 |
|
ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އަސާސީ އުސޫލުތައް : ސިޔާސީ
ހީލާތެއް!
06/03/2006
| އަލްޙާން ފަހުމީ
ރައީސް
މައުމޫނު އިސްނަންގަވައިގެން ހުށަހަޅުއްވާފައިވަނީ 'އިޞްލާޙީ
އެޖެންޑާ'އެކެވެ. އެ އެޖެންޑާއެއް ހުށަހެޅުއްވުމަށް
އެމަނިކުފާނަށް ޖެހިވަޑައިގަތީ އެނޫން އެހެން ސިޔާސީ އުކުޅެއް
ހައްދަވަން އެނގިވަޑައިނުގަތުމުން ކަމަށްވުމަކީ ދުރުގައިވާ
ކަމެއް ނޫނެވެ. އެމަނިކުފާނުގެ ރައީސްކަމުގައި ދިވެހިރާއްޖެ
ގިރާކޮށްފައިވާ 28 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި
ޑިމޮކްރަސީއާއި އިޞްލާޙުގެ ވާހަކަ މީގެކުރިން އެމަނިކުފާނު
ގެންނަވާފައިވަނީ އިންތިޚާބީ އަދި ރިޔާސީ މުނާސަބާތުތަކުގައި
ވިދާޅުވާ ފަށުވި ބަސްތަކެއްގެ ސިފައިގާކަން، އެބަސްތައް އަޑުއެހި
ދިވެހީން ހެކިވާނެއެވެ.
މިޒަމާނުގެ ސިޔާސީ މައިދާނަށް ބަލާއިރު، އިޞްލާޙި ބަދަލުތަކާއި
ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ވާހަކައަކީ ދުނިޔޭގެ ހުރިހާ
ޤައުމެއްގައިވެސް ސަރުކާރުތަކުން މެދުކެނޑުމެއްނެތި ދައްކާ
ވާހަކައެކެވެ. އެހެންނަމަވެސް އެވާހަކަތަކަށް ޢަމަލީ ސިފައެއް
ގެނެވެނީ މަދު ސަރުކާރަކަށެވެ. ހިތާމައާއިއެކު ފާހަގަކުރަން
ޖެހެނީ ރައީސް މައުމޫނުގެ ސަރުކާރަކީވެސް މިދެންނެވިހެން، ބަހާއި
ޢަމަލާއި ދިމާނުވާ ސަރުކާރުތަކުގެ ލިސްޓުގައިވާ
ސަރުކާރެއްކަމެވެ.
ކުއްލިއަކަށް ރާއްޖޭގެ ސިޔާސީ ނިޒާމަށް ދުސްތޫރީ އިޞްލާޙުތަކެއް
ގެންނައުމުގެ މަސައްކަތް ފަށައިގަންނަންޖެހުމާއި، ޚުދު ރައީސް
މައުމޫނުގެ އަމިއްލަފުޅު ސިޔާސީ މިޞްރާބަށް ކުއްލި ބަދަލުތަކެއް
ގެންނަވަން ޖެހިވަޑައިގަތީ ކީއްވެގެންކަން އޮޅިފައިވާ ދިވެއްސަކު
ނުހުންނާނެއެވެ. ރަސްކަމެއް ނެތަސް، ރަސްކަމުގެ ސިފަތަކުން
ފުރިފައި އޮތް ޢާއިލީ ވެރިކަމުން އެކުލަ ކޮންމެވެސް
މިވަރަކަށްނަމަވެސް މަޑު ކުރައްވަން ޖެހިވަޑައިގަތީ، ކޮންކަހަލަ
ސިޔާސީ މަސްރަހެއްގެ ތެރެއިންލާފައިކަންވެސް އަޅުގަނޑުމެން
ދިވެހީން ދެނެތިބީމުއެވެ. މިވާހަކަތަކުގެ ތަފްސީލަކީ އަޅުގަނޑުގެ
މައުޟޫޢާއި އެހާ ގުޅުންހުރި ވާހަކަތަކަކަށް ނުވާތީ އެހިސާބުން
އެވާހަކަ ތިޔަބޭފުޅުންގެ އަމިއްލަފުޅު ތަޖްރިބާއަށް
ދޫކޮށްލާނަމެވެ.
ރައްޔިތުންގެ ޚާއްޞަ މަޖްލިސް (ދިވެހިރާއްޖޭގެ ދުސްތީރީ
މަޖްލިސް) ގެ ރައީސަކީ ރައީސް މައުމޫނުގެ އަނބިކަބަލުންގެ
އެއްބަނޑު އެއްބަފާ ބޭބޭފުޅެވެ. އެމަޖްލީހުގެ ނާއިބު ރައީސަކީ
ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އެމަޖްލިހުގައި
ގިނައިން ތިއްބެވީ ސީދާ އެމަނިކުފާނު އައްޔަން ކުރައްވާފައި
ތިއްބެވި ބޭފުޅުންނެވެ. އަޣްލަބިއްޔަތު އޮތީ އެމަނިކުފާނަށެވެ.
އެމަޖްލީހުގައި ތިއްބެވި އިދިކޮޅު ޕާރޓީގެ ބޭފުޅުންނަކީ
މައިނޯރިޓީ (މަދުމީސްކޮޅެއް) އެކެވެ. މަޖްލީހުގައި ކަމެއް
ވަކިގޮތަކަށް އެމަނިކުފާނު ނިންމަވަން ބޭނުންފުޅުނަމަ އެކަމެއް
އެގޮތަކަށް ނިމިގެން ދާނެއެވެ. ފާއިތުވި އަހަރެއްހާ ދުވަހު،
އެމަޖްލީހުގައި ހިނގާފައިވާ ކަންތައްތަކާއި، މަޖްލީހުގެ
ޔައުމިއްޔާއިން އެކަން ސާބިތުވާނެއެވެ.
ސުވާލަކީ ޤާނޫނުއަސާސީގައި ހުންނަންވާ އަސާސީ ސިފަތަކާއި އަސާސީ
އުސޫލުތަކާއި ބެހޭގޮތުން މިމަޖްލީހުގައި ވާހަކަދެއްކުމުގެ
ނަމުގައި އެޖެންޑާ ކުރެވިފައިވާ އައިޓަމަކީ ކޮން ބޭނުމެއްގައި
އެޖެންޑާ ކުރެވިފައިވާ އައިޓަމެއްބާވައެވެ؟ ޤާނޫނުއަސާސީއެއްގައި
ހުންނަންވާ އަސާސީ ސިފަތަކާއި އުސޫލުތަކަކީ އޮޅި،
ވަންހަނާވެފައިވާ އެއްޗެއް ބާވައެވެ؟ މިޒަމާނުގެ ދުސްތޫރީ
ނިޒާމުތަކާއި، ދުސްތޫރީ ޢިލްމުގައި އެސިފަތައް ސާފުކޮށް
ބަޔާންކޮށްފައިވާއިރު، މިކަމާއި ބެހޭގޮތުން ދިގު ބަޙުސަކަށް
ދިޔުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ ބައިސްކަލު ދުއްވާ މީހަކަށް
ބައިސްކަލެއްގައި ދެ ފުރޮޅު ހުރުމަކީ އޭގެ އަސާސީ ސިފައެއްކަން
އެނގޭފަދައިން، ދުސްތޫރީ މައިދާނުގައި ޤާނޫނުއަސާސީއެއްގައި
ހުންނަންވާ އަސާސީ ސިފަތަކާއި އުސޫލުތަކަކީ އެނގޭ އެއްޗެކެވެ.
އަޅުގަނޑު ދެކޭގޮތުގައި މިފަދަ ބޭކާރު، ދިގު ބަޙުސްތައް
މަޖްލީހުގެ އެޖެންޑާގައި ހިމެނުމަކީ ސީދާ ސަރުކާރުން
ބޭނުންފުޅުވާ ވަކި، ސިޔާސީ މަޤްޞަދެއް ޙާޞިލުކުރެއްވުމަށްޓަކައި
ރޭވިފައިވާ ސިޔާސީ ހީލަތެކެވެ. މަޖްލީހުގެ ރައީސާއި
ނައިބުރައީސްގެ މަޤާމުގައި ރައީސް މައުމޫނުގެ ޢާއިލީ ބޭފުޅުން
ތިއްބަވައިގެން، ސަރުކާރުގެ ވަޒިރުންނާއި، ރައީސުލް ޖުމްހޫރިއްޔާ
އައްޔަންކުރައްވާފައިވާ މެމްބަރުންނާއި، އިންތިޚާބުކުރެވިފައިވާ
ބައެއް މެމްބަރުން މި ހީލަތް ސަރުކާރަށް ހައްދަވައިދެއްވުމުގައި
ބައިވެރިވެވަޑައިގަންނަވާކަމަށް ދަންނަވަންޖެހެނީ، އެބޭފުޅުންގެ
އަޣްލަބިއްޔަތު އޮތް މަޖްލީހެއްގައި، މިފަދަ ދޯދިޔާ ސިޔާސަތެއް
ރޭވިގެން، އިޞްލާޙީ މަސައްކަތް ލަސް ކުރެވެމުން ދާތީއެވެ.
ޤާނޫނުއަސާސީގެ ބަނޑޭރި ގަނޑުގައި ހުންނަންވާނީ ކޮން ކުލައަކާއި
ބެހޭގޮތުން ބަހުސް ކުރުމަކީވެސް މިފަދަ 'އިޞްލާޙީ އެޖެންޑާ'
އެއްގައި ވުން އެކަށީގެންވާ ކަމެކެވެ. ބޭނުންފުޅުވަނީ އަވަސް
ދުސްތޫރީ އިޞްލާޙެއް ވިއްޔާއެވެ! ނިމުނީ!
|
|
 |
|