|
|
 |
|
|
|
މއ.ކިނބިގަސްދޮށުގޭ މައުމޫން
ޢަބްދުލް ޤައްޔޫމަކީ "ކޮޕެއްތަ" ސިޔާސީ ޕާރޓީއެއް ހެދުމާއި
އެފަދަ ޕާރޓިއެއްގެ މެމްބަރަކަށް ވުމަކީ އޭނާއަށް ކުރެވިދާނެ
ކަމެއްބާ؟
09/06/2005 |
ދިޕޮލިޓިކްސް
ދިވެހިރާއްޖޭގައި ސިޔާސީ ޕާރޓީގެ
ނިޒާމް ތަޢާރަފް ކުރެވިފައިވަނީ ސަރުކާރުގެ އޮފީހަކުން
ހަދާފައިވާ އާދައިގެ ޤަވާޢިދެއްގެ ދަށުންނެވެ. ކުރީންވެސް މި
ސައިޓުގައި ބަޔާންކުރެވިފައިވާ ފަދައިން މިކަމަކީ ރައްޔިތުންގެ
މަޖިލީހުގެ ޤާނޫނެއްގެ ދަށުން ފެށެންޖެހޭ ރައްޔިތުންގެ ސިޔާސީ
ޙައްޤުތަކާއި ގުޅިފައިވާ ކަމެކެވެ.
މި ދަންނަވާ، ދިވެހި ރައްޖޭގެ 'ސިޔާސީ ޕާރޓީގެ ޤަވާޢިދު 2005' ގެ
5 ވަނަ ނަންބަރުގެ (އ) ، (ވ) ގައި ބުނާ ގޮތުން ސިފައިންގެ
މީހުންނާއި، ފުލުހުންގެ މީހުން ސިޔާސީ ޕާރޓިއެއްގެ މެމަބަރަކަށް
ވެގެން ނުވާނެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ
މާއްދާގައި " ދައުލަތުގެ އެންމެމަތީ ވެރިޔަކީ، އަދި ސަރުކާރުގެ
އެންމެ މަތީ ވެރިޔަކީ، އަދި ދިވެހިރާއްޖޭގެ ސިފައިންނާއި
ފުލުހުންގެ އެންމެމަތީ ވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާއެވެ."
އޮންނާތީ މއ.ކިނބިގަސްދޮށުގޭ މައުމޫނަކީ (މިހާރު ދިވެހިރާއްޖޭގެ
ރައީސުލް ޖުމްހޫރިއްޔާ) ސިފައިންގެ މީހެއްތޯ ސުވާލު އުފެދިފައި
ވެއެވެ.
މިސުވާލަށް ޖަވާބު ދިނުމުގެ ކުރީން، ދިވެހިރާއްޖޭގެ ކުރީގެ
ބަންޑާރަ ނައިބު ޑރ. މުޙަންމަދު މުނައްވަރުގެ ޤާނޫނީ ލަފާގައި
ވިދާޅުވިފަދައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
އެކުލަވާލެވިފައިވަނީ ސިޔާސީ ޕާރޓީގެ ނިޒާމަކަށް ތަން ދީގެން
ނޫންކަން ފާހަގަކޮށްލެމެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައި ރައީސުލް ޖުމްހޫރިއްޔާގެ
ވާޖިބުތަކާއި މަސައްކަތްތަކުގެ ތެރޭގައި ސިފައިންގެ އެންމެ
މަރީވެރިޔާގެ މަޤާމު ހިމެނިފައިވެއެވެ. އެމެރިކާއާއި އިނގިރޭސި
ވިލާތްފަދަ އެންމެ ބޮޑު ޑިމޮކްރަސީތަކުގައި މިކަން އޮތީ
މިހެންނެވެ.
ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް ގ.ކެނެރީގޭ މުޙަންމަދު
ނަޝިދު (އަންނި) އިންތިޚާބުކުރެވުނަސް، އަދި ގ.މާފުށީގޭ އަޙްމަދު
ޝަފީޤު މޫސާ (ސައްޕޭ) އިންތަޚާބު ކުރެވުނަސް މި ދެބޭކަލުންވެސް
ވާނީ މިހާރު ޤާނޫނުއަސާސީ ބުނާގޮތުން، ރައީސުލް
ޖުމްހޫރިއްޔާކަމުގެ އިތުރުން ސިފައިނާނާއި ފުލުހުންގެ އެންމެ
މަތީވެރިޔާއަށްވެސް މެއެވެ. ހަމަ އެހެންމެ، ރާއްޖޭގައި ދީނީ
ޝުޢޫރު ފާޅުކުރުމުގެ އެންމެ މަތީވެރިޔާއަށްވެސް މެއެވެ.
މިހެން މިކަން އޮތަސް، ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި
ހުންނަވާ ފަރާތަކީ އެއްވެސް ޙާލެއްގައި ސިފައިންގެ މީހެއް ނުވަތަ
ފުލުހުންގެ މީހެއް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާ ކަމުގެ
މަޤާމުގައި ހުންނަ ފަރާތެއް މަޤާމުން ވަކިވުމާއިއެކު، އެ
ހައިސިއްޔަތުން އެފަރާތަކަަށް ލިބިފައިވީ އެންމެހާ ބާރުތައް
ނިމިގެން ދާނެއެވެ. އެބަހީ، ރައީސުލް ޖުމްހޫރިއްޔާކަމުގެ
މަޤާމަށް ޤާނޫނުއަސާސީގައި ކަނޑައެޅޭ ބާރުތަކެއްގެ ސަބަބުން އެ
މަޤާމު ފުރުއްވާ ފަރާތަކަށް ލިބިފައިވާ ޤާނޫނީ ޝަޚްޞިއްޔަތު
ގެއްލިގެން ނުދާނެއެވެ. މިއާއި ޚިލާފަށް، ޤާނޫނުއަސާސީއާއި
އެއްގޮތްވާ ގޮތުގެ މަތީން ފާސްކުރެވޭ ޤާނޫނަކުން ނުވަތަ
ޤަވާޢިދަކުން ރައީސުލްޖުމްހޫރިއްޔާ އަށް މިވެނިކަމެއް
ނުކުރެވޭނެކަމަށް ނިމިއްޖެނަމަ އެކަމެއް އެ މަޤާމުގައި ހުންނަވާ
ފަރާތަކަށް ނުކުރެވޭނެއެވެ.
ވީމާ، ދިވެހިރާއްޖޭގެ ސިޔާސީ ޕާރޓީއާއި ބެހޭ ޤަވާޢިދުގައި ސިޔާސީ
ޕާރޓީއެއްގެ މެމްބަރުންނަށް ވެގެން ނުވާނެކަމަށް ބުނެވިފައިވާ
މީހުންގެ ލިސްޓުގައި ރައީސުލް ޖުމްހޫރިއްޔާ ހިމެނިފައި ނުވާތީ،
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގައި މިހާރު ހުނަނެވި
ފަރާތަކީ، ނުވަތަ ކުރިއަށް އޮތް ތާނގައި އެ މަޤާމަށް
އިންތިޚާބުކުރެވޭ ފަރާތަކީ، ސިޔާސީ ޕާރޓީ ހަދައި، އެފަދަ
ޕާރޓީތަކުގެ މެމްބަރަކަށް، ޙަވާލާދެވިފައިވާ ސިޔާސީ ޕާރޓީގެ
ޤަވާޢިދުގެ ދަށުން ވެވިިދާނެ ފަރާތެކެވެ.
މއ. ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމަކީ ރާއްޖޭގައިވާ
ޤާނޫނުއަސާސީއާއި، ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް
ބަލާއިރު އެއްވެސް ޙާލެއްގައި ސިފައިންގެ މީހެއް، އަދި
ފުލުހުންގެ މީހެއް ނޫނެވެ. އަދި އޭނާއަކީ ރާއްޖޭގެ ރައީސުލް
ޖުމްހޫރިއްޔާކަމުގެ މަޤާމު ފުރާ ޙާލުގައި، ސިޔާސީ ޕާރޓީއެއް
ހެދުމާއި، ސިޔާސީ ޕާރޓީއެއްގެ މެމްބަރަކަށްވުމުގެ ޙައްޤު ޤާނޫނީ
ގޮތުން އޮތް މީހެކެވެ. އެބަހީ، އޭނާގެ ކިބައިން އެ ޙައްޤު
ނިގުޅައިގަންނަ އެއްވެސް ޤާނޫނެއް ޤަވާޢިދެއް އަދި ރާއްޖޭގައި
ހެދިފައި ނެތެވެ.
ނިމުނީ!
|
|
 |
|