 |
|
އިބުރާއަށް
އިސްތިއުފާ ދެއްވަން މަޖްބޫރުވަމުން ދިޔުމުގެ ސަބަބަކީވެސް
'ޑިމޮކްރަސީ'
08/02/2006
| ދިޕޮލިޓިކްސް
ދިވެހި ރައްޔިތުންގެ ޑީމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ
ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢިލް (އިބުރާ) އިސްތިއުފާ
ދެއްވަފާނެކަމަށް ވިދާޅުވެ ޕާރޓީއަށް އިންޒާރުކުރައްވާ ބިރު
ދައްކަވައިފިކަމަށް
މިނިވަންނިއުސް ގައި ލިޔެފައި އޮތުމަކީ
އެމް.ޑީ.ޕީގެ ދާޚިލީ ނިޒާމާއި، އެތެރޭގެ ކޯޅުންތަކަށް ފުންކޮށް
ބަލާއިރު ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ބޭރު ފުށުގެ ފެނުމަށް
ވަކި ޤަވާޢިދުތަކެއްގެ ދަށުން، ވަކި އުސޫލަކަށް ހިންގޭ ޕާރޓީއެއް
ކަމަށް އެމް.ޑީ.ޕީ ހެދިފައި އޮތަސް، އެތެރޭގެ ހިންގުންތަކަކީ
ޙަޤީޤަތުގައި މާބޮޑު އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ
ކަންތައްތަކެއް ނޫންކަން ފާޅުވަމުން ދާތީއެވެ.
މިކަމުގެ އަލިގަދަ ހެއްކަކީ މިނިވަން ނޫހުގައި އެމް.ޑީ.ޕިގެ
ރައީސް އިބުރާ ސާފުބަހުން ވިދާޅުވެފައިވާ ވިދާޅުވުންތަކެވެ.
"އަހަރެން އިސްތިއުފާ ދިނުމާއި ބެހޭ ގޮތުން ވިސްނަންޖެހުނީ
ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ކަންތައްތައް ނުދާތީ،
އަދި ޕާރޓީގެ ރައީސްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ
މަސްއޫލިއްޔަތު އުފުލުމުގައި ހުރަސްތަކެއް އެޅިފައިވާތީ،
އަހަރެން މިމައްސަލަ ޙައްލު ކުރެވޭތޯ ބަލައިފިން، އެހެންނަމަވެސް
ހައްލެއް ނުފެނުނު. ރައީސްގެ ނިންމުންތައްވަނީ މުގުރާލެވިފަ.
އެކަމަކު މިގޮތަށް ކަންތައްތައް ހުރިނަމަވެސް އަދި އަހަރެން
އިސްތިއުފާއެއް ނުދެން" (މިނިވަން ނިއުސްގައި އިނގިރޭސި ބަހުން
ލިޔެފައިވާ އިބުރާގެ ވާހަކައިގެ ތަރުޖަމާ) ކޮންމެއަކަސް،
އިބުރާގެ ވާހަކަފުޅުން ދޭހަވަނީ އެމް.ޑީ.ޕީގެ އެތެރޭގައި
'ޑިމޮކްރަސީއޭ' މިކިޔާ އެއްޗެއްގެ މައްޗަށް ޚުދުމުޚުތާރު ބާރެއް
ނުވަތަ ބާރުތަކެއް ވެރިވެފައިވާ ކެމެވެ. ވަކި ފަރާތެއްގެ
ވިސްނުމާއި ފިކުރުގެ މައްޗަށް އެތަކެއް ރައްޔިތުންނެއް
ނިސްބަތްވާ ޕާރޓީއެއް ހިންގުމަށް މަސައްކަތްތަކެއް ކުރެވެމުންދާ
ކަމެވެ.
އިބުރާ އިސްތިއުފާ ދޭނެކަމަށް އިންޒާރު ދެއްވުމުގެ ސަބަބުތަކުގެ
ތެރެއިން އެންމެ ފަހުގެ ސަބަބެއްކަމަށް މަޢްލޫމާތު ލިބިފައިވަނީ
އިބުރާއަށް ފެނިވަޑައި ނުގަންނަވާގޮތަކަށް، އެމް.ޑީ.ޕީގެ ޤައުމީ
ހިންގާ ކޮމިޓީގެ ބައްދަލުވުމަކަށް އަންނި ގޮވާލެއްވުމެވެ.
މިމައްސަލާގައި އިބުރާ ވިދާޅުވެފައިވަނީ އަންނިގެ އެންގުމަކަށް
ބޭއްވޭ ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމަށް ހިޔަނި ކެބިނެޓުގެ
މެމްބަރުން ޙާޒިރުވެވަޑައިގެންފިނަމަ އިބުރާ އިސްތިއުފާ ދެއްވާނެ
ކަމަށެވެ. އަދި އިބުރާގެ އިންޒާރާއިމެދު ފަރުވާލެއް ނުބަހައްޓަވާ
އެބޭފުޅުން އެބައްދަލުވުމަށް ޙާޒިރުވެވަޑައިގަތެވެ. މިކަން
މިގޮތަށް ހިނަގައި ދިޔަނަމަވެސް އިބުރާ އިސްތިއުފާއެއް
ނުދެއްވައެވެ. އިބުރާ ޤަބޫލުކުރައްވާ ގޮތުގައި ޤައުމީ ހިންގާ
ކޮމިޓީގެ ބައްދަލުވުމަށް ގޮވާލާނީ ޕާރޓީގެ ރައީސެވެ.
މިކަމުގައި އެމް.ޑީ.ޕީގެ ޤާނޫނީ މުރުޝިދު ޑރ.މުނައްވަރުގެ
ލަފައާއިއެކު އަންނިގެ ހުއްޖަތަކީ ޕާރޓީގެ އަސާސީ ޤަވާޢިދުގައި
ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުންތަކަށް ގޮވާލަން ޖެހެނީ
ކާކުކަމެއް ބުނެފައި ނެތެވެ. އެއީ ޙަޤީޤަތުގައި
ތެދުވާހަކައެކެވެ. އެމް.ޑީ.ޕިގެ އަސާސީ ޤަވާޢިދުގައި ޞަރީޙަ
ޢިބާރާތުން އެބައްދަލުވުމަށް ގޮވާލަންޖެހޭނީ ކާކުކަމެއް ބަޔާން
ކޮށްފައި ނެތެވެ.
އެހެން ނަމަވެސް އެއަސާސީ ޤަވާޢިދުގައި ޕާރޓީގެ ޗެއަރޕާރސަންގެ
މަސްއޫލިއްޔަތުތަކާއި، ރައީސްގެ މަސްއޫލިއްޔަތުތައް ސާފުކޮށް
ބަޔާންވެގެން ވެއެވެ.
އެގޮތުން އެމް.ޑީ.ޕީގެ އަސާސީ ޤަވާޢިދުގެ 6.1.1 ގެ (ނ) ބުނާ
ގޮތުން ޤައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހައްޓެވުމަކީ
ޕާރޓީގެ ރައީސްގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަން
މިހެން އޮންނާތީ ހިންގާ ކޮމިޓީގެ ބައްދަލުވުންތަކަށް ގޮވާލުމަށް
އެންމު އައުލާކަންބޮޑު ފަރާތަކީ ޕާރޓީގެ ރައީސްކަމަށް ފެނެއެވެ.
ވީމާ، ޕާރޓީގެ ރައީސްގެ ޙާޒިރުގައި އޭނާ ރިޔާސަތު
ބަލަހައްޓަންޖެހޭ މަޖްލީހެއް އެއްކުރުމަކީ، ޗެއަރޕާރސަންގެ
ޒިންމާގައި ނުވާކަމަކަށް ވާއިރު، ޤަވައިދުގެ ބަލިފައިގެ ބޭނުން
ހިފުމަކީ ޕާރޓީގެ އޮނިގަނޑަށް ބަލާއިރު ޤަބޫލުކުރެވޭ ކަމެއް
ނޫނެވެ. އެހެންނަމަވެސް، މިމައްސަލައަކީ ޞަރީޙަ ޢިބާރާތުން
އަސާސީ ޤަވާޢިދުގައި ހިމެނިފައިވާ ނުވާ މައްސަލައަކަށްވާތީ،
މައްސަލަ ޙައްލުކުރުމުގެ ގޮތުން އެކަމަށް ވަކިގޮތެއް ނިންމުމަކީ
ޕާރޓީއަށް ކުރެވިދާނެ ކަމެއްކަމަށްވެސް ފެނެއެވެ.
މިމައްސަލާގައި އަންނި ބުނެފައިވާކަމަށް މިނިވަންނޫހުގައި
ލިޔެފައިވަނީ " ޑިމޮކްރަސީގެ އަސާސީ އުސޫލަކީ ޕާރޓީގެ
މެޖޯރިޓީއަށް ފެންނަ ގޮތަކަށް ޢަމަލުކުރުން...އަސާސީ ޤަވާޢިދުގެ
ރޫޙާއެއްގޮތަށް އަހަރެއް މިމަސައްކަތް ކުރަނީ..އަހަރެން
މިމަސައްކަތް ކުރަނީ އެއްވެސް ސިޔާސީ މަޤާމެއް ހޯދާކަށް ނޫން..
އަދި އަހަރެން މިހިރީ އެއްވެސް ސިޔާސީ މަޤާމެއްގައެއްވެސް ނޫން..
އަހަރެން މިމަސައްކަތް ކުރަނީ ޕާރޓީގެ އެތެރޭގެ ޑިމޮކްރަސީ
ހަރުދަނާ ކުރަން.." ( މިނިވަން ނޫހުގައި އިންގިރޭސިބަހުން
ލިޔެފައިވާ އަންނިގެ ބުނުމެއްގެ ތަރުޖަމާ)
ކޮންމެއަކަސް، މިހާހިސާބުން ދޭހަވަނީ ޑިމޮކްރަސީގެ އުސޫލުން
ހޮވާފައިހުރި ޕާރޓީގެ ރައީސް އިސްތިއުފާ ދިނުމަކާ ހަމައަށް ދާން
ޖެހިފައި މިވަނީ ޕާރޓީގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ
ކުރުމަށް ޕާރޓީގެ ޗެއަރޕާރސަން ކުރާ މަސައްކަތްތަކުގެ
ސަބަބުންނެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނެސް، ޑިކްޓޭޓަރު
ވައްޓާލުމަށާއި، އިސްތިއުފާއަށް ގޮވަމުންދާ އެމް.ޑީ.ޕީ މިއަދު
މިވަނީ ޑިމޮކްރަސީގެ ސަބަބުން ބައިބައިވާން ފަށާފައެވެ.
ނިމުނީ!
|
|
 |
|