09 January 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ހައްޤުހޯދުމުގެ ނަމުގައި ތިޔަވަޑައިގަންނަވަނީ ރަނގަޅުމަގަކުންނޫން

098/01/2006 | އައްލާބެއްޔާ | އީ-މެއިލް
މުސްކުޅިން ބުނެއުޅެތެވެ. ނުރޯދަރިޔަކަށް ކިރެއް ނުލިބޭނެވެ. ތެދެކެވެ. މައިމީހާ، ދަރިފުޅުގެ މަތިން ހަނދާން ނައްތާލާފައިވަނިކޮށް ބަނޑުހައިވާންފެށީމާ ދެންކުރަންވީ ކަމަކީ މައިމީހާއަށް އަޑުއިވޭވަރަށް ނިކަން ބާރަށް ރޯންފަށަންވީއެވެ. ކިރުލިބޭނީ އޭރުންނެވެ. އޭގެ ބަދަލުގައި މައިމީހާގެ ދެންތިބި ދަރިންގެ ގައިގައި ތަޅައިގަންނަންވީ އެއްނޫނެވެ. އޭރުން އެވާނީ ހަމަނުޖެހުމެއް ހިންގީކަމަށެވެ. އެކަމަށް އޭނާޔަށް އަދަބު ދެވެންޖެހޭނެވެ. އެހެންނޫންނަމަ ދަރިފުޅު ބޮޑުވެގެން އަންނަ އިރު ދަސްވާނީ ހަމަނުޖެހުން ހިންގާ، މާރާމާރީ ހިންގުމަށެވެ.
ދިވެހިރާއްޖެއިން މިހާރު ފެންނަމުން މިދަނީ އިސްވެ ދެންނެވުނު ކަހަލަ މަންޒަރެކެވެ. ދިވެހި ސަރުކާރުން ރައްޔިތުންނަށް، ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ކޮށްދޭންޖެހޭ އެތަށް ކަމެއް ކޮށްނުދެވި ހުރުމުގެ ސަބަބުން، ބައެއް އަތޮޅުތަކުގެ ރައްޔިތުންގެ ނުރުހުންދަނީ އަދުގެ ސަރުކާރަށް އެކިސިފަސިފައިގައި ރައްދުވަމުންނެވެ. ނުރުހުން ފާޅުކުރުމުގެ ގޮތުން ބޭއްވޭ އެކިއެކި އެއްވުންތަކާއި އިސްތިއުފާއަށް ގޮވާގޮވުންތަކުގެ ސިފައިގައެވެ. އަޅުގަނޑުވެސް އެއްބަހެވެ. ސަރުކާރުގެ ސަމާލުކަން ހޯދުމުގެ މަޤްސަދުގައި ސުލްހަވެރިކަމާއެކު ނުރުހުން ފާޅުކުރުމުގެ ގޮތުން މީހުން އެއްވުމަކީ ޤާނޫނު އަސާސީއިންވެސް ދިވެހިންނަށް ލިބިގެންވާ ހައްޤެކެވެ. އެހައްޤުގެ ބޭނުންހިފުމުގެގޮތުން ރަށުއޮފީސް ކުރިމައްޗަށް ނުވަތަ އަތިރި މައްޗަށް އެއްވެ ނުރުހުން ފާޅުކުރުމުން ތަނުގެ މަސްލަހަތާއި ހަމަޖެހުން ނަގާލީކަމަކަށް ސަރުކާރުގެ މީޑިޔާއިންބުންޏަސް ނުވަތަ އެނޫން ބަޔަކު ބުންޏަސް އެކަން ހަމަހިލާ އެހެންނެއް ނުވާނެވެ. އަދި ކިއެއްތަ، އެކަންވާނީ އެބަޔެއްގެ ހައްޤު ހޯދުމަށްޓަކައި ކުރެވޭ ނުހަނު އަގުހުރި މަސައްކަތަކަށެވެ.
ނަމަވެސް ރާއްޖޭގައި ކަންހިނގަމުން ދަނީ އެހެންނެއް ނޫނެވެ. އިސްވެދެންނެވުނު ގޮތަށް ނުރުހުން ފާޅުކުރަން ފެށުމުން އެކަން ހައްލުކުރެވޭތޯ ވާހަކަ ދެއްކުމަށްޓަކައި އެރަށަށް ދާބަޔަކު އެރަށުން ފުރުނަ ނުދީ، އެބަޔަކު ރަހީނުކޮށް، ރަށުއޮފީހާއި ރަށުގައިހުރި ސަރުކާރުގެ އެހެން ހުރިހާ އިމާރާތެއް ބަންދުކޮށް، އެތަންތަނަށް ގެއްލުންދީ، އެތަންތަނުން ކަރަންޓް ކަނޑާލައި، ރަށަށް އެހެން ބަޔަކު އެރިޔަ ނުދޭންވެގެން ނެރުވެސްބަންދުކޮށްލަނީއެވެ. މިގޮތަށް ކަންތައްތައް ކުރުމުން ޤާނޫން އަސާސީއިން ލިބިގެންވާ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ހުދޫދުން ބޭރުވެވުނީއެވެ. ބަޔަކު މީހުން ކިޑްނެޕް ކުރިކަމުގެކުށުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއްވެސް ހިންގުނީއެވެ. އެހެންކަމުން ސަރުކާރުން އެކަމާއިމެދު ފިޔަވަޅު އަޅަން ޖެހޭނެވެ. ދެންވެގެންދާގޮތަކީ އެކުށްކުރި ފަރާތްތަކުގެ ތަހުޤީޤު ކުރުމަށްޓަކައި ފުލުހުން އެރަށަކަށް ދިޔައިމާ ރަށުމީދާ ރަށަށް ގަދަވާނެޔޭ ކިޔާފައި ފުލުހުންނާއިވެސް ކުރިމަތިލަނީއެވެ. ނަތީޖާއެއްގެ ގޮތުން ކުށެއްނެތް އެތައްބަޔަކަށް އަނިޔާވެ އިތުރު އެތައް ބަޔަކު ހައްޔަރު ކުރަންޖެހެނީވެ. ނަމަވެސް ހިތާމަޔަކީ މިފަދަ ހާލަތްތައް މެދުވެރިވުމުން ބައެއް ފަރާތްތަކުން ސަރުކާރުން "ގަތުލު އާންމެއް" ހިންގައިފިޔޭ ކިޔައިގެން އަޑުގެ ނެތްތަނަށް ގޮވަންފަށާތީއެވެ. އެފަދަ ގޮވުންތަކުން ނުބައި ސިގްނަލެއް ރައްޔިތުންނަށް ދެވޭކަމެއް މިބައިމީހުންނެއް ނުދަނެއެވެ. ނުވަތަ އެނގުނަސް ނޭނގޭކަމަށްހަދައިގެން ތިބެނީއެވެ.
އަޅުގަނޑުދަންނަވަން މިއުޅޭ އެއްޗެއް ތަންކޮޅެއް ކުރުކޮށް ދަންނަވާލާނަމެވެ. ސަރުކާރުން ރައްޔިތުންނާއިމެދު އިހުމާލުވެއްޖެނަމަ އެކަން ސަރުކާރަށް އެންގުމަށްޓަކައި ސުލްހަވެރިކަމާއެކު އެއްވުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް އެކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ވާހަކަދެއްކުމަށްޓަކައި ފޮނުވާ ޓީމު ހިފާހައްޔަރުކޮށް ސަރުކާރުކާރުގެ އިމާރާތްތަކަށް ގެއްލުން ނުދެއްވާށެވެ. އެކަންކަމުން ތިޔަބައިމީހުންނާއި އިތުރު މައްސަލަތަކަކާއި ކުރިމަތިވުން ނޫން އެހެންކަމެއް ނުވާނެއެވެ. އޭގެ ބަދަލުގައި ސަރުކާރާއި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރައްވާށެވެ. އަދި ތިޔަބައިމީހުނާއިމެދު ސަރުކާރުން އިހުމާލުވީތީ އެކަމުގެ އަދަބު ސަރުކާރަށް، ތިޔަބޭފުޅުންގެ ވޯޓްތަކުން ދެއްވާށެވެ. އެގޮތުން ސަރުކާރަށް ކުރާ އަސަރު މާބޮޑުވެފައި ހިތިވާނެއެވެ

 

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved