|
ވެރިކަމުން އިސްތިއުފާ ދިނުން ނޫންގޮތެއް މައުމޫނަކަށް ނެތް!
15/06/2005 | އަލްޙާން ފަހުމީ | ދިޕޮލިޓިކްސް
މައުމޫނު ޢަބްދުލް ޤައްޔޫމް ދިވެހިރާއްޖޭގައި ފާއިތުވި ހަތާވީސް
އަހަރުގެ ދިގު މުއްދަތުގައި ކުރި ވެރިކަމުގެ އަސަރުތައް ދިވެހި
ފަސްގަނޑުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. 1976 އަކުން
ފެށިގެން މިޞްރުގެ އަޒްހަރު ޔުނިވަރސިޓީގައި ކިޔަވަން އުޅުއްވި
އިރުގެ ބައިވެރީންނާއި ޢާއިލާގެ މެމްބަރުންނާއިއެކު މައުމޫން
މިއަދާ ހަމައަށް ރާއްޖޭގައި ކުރެއްވި ވެރިކަން ކުރުކޮށް
ސިފަކުރަން ހުޅަންގުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނަނީ
ރައީސް މައުމޫނަކީ އޭޝިޔާގެ އެންމެ ގިނަ ދުވަސްވީ
ލީޑަރުކަމަށާއި، އޭނާ ވެރިކަން ކޮށްފައިވަނީ ގޮށްމުށުގެ ބާރުން
ކަމަށެވެ. ދިވެހި ރާއްޖޭގެ ތާރީޚުގެ ސަފުޙާތަކުގައި ރައީސް
މައުމޫނުގެ ވާހަކަ ނަންގަނެވޭނީ ކޮން ސިފައެއްގައިތޯ އުފެދޭ
ސުވާލަކީ ޖަވާބު ދިނުން ދަތި ސުވާލެކެވެ.
ދިވެހިރާއްޖޭގެ
ވެރިކަމަކީ މައުމޫނު ޢަބްދުލް ޤައްޔޫމު ދިވެހީންނަށް ކަނޑިބަޑިން
ބިރުދައްކައިގެން ފޭރިގެންފައިވާ އެއްޗެއް ނޫންކަން
ޤަބޫލުކުރަންޖެހެއެވެ. މައުނޫނާއި ރާއްޖޭގެ ވެރިކަން ދިވެހީން
ޙަވާލުކުރީ އެމީހުންގެ ފުރިހަމަ އިޚްތިޔާރުގައި ރުހުމާއި
ލޯތްބާއި އެކުގައެވެ.
މައުމޫނު ޢަބްދުލް
ޤައްޔޫމް ރާއްޖެ ވެރިކަމާއި ކުރިމަތިލީ، ވަރަށް ކެރިހުރެ،
ދިވެހިރާއްޖެ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ވަރަށް
ފުން ވަޅުގަނޑަކަށް ވެއްޓިފައިވީ ޒަމާނެއްގައެވެ.
ދިވެހިރާއްޖޭގައި
އިހު ކުރެވުނު ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުމަށްފަހު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސްކަން ކުރެއްވި އެއްވެސް
ބޭފުޅެއްގެ ވެރިކަން ނިމިގެން ދިޔައީ ދިވެހީންގެ ލޯބި ލިބިގެން
ނޫންކަން ތާރީޚުގެ ޞަފްޙާތައް ހެކިވެއެވެ. ޙަޤީޤަތަކީ މައުމޫން
ޢަބްދުލް ޤައްޔޫމަކީ އެންމެ ދިގުމުއްދަތަކަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ވެރިކަން ކުރައްވާ ފަރާތްކަމެވެ. ޠަބީޢީގޮތުން
ދިގު މުއްދަތެއްގައި ކުރެވޭ ހެޔޮކަންކަމާއި ނުބައިކަން،
ކުރުމުއްދަތުގައި ކުރެވޭ ހެޔޮކަމާއި ނުބައިކަމަށްވުރެ
ދިގުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ކޮންމެ ވެރިއެއްގެ
ވެސްމެ، ހިސާބު ބެލެވެނީ އެ ވެރިއެއްގެ ވެރިކަން ނިމުމަކަށް
އައުމަށްފަހުގައެވެ. އަހަރެމެން ދިވެހީން ބުނާހެން ކެޔޮކޭވަރު
އެނގޭނީ ބިތުފަންގި ނެގީމައެވެ.
މައުމޫނުގެ
ވެރިކަމުގައި ދުނިޔެއަށް އައި ސިޔާސީ ޙަޟާރަތާއިއެކު، ދިނުޔޭގެ
ކަންކޮޅުތަކުގައި އިހު ކުރެވުނު ވެރިކަމުގެ ވައްޓަފާޅި
ބަދަލުވެގެން ހިނގައްޖެއެވެ. ދިވެހީންނަށްވެސް މިހާރު ވަނީ
ސިޔާސީ ހޭލުންތެރިކަމާއި، ސިޔާސީ ނިޒާމެއްގައި ޢާންމު
ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތަކާއި، އެވެރީންގެ ބާރުތަކަކީ
ކޮބައިކަން އެނގިފައެވެ. މަޑުމަޑުން ސަރުކާރާއި ކުރިމަތިލާން
ދަސްވެއްޖެއެވެ.
ފަހު ޒަމާނުގެ
ތަޢްލީމު ލިބި، ބޭރު ދުނިޔޭގެ ސިޔާސީ މަސްރަޙުގައި ހިންގާ
ކަންތައްތައް ދިވެހީންވެސް ލޮލުންދެކި އަތުން ހިފައިފިއެވެ.
މައުމޫނުގެ ވެރިކަމުގައި، އެންމެ އެކަށީގެންވާ ވަރަށްވުރެ
މަދުންވިޔަސް، ބޭރު ޤައުމުތަކުގައި ތަޢްލީމު ހޯދުމުގެ ފުރުޞަތު
ދިވެހީންނަށް ލިބިދެއްވިއިރު، އެވެރީން އަނބުރާ ޤައުމަށް
ރުޖޫޢަވާނީ ކޮންކަހަލަ ސަޤާފަތަކައި ސިޔާސަތެއް ދަސްކޮށްގެންކަން
މައުމޫނަށް އޮޅިވަޑައިގެންފައި އޮންނާނެބާއޭ ހިތަށް އަރައެވެ.
މައުމޫނުގެ
ވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކަކީ މީގެ ކުރީން
ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް
ދިމާވިފަދަ ކަންތައްތަކެއް ނޫނެވެ. ދިވެއްސަކު އެއްލި
ގައުބުރިއަކުން ޖެހި މައުމޫނަށް ޖިސްމާނީ ގެއްލުމެއް
ނުލިބުނުނަމަވެސް، މައުމޫނާއި އިދިކޮޅަށް މިއަދު ދިވެހި
މުޖުތަމަޢުން ހަނގުރާމައެއް އިޢްލާނުކޮށްފައިވާކަން ޤަބޫލުކުރަން
ޖެހެއެވެ.
ހައިރާންވާން ޖެހޭ
ކަމަކީ، ދިވެހީންގެ ބަޔަކު (މިހާރުގެ އެންމެ ބާރުގަދަ އެއްސިޔާސީ
ޕާރޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ) ބޭރު
ދުނިޔޭގައި މައުމޫނުގެ އަނިޔާވެރި ވެރިކަމުގެ ވާހަކަ ޢާންމުކޮށް،
ހުޅަންގުގެ ކާފަރުން ދިވެހީންނަށް ދަތިކުރުމުގެ ފިޔަވަޅު
އަޅާހަމައަށް ގެންދިޔައިރުވެސް، މައުމޫނު އެއްމެ ފިޔަވަޅެއްވެސް
ވެރިކަމާއި ދުރަށް އަޅާފައި ނުވާކަމެވެ.
ފުޅާ ދާއިރާއެއްގައި
ރައްޔިތުންގެ ތާއީދު ލިބިފައިވާ ދިވެހި ރައްޔިތުންގެ
ޑިމޮކްރެޓިކް ޕާރޓީގެ އިސް ވެރީން އެ ވިދާޅުވަނީ "މައުމޫނަށް
އޮތް ހަމައެކަނި ގޮތަކީ އިސްތިއުފާ ދިންނުން" ކަމަށެވެ.
އިސްވެރީން އެ ވިދާޅުވަނީ "މައުމޫނަށް އޮތް ހަމައެކަނި ގޮތަކީ
އިސްތިއުފާދިނުން" ކަމަށެވެ.
ސުވާލަކީ މައުމޫނު
ބޭނުންފުޅުވަނީ 'ގޮށްމުށުގެ ބާރުން' މަރުވަންދެން ވެރިކަން
ކުރައްވަންތޯ، ނުވަތަ އޭނާ ބޭނުންފުޅުވަނީ ދިވެހީންނަށް ކަމުދާ
ގޮތަކަށް ވެރިކަން ބައްޓަންކުރައްވާ، ދިވެހީންގެ ރުހުމާއިއެކު
އޭނާގެ ވެރިކަން ނިމުމަކަށް ގެންނަންތޯއެވެ.
ކޮންމެއަކަސް،
މއ.ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލް ޤައްޔޫމުގެ
ޙައިސިއްޔަތުން، ދިވެހި ރައްޔިތުންގެ ޕާރޓީގެ ނަމުގައި ސިޔާސީ
ޕާރޓީއެއް އުފައްދަވައިގެން ދިވެހީންގެ ރުހުމާއި ތާއީދު
ހޯއްދަވަން ނިކުންނެވި ކަމީ، އޭނާއަށް އަދި އިސްތިއުފާ ދެއްވުން
ނޫން ގޮތްތައް ހުރިކަމުގެ ފުރިހަމަ ދަލީލެކެވެ.
ރައީސް މައުމޫނުގެ
ވެރިކަމަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި، ވެރިކަމުގެ
ބަލިފައިތައް ހާމަވެފައިވާ ޙާލުގައި، ރައްޔިތުންގެ އަޑަށް
ކިޔަމަންތެރިކަމާއިއެކު ބޯލަނބައި، އަލުން ރައްޔިތުންގެ
ކުރިމައްޗަށް ނިކުންނެވިކަމުން ދޭހަވަނީ މައުމޫނަކީ،
ރައްޔިތުންގެ ލޯތްބާއި ރުހުން ބޭނުންފުޅުވާ، ރައްޔިތުންގެ
ބާރުތަކުގެ ކުރިމަތީގައި ފަސްޖެހިވަޑައިގަންނަވާ ބޭފުޅެއްކަމެވެ.
ސިޔާސީ
އިޞްލާހުތަކާއި، މުޖުތަމަޢްގެ ހަމަޖެހުމާއި، ރައްޔިތުންގެ
އުފާފާގަތިކަން ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެ، މިއަދު
އެކުރައްވާ މަސައްކަތްޕުޅު އިޚްލާޞްތެރިކަމާއިއެކު ކުރައްވައި،
އެކަން ދިވެހީންނަށް ސާބިތުކޮށް ދެއްވައިފިނަމަ، ދިވެހި
ތާރީޚްގައި ރައީސް މައުމޫނުގެ ނަން ރަން އަކުރުން ފެވޭނެކަމީ
ޝައްކެއް އޮތްކަމެއް ނޫނެވެ.
ނަމަވެސް، މިއަދު
އެކުރައްވާ މަސައްކަތްޕުޅުގެ ފަހަތުގައި ވަފާތެރިކަމާއި،
އިޚްލާޞްތެރިކަމެއް ނެތްކަން ދިވެހީންނަށް
ސާބިތުކޮށްދެއްވައިފިނަމަ އިސްތިއުފާ އަކާއި ހަމައަށް
ވާސިލިވުމުގެ ފުރުޞަތެއް ނެތި، ސީދާ ވެރިކަމުން ދުރުކުރެވުމަކީ
ދުރުގައިވާ ކަމެއް ނޫނެވެ.
މިފުރުޞަރުގައި
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލް
ޤައްޔޫމަށް، އިޚްލާޞްތެރިކަމާއިއެކު ދިވެހިރައްޔިތުންނާއި
ކުރިމަތިލައްވައި، އެވެރީން މަނިކުފާނުގެ އެދިލެއްވުމުގެ މަތީން،
މަނިކުފާނާއި ޙަވާލުކުރި ވެރިކަމުގެ ޒިންމާ އުފުއްލެވުމުގައި،
އެވެރީންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދެއްވައި،
ޢަދުލުއިންސާފު ޤާއިމުކުރެއްވުމަށް ގޮވާލަމެވެ. އަދި
މަނިކުފާނުގެ އަމިއްލަފުޅު ހައިސިއްޔަތުން އުފައްދަން މަސައްކަތް
ކުރައްވާ ދިވެހި ރައްޔިތުންގެ ޕާރޓީގެ މަސައްކަތްޕުޅުގައި
އިޚްލާޞްތެރިވެވަޑައިގެން، މަނިކުފާނާއި ދިވެހި ރައްޔިތުން
ޙަވާލުކޮށްފައިވާ ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުން
ނުކުރެއްވުމަށް ގޮވާލަމެވެ.
ނިމުނީ!
|