|
ހިއުމަން
ރައިޓްސް ކޮމިޝަނުގެ ހައިސިއްޔަތު އޮޅުނީބާ..؟
05/01/2007
| އަޒުހާން ފަހުމީ
ޖަލުގައި ކުށްވެރިން ހިންގާ ނުކިޔިމަންތެރިކަމުގެ
ހަމަނުޖެހުންތަކުގެ މައްސަލައަކީ އޭގެ އަސްލު ޠަބީޢަތުގައި
ހިއުމަން ރައިޓްސް ކޮމިޝަނާއި ގުޅުންހުރި މައްސަލައެއް ނޫނެވެ.
އެކޮމިޝަނުގެ ޤާނޫނީ ސިފައާއި، އެމުއައްސަސާގެ އަސްލަށް ބަލާއިރު
ޖަލުގައި ތިބޭ ކުށްވެރިންގެ އިންސާނީ ޙައްޤުތަކަށް އުނިކަން ލިބޭ
ކަންކަން ފިޔަވައި، ޖަލާއިގުޅޭ ކަންކަމުގައި އެކޮމިޝަނުގެ ދައުރެއް
އޮތްކަމަކަށް ނުފެނެއެވެ.
ކޮމިޝަނުގެ ރައީސް ފާހަގަ ކުރައްވާފައިވާ މައިގަނޑު ދެ
މައްސަލައަކީ ޖަލު ބެލެހެއްޓުމުގެ އިންތިޒާމުތައް ކަމުނުދާ
މައްސަލައާއި ޖަލު މީހުން ބޭނުންވާ ކަންތައްތައް ފުރިހަމަ
ކޮށްނުދެވޭ މައްސަލައެވެ. މިދެމައްސަލައިގެ ތެރެއިން ޖަލު
ބެލެހެއްޓުމުގެ އިންތިޒާމުތައް ކަމުނުދާ މައްސަލަ އަކީ
އެއްގޮތކަށްވެސް އެކޮމިޝަނާއި ގުޅުންހުރި މައްސަލައެއް ނޫނެވެ.
ދެވަނަ މައްސަލައެއް ކަމަށް ފާހަގަކުރެއްވި، ޖަލުމީހުން ބޭނުންވާ
ކަންތައްތައް ނުވާ މައްސަލައިގާވެސް އެމީހުންގެ އިންސާނީ
ޙައްޤަކަށް އުނިކަމެއް އައިސްފައިވާކަމަށް ކޮމިޝަނުގެ ރައީސް
ހާމަކުރައްވާފައި ނުވާކަން ފާހަގަކުރެވެއެވެ.
މިކޮމިޝަނުން ފާހަގަ ކުރައްވާފައިވާ ޖަލާއިގުޅޭ މައްސަލަތަކުގެ
ބާވަތުން، ޤައުމުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ސަރުކާރުން
ނިގުޅައިގަނޭތޯ ބެލުމުގައި ޢަމަލުކުރާނެ ވަކި މިންގަނޑެއް ނުވަތަ
އަސާސެއް އެކޮމިޝަނުން ނުގެންގުޅެނީބާއޭވެސް ހިތަށް އަރައެވެ. އަދި
އެކޮމިޝަނަށް އެކޮމިޝަނުގެ މަސައްކަތަކީ ކޮބިކަން ނޭނގެނީބާއޭވެސް
ހިތަށްއަރައެވެ.
ހިއުމަން ރައިޓްސް ކޮމިޝަންއަށް ޤާނޫނީ ގޮތުން ލިބިފައިވާ ބަރާއި
ޤާނޫނުން އެކޮމިޝަނަށް ކަނޑައެޅިފައިވާ އިމުން ބޭރުވުމުގެ ސަބަބަކި
އެކޮމިޝަނުގެ މަސައްކަތް ރާއްޖޭގައި ފެށިގެން އައީ ޖަލާއި ހަމައިން
ކަމަށް ވުމަކީ ވަރަށް ގާތް ކަމެކެވެ. ޖަލުގައި ކުއްވެރިޔަކު މަރާލި
މައްސަލަޔާއި ގުޅިގެން ޖަލުމީހުންގެ އިންސާނީ ހައްޤުތައް ހޯދުމުގެ
މައްސަލަ ރާއްޖޭގައި ތާރީޚީގޮތުން ވެފައިވަނީ ސިޔާސީ
އިންޤިލާބަކަށްވެސް މެއެވެ.
އެހެންކަމުން ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސަށް އެކޮމިޝަނަކީ
ޖަލުބަލަހައްޓާ މުއައްސަސާއެއްގެ ގޮތުގައި ސިފަކުރެއްވެވުމަކީ
ކޮމިޝަނުގެ ޅަފަތުގެ ދައުރުގައި ވުން އެކަށީގެންވާ ކަމެކެވެ.
ދިވެހި ރާއްޖެ ޑިމޮކްރެޓިކް ނިޒާމަކަށް ލޯހުޅުވަން
މަސައްކަތްކުރަމުންދާ ދުވަސްވަރެއްގައި ޤާނޫނީ ބާރުތަކެއް ލިބިގެން
މުސްތަޤިއްލު މުއައްސަސާތައް ހަދާއިރު އޭގެ ފުރިހަމަ ބޭނުމަކީ
ކޮބައިކަން އެނގެން އެބަބޭނުންވެއެވެ. އަދި ހަމަ އެހެންމެ އެފަދަ
މުއައްސަސާތަކަށް އައްޔަން ކުރެވޭމީހުންނަކީ ކަމުވޮށިގެންވާ،
އެމުއައްސަސާގެ މަސައްކަތްތައް ދަންނަ ބަޔަކަށްވެސް
ހަދަންއެބަޖެހެއެވެ. އެހެން ނުވެއްޖެނަމަ ހިއުމަން ރައިޓްސް
ކޮމިޝަނަށް ދިމާވިފަދައިން ކޮމިޝަނާ ނުބެހޭ ގިނަ ޒިންމާތަކަކާ
ކުޅެ، ތަނުގެ ހައިބަތު ނަގާލާ ތަން މާދުރެއް ނުވާނެއެވެ.
އަޅުގަނޑުގެ ނަޒަރުގައި ކޮމިޝަނުގެ ރައީސް ކޮމިޝަނާ ނުގުޅޭ، ގިނަ
ވާހަކަތަކެއް މިގޮތަށް ދައްކަވަން ދިމާވާ މައިގަނޑު ސަބަބަކީ
ރައްޔިތުންގެ އިންސާނީ ހައްޤުތައް ހޯދައި ދިނުމުގައި، އެކޮމިޝަނުގެ
މަސައްކަތާއި މަސްއޫލިއްޔަތުގެ ތަރަހައިން ބޭރުވުމެވެ. އަދި
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައީސް
ކުފޫ ހަމަނުވުމެވެ. ނިމުނީ! |