް މިފަދައިން ޚިޔާލު ފާޅުކުރަންވާނީ ވެސް ޢަދާވާތްތެރިކަން މުޖުތަމަޢުގައި ނުފެތުރޭ ގޮތެއްގެ މަތިންނެވެ. އާލު ޢިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގައި ﷲ ވަޙީކުކަރަށްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. [ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްނަހީކޮށް ، ހެޔޮމަގަށް ގޮވާލާ ބަޔަކަު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. ކާމިޔާބު ލިބޭނެ ބަޔަކީ އެބައިމީހުންނެވެ. ] މިހެންކަމުން ޚިޔާލު ފާޅުކުރުން ބިނާވާންޖެހޭނެ އަޞްލަކީ އިޞްލާޙެވެ. ފަސާދައެއްނޫނެވެ. ޢަދާވާތްތެރި ކަމެއްވެސް ނޫނެވެ. ޒާތީ ކަންތައްތަކެއްވެސް ނޫނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ،
ޙަޤީޤަތް ފޮރުވި ، ހަވާނަފްސާއެއްގޮތައް ގޮސްފިކަމުގައި ވަނީ ނަމަ ނަތީޖާ ރަނގަޅެއްނުވާނެއެވެ. ކުރިންވެސް ދެންނެވި ފަދައިން މަޤްޞަދު އޮންނާނީ ގެއްލިފައެވެ.
3. އެއްވެސް ސަބަބަކާ ނުލައި ހުތުރު ބަސްތައް ނުބުނުން : ހުތުރު ބަސްތައް ބުނުމަކީ ﷲ ރުހި ވޮޑިގެންވާ ކަމެއްނޫނެވެ. ކޮންމެ ކަމަކާ ބެހޭގޮތުން ޚިޔާލު ފާޅުކުރިޔަސް މުސްލިމުންގެ ސިފަޔަކަށް ވާންވާނީ އަޚްލާޤީ މިންގަނޑުން އެޚިޔާލެއް ފާޅުކުރުމެވެ. ހުތުރު ބަހުން ބަސްބުނުމަކީ އޮތްކަމެއްނޫނެވެ. ނަމަވެސް އެމީހެއްގެ ފުށުން ތިމާއަށް އަނިޔާވެރިކަމެއް ލިބިއްޖެނަމަ އެވާހަކަ ދެއްކިދާނެއެވެ. އެމީހާކަންކުރިގޮތުގެ ވާހަކަ ހާމަކުރުމުގެ ގޮތުންނެވެ. މިއީ ﷲ ގެ ފޮތުން އެނގެން އޮތް ޙަޤީޤަތެކެވެ. އައްނިސާ ސޫރަތުގެ 148 ވަނަ އާޔަތުގައި ﷲ
ބާވާލެއްވި ބަސްފުޅުގެ މާނައިގައިވެއެވެ: [ އަނިޔާވެރިވެވި، އަނިޔާއެއް ލިބިގެންވާ މީހާ މެނުވީ ، ބުނާ ބުނުމުން ނުބައިކަން ފާޅުކުރުމަށް ﷲ ލޯބިވެވޮޑިގެން ނުވެއެވެ. ( އެބަހީ : އެކި ގޮތް ގޮތުން ، އެކިތަންތާގައި ، އެކިބާވަތުން ހިނގާ ނުބައި ކަންކަމުގެ ވާހަކަ ދައްކައި ، ފާޅުކޮށް އުޅުމަކީ ނުބައި ކަން މީސްތަކުންގެ ތެރޭގައި ފެތުރުމަށް ލެވޭ ބާރަކަށް ވާތީ ﷲ ރުހިވޮޑި ނުގަންނަވާ ކަމެކެވެ. ނަމަވެސް މީހެއްގެ ފުށުން އަނިޔާއެއް ލިބިއްޖެމީހާ އެއަނިޔާގެ ވާހަދައްކައި ، ފާޅުކޮށް ، ޝަކުވާކުރާންވީ ފަރާތްތަކުގައި ޝަކުވާކޮށް އުޅުމަކީ އެންމެ ރަނގަޅުކަމެކެވެ. ) އައްސަވާ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވެއެވެ. ]
4. ދީނީ ކަންކަމުގައި ޚިޔާލު ފާޅުކޮށް ވާހަކަ ދައްކާ އުޅޭ އުޅުމުގައި ޙިކުމަތުގެ ބޭނުން ކުރުން : ދީނުގައި ﷲ އާއި އެކަލާނގެ ނަބިއްޔާ ނިންމަވާފައިވާ ގޮތާއި ޚިލާފަށް ބަޔަކު މީހުން ޢަމަލު ކުރަމުންދާނަމަ ، ނުވަތަ ، ދީނުގެ ކަމެއް އޮޅުވާލެވޭނަމަ އެކަމެއްގައި ޙައްޤުގޮތް ބަޔާންކުރުމަކީ ވާޖިބުކަމެކެވެ. ވަކިން ޚާއްޞަކޮށް ދީނުގެ ޢިލްމުވެރިން މިކަމުގައި އިސްވާންޖެހޭނެއެވެ. އެކަމަކު ދީނީ ކަންކަމުގައި ވާހަކަދައްކާ އުޅޭ އުޅުމުގައިވެސް ޙިކުމަތުގެ ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. މީސްތަކުންގެ ތެރޭގައި ފިތުނަ އުފެދެން މެދުވެރިވާ ފަދަ ވާހަކަ ތައް ދެއްކުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ. އަދި މީސްތަކުންގެ މެދުގައި މަޒްހަބީ ބައިބައިވުމާއި ، ޖަދަލު އުފެދޭ ފަދަ ގޮތަކަށް ވެސް ވާހަކަ ދެއްކިގެން ނުވާނެއެވެ. ދީނީ ކަންކަމުގައި ޚިޔާލު ފާޅުކޮށް ވާހަކަ ދައްކަންވާނީ އެކަމަށް ޤާބިލު ، އެކަށީގެންވާ ވަރަށް ތަޢްލީމު ލިބިފައިވާ މީހުންނެވެ. ނޫންނަމަ އެމީހަކަށް އެކުރެވެނީ އޭނާގެ މުޖުތަމަޢުގެ ޙައްޤުގައި ކުށެކެވެ. އަދި ﷲ ގެ ޙައްޤުގައިވެސް ކުށެކެވެ. ކޮންމެ ވެސް ނޫހަކަށް [ ކެޔޮނިރު ] ގެ ނަމުގައި ލިއުއްވާ ބޭފުޅަކު އޭނާގެ ޚިޔާލުގައި ރާ ވިއްކުން ހުއްދަ ކުރައްވައި ވާހަކަ ދައްކާފައިވަނިކޮށް އަޅުގަނޑު ދުށީމެވެ. މިއީ ވެގެންވާނެ ކަމެއްނޫނެވެ. ތިމާ ޚިޔާލު ފާޅުކޮށް ވާހަކަ ދައްކަންވާނީ ތިމާއަށް ޤާބިލުކަން ލިބިގެންވާ ދާއިރާގައެވެ. ތިމާ އަކީ ދީނީ ކަންކަމުގައި ވާހަކަ ދެއްކޭ ހައިޘިއްޔަތު ލިބިގެންނުވާ މީހެއްނަމަ ރީތި ގޮތަކީ ދީނީ ކަންކަމުގައި ވާހަކަ ނުދެއްކުމެވެ. ވަކިން ޚައްޞަކޮށް ޙަރާމް ޙަލާލު ކަންކަމުގައި ވާހަަދެކެވިގެންނުވާނެއެވެ.
5. ޚިޔާލު ފާޅުކުރުމުގައި މީހުންގެ އަބުރާ ނުބެހުން : ފާޑުކިޔަން ވާނީ މީހުން ކުރާ ކަންކަމަށެވެ. ކަންތައްތައް އިޞްލާޙު ވާނީ އޭރުންނެވެ. މީހުންގެ އަމިއްލަ ޒާތީ ކަންކަމަށް ފާޑުކިއުމުން މުޖުތަމަޢުގައި ޢަދާވާތްތެރިކަން އުފެދިދާނެއެވެ. ޒާތީ ކަންކަމަށް ފާޑު ކިޔަންވާނީ އެފަދަ ޙާލަތްތަކެއް އައުމުންނެވެ. ކޮންމެ ހެން އެކަންނުކޮށް ނުވުމުންނެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަމުން އަޅުގަނޑުމެން ތަބާވާންވީ އަޚްލާޤީ ސިފަތަކެއްވެއެވެ. މަކަރާއި ޙީލަތް ހަދައި މީހުންގެ ޢިއްޒައް ހަލާކުކޮށްލުމަކީ މުސްލިމުންގެ ސިފައެއްނޫނެވެެ. ޢިއްޒަތަކީ ވަކި މީހަކަށް ، ނުވަތަ ވަކި ބަޔަކަށް ދެއްވާފައިވާ އެއްޗެއްނޫނެވެ. އެންމެ ޢިއްޒަތްތެރިޔާއިން ފެށިގެން އެންމެ ނިކަމެތި މީހާއާ ހަމައަށް ކޮންމެ މީހަކަށް ވެސް އަބުރާއި ޢިއްޒަތް ލިބިގެން ވެއެވެ. ޢިއްޒަތްތެރިޔާ އޭނާގެ އަބުރާ ޢިއްޒަތް ޙިމާޔަތްވުމަށް އެދޭފަދައިން އަނެކާގެ އަބުރާ ޢިއްޒަތް ޙިމާޔަތްކުރުމަށްވެސް އެދެންވާނެއެވެ. މިހެންކަމުން ޚިޔާލު ފާޅުކުރުމުގައި ތެދުވެރި ވާންވާނެއެވެ. ދުލާއި ޤަލަމުން ޚިޔާލު ފާޅުކުރިއަސް އޭގައި މީހުންގެ ޙުރްމަތް ނުކެނޑޭފަދަ ގޮތަކަށް މީހުންނާއި މުޚާޠަބުކުރަންވާނެއެވެ. މީހުންގެ ސިފަ ބަދަލުކޮށް ކާޓޫނު ކުރަހާ ، ﷲ ހެއްދެވި ގޮތް ބަދަލުކޮށް ، ހުތުރު ގޮތްގޮތައް މީހުންގެ ސޫރަ ބަދަލު ކުރުމަކީ އިސްލާމީ އުޞޫލެއްނޫނެވެ. މިއީ ވަރަށް ގިނަ ބަޔަކު މިފަހަކަށް އައިސް ކުރާކަމެކެވެ. މިއީ ހުޅަނގުގެ އާދަކާދައިގެ ތެރޭ ހިމެނޭ ކަމެކެވެ. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޙުދޫދުން ބޭރުވެގެން ދިއުމެވެ. މިއީ އިސްލާމީ ރިވެތި އުޞޫލެއްނޫނެވެ.
6. މީހުން ކުރާ ކަންކަމާބެހޭ ގޮތުން ފާޑު ކިޔާނަމަ ، އެކަމެއްގައި ޔަޤީކަން އޮތުން : ކޮންމެ ވާހަކައެއް ދެއްކިޔަސް ، އެވާހަކައަކީ ހިގާފައިވާ ކަމަކާ ބެހޭގޮތުން ދެއްކި ވާހަކައެއްނަމަ ، އެކަމަކާ މެދު ޔަޤީންކަން އޮންނަން ވާނެއެވެ. އެވާހަކަ އަކީ ދޮގުވާހަކައަކަށް ވެގެންނުވާނެއެވެ. އަދި ވަކިން ޚައްޞަކޮށް މީހަކަށް ނިސްބަތްކޮށް ކަމެއް ގެ ވާހަކަ ބުނާނަމަ ، އެމީހަކު އެކަމެއްކުރިކަމަށް ހެކި ސާބިތުވެފައިވާން ވާނެއެވެ. ތުހުމަތުގެ ސަބަބުން މީހަކު އަދި ކުށްވެރިއަކަށް ނުވާނެއެވެ. އެމީހެއްގެ މައްޗައް ކަމެއް ސާބިތު ނުވާހާ ހިނދަކު ޝަރުޢީ ، އަދި ޤާނޫނޫ ހަމަތަކުން އެމީހާ އަކީ ކުށްވެރިއެއްނޫނެވެ. މީހުން ނުކުރާ ކަންކަން މީހުންގެ ބޮލުގައި އަޅުވާ ވާހަކަ ދެއްކުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި އެއީ އިސްލާމީ އުޞޫލެއްވެސް ނޫނެވެ.
7. އިވޭ ކޮންމެ އަޑެއްގެ ތެދު ދޮގު ބަލައި ވާހަކަ ދެއްލުން : ވަކިން ޚައްޞަކޮށް ނޫސްވެރިން މިކަމުގައި ތެދުވެރި ވާން ވާނެއެވެ. ޚަބަރެއް ލިބިއްޖެނަމަ ، އެކަމެއްގެ ހަޤީޤަތް ބަލަންވާނެއެވެ. އިވޭ ކޮންމެ ވާހަކައެއް އެއީ ތެދުކަމަށް ބަލައި އެވާހަކަ ފެތުރުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ. ނޫންނަމަ ފަހުން އެކަމާ ހިތާމަ ކުރަންޖެހިދާނެއެވެ.
8. ޚިޔާލު ހުށަހެޅޭ ފަރާތުން ޚިޔާލަށް އިޙުތިރާމު ކުރުން : ތިމާކުރާކަމަކަށް އެހެން މީހަކު ފާޑުކިޔާއިފި ކަމުގައި ވަނީ ނަމަ އެކަމަކަށް މަރުޙަބާ ކިޔަންވާނެއެވެ. ތިމާކުރާކަމަކާ އިދިކޮޅަށް ، ނުވަތަ ދެކޭ ގޮތާއި ތަޢާރުޟްވާގޮތައް މީހަކު ޚިޔާލެއްދީފިނަމަ ، އެ ޚިޔާލު ދިން ފަރާތަކީ ތިމާގެ ޢަދާވާތްތެރިއެއްކަމުގައި ދެކިގެން ނުވާނެއެވެ. މިހެން ދެކެން ވެއްޖެނަމަ އެހިސާބުން މުޖުތަމަޢުގެ މިޞްރާބު ބަދަލުވީއެވެ. ވީމާ އެހެން މީހުންގެ ޝުޢޫރުތަކާއި އިޙުސާސްތައް ދެނެގަންނަންވާނެއެވެ. ވަކިން ޚައްޞަކޮށް ޤައުމެއްގެ ވެރިއަކަށް ހުންނާމީހާއަށް ، އޭނާގެ ރައްޔިތުންގެ ފަރާތުން އަންނަ ޚިޔާލުތަކަށް އިޙުތިރާމު ކުރަންވާނެއެވެ. ޤައުމު ހިނގުމުގައި އޭގެ ބޭނުންވެސް ކުރަންވާނެއެވެ. އޭރުން އެންމެނަށް ފައިދާކުރަނިވި ގޮތަކަށް މަޞްލަޙަތު އޮންނާނެއެވެ. އޭރުން އެންމެންވެސް އުޅޭނީ އުފަލުގައެވެ.
އިސްވެ ބަޔާންވެ ދިޔައީ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކުގެ އަލީގައި ޚިޔާލު ފާޅުކުރުމާއި ބެހޭގޮތުން އަޅުގަނޑު ބަޔާންކުރި ވާހަކަ ކޮޅެކެވެ. މިއީ އެއްވެސް މީހަކަށް ނިސްބަތްކޮށް ލިއުނު އެއްޗެއްނޫނެވެ. ދީނުގެ އަލީގައި ޙައްޤުގޮތް ބަޔާންކުރުމުގެ ގޮތުންނާއި ލޮބުވެތި އަޚުންނާއި އުޚުތުންނާއެކު ޚިޔާލު ފާޅުކުރުމުގައި ޙިއްސާވުމުގެ ގޮތުން ބަޔާންކުރި ވާހަކަތަކެކެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހިދާޔަތާއި ތަވްފީޤު ދެއްވާށި – އާމީން
ނިމުނީ!

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us