07/09/2005

Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

 At a Glance

 Constitution

 Government

 Foreign Policy

DHIVEHI

 

ރައީސް މައުމޫނުގެ ސިޔާސީ ޙަޔާތަށް އަވަސް ކަޅިއެއް

ދިވެހި ރައްޔިތުންގެ ޕާރޓީ ރަޖިސްޓްރީކުރުން ލަސްވުމުގެ ސިއްރަކީ ކޮބާ؟
2005/07/09 | އަލްޙާން ފަހްމީ
ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެން ފެށިގެންވެސް ސިޔާސީ ކަންކަމުގައި މާބޮޑަށް ޙަރަކާތްތެރި ވެފައިވާ ބައެއް ނޫނެވެ. ދިވެހި މުޖުތަމަޢް ޤަބޫލުކުރާ ގޮތުން ސިޔާސީ ޙަރަކާތްތަކާއި، ވެރިކަން ހިންގުމުގެ ދާއިރާއަކީ މުޖުތަމަޢްގެ ވަކިބަޔަކާއި ޙަވާލުކުރެވިފައިވާ ހަމައެކަނި އެބައެއްގެ މަސްއޫލިއްޔަތެކެވެ. މިކަން މިހެން ވުމުގެ އަސްލަކީ ރާއްޖޭގައި އެތަކެއް ޒަމާންތަކަކަށް ދެމިގެންދިޔަ ވިރާސީ ރަސްކަން ކަމުގައި ބެލެވިދާނެއެވެ.
ދިވެހި ރާއްޖާގައި އޮތް ވިރާސީ ރަސްކަމަށް ނިމުން އައުމަށްފަހު ތަޢާރަފްކުރެވުނު ސިޔާސީ ނިޒާމަކީ ރިޔާސީ ނިޒާމެވެ. ދިވެހީންގެ ތެރޭގައި ސިޔާސީ ހޭލުތެރިކަން ލިބިޑައިގެން ތިއްބެވި ބޭފުޅުން، ރަސްކަމުގެ ދުވަސްތަކަށްފަހު ރާއްޖޭގެ ސިޔާސީ ނިޒާމު ރާއްވަވާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޢަމަލުކުރެވޭ ވެރިކަންކުރުމުގެ އެކި ނިޒާމުތަކުން އެބޭފުޅުންނަށް ރަނގަޅުކަމަށް ފެނިވަޑައިގެންނެވި ކަންކަން ނަކަލުކުރައްވައިގެން، މުޅިން އަމިއްލަ ސިސްޓަމަކަށެވެ. މިސިސްޓަމް އެކުލަވާލެވިފައިވަނީ ޑިމޮކްރަސީގެ ސިފަތަކާއި، ޚުދުމުޚްތާރު ރަސްކަމުގެ ނިޒާމުތަކުގައި އެކުލެވިގެންވާ ސިފަތައް މަސްހުނި ކުރެވިގެންނެވެ.
ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެ، ވެރިކަން ހިންގުމުގެ ބާރުތައް ޙަވާލު ކުރެވިފައިވާ އެމީހުންގެ ޤާނޫނީ ސަރުކާރަށް ކިޔަމަންތެރި ވުމުގައި ދެވަނަ މިސާލެއް ނެތް ފަދަ ބެއެކެވެ. ސަރުކާރަށް ފާޑުކިޔުމާއި، ތިމާމެންގެ ޙައްޤުތައް ހޯދުމުގައި ދިވެހީންނަށް ޤަބޫލުކުރެވިފައި އޮތް މިންގަޑަކީ ސަރުކާރުން އެކަންކަން ހިންގެވުމުގައި ގެންގުޅުއްވާ މިންގަނޑުތަކެވެ. ކަމެއްގައި ހިތްހަމަ ނުޖެހިއްޖެނަމަ ދިވެހީން ޢަމަލުކޮށް އުޅުނު ގޮތަކީ، ވެރިކަން ހިންގާ ފަރާތަށް ޝަކުވާގެ ސިޓީއެއް ނުހަނު އިހްތިރާމާއި ކިޔަމަންތެރިކަމާއިއެކު ހުށަހެޅުމެވެ. އެފަދަ ޝަކުވާއެއް ވެރިކަން ހިންގަވާ ފަރާތުން ބެއްލެވިޔަސް ނުބެއްލެވިޔަސް އެކަމުގެ ބަދަލުގައި ހަރުކަށި ޢަމަލުތައް ހިންގުމާއި، އަމިއްލަ ޙައްޤު ލިބިގަންނަށް މަސައްކަތްކުރުމަކީ މީގެ ޒަމާންތަކެއް ކުރިން ދިވެހީން ދަންނަކަމެއް ނޫނެވެ.
އެޒަމާނާއި ޚިލާފަށް އަދުގެ ދިވެހި މުޖުމަތަމަޢަކީ ސިޔާސީ ހޭލުންތެރިކަން އިހަށްވުރެ ބޮޑުވެފައިވާ ތަޢްލީމީ މީހުން ގިނަ މުޖުތަމަޢެކެވެ. މީހުންގެ ހޭލުންތެރިކަން އިތުރުވުމާއި، ޢިލްމީގޮތުން ކުރިއަރައި ދިއުމަކީ އިންސާނުންގެ ލޮލަށް ދުނިޔޭގެ ތަފާތު ކުލަތައް ފެނިގެންދާނެ ކަމެކެވެ.
އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބްދުލް ޤްއްޔޫމުގެ ވެރިކަމުގެ ކުރީކޮޅު ދިވެހީންގެ ޙާލަތު ބޮޑަށް އޮތީ، ކުރީން ދެންނެވި އަނދިރިކަމުގެ ތެރޭގައެވެ. މައުމޫން ޢަބްދުލް ޤައްޔޫމަކީި ދުނިޔެ ޤަބޫލުކުރާ ފެންވަރަކަށް ޢިލްމު ލިބިވަޑައިގެން ހުންނަވައިގެން ދިވެހި ވެރިކަމުގެ ތަޚްތަށް އެންމެ ފުރަތަމަ އިންތިޚާބުކުރެވުނު ރައީސެވެ.
އެމަނިކުފާނުގެ ވެރިކަން މެދުނުކެނޑި ކުރިއަށްދާތާ މިހާރު މިވަނީ ހަތާވީސް އަހަރު ވެފައެވެ. އެއްބަޔަކު ދެކޭ ގޮތުން، މި ހަތާވީސް އަހަރަކީ ދިވެހިރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، އަދި ތަޢްލީމީ ޙަޔާތް ދެކެފައިވާ އެންމެ ކުލަގަދަ، އަދި އެންމެ ބާއްޖަވެރި ދުވަސްތަކެވެ. އަނެއް ބަޔަކު ދެކޭގޮތުން މި ހަތާވީސް އަހަރަކީ ޚުދުމުޚްތާރު ވެރިކަމެއްގެ އަނިޔާވެރިކަމުގެ ދަށުގައި ދިވެހީން ހޭދަކުރި ތަދުކަމާއި، ބަލިމަޑުކަމުގެ އަނދިރި ދުވަސްތަކެކެވެ. އެހެންމަމަވެސް އަޅުގަނޑު ދެކެނީ ފާއިތުވި ހަތާވީސް އަހަރަކީ ހަމައެކަނި ދިވެހި އުންމަތަށް އައިސްފައިވާ ތަރައްޤީގެ ފެށުމެއް ކަމަށާއި، އެ 27 އަހަރު ދުވެހުގެ ތެރޭގައި ދިވެހިރާއްޖެ ދަތުރުކުރަންޖެހޭ ޙަޤީޤީ މަންޒިލާހަމައަށް ދަތުރު ކުރެވިފައި ނުވާކަމަށެވެ. އަދި އޭގެ ސަބަބަކީ ރައީސް މައުމޫނުގެ ހުށިޔާރުކަމާއި ސިޔާސީ ވިސްނުންފުޅުގެ ތޫނުފިލަކަމާއިއެކުވެސް، އެ މަނިކުފާނުގެ ސިޔާސަތު ބައްޓަން ކުރެއްވުމުގައި އުނި ކަންތައްތަކެއް އެކުލެވިގެންވުމާއި، އެމަނިކުފާނުގެ ސިޔާސީ ދަތުރުގެ ދިގުކަމާއިއެކުވެސް އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެ ވަޑައިގެންފައި ނެތުމެވެ.
އެހެން ނަމަވެސް ރައީސް މައުމޫނަކީ ކާމިޔާބު ލީޑަރެއްކަމަށް ވަރަށް ގިނަގޮތްގޮތުން ބެލެވިދާނެއެވެ. ދިވެހިރާއްޖޭގައި މިއަދު އޮތް ތަރައްޤީއާއި ކުރިއެރުމާއި، ސިޔާސީ ހަމަޖެހުމުގައި މައުމޫނުގެ ޙިއްސާ ކުޑައެއް ނުވާނެއެވެ. ހަތާވީސް އަހަރަކީ ދިގުމުއްދަތެކެވެ. އެހެނަސް، ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި، މަދަނީ ގޮތުންނާއި، އިޖްތިމާޢީގޮތުންނާއި، ތަޢްލީމީ ގޮތުން ޤައުމެއް ބިނާކުރުމަށް ބަލާއިރު މާދިގު މުއްދަތެއްވެސް ނޫނެވެ. މީގެ މާނައަކީ އެއްވެސް ޙާލެއްގައި ހަތާވީސް އަހަރު ދުވެހުގެ ތެރޭގައި މައުމޫނުގެ ސަރުކާރުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވައި، ރާއްޖެއަށް ހުރިހާ ރޮނގަކުން އެމުއްދަތާއި އެކަށީގެންވާވަރަށް ތަރައްޤީ އާއި ކުރިއެރުން ގެންނެވި ވާހަކައެއް ނޫނެވެ. އައިސްފައިވާ ހެޔޮބަދަލުތަކާއި އެކުވެސް، އެސަރުކާރުން ދޫކޮށްލައްވާ އިހްމާލު ކުރައްވާފައިވާ ކަންތައްތަކުގެ ޢަދަދުވެސް ގިނަކަން ފާހަގަކުރެވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިކަމުގެ ފަހަތުގައިވަނީ މައިގަނޑު ދެ ސަބަބެކެވެ. ފުރަތަމަ ކަމަކީ ދިވެހި ރައްޔިތުންގެ ކުރީން ދެންނެވި ޠަބީޢަތެވެ. ވެރިކަންކުރައްވާ ފަރާތަކުން އެކުރައްވާ ވެރިކަމުގެ ބަލިފައިތަކަށް ފަރުވާ ކުރަން މަސައްކަތް ނުކޮށް ދޫކޮށްލެވިފައި އޮތުމެވެ. އަނެއް ސަބަބަކީ ރައީސް މައުމޫނު އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓެވުމަށް ސަމާލުކަން ދެއްވި ވަރަށް ޤައުމާއި ޤައުމުގެ ރައްޔިތުންނަށް ސަމާލުކަން ދެއްވިފައި ނެތުމެވެ.
ކޮންމެއަކަސް، މިއަދު މިވަނީ ރާއްޖޭގެ ސިޔާސީ ހަޔާތަށް އައު ބަދަލެއް އައިސްފައެވެ. ރައީސް މައުމޫނަށްވެސް މުޅިން އައު ތަޖްރިބާތަކެއް ކުރައްވަން ޖެހިވަޑައިގެންފައެވެ. މަލްޓި ޕާރޓީ ޑިމޮކްރަސީގެ އޮށް ދިވެހި ފަސްގަނޑުގައި ވަޅުލާފައެވެ. ދެން އޮތީ މި އޮށުން ފެޅި ގަސް ހެދި ބޮޑުވުމުގެ މަރުޙަލާއެވެ. މިގަހަށް ފެންދެއްވުމަށް ރައީސް މައުމޫނުވެސް އެހުންނެވީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.
އެގޮތުން 'ދިވެހި ރައްޔިރުންގެ ޑިމޮކްރެޓިކް ޕާރޓީ' އަކީ ރައީސް މައުމޫނު އަމިއްލަފުޅު ހައިސިއްޔަތުން އުފައްދަވަން މަސައްކަތް ކުރައްވާ ޕާރޓީއެކެވެ. ޚަބަރު ލިބިފައިވާ ގޮތުން ދެންއޮތީ ރަޖިސްޓްރީ ކުރުމުގެ މަރުޙަލާއެވެ. ރައީސް މައުމޫނުގެ ސަރުކާރާ އަމަލީ ސިފައެއްގައި އެންމެ ބޮޑަށް އިދިކޮޅު ހަދާ ޖަމާޢަތް ކަމުގައިވާ 'ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ' ޤާނޫނީ ހަމަތަކުގެ މަތީން ރަޖިސްޓްރީ ކުރެވިފައިވާއިރު، ރައީސް މައުމޫނުގެ އަމިއްލަފުޅު ޕާރޓީ އަދިވެސް ރަޖިސްޓްރީ ނުރައްވާ އޮތުމުގެ ފަހަތުގައި ސިޔާސީ ސަބަބުތަކެއް ވާކަމަށް އަޅުގަނޑު ދެކެމެވެ.
މިހެން މިދެންނެވީ، ޚަބަރު ލިބިފައިވާ ގޮތުން އެޕާރޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި އެޕާރޓީއަށް ލިބިފައިވުމާއި، އެ ނޫނަސް ޕާރޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އެންމެހާ ކަންތައްތައް އެޕާރޓީން މިހާރު ފުރިހަމަ ކުރައްވާފައިވާ ކަމަށް ޚަބަރު ލިބޭތީއެވެ.

ދިވެހި ރާއްޖޭގެ ސިޔާސީ ޕާރޓީގެ ޤަވާޢިދުގައި ޕާރޓީ ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު، ރަޖިސްޓްރީ ކުރަން މަސައްކަތްކުރުމުގެ ހުއްދަ ދެއްވާފައިވާ ޕާރޓީއަކަށް ރަޖިސްޓްރި ނުވެވިއްޖެނަމަ އެހުއްދަ ބާޠިލު ކުރައްވާ ޙާލަތަކީ ކޮބައިކަން ބަޔާންވެގެން ނުވެއެވެ. ޕާރޓީ ރަޖިސްޓްރީކުރުމުގެ މަސައްކަތަށް ހުއްދަ ދެވޭތާ 60 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނޭޅިއްޖެނަމަ އެހުއްދަ ދެވިފައިވާ ޕާރޓީގެ ނަން އެހެން ފަރާތަކަށް ދިނުމުގެ އިޚްތިޔާރު ހޯމް މިނިސްޓަރަށް ލިބިފައިވާކަމަށް އެޤަވާޢިދުގައި ބުނެފައިވެއެވެ. ނަމަވެސް އެފަދަ ހުއްދައެއް ބާޠިލުކުރައްވާ ވާހަކައެއް އައިސްފައި ނުވެއެވެ. ޤަވާޢިދުގައި މިނިސްޓަރަށް އިޚްރިޔާރު ލިބިދީފައި އޮތުމުގެ މާނައަކީ އެފަދަ ހުއްދަ ދެވިފައިވާ ނަމެއް އެހެން ފަރާތަކަށް ދިނުމާއި ނުދިނުމުގެ އިޚްތިޔާރު ލިބިފައިވާ ވާހަކައެވެ.އޭގެ މާނައަކީ ޕާރޓީ އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ ދެއްވާފައިވާ އެއްވެސް ޖަމާޢަތަކަށް 60 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނޭޅިއްޖެނަމަ، އެ ޖަމާޢަތަކަށް ކިޔާ ނަން ރައްކާތެރި ކުރުމާއި، ނުކުރުމުގެ ބާރު ލިބިފައިވަނީ ސީދާ މިނިސްޓަރަށެވެ.
އަނެއް ނުކުތާއަކީ، ރަޖިސްޓްރީކުރަން ނުކުޅެދުނުކަން ޤަވާޢިދުން ސާބިތުވާ ޖަމާޢަތަކަށް ދެވަނަ ފަހަރަށް ހުއްދަ ދެއްވުމާއި، 60 ދުވަސް ހަމަވުމަށްފަހު ޢަމަލު ކުރެވޭނެ ގޮތަކީ ކޮބައިކަން އެޤަވާޢިދުގައި ސާފުކޮށް ބަޔާންވެފައި ނެތުމެވެ.
މިހެން މިކަން އޮންނާތީ، ދިވެހިރައްޔިތުންގެ ޕާރޓީން ރަޖިސޓްރީ ކުރުން ފަސް ކުރެއްވިޔަސް، ޤާނޫނީ ގޮތުން ބަލާއިރު އެޕާރޓީ ރަޖިސްޓްރީވުމަށް އެޅޭނެ ހުރަހެއް ނެތެވެ. ޤަވާޢިދުގައި މިނިސްޓަރަށް ލިބިދީފައިވާ އިޚްތިޔާރު އޭނާ ބޭނުން ކުރައްވާނީ ކިހިނެއްކަން އެނގޭކަށް ނެތެވެ.
އެމް.ޑީ.ޕީ ނޫން ޕާރޓީއެއް ޤަވާޢިދުން ރަޖިސްޓްރީ ނުވުމަކީ، ރާއްޖޭގައި މަލްޓި ޕާރޓީ ސިސްޓަމަށް ތާއީދު ނެތްކަން ސާބިތުކުރަން ބޭނުން ކުރެވިދާނެ ޤަރީނާއެކެވެ. ބަޔަކު އިސް ނަގައިގެން ޕާރޓީ ރަޖިސްޓްރީކުރަން ބޭނުންވިޔަސް، ޤާނޫނީ ހަމަތަކަށް ބަލާއިރު ޕާރޓީ ރަޖިސްޓްރީ ނުކުރެވޭނެ މައިގަނޑު ސަބަބަކަށްވާނީ 3000 މެމްބަރުންގެ ސޮއި ނުލިބުމުގެ މައްސަލައެވެ. އެހެން މިދެންނެވީ، ޕާރޓީގެ ޤަވާޢިދު ހެދުންފަދަ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އެހެނިހެން ކަންކަމަކީ މަސްއޫލުވެރީންނަށް ފަސޭހައިން ކުރެވޭނެ ކަންކަމަށް ވާތީއެވެ.
ރައީސް މައުމޫނުގެ ދިވެހި ރައްޔިތުންގެ ޕާރޓީ ރަޖިސްޓްރީ ކުރެއްވުން ލަސްކުރެއްވުމުގެ ފަހަތުގައި ވާކަމަށް އަޅުގަނޑަށް ލަފާކުރެވޭ ބައެއް ސިޔާސީ ސަބަބުތައް
1- ރައީސް މައުމޫނު އަމިއްލަފުޅު ހައިސިއްޔަތުން ޕާރޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވުމަކީ އިދިކޮޅު ޖަމާޢަތްތަކުން ފާޑުކިޔާ ކަމަކަށް ވެފައި، ޤާނޫނީ ގޮތުން ރައީސް މައުމޫނުގެ ޕާރޓީއަކީ ސަރުކާރު ހިންގާ ޕާރޓީއަށް ނުވީނަމަވެސް އެކަން އޮތީ އެގޮތަށްކަމަށް، އެހެން ޕާރޓީތަކުން އަޑު އުފުލާނެތީއާއި، މިހާރުގެ ސަރުކާރު ރޫޅާލުމަށްފަހު ކެއަރޓޭކަރ ސަރުކާރެއް ނުވަތަ ވަގުތީ ސަރުކާރެއް ޤާއިމުކުރުމަށްފަހު އަލުން ރައީސުލް ޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ގޮވާލާނެތީއާއި، އެކަމަށް ބައިނަލް އަޤްވާމީ ޕްރެޝަރު އައުމަކީ ދުރުގައިވާ ކަމަކަށް ނުވުން
2- އެފަދަ ޙާލަތެއް އަތުވެއްޖެނަމަ ދިވެހިރައްޔިތުންގެ ޕާރޓީއަށް އިންތިޚާބުތައް ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީކަން ނެތުން
3- ޕާރޓީގެ ރެޖިސްޓްރޭޝަން ލަސްކުރެއްވިޔަސް، މިހާރު އޮތް ޕާރޓީތަކާއި ބެހޭ ޤަވާޢިދުގެ ދަށުން ދިވެހި ރައްޔިތުންގެ ޕާރޓީ ރެޖިސްޓްރީ ނުކުރެވޭނެ ގޮތެއް ހެދެން އަދި ނެތްކަމުގެ ޔަޤީންކަން އޮތުމާއިއެކު، މިހާރު ރާއްޖޭގައި އޮތީ، ޤަވާޢިދުން ރެޖިސްޓްރީ ކުރެވިފައި އޮތް އެންމެ ޕާރޓީއަކަށްވެފައި، ސަރުކާރު ބައްޓަންކުރެވިފައި އޮތީ އެއްވެސް ޕާރޓީއަކަށް ނިސްބަތް ކުރެވިގެން ކަމަށް ނުވާތީ، ޤާނޫނުއަސާސީން އެސަރުކާރަށް ލިބިދޭ ބާރުތައް ރައްކާތެރިކުރުމާއި، އެކަށީގެންވާ ވަރަށް ތައްޔާރުވުމަށް ވަގުތު ހޯއްދަވާއިރު، އުފެދިފައިވާ ޕާރޓީ، އެމް.ޑީ.ޕީއަށް ސަރުކާރާއި ކުރިމަތިލުމުގައި، ސަރުކާރު ވަކި ޕާރޓީއަކަށް ނިސްބަތްކޮށްގެން ކުރިމަތިލުމުގެ ފުރުޞަތު ނުދިނުން
4- ދިވެހި ރައްޔިތުންގެ ޕާރޓީ ރަޖިސްޓްރީ ނުކޮށް ލަސްކުރެއްވުމުގެ ފަހަތުގައިވާކަމަށް އަޅުގަނޑު ދެކޭ އެންމެ ދުރު ސަބަބަކީ ރާއްޖޭގައި މަލްޓިޕާރޓީ ޑިމޮކްރަސީއަށް ތާޢީދުނެތްކަން ސާބިތު ކުރެއްވުމާއި، މިހާރު އުފެދިފައިވާ ސިޔާސީ ޕާރޓީގެ ޤަވާޢިދު ބާޠިލުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ބަޙުސަކަށް އަލުން މައްސަލަ ފޮނުއްވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ހަމައަށް ޕާރޓީ ސިސްޓަމްގެ ޙަރަކާތްތައް ހުއްޓުވުން، ނުވަތަ ވަގުތީގޮތުން ފްރީޒް ކުރެއްވުން. ނިމުނީ!

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us