|
ވެރިކަމުގެ
ނިޒާމު ފާސްކުރުމުގެ މައްސަލަ
ޚާއްޞަ މަޖްލީހުގައި ތިއްބެވި މެމްބަރުންނަށް ރައްޔިތުން ތަމްސީލު
ނުކުރެއްވޭނަމަ ކޮންމެ މައްސަލައެއްވެސް ދާނީ ޢާންމު ވޯޓަކަށް!
16/01/2007
| އަޒްހާން ފަހްމީ
ދިވެހިރާއްޖޭގެ ދުސްތޫރީ މަޖްލިސް (ރައްޔިތުންގެ ޚާއްޞަ މަޖްލިސް)
އަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ވެރިކަމުގެ ދުސްތޫރު
އެކުލަވާލުމާއި، އެއަށް ރައްޔިތުން ބޭނުންވާ އިޞްލާޙުތަކާއި
ބަދަލުތައް ގެނައުމުގެ ދުސްތޫރީ ބާރު ރައްޔިތުންގެ ފަރާތުން
ލިބިދީފައިވާ މަޖްލީހެކެވެ. ނިޔާބީ ނުވަތަ ރެޕްރެޒެންޓޭޓިވް
ޑިމޮކްރަސީގެ އިމުގެ ތެރޭގައި އެމަޖްލީހުގެ ނިންމުމަކީ
ރައްޔިތުންގެ ނިންމުމެވެ.
ދުސްތޫރީ ނީޒާމާއި ޑިމޮކްރަސީގެ ހަމަތަކުގެ މަތީން އެމަޖުލީހަކީ
މައްސަލަތައް ރައްޔިތުން އެދޭގޮތައް ނިންމުމުގެ ބާރުލިބިފައިވާ،
އެފަދަނިންމުންތަ ނިންމުމުގެ ޤާބިލުކަން ލިބިފައިވާ މަޖުލީހެކެވެ.
އެހެންނަމަވެސް، ރާއްޖޭގައި މިފެންނަ މަންޒަރަކީ އެމަޖުލީހަށް
ރަޔިތުންގެ ފަރާތުން ގޮތެއް ނިންމަން ނުކުޅެދިގެން، މަޖުލީހުން
އަލުން އަނުބުރާ ރައްޔިތުންގެ ގާތަށްގޮސް، މައްސަލަތަކުގައި
ގޮތެއްނިންމައި ދިނުމަށް އެދޭތަނެވެ. މީގެ މާނަޔަކީ ރައްޔިތުންގެ
ބަޖެޓުން ބޮޑު މުސާރަ ދީގެން އެމީހުން ތަމްސީލު ކުރާނެ ބަޔަކު
އިންތިޚާބުކޮށް ، އައްޔަން ކުރުމުގެ މާނައެއްނެތެވެ. އަދި
ރައްޔިތުންގެ ވެރިކަމުގެ ބާރުތައް ވަކިބަޔަކާ ހަވާލުކުރުމުގެ
މާނައެއްވެސް ނެތެވެ.
ޤާނޫނު އަސާސީގެ އެއްވެސް މާއްދާއަކީ އެޤާނޫނުގެ އެހެން
މާއްދާއަކައްވުރެ މުހިންމު އަދި ބާރުގަދަ މާއްދާއެއް ނޫނެވެ.
އެހެންކަމުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމާބެހޭ މާއްދާއަށް
ގޮތެއްނިންމުމަކީ ކޮންމެހެން ރައްޔިތުންގެ ޢާއްމު ވޯޓަކުން
ކުރަންޖެހޭކަމެއް ނޫނެވެ. އެހެނިހެން މާއްދާތައްވެސް ބަދަލުކޮށް
އިސްލާހުކުރާ ފަދައިން މި މާއްދާއަށްވެސް ގޮތެއްނިންމަން
ޖެހޭނެއެވެ.
އަޅުގަނޑުދެކޭގޮތުން މިމާއްދާއަށް މިގޮތަށް އިސްލާހުގެންނަން ޖެހި،
ބަޙުސްތައް ދިގުލައިގެން މިދަނީ ސިޔާސީ ސަބަބުތަކަކަށްޓަކައެވެ.
މިހެން މިދެންނެވީ މަޖުލީހުގެ ގިނަ މެންބަރުންނަކީ ސިޔާސީ
ޕާޓީތަކަށްވެސް ނިސްބަތްވާ މެންބަރުން ކަމަށް ވެފައި، ގިނަ
މެންބަރުންނަކީ ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
އެހެންކަމުން، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި
ޤާނޫނުއަސާސީ އިސްލާހުކުރުމަށް މަސައްކަތް ކުރަމުންދާ
ދަނޑިވަޅެއްގައި، މިގޮތަށް މިމާއްދާ އިސްލާހުކުރުމަށް ނިންމުމުގެ
ބޭނުމަކީ ވަގުތުނަގާލާ، ޚާއްޞަ މަޖްލީހުގެ މަސައްކަތް
ދިގުދެންމުމެވެ.
ރައްޔިތުންގެ އާއްމު ވޯޓު ކުރިއަށް ގެންދާނެ ގޮތުގެ ލިއުން
މަޖުލީހަށް ހުށަހަޅާފައި ވަނީ ، ހާއްސަމަޖުލީހުން އެލިއުން
ފާސްކުރައްވައި، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގަވާ
ތާރީހުންފެށިގެން 90 ދުވަސް ތެރޭގައީ ވޯޓް ނަގަން ޖެހޭނެ ކަމަށް
ކަނޑައަޅާފައެވެ. މިގޮތަށް ވަގުތު ނަގާލުމުގެ ފަހަތުގައިވާ
ހަމައެކަނި ސިއްރަކީ އަޅުގަނޑުދެކޭގަތުގައި 2008 ވަނަ އަހަރުގެ
ރިޔާސީ އިންތިޚާބާ ހަމައަށް ޤާނޫނުއަސާސީ އިސްލާހުކުރުމުގެ
މަސައްކަތް ދިގުދެންމެވުމެވެ. މިކަންތައްތައް މިގޮތަށް
މިގެންދެވެނީ ސަރުކާރާއި، ޑީ.އާރު.ޕީން މިކަން މިހެން ގެންދަން
ބޭނުންވާތީ ކަން، މަޖްލީހުގައި ތިއްބެވި އެޕާޓީގެ ބޭފުޅުންގެ
ޢަދަދާއި ރާއްޖޭގެ ސިޔާސީ މަސްރަޙަށް ވިސްނާލުމުން ދޭހަވެއެވެ.
ކޮންމެއަކަސް، ދުސްތޫރީ މަޖްލިސް ނުވަތަ ކޮންސްޓިޓިއުޝަނަލް
އެސެމބްލީއަކީ ތަފާތު ސިޔާސީ ނުފޫޒުތަކުން އެއްކިބާވެފައިވާ
މަޖްލީހަކަށް ނުވާއިރު، މިއުސޫލުން ކަން ހިނގާނެކަމަށް ޝައްކެއް
ނުކުރަމެވެ. މިމައްސަލަތައް މިގޮތަށް ދިމާވުމުގެ މައިގަނޑު
ސަބަބކީ، ކުއްލިއަކަށް ރިޔާސީ ޤަރާރެއްގެ ދަށުން ސިޔާސީ ޕާރޓީގެ
ނިޒާމެއް ތަޢާރަފް ކުރުމުގެ ނަމުގައި ޑރ.ޙަސަން ސަޢީދުގެ ޤާނޫނީ
ލަފާގެމަތިން ރައީސް މައުމޫނު ސިޔާސީ ގޮނޑިކޮއްކޮ ކުޅުއްވަން
ފެއްޓެވުންކަމަށް އަޅުގަނޑު ދެކެމެވެ. ނިމުނީ!
|