 |
|
ދެދަނޑިގަނޑުގެ އެހީގައިވިޔަސް އިބުރާ ތެދުވެވަޑައިގަތީ ދިވެހި
ރައްޔިތުންގެ ޙައްޤުޤައި
07/12/2005
|
އަލްޙާން ފަހުމީ
ރައްޔިތުންގެ މަޖްލީހުގެ މާލޭ މެމްބަރު، އަދި ދިވެހި
ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ
ކެންޑިޑޭޓު، އަލްފާޟިލް އިބްރާހިމް އިސްމާޢީލަކީ ދިވެހި ރައްޔިތުން
އެމީހަކަށްޓަކައި ފަޚުރުވެރިވުން ޙައްޤު، ދިރިހުރި ބަޠަލެއް
ކަމުގައި ނޫނީ ނުވާނެއެވެ. އިބްރާހިމް އިސްމާޢީލަކީ ޖިސްމާނީ
ގޮތުން ނުކުޅެދޭ މީހަކަށްވިޔަސް، ލިބިވަޑައިގެން ހުންނެވި ތަޢްލީމީ
ޘަޤާފަތު ތަންދޭ މިންވަރުން ދިވެހި ރައްޔިތުންނަށް ޚިދުމަތްތަކެއް
ފޯރުކޮށްދެމުން އައިސްފައިވާ، އަދި ރައްޔިތުންގެ ޚިދުމަތުގައި
ސާބިތުކަންމަތީ ދެމިހުރި ހަރުދަނާ ދިވެހި ދަރިއެއްކަމުގައި ނޫނީ
ނުވާނެއެވެ.
އިބްރާހިމް އިސްމާޢީލަކީ ޖިސްމާނީގޮތުން ނުކުޅެދޭ މީހަކަށްވީތީ،
އޭނާއަށް މަލާމާތާއި ފުރައްސާރަކުރާ ބަޔަކު އެ ފުރައްސާރަ ކުރަނީ
ހައްދަވާ ބޮޑުކުރެއްވި ކަލާނގެއަށެވެ. ހަތަރެސްފައި ހަމައަށް
ދެއްވައި، ސިކުނޑީގެ ތަނަވަސްކަމާއި، ޢިލްމީ ޤާބިލިއްޔަތު ލިބިތިބި
ކިތައް މީހުން އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި އެބަތިބީމު
ހެއްޔެވެ. އިބްރާހިމް އިސްމާޢީލް ދަނޑިގަނޑެއްގެ އެހީގައި ކޮޅަށް
ތެދުވެވަޑައިގެން ކުރެއްވިވަރު ޚިދުމަތެއްވެސް އަޅުގަނޑުމެންގެ
ތެރެއިން މަދު މީހަކަށް ނޫނީ ކުރެވިފައި ނެތްކަން މިފުރުޞަތުގައި
އޭނާއަށް ފުރައްސާރަކުރާ އެންމެހާ ފަރާތްތަކަށް ހަނދާންކޮށްދެމެވެ.
ދުނިޔޭގެ އެއްވެސް ތަނެއްގެ ރައީސްކަމަށް ނުވަތަ އެފަދަ މަތީ
މަޤާމަކަށް، ޖިސްމާނީ ގޮތުން ނުކުޅެދޭ ސިފައެއް ލިބިފައިވާ މީހަކު
އައިސްފައި ނުވާކަމަށް ބުނެ، އިބްރާއަށް މަލާމާތާއި ފުރައްސާރަ
ކުރާއިރު، އިނގިރޭސިންގެ އިސްތިއުމާރުން އިންޑިއާ
މިނިވަންކޮށްދެއްވި ގާންދީގެ ޙާލާއިމެދު ވިސްނާލީ ކާކުބާއެވެ.
ފެންނަ ފެނުމަށް 'ކާޑުބަލި' ޖެހިފައިހުރި، ނިކަމެއްޗަކަށްވިޔަސް،
އިނގިރޭސި ތަޚުތުވަނީ އޭނާގެ ހިތްވަރުގަދަކަމުން ގުޑުވާލާފައެވެ.
ހިތްވަރުގަދަ ޢަޒުމަކާއި އީމާންތެރިކަމެއް އޮތް މީހެއްގެ
ކުރިމަތީގައި މަސްފަލަ ސިންގާވެސް ބަލިވެ، ނިކަމެތިވެދާނެކަން
ދުނިޔޭގެ ތާރީޚު ހެކިދީފައިވާކަން ޤަބޫލުކުރަންޖެހެއެވެ.
އިބްރާހިމް އިސްމާޢިލް (އިބްރާ) ދިވެހި ރައްޔިތުންގެ ޙައްޤުޤައި
ދިވެހި ދައުލަތާއި ރައްޔިތުންނަށްޓަކައި އޭނާއަށް ފެންނަ ރަނަގަޅު
ގޮތްތައް ހޯދައިދިނުމަށްޓަކައި ދަނޑިގަނޑެއްގެ އެހީގައި
ތެދުވެވަޑައިގެންކަމީ ދިވެހީން އެކަމުން ޢިބުރަތް ލިބިގަންނަންވި
ކަމެކެވެ. އިބްރާގެ ފިކުރަކީ އަދި މުޅީން ރަނގަޅު ފިކުރުކަމަށް
ނުވިޔަސް، އެފަދަ ހިތްވަރުގަދަ ކެރޭ މީހުންނަކީ ޤައުމެއްގެ
ތަރައްޤީއާއި ކުރިއެރުމަށްޓަކައި ބޭނުންވާ ބައެކެވެ. އަދި، ތިމާގެ
އަޑު ނޫން އަޑުތަކަށް އިޖާބަދިނުމުގެ ސިފަ، އެފަދަ މީހުންގެ
ކިބައިގާ ވާނަމަ، އެވެރިންގެ ފިކުރު އެހެންމީހުންގެ ފިކުރުން
މުއްސަނދިކޮށް ޖަމާޢީ މަޞްލަޙަތަށްޓަކައި މަސައްކަތްކުރާނެކަމީ
ޝައްކެއް އޮތްކަމެއް ނޫނެވެ. އިބުރާއަކީ ރައްޔިތުންގެ އަޑަށް
ކިހާވަރަކަށް އިޖާބަ ދެއްވާ ލީޑަރެއްކަން ތިޔަ ޢިއްޒަތްތެރި
ރައްޔިތުން ތަޖްރިބާ ކުރައްވާށެވެ. އޭނާއަށް އެފުރުޞަތު
ދެއްވާށެވެ. ޤައުމާއި ރައްޔިތުންގެ ޙައްޤުޤައި ކުރިއަށް ދިއުމުގެ
ފުރުޞަތު އިބުރާއަށް ދެއްވައި، އޭނާގެ އިޚްލާޞްތެރިކަން
ބައްލަވާށެވެ. އޭނާއަކީ ޖަލެއްގެ ކުޑަގޮޅިއަކަށް ބިރުން ފިލަން
ދާނެ މީހެއް ނޫކަން އޭނާވަނީ ސާބިތު ކޮށްދެއްވާފައެވެ. ކެރިގެން
ރައްޔިތުންގެ ޙައްޤުޤައި ވާހަކަދައްކާ ރައްޔިތުންގެ ދިފާޢުގައި،
ފުރޮޅުލީ ގޮނޑިއެއްގައިވިޔަސް ނުކުންނާނެ މީހެއްކަން އޭނާ އެވަނީ
ސާބިތުކޮށް ދެއްވާފައެވެ.
އެމް.ޑީ.ޕީގެ ރިޔާސީ އިންތިޚާބުގައި އިބުރާއާއި ވާދަކުރައްވަނީ
ތަޢްލީމީ ގޮތުން އިބުރާއަށްވުރެ މަތީ ފާހެއް ނަންގަވައިގެން
ހުންނެވި ބޭފުޅަކަށްވިޔަސް، އިބުރާ ދިވެހި ރައްޔިތުންނަށް
ކޮށްދެއްވާފައިވާ ޚިދުމަތާއި އަޅާބަލާއިރު ޑރ.ވަޙީދު ކޮށްދެއްވި
ޚިދުމަތެއް ނުވެސް އޮންނާނެއެވެ. ޑރ. ވަޙީދަށް އިބުރާއާއި
އިންތިޚާބެއްގައި ވާދަކުރެއްވުމުގެ ފުރުޞަތު ހޯއްދަވައިދެއްވީ
އިބުރާގެ މަސައްކަތުންކަން އެމް.ޑީ.ޕީގެ މެމްބަރުން ޤަބޫލުކުރަން
ޖެހެއެވެ. އެމް.ޑީ.ޕީގެ ހުންގާނުގެ މިޞްރާބަށް ބައްލަވަން އިބުރާ
ނެތްނަމަ، އެމް.ޑީ.ޕީ މިއަދު އޮތް ހިސާބަށް ނާންނާނެކަން ޔަޤީނެވެ.
ކޮންމެ ކަމެއްގައިވެސް ޙިކުމަތްތެރި ނިންމެވުމަކަށް ވަޑައިގެން،
ސަރުކާރާއި ޤާނޫނުގެ ކުރިމަތީގައި، ސާބިތުކަމާއިއެކު އިބުރާ
ދެމިހުރި ހުރުމަކީ، އިބުރާއާއިއެކު އެމް.ޑީ.ޕީގެ ރައީސްކަމަށް
ވާދަކުރައްވާ ޑރ. ވަޙީދަށް ހުރި ޢިބްރަތެއް ކަމުގައި ނޫނީ
ނުވާނެއެވެ.
އަޅުގަނޑުގެ ދުޢާއަކީ އިބްރާގެ މަސައްކަތަކީ ޙައްޤު ގޮތުގައި
ކުރައްވާ މަސައްކަތެއްނަމަ، މާތް ﷲ އޭނާއަށް ކާމިޔާބާއި ނަޞްރު
ދެއްވުމެވެ. އިބުރާއަކީ އިސްލާމް ދީނަށް ނަޞްރުދީ،
އަނިޔާވެރިކަމާއި ޝިރުކުގެ މަގުން ދިވެހި ރައްޔިތުން
ސަލާމަތްކުރައް މަސައްކަތް ކުރާ މީހެއްނަމަ، ﷲ ތަޢާލަގެ ރަޙުމަތުން
އިބުރާ އެކަހެރި ނުކުރައްވާނެކަމީ ޔަޤީންކަމެކެވެ. މީހުންގެ ހިތާއި
ނަފްސުގައިވާ ސިއްރުތައް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ފަރާތަކީ
އެކަލާނގެއެވެ. ނިމުނީ! |
|
 |
|