03 March 2007

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ދައުލަތުގެ ދުސްތޫރީ ބާރުތައް ބިނާވެފައިވާ ޕޮލިޓިކަލް ސިސްޓަމް ކަނޑައެޅުމަށް ރެފަރަންޑަމަކަށް ދިޔުމަކީ އިރެލެވެންޓް ކަމެއް!
03/03/2007 | އިބްރާހިމް ހާފިޒް


ދައުލަތުގެ ދުސްތޫރީ މައިގަނޑު ތިން ބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރާއި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރު މިނިވަން މުސްތަގިއްލު ތިންބާރުގެ ގޮތުގައި ބޭއްވުމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސެކެވެ. ނަމަވެސް ދައުލަތެއް ހިންގުމުގައި މިތިން ބާރަކީ، އެއްބާރު އަނެއް ބާރާއި ގުޅިގެން މަސައްކަތްކުރަން ޖެހޭ ތިންބާރު ކަމަށް ވެފައި، މިދެންނެވި ގޮތުގެ މަތިން މިތިންބާރު އޭގެ ހަގީގީ މާނާގައި އަމަލީގޮތުން ވަކިނުކުރެވެއެވެ. މިގޮތުން މިޒަމާނުގެ ޑިމޮކްރެކްރެޓިކް ދުސްތޫރު (ޤާނޫނު އަސާސީ) ތަކުގައި ދައުލަތުގެ ދުސްތޫރީ މައިގަނޑު ތިންބާރު އޭގެ ފުރިހަމަ މާނާގައި ވަކިކޮށްފައެއްނުވެއެވެ. ނަމަވެސް ދުސްތޫރުތަކުގައި ބަޔާންކޮށްފައި ވަނީ ދައުލަތުގެ ދުސްތޫރީ މައިގަނޑު ތިންބާރު އެކުލަވާނެގޮތާއި، މިތިން ބާރުގެ ޤާނޫނީ ވާޖިބުތަކާއި އެ ވާޖިބުތައް އަދާކުރާނޭ ގޮތްތަކާއި، މިބާރުތައް އެއްބާރު އަނެއްބާރާއި ހުރި ގުޅުން ތަންޒީމު ކުރާނެ ގޮތްތަކެވެ. ނަމަވެސް ދުސްތޫރުތަކުގައި ދައުލަތުގެ ދުސްތޫރީ ބާރުތައް އެކުލަވާނެ ގޮތްތަކާއި އެބާރުތަކުގެ ވާޖިބުތަކާއި، ވާޖިބުތައް އަދާކުރާނޭ ގޮތްތަކާއި،ދައުލަތުގެ ދުސްތޫރީ ބާރުތަކުގެ ގުޅުން ތަންޒީމު ކުރުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތައް ތަފާތެވެ. މި އުޞޫލުތަކާއި ގަވާއިދުތައް ތަފާތުވުމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު ސިޔާސީ ނިޒާމު ތަކެއްވަނީ އުފެދިފައެވެ. މިގޮތުން އުފެދިފައިވާ މައިގަނޑު ސިޔާސީ ނިޒާމުތަކަކީ އެސެމްބްލީ ގަވަރމަންޓް ނިޒާމާއި ރިޔާސީ ނިޒާމާއި ޕާރލެމެންޓްރީ ނިޒާމާއި ހައިބްރިޑް ނިޒާމްތަކެވެ. ކުރު ގޮތަކަށް މިބަލާނީ މިހަތަރު ނިޒާމުގެ މައިގަނޑު ސިފަތަކަށެވެ.


1- އެސެމްބްލީ ގަވާރމެންޓް ނިޒާމް: މިނިޒާމުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އޮންނާނީ ރައްޔަތުން އިންތިޚާބު ކުރާ ޕާރލަމަންޓެއްގެ އަތްމަތީގައެވެ. އެ ޕާރލަމަންޓުން ގާނޫނު ހެދުމުގެ އިތުރުން، އެ ޕާރލަމަންޓުގެ މެމްބަރުންގެ ތެރެއިން ކަނޑައެޅޭ ވަކި މެމްބަރުންތަކަކާއި ވެރިކަން ހިންގުމުގެ މަސައްކަތް ހަވާލު ކުރެވެއެވެ. ވުމާއިއެކު މިނިޒާމުގައި ވެރިކަން ހިންގާފަރާތް ބޯލަނބާނީ ޕާރލަމަންޓަށެވެ. ދުނިޔޭގައި މިނިޒާމު އޮންނަ ހަމައެކަނީ ގައުމަކީ ސްވިޒަލެންޑެވެ.


2- ރިޔާސީ ނިޒާމް:- އެމެރިކާގައި އުފެދިގެން އައި މިނިޒާމު ބިނާވެގެންވާ މައިގަނޑު ކަންކަމުގެ ތެރެއިން އެއްކަމަކީ ވެރިކަންހިންގުމުގެ ބާރުގެ އިސްވެރިޔަކަށް އެކަކު ހުރުމެވެ. އޭނައަކީ ދައުލަތުގެ ވެރިޔާއަށް ވުމުގެ އިތުރުން ސަރުކާރުގެވެސް ވެރިޔާމެއެވެ. މާނައަކީ މިނިޒާމުގައި ބޮޑުވަޒީރެއް ނުހުންނާނެއެވެ. ދެވަނަ ކަމަކީ، ދައުލަތުގެ ދުސްތޫރީ ބާރުތައް ވީހާ ބޮޑަށް ވަކިކޮށް، އެއްބާރުން އަނެއްބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެހެން މިނިވަންކޮށް މުސްތަގިއްލު ކުރުމާއި އެކު، ކޮންމެވެސް ވަރެއްގެ އެއްބާރުލުމެއް މިބާރުތަކުގެ މެދުގައި އޮތުމެވެ. މި އުޞޫލުގެ މަތިން ވަޒީރުން ޢައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ އިޚްތިޔާރު ރައީސަށް އޮތުމާއި، އެއާއި ޚިލާފަށް ޤާނުނު ހުށަހެޅުމުގެ ބާރާއި ޕާރލަމަންޓް އުވާލުމުގެ ބާރު ރައީސަށް ލިބިގެންނުވުމާއި ސަރުކާރަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ޙައްގު ޕާރލަމަންޓަށް ލިބިގެންނުވުމަކީ މިނިޒާމުގައި ދުސްތޫރީ ބާރުތަކަށް ލިބިފައިވާ މުސްތަގިއްލުކަން އަންގައިދޭ ކަންކަމުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް މުހިންމުކަންތައްތަކެވެ. މިނިޒާމުގައި ބާރުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ދައްކުވައިދޭ ކަންތައްތަކުގެ ތެރޭގައި ޕަރލަމަންޓުން ފާސްކުރާ ގާނޫނުތައް ތަސްދީގުނުކޮށް އަލުން ވިސްނުމަށް އަނބުރާ ފޮނުވާލުމުގެ ބާރު(ވީޓޯ ޕަވާ) ރައީސަށް ލިބިގެންވުމާއި، ދައުލަތުގެ ބައެއް އިސްމަގާމުތަކަށް ރައީސް ޢައްޔަންކުރާ ފަރާތްތައް ގާބޫލު ކުރުމާއި ނުކުރުމުގެ ބާރު ޕާރލަމަންޓަށް ލިބިގެން ވުން ފާހަގަ ކޮށްލެވެއެވެ.


3-ޕާރލެމެންޓްރީ ނިޒާމު: އިނގިރޭސި ވިލާތުން އުފެދިގެން އައި މި ނިޒާމުގައި ވެރިކަން ހިންގުމުގެބާރުގެ ދެވެރިޔަކު ހުންނާނެއެވެ. އެގޮތުން ދައުލަތުގެ ވެރިޔަކީ އިންތިޚާބު ކުރެވިފައިވާ ނުވަތަ ވިރާސީ ގޮތުން ދައުލަތުގެ ވެރިކަމުގައި ހުންނަ، ޢަމަލީގޮތުން ވެރިކަން ހިންގުމުގެ ބާރާއި ސިޔާސީ ބޮޑެތި ބާރުތަކެއް ލިބިފައިނުވާ ސިޔާސީ ގޮތުން މަސްއޫލުނުވާ ރަމްޒީ ފަރާތެކެވެ. ސަރުކާރުގެ ވެރިޔަކީ ބޮޑުވަޒީރެވެ. އެއީ ޕާރލެމެންޓްރީ އިންތިޚާބުން އެންމެ ގިނަ ގޮނޑި ހޯދާ ޕާރޓީއަކުން ކަނޑައަޅާފަރާތެކެވެ. މިގޮތުން ސަރުކާރުގެ ވެރިޔަކަށް ކަނޑައެޅޭ ފަރާތަކީ، ސަރުކާރު ޢަމަލީ ގޮތުން ހިންގާ ފަރާތައް ވުމުގެ އިތުރުން ސިޔާސީ ގޮތުން ކޮލެކްޓިވް މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތެވެ. މިނިޒާމުގައި ދެން ފާހަގަ ކޮށްލެވާ ކަމަކީ ވެރިކަން ހިންގާބާރާއި ގާނޫނު ހަދާ ބާރުން މި ދެބާރުގެ ދުސްތޫރީ ވާޖިބުތައް އަދާ ކުރުމުގައި މަސައްކަތްކުރާނީ، މި ދެބާރުގެ ދެމެދުގައި ޗެކް އެންޑް ބެލެންސް އޮވެގެންނެވެ. ދައުލަތުގެ ރައީސަށް ޕާރލަމަންޓް އުވާލުމުގެ ބާރު އޮތުމާއި ޕާރލަމެންޓުން ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ޙައްގު އޮތުމަކީ މިގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެވެ.


4- ހައިބްރިޑް ސިސްޓަމްސް: މިނިޒާމުތައް އުފެދިފައިވަނީ ރިޔާސީ ނިޒާމާއި ޕާރލިމެންޓްރީ ނިޒާމުގެ މައިގަނޑު ސިފަތައް އެކުލެވިގެންނެވެ. މިގޮތުން ވެރިކަން ހިންގުމުގެ ބާރުގެ ދެވެރިޔަކު( ރައީސަކާއި ބޮޑުވަޒީރެއް) ހުންނަ އިރު މި ދެފަރާތަކީ ވެސް އެ ބާރުގައި ހިއްސާވާ ދެފަރާތެވެ. އަދި މިނިޒާމުތަކުގައި -ފްރާންސާއި ލިސްރު ގައިވާފަދައިން- ޢާންމު ގޮތެއްގައި ރައީސަށް ލިބިފައިވާ ދުސްތޫރީ ބާރުތައް ބޮޑުވަޒީރަށް ވުރެން ގިނަވެފައި އިތުރުވާނެއެވެ. ނަމަވެސް މި ދެފަރާތަކީވެސް ސިޔާސީގޮތުން މަސްއޫލުދެފަރާތެވެ. މީގެއިތުރުން މިނިޒާމުތަކުގައި ޕާރލެމެންޓްރީ ފީޗާސްތަކާއި ރިޔާސީ ފީޗާސް އެކި އެކި ގައުމުތަކުގައި އެކި މިންވަރަށް އަދި އެކި ފެންވަރަށް ބޭނުން ކުރެވެއެވެ.

ވުމާއި އެކު، މިވެނި ގައުމެއްގައި އޮންނަ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް ނުވަތަ ޕަރލެމެންޓްރީ ނިޒާމެއްކަމަށް ނުވަތަ ހައިބްރިޑް ނިޒާމެއްކަމަށް ބުނެވެނީ އެގައުމެއްގެ ގާނޫނު އަސީސީގެ ދުސްތޫރީ ބާރުތަކުގެ ގުޅުން ކަނޑައެޅިފައިވާ އުޞޫލުތަކާއި މިންގަނޑުތަކާއި ސިފަތަކާއި ގޮތްތަކަށް ބެލިގެންނެވެ. ދައުލަތެއްގެ ވެރިޔަކަށް ނުވަތަ ސަރުކާރުގެ ވެރިޔަކަށް ރައީސަކު ހުންނާތީ އެގައުމެއްގައި އޮންނަނީ ރިޔާސީ ނިޒާމެއްކަމަށް، ނުވަތަ ގައުމެއްގައި ބޮޑުވަޒީރެއް ހުންނާތީ އެގައުމެއްގައި އޮންނަނީ ޕާރލެމެންޓްރީ ސިސްޓަމްކަމަށް ބުނެވޭކަށް ނޯންނާނެއެވެ. އަދި އެއްވެސް ޙާލެއްގައި ތަނެއްގެ އޮންނަ ވެރިކަމުގެ ނިޒާމަކީ ޖުމްހޫރީ ނިޒާމެއްކަމަށް ނުވަތަ ރަސްކަމުގެ ނިޒާމެއްކަމަށް ގާނޫނު އަސާސީން ކަނޑައަޅާ ފަދައިން، ގައުމެއްގެ ދުސްތޫރީ ބާރުތަކުގެ ގުޅުން ތަންޒީމު ކުރާ ސިޔާސީ ނިޒާމެއް ގާނޫނު އަސާސީގައި ލިޔެވިފައި އޮންނާކަށް ނުޖެހެއެވެ. ޙަޤީޤަތުގައި އެއްވެސް ގައުމެއްގެ ގާނޫނު އަސާސީގައި މިދެންނެވި ގުޅުން ތަންޒީމުކުރާ ނިޒާމަކީ މިވެނި ނިޒާމެއްކަމަށް ލިޔެވިފައި ނުއޮވެއެވެ. އެހެންނަމަވެސް އެ ގައުމެއްގެ ޤާނޫނު އަސާސީގައި ދައުލަތުގެ ދުސްތޫރީ ބާރުތަކުގެ ގުޅުން ތަންޒީމު ކުރުމަށް ކަނޑައެޅިފައި އޮންނަ ގަވާޢިދުތަކާއި އުޞޫލުތަކުން، ތަނުގެ އޮންނަ ނިޒާމެއް އެންމެ ކައިރި ކުރަނީ ކޮން ނިޒާމަކާކަން އެނގެއެވެ.
ހަގީގަތުގައި ޑިމޮކްރެޓިކް ދުސްތޫރުތަކުގައި ވަކި ނިޒާމެއް މިކަމުގައި އެޑޮޕްޓް ނުކުރާ ސަބަބަކީ މިނިޒާމުތަކަކީ ބާވާލެއްވި އެއްޗެއްހެން "ރިޖިޑް" އެއްޗެއްކަށް ނުވެފައި، އުފެދުނު އިރުއްސުރެން، ޒަމާނުން ޒަމާނަށް ބަދަލުވަމުން އަންނާތީއެވެ. ނަތީޖާއެއްގެ ގޮތުން އެކި ގައުމުތަކުގައި އެގައުމެއްގެ ސިޔާސީ އަދި ދުސްތޫރީ ގޮތުން އަންނަ ބަދަލުތަކުގެ އަލީގައި މިނިޒާމުތަކަށް ޢަމަލު ކުރަމުން އަންނަ ގޮތްވެސް ތަފާތެވެ. އެހެންކަމުން ކޮންސްޓިޓުއުޝަނަލް ނުވަތަ ދުސްތޫރީ ބައެއް ތަޖުރިބާކާރުން ދެކެނީ ސާބިތު އެއް ރިޔާސީ ނިޒާމެއް، އަދި ސާބިތު އެއް ޕާރލަމެންޓްރީ ނިޒާމެއް ނުއޮންނަ ކަމަށެވެ. އެހެންނަމަވެސް އޮންނަނީ ރިޔާސީ ނިޒާމުތަކަކާއި ޕާރލަމަންޓްރީ ނިޒާމުތަކެއް ކަމަށެވެ.

މިއީ މިކަމުގެ ހަގީގަތަށް ވީއިރު، ދިވެހިރާއްޖޭގެ ޤާނޫނީ އަސާސީ އިސްލާހުކުރުމަށް އެއްކޮށްފައިވާ ރައްޔަތުންގެ ޚާއްސަމަޖިލީހުން ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ޕާރލަމެންޓްރީ ނިޒާމެއްތޯ ކަނޑައަޅަން ވެގެން ނަގަން އުޅޭ ވޯޓަކީ ދިވެހިރާއްޖޭ ގާނޫނު އަސާސީން ރައްޔިތުންގެ ޚާއްސަމަމިޖިލީހަށް ލިބިދޭ ޙައްގަކަށް ނުވުމުގެ އިތުރުން، އެވޯޓަކީ އޭގެ ޒާތުގައި ބޭނުން ހުރި ކަމެއް ނޫނެވެ.


މިމައްސަލާގައި ޚާއްޞަމަޖިލީހުގެ އިސްވާޖިބަކަށް ވާންޖެހޭނީ ގާނޫނު އަސާސީ އިސްލާހު ކުރާއިރު ވަކި ސިސްޓަމަކަށް އަމާޒު ކުރުމުގެ ބަދަލުގައި ދުސްތޫރި ބާރުތަކުގެ (ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރާއި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރު) މެދުގައި އޮންނަ ގުޅުން ބަޔާންކުރުމުގައި ޑިމޮކްރަސީގެ އުސޫލުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ އަދި ދުސްތޫރީ ޙަޔާތައް އަންނަންޖެހޭ ބަދަލުތަކަށް ރިޢާޔަތްކޮށް ދިވެހިރާއްޖެއާއި އެންމެ އެކަށޭނެ ނިޒާމެއް ގާއިމު ކުރުމަށެވެ. އަސާސެއްގެ ގޮތުން ދައުލަތުގެ ތިންބާރު ވަކިކުރެވެންޖެހޭނެއެވެ. މި އަސާސަށް ބިނާކޮށް ދައުލަތުގެ ދުސްތޫރީ ބާރުތަކުން ކޮންމެ ބާރެއް އެކުލަވާނެ ގޮތްތަކާއި، އެބާރެއްގެ ހުދޫދުތަކާއި ވާޖިބުތަކާއި ވާޖިބުތައް އަދާކުރާނެ ގޮތްތައް ގާނޫނު އަސާސީގައި ބަޔާން ކުރުމުން ދިވެހި ދައުލަތުގެ ދުސްތޫރީ ބާރުތަކުގެ މެދުގައި އޮންނަ ގުޅުން ތަންޒީމްކުރާ ސިޔާސީ ނިޒާމް އެނގޭނެއެވެ. އެއްވެސް ޙާލެއްގައި މިކަމަކީ ވޯޓުނަގަން ނުވަތަ ރެފަރަންޑަމަކަށް ދާންޖެހޭ ކަމެއްނޫނެވެ. ރެފަރަންޑަމަކަށް ދާން ޖެހެނީ މުޅި ގާނޫނު އަސާސީ އިސްލާހުކޮށް ނިމުމަށްފަހު އިސްލާޙުކުރެވުނު ގާނޫނު އަސާސީ އާއި ރައްޔަތުން ގަބޫލުތޯ ނުވަތަ ގަބޫލުނޫންތޯ ބަލާށެވެ.


ވުމާއިއެކު، ރައްޔިތުންގެ ޚާއްސަމަޖިލީހުން އެމީހުންގެ ޖޫރިސްޑިކްޝަން ތެރޭގައި ނުވާ ކަމެއް(ރެފަރަންޑަމްނެގުން) ތަންޒީމު ކުރާނެ މުއައްސަސާއެއް ކަނޑައެޅުމުގެ ބަހުސުގައި އެ މަޖިލީހުގެ މަސައްކަތް ޑެޑްލޮކް ކުރާކަށް ނުޖެހެއެވެ. އަދި އިޝާރަތް ކުރަމެވެ. ރެފަރަންޑަމަކީ ސެމީ-ޑައިރެކްޓް ޑިމޮކްރަސީގެ ވަސީލަތަކައްވެފައި، އެޑިމޮކްރަސީ ޕްރެކްޓިސް ކުރުމުގައި ރެފަރަންޑަމް ނަގަންޖެހޭ ހާލަތްތަކާއި ކަންކަމާއި ރެފަރަންޑަމަށް ގޮވާލުމުގެ ބާރު ލިބިގެންވާ ފަރާތްތައް ދުސްތޫރުތަކުގައި ވަނީ ބަޔާންވެފައެވެ. ރާއްޖޭގެ ގާނޫނު އަސާސީ އިން މި ޙައްގު ލިބިފައިވާ ހަމައެކަނި ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާއެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ޅ) ގައި އިޝާރާތް ކޮށްފައިވާ ބޮޑެތި މައްސަލަތައް ވާންޖެހޭނީ ޢާންމުގޮތެއްގައި ދައުލަތުގެ ސިޔާދަތާއި ގުޅިފައިވާކަންތަކަށެވެ. އެހެންކަމުން ދުނިޔޭގެ ދުސްތޫރީ ތާރީޚުގައި އެއްވެސް ގައުމެއްގައި ދައުލަތުގެ ދުސްތޫރީ ބާރުތަކުގެ ގުޅުން ތަންޒީމު ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުތޯ ނުވަތަ ޕާރލަމަންޓްރީ ނިޒާމުތޯ ނުވަތަ ހައިބްރިޑް ނިޒާމެއްތޯ ނުވަތަ އެސެމްބްލީ ގަވަރމެންޓް ނިޒާމެއްތޯ ކަނޑައެޅުމަށް ރެފަރަންޑަމަކަށް ގޮސްފައިނުވެއެވެ. މިކަކަމަކީ ރައްޔަތުންގެ ޚާއްޞަމަޖިލީހުގެ މެމްބަރުންނަށް އެނގެންޖެހޭ އަދި ވިސްނާލަން ވެއްޖެކަމެވެ.






 

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved