|
ހޯރަފުށީ
ސަލީމުގެ 'ރަން ގަލަން' ޑީ.އާރު.ޕީގެ އަޅުވެތިކަމުގައި!
15/01/2007
|
ޢާރިފް
ޖަމީލު | އީ-މެއިލް
'ދިޕޮލިޓިކްސް' އަކީ ހަމައެކަނި ސިޔާސީ މައްސަލަތައް ދިރާސާކޮށް،
ލިޔާ ސައިޓަކަށް ވާތީ، ހޯރަފުށީ ސަލީމަކީ ނޫސްވެރިއެއްގެ އިތުރުން
ރައްޔިތުންގެ މަޖްލީހުގެ ރައީސުލް ޖުމްހޫރިއްޔާގެ
މެމްބަރަކަށްވެފައި، އޭނާއަކީ ޑީ.އާރު.ޕީގެ ވެސް ވަރަށް އިސްކޮށް
ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކަށް ވާތީ، އޭނާގެ
ނޫސްވެރިކަމުގައި 'ނޫ ކުލަ' (ޑީ.އާރު.ޕީ ކުލަ) ޖެހިފައިވާ ވާހަކަ،
'ދިޕޮލިޓިކްސް' ގައި ލިޔުމަކީ ވަކި ފަރުދަކާއި ބެހޭ، ސިޔާސީ ނޫން
ލިޔުމެއް، ލިޔުނީ ކަމަށް ނުބެއްލެވުމަށް 'ދިޕޮލިޓިކްސް' ގެ
މަސްއޫލުވެރިންގެ ކިބައިން އެދެމުން، މިލިޔުން ތިޔަ ވެބަސައިޓުގައި
ޕަބްލިޝްކޮށްދެއްވުން އެދެމެވެ.
ހޯރަފުށީ ސަލީމަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ 'ރަން ގަލަން'
ޙާޞިލުކުރައްވާފައިވާ، ރާއްޖޭގައި އުފެދުނު އެންމެ ޤާބިލު
ނޫސްވެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ބޭފުޅަކަށްވުމަކީ
އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، އަޅުގަނޑު ނޫސް މަޖައްލާ
ކިޔާ، ދިރާސާކުރާ މީހެއްގެ ހައިސިއްޔަތުން އޭނާއާއިމެދު ދެކޭ ގޮތް
ވަރަށް ތަފާތެވެ. ޚާއްޞަކޮށް ސިޔާސީ މައްސަލަތަކާއި ޚަބަރާއި
ގުޅިގެން އޭނާ ލިޔުއްވާ ލިޔުއްވުންތަކާއި، އޭނާގެ އެޑިޓަރުކަމުގެ
ދަށުން ޝާއިޢުކުރެވޭ ސިޔާސީ ޠަބީޢަތުގެ ލިޔުންތަކުން، އޭނާއަކީ
މިނިވަން ނޫސްވެރިއެއް ނޫންކަމާއި، އޭނާއަކީ ސިޔާސީ މައިދާނުގައި
ފިކުރީގޮތުން އަޅުވެތިވެފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ސިޔާސީ ވެބްސައިޓުތައް އުފެދިގެން އައިއިރު 'ސަލީމް
ޑެއިލީ' ގެ ނަމުގައި ސަލީމް ވަނީ ސައިޓެއް ނެރެ، އެމަސައްކަތް
ފޭލިވެގެން ހުއްޓާލާފައެވެ. އޭގެ ފަހަތުގައިވެސް އޮތީ ޒަޢީމަށް
މަދަޙަ ވިދާޅުވާން ހައްދަވައިގެން ދިމާވި މައްސަލައެއްކަމަށް
ޑީ.އާރު.ޕީގެ އެތެރެ ކޮއިލުން އަޅުގަނޑަށް މަޢްލޫމާތު
ލިބިފައިވެއެވެ. އޭގެ ފަހުން ސަލީމުގެ ލިޔުންތައް އޮންލައިނުން
ފެންނަންފެށީ 'ދާލަ ޑޮޓް ކޮމް' ކިޔާ ސައިޓެއްގައި 'މަހާދުރުމި'
ކިޔާ ކޮލަމަކުންނެވެ. އޭގައިވެސް ސިޔާސީ ލިޔުމެއް ލިޔާނަމަ ނޫކުލަ
ގަދަ ވެފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން
"ޑީ.އާރު.ޕީ ރޫޅެނީއެއް ނޫނެވެ. ރޫޅާނުލެވިގެން ބަޔަކު ތެޅިފޮޅެން
ފެށީއެވެ" މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަކީ ފާހަގަ ކޮށްލެވޭ
ލިޔުމެކެވެ. މިކޮލަމަށް ފަހު ދެން އަނެއްކާވެސް ފެނިގެން މިއައީ
ސަލީމުގެ 'އިރު އޮބްޒާރ' ނަމަކަށް ކިޔާ 'ނޫކުލައިގެ' ވެބްސައިޓު
ވުޖޫދަށް އައިތަނެވެ.
'އިރު އޮބްޒާވަރ' އަކީ ރާއްޖޭގެ ޚަބަރުތައް ގެނެސްދޭ (ދަ
މޯލްޑިވްސް ނިއުސް އަޕްޑޭޓް) އޮންލައިން ނޫހެއްކަމަށް އޭގެ
ހެޑާރގައި ލިޔެފައި އޮތަސް ސަލީމުގެ ޙަޤީޤީ މަޤްޞަދަކީ ސިޔާސީ
ކުޅިގަނޑެއް އޭގެ ތެރެއިންލާފައި ކުޅެވޭތޯ ބެއްލެވުންކަން
ސާބިތުވާން އެބައޮތެވެ. މިސާލަކަށް އޭނާގެ ރަން ގަލަމުން
ލިޔުއްވާފައިވާ "ރާއްޖޭން ބޭރުގައި ތިއްބެވި ދިވެހި އަޚުންނާއި
އުޚްތުންނަށް" އެޑިޓޯރިއަލްގައި ސިޔާސީ ލިޔުންތައް
ފޮނުވައިދިނުމަށްއެދި، ކިޔުންތެރިންނަށް އާދޭސް ދަންނަވާފައިވާކަން
ފާހަގަކުރެވެއެވެ. އަދި މީގެ އިތުރުން މިމަހުގެ ނުވަ ވަނަ ދުވަހުން
ފެށިގެން މިއަދާ ހަމައަށް (4ދުވަސް) ވަންދެން 'ހޮޓް ނިއުސް' ނުވަތަ
އެންމެ ހޫނު ޚަބަރަކަށް "ޑީ.އާރު.ޕީ 2008 ވަނަ އަހަރުގެ ރިޔާސީ
އިންތިޚާބު ކާމިޔާބުކުރަން ޖެހޭނެ : މައުމޫނު" މިސުރުޚީގެ ދަށުން
ލިޔެފައިވާ ޚަބަރު އޮތުމަކީ ސަލީމުގެ ނޫސްވެރިކަމާއިމެދު ސުވާލު
އުފެދޭ ކަމެކެވެ. އޭނާ 'އެންމެ ހޫނު ޚަބަރު' ކަނަޑައެޅުއްވުމުގައި
ބައްލަވާ ނޫސްވެރިކަމުގެ މިންގަނޑަކީ ކޮބައިކަމާއިމެދު ސުވާލު
އުފެދެއެވެ.
ސިޔާސީ މަޢްލޫމާތާއި ޚަބަރު ގެނެސް ދިނުމުގައި އާއި، ޚިޔާލު
ފާޅުކުރުމާއި ފާޑުކިޔުމުގައި ސަލީމު ގެންގުޅުއްވަނީ ޑީ.އާރު.ޕީ
ނޫން އެހެން ޕާރޓީތަކަށް ޒާތީގޮތުން ޙަމަލާދީ، އެޕާޓީ
ޕްރޮމޯޓްކުރުމުގެ ޕްރޮޕަގެންޑާއެއްކަމަށް ވަރަށް ބޮޑަށް
ޤަބޫލުކުރެވެއެވެ. މިނިވަން، ޒިންމާދާރު، ޤާބިލު ނޫސްވެރިއެއްގެ
ހައިސިއްޔަތުން، އިހުނަށްވުރެ ރާއްޖޭގައި މިނިވަންވެފައިވާ
ނޫސްވެރިކަމަށް އޭނާއަށް ކޮށްދެވޭ ޚިދުމަތެއް އޮތްކަމަކަށް
ނުފެނެއެވެ. އެހެންކަމުން އަޅުގަނޑު ދެކެނީ ސަލީމަކީވެސް ރައީސް
މައުމޫނުގެ ސިޔާސަތާއި ޑީ.އާރު.ޕީގެ ހަންފަތުރަން ބޭނުންކުރެވޭ
ނުސީދާ ވަސީލަތެއްކަމަށެވެ. އެމަނިކުފާނު ދެއްވި ރަން ގަލަމުން
ލިޔުއްވަންވާނީވެސް އެމަނިކުފާނުގެ ރަން ވާހަކަތާއެވެ!
ނިމުނީ! |