|
މިޞްރުގެ ޤާހިރާގައި އޮންނަ 'ރައީސް
މައުމޫނުގެ ސަރުކާރު' ރިފޯމް ކުރަން ޖެހިފައި
11/11/2005
|
އަލްޙާން ފަހުމީ
ދިވެހި ސަރުކާރުން މިޞްރަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ
ކޮންސުލް އަލްއުސްތާޒް މުޙަންމަދު ޢަބްދުލް ޢަޒީޒު އައްދާއިމްގެ
ފަރާތުން މިޞްރުގައި އުޅޭ ދިވެހިންނަށް ލިބެންޖެހޭ ރަސްމީ
އެހީތެރިކަން ފުރިހަމައަށް ނުލިބެއެވެ. ދިވެހި ސަރުކާރުން
މިގޮތަށް ބޭރުގެ ޤައުމަކުން ޑިޕްލޮމެޓަކު ކަނޑައެޅުއްވުމުގެ
ޙަޤީޤީ މަޤްޞަދު އޭނާގެ ފަރާތުން ޙާޞިލު ނުވާކަން
ފާހަގަކުރެވެއެވެ.
މުޙަންމަދު
ޢަބްދުލް ޢަޒީޒަކީ ރައީސް މައުމޫނު މިޞްރުގެ އަޒުހަރު
ޔުނިވަރސިޓީގައި ކިޔަވާވިދާޅުވި ޒަމާނުގައި އެމަނިކުފާނާއިއެކު
ކިޔަވާވިދާޅުވާން އުޅުއްވި، އެމަނިކުފާނާއި ގާތް ގުޅުމެއް
އޮންނަ، މިޞްރުގެ ރައްޔިތެކެވެ. އަލްއުސްތާޒް މައުމޫން ޢަބްދުލް
ޤައްޔޫމް ކިޔަވާވިދާޅުވުމަށްފަހު ރާއްޖެވަޑައިގެން، ރާއްޖޭގެ
ރައީސްކަމަށް އިންތިޚާބުވުމަށްފަހު ރަޙްމަތްތެރިޔާއަށް
ޑިޕްލޮމެޓިކް ވަޒީފާއެއް ދެއްވި ދެއްވުމަކީ، ރަޙްމަތްތެރިކަމުގެ
ހަދިޔާއަކަށް ވެފައިވާހެން މިދެންނެވި ޢަބްދުލް ޢަޒީޒުގެ
ޢަމަލުތައް ބަހައްޓަވާގޮތުން ހީވެއެވެ.
ކޮންމެއަކަސް، ދައުލަތުގެ ބަޖެޓުން ޚަރަދުތަކެއް ކުރައްވައިގެން،
މިފަދަ ޑިޕްލޮމެޓަކު ޤައުމެއްގައި ބެހެއްޓެވުމުގެ ޙަޤީޤީ
މަޤްޞަދަކީ އެޤައުމަކާއިއެކު ކުރެވޭ ސަރުކާރުގެ ރަސްމީ
މުޢާމަލާތުތައް ތަމްސީލުކުރުމާއި، އެޤައުމަކަށް ދާ ދިވެހި
ރައްޔިތުންނަށް ރަސްމީ ކަންކަމުގައި އެބޭކަލެއްގެ ޑިޕްލޮމެޓިކް
ހައިސިއްޔަތުން ވެވެން އޮންނަ އެހީތެރިކަން ފޯރުކޮށްދެއްވުމެވެ.
މިޞްރަކީ އަހަރަކު ވިއްސަކަށް ކުދީންގެ ރޭޓުން ސަރުކާރުގެ
ސްކޮލަރޝިޕްތަކުގައި އާއި އަމިއްލަގޮތުން ދިވެހީން ކިޔަވަން
އަންނަ ޤައުމެކެވެ. މީގެ އިތުރުން ކިޔަވަން އަންނަ
ބައެއްކުދިންގެ އަނބިންނާއި ފިރިންވެސް ގިނަޢަދަދަކަށް މިޞްރުގެ
ޤާހިރާއަށް ޒިޔާރަތް ކުރެއެވެ. މިގޮތަށް މިޞްރަށް އަންނަ
އައުމުގައި ވިސާ ހޯދުމާއި، އެހެނިހެން ލިޔެކިޔުމުގެ ކަންތައްތައް
ކުރެވެން އޮންނަނީ މިދެންނެވި ޤުންޞުލް (ކޮންސުލް) ގެ ހުއްދައާއި
އެކު ކަމަށްވާތީ އޭނާގެ ރަސްމީ އެހީ ބޭނުންވާ ޙާލަތްތަކުގައި
އެކަށީގެންވާ އެއްބާރުލުން ނުލިބޭކަން ފާހަގަ ކުރެވެއެވެ.
އޭނާގެ ސޮޔާއި، ރަސްމީ ތައްގަނޑު ބޭނުންވާ ޙާލަތްތަކުގައިވެސް
އޭނާއާއި ގުޅުމުން ސީދާ މިނިސްޓަރު ލައްވާ ގުޅާށޭ، ނުވަތަ
މައުމޫނަށް ގުޅާލާފައި ނޫނީ ތިކަން ކުރާކަށް ނޭނގޭނެކަމަށް
ވިދާޅުވެ، ރަސްމީ ބޭނުންތަކުގައި އޭނާގެ އަރިހަށް ދާ ދިވެހި
ރައްޔިތުން 'ފައްސާލާކަން' ފާހަގަ ކުރެވެއެވެ. އޭނާއަކީ
އެހެނިހެން ވަޒީފާތައް އަދާކުރައްވަމުން ބުރަކޮށް އުޅުއްވާ
ބޭފުޅެއް ކަމަށްވާތީ، މިދެންނެވިފަދަ ދިވެހި ސަރުކާރާއި ގުޅުން
ހުންނަ ކަންކަމުގައި އޭނާގެ އެހީއަށް ބޭނުންވާ ޙާލަތްތަކުގައި
ބައްދަލުވުމާއި ފޯނުން ގުޅުންވެސް ވަނީ ވަރަށް ދަތި
އުނދަގޫކަމަކަށް ވެފައެވެ. އޮފީހުގައި އިންނަވާނެ ވަކި
ވަގުތެއްވެސް ކަނޑައެޅިފައި ނޯންނާތީ އޭނާ ހޯދަން ގިނަފަހަރަށް
ޖެހެނީ މުޅި ޤާހިރާގައި އަތްފުނާ އަޅާށެވެ. މިދެންނެވި ފަދައިން
އޭނާގެ އެހީތެރިކަން ނިހާޔަތަށް ބޭނުންވާ ގަޑިތަކުގައި އެ
އެހީތެރިކަން ނުލިބުމުގެ ސަބަބުން، މީގެ އަހަރެއްހާ ދުވަސް
ކުރިން މިޞްރަށް އައި 14 އަހަރުގެ ދިވެހި ކުޑަކުއްޖަކު 24
ގަޑިއިރަށްވުރެ ގިނައިރު ޤާހިރާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި
ހިފެއްހެއްޓުމަށްފަހު އަނބުރާ ރާއްޖެއަށް ފޮނުވާލެވިވާކަން
ފާހަގަ ކުރެވެއެވެ.
މީގެ އިތުރުން ދިމާވާ އަނެއް މައްސަލައަކީ، މިޞްރުގައި ތިބޭ
ކިޔަވާކުދިންނަށް ސަރުކާރުގެ އެންގުންތައް އެންގުމަށާއި
ޕޮކެޓްމަނީ ޙަވާލުކުރމުގެ މަސައްކަތް ޙަވާލުކުރައްވާފައިތިބޭ
ދެކުދިން ކަމުގައިވާ ޙުސެއިން ރިޒާއާއި އޭނާގެ ބަދަލުގައި ހުންނަ
އަޒްލިފް ލަތީފު ނޫން އެހެން ފަރާތަކުން އޭނާގެ އަރިހަށްގޮސް
އެއްވެސް ރަސްމީކަމެއް ކުރެވެން ނޯންނަހެން ހީވާފަދަ ގޮތަކަށް
އޭނާ މީހުން ކަންކަމުގައި ގުޅުމުން ޖަވާބުވާ ދެއްވުމެވެ.
ދާދިފަހުން މިޞްރުގައި ކިޔަވާ ކުއްޖަކު އޭނާގެ އަންހެނުން
މިޞްރަށް ގެނެސް، ވިސާހޯދުމުގެ ކަންކަމާއިބެހޭ ލިޔުމެއްގައި
ކޮންސުލްގެ ސޮޔާއި ތައްގަނޑު ބޭނުންވާތީ އޭނާއަށް ގުޅުމުން
މިދެންނެވި ޙުސެން ރިޒާ ނުވަތަ އަޒްލިފް އެކަމުގައި ފޮނުވަން
ވިދާޅެވެ، އެކަންވެސް ލަސްވާގޮތަށް ޢަމަލު ކުރައްވަމުން
އެބަގެންދަވައެވެ. މިހެން އޭނޭ ވިދާޅުވުމުން، މިދެންނެވި ޙުސެން
ރިޒާއާއި އޭނާގެ އެސިސްޓެންޓް އަޒްލިފަށް ގުޅުމުން އެމީހުން
"ބިޒީ" ކަމުން ދެވެން ނެތްކަމަށާއި، އަމިއްލައަށް ކޮންސުލްގެ
އަރިހަށް ދިއުމަށް ބުނެ، އެކަން 'ބޮލުން ނައްޓާލީއެވެ'.
ޙާޤީޤަތުގައި މިފަދަ ސަރުކާރެއް ތަމްސީލު ކުރައްވާ މިފަދަ
ޑިޕްލޮމެޓުންގެ އަރިހަށް ކަންކަމުގައި ދެވެންޖެހޭނީ ވަކި
ފެންވަރެއްގެ މީހުންނަށް ނޫނެވެ. ދިވެއްސަކު މިޞްރަށް ލެއްގިޔަސް
އޭނާއާއި ބެހޭ ގޮތުން ކުރިއަށް ގެންދަން ޖެހޭ ރަސްމީ
ކަންތައްތައް ކުރިއަށް ގެންދެވޭނީ މިޞްރުގައި ތިބޭ
ކިޔަވާކުދިންނާއި ޙަވާލުވެ ހުންނަވާ 'އިސް ކިޔަވާކުއްޖާ' އޭނާގެ
އަރިހަށް އެކަމެއްގެ ވާހަކަ ހިފައިގެން ދިއުމުން ކަމަށް ނުވަތަ
ރައީސް މައުމޫނު ގުޅުއްވުމުންކަމަށް އޭނާ ވިދާޅުވާން ވެއްޖެނަމަ،
ދެން ވާނީ ކިހިނަކުންބާއޭ ސުވާލު އުފެދެއެވެ.
ކޮންމެއަކަސް، ސަރުކާރުގެ މިބާވަތުގެ ރަސްމީ މުޢާމަލާތުތައް
ހިތަށް އެރިހާ އުސޫލަކުން ކުރެވެން މިދިމާވާ ސަބަބަކީ ދިވެހި
ސަރުކާރުން މިފަދަ ކަންކަމަށް ދެއްވަން ޖެހިވަޑައިގަންނަވާ
ސަމާލުކަން ނުދެއްވުމެވެ. ނުވަތަ ކަނޑައަޅުއްވާފައި ހުންނަވާ
އޮނަރަރީ ކޮންސުލަށް މިފަދަ ޑިޕްލޮމެޓިކް މަޤާމެއްގައި ހުންނަވާ
ފަރާތެއްގެ ޒިންމާއާއި މަސްއޫލިއްޔަތަކި ކޮބައިކަން
އެނގިވަޑައިނުގަތުމެވެ.
ދިވެހި ސަރުކާރުން މިޞްރަށް ކަނޑައަޅުއްވާފައި ހުންނަވާ،
އޮނަރަރީ ކޮންސުލަކީ ރައީސް މައުމޫނުގެ ކުރީގެ ޔުނިވަރސިޓީ
މޭޓަކަށް ވިޔަސް، އޭނާ ބޭނުންހާގޮތަކަށް މިޞްރަށް އަންނަ
ދިވެހީނާއިމެދު މުޢާމަލާތު ކުރުމަކީ، ދިވެހި ސަރުކާރު ތަމްސީލު
ކުރައްވާ ޑިޕްލޮމެޓިކް ބޭފުޅެއްގެ ފަރާތުން ދިވެހި ރައްޔިތުން
ބަލައިގަންނަން ބޭނުންވާނެ ކަމެއް ނޫނެވެ. އަދި އެފަދަ
މުޢާމަލާތުތަކެއް ކުރާކަން ސަރުކާރަށް އެނގިވަޑައިގެން އޭނާ
އެމަޤާމުގައި ބަހައްޓަވަނީ ނަމަ، އެއި ރައީސް މައުމޫނުގެ
ސަރުކާރުން ދިވެހި ރައްޔިތުންނަށް ކުރެވޭ އިހާނަތެކެވެ.
ވީމާ، މިފުރުޞަތުގައި މިޞްރުގައި އޮންނަ ރައީސް މައުމޫނުގެ
ސަރުކާރުގެ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރެއްވުމަށް
އެމަނިކުފާނަށް ފަށްފަށުން އިލްތިމާސް ކުރަމެވެ. ނިމުނީ!
|