|
ޖަސްޓިސް މިނިސްޓަރު ޖަމީލުގެ 'އަބުރާ ބެހޭ ޤަވައިދު'
23/12/2006
| އަލްޙާން ފަހުމީ
އަބުރާ ބެހުމުގެ ކުށުގެ މަދަނީ ބަދަލު އޮތީ ދިވެހިރާއްޖޭގެ
ޤާނޫނުލް ޢުޤޫބާތުގެ 164 ވަނަ މާއްދާގައި ކަނޑައަޅާފައެވެ.
އެހެން އެކަން އޮއްވާ، ޖަސްޓިސް މިނިސްޓްރީން އެ ޤާނޫނާއި
ޚިލާފުވާ ގޮތަށް ޤަވާޢިދެއް ހެދުމަކީ އެމިނިސްޓްރީއަށް
ދުސްތޫރީގޮތުންނާއި ޤާނޫނީ ގޮތުން ލިބިގެންވާ ބާރެއް
ނޫނެވެ. އެ ޤާނޫނުގައި އަބުރާ ބެހުމުގެ ކުށުގެ މަދަނީ
ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަތޭކަ ދިވެހި
ރުފިޔާއާއި ފަސްހާސް ދިވެހި ރުފިޔާއާއި ދެމެދުގެ
ޢަދަދެކެވެ.
ޤާނޫނުގައި އެގޮތަށް ކަނޑައެޅިފައިވާއިރު، އެކުށުގެ މަދަނީ
ބަދަލު ހޯދުމަށްޓަކައި، އަމިއްލަ ފަރާތްތަކުން
ޝަރީޢަތުގައި ދަޢުވާ ކުރާނެ ގޮތުގެ ޤަވާޢިދެއް ހެދުމުގެ
ނަމުގައި، އެޤާނޫނާއި ފުށޫއަރާ ގޮތަށް، ނުވަތަ އެޤާނޫނާއި
ޚިލާފުވާގޮތަށް އެއްވެސް ޤަވާޢިދެއް ހެދުމުގެ އެއްވެސް
ޤާނޫނީ ހައިސިއްޔަތެއް ލިބިގެނެއް ނުވެއެވެ.
ޖަސްޓިސް މިނިސްޓަރު ޖަމީލު، އަބުރާ ބެހުމާއިބެހޭ އައު
ޤަވާޢިދަކަށް އަންނަ ޖެނުއަރީ މަހުން ޢަމަލުކުރަން
ފައްޓަވާނެކަމަށް އިޢްލާނު ކުރެއްވުމާއި ގުޅިގެން މިނިވަން
ނޫހުން، އެޤަވާޢިދުގައި، ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ
ހަތަރު މަސް ކުރިން ކޮށްފައިވާ ކުށްތަކަށް އެޤަވާޢިދު
ހިންގޭނެކަމަށް އޮންނަ އޮތުމަކީ ޣައިރު ދުސްތޫރީ (ޤާނޫނޫ
އަސާސީއާއި ޚިލާފު) ކަމެއް ކަމަށާއި، އޭގެ ސަބަބުން
ނޫސްވެރިންގެ ޙައްޤުތަކަކަށް އަރައިގެނެވޭނެކަމަށް ބުނެ،
ދިވެހިރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނަށް މައްސަލައެއް
ހުށަހަޅާފައިވާކަމަށާއި، އެކޮމިޝަނުގެ ރައީސް
އެހުށަހެޅުމަށް ތާއީދުކުރައްވައި، އެޤަވާޢިދުގައިވާ ބައެއް
ކަންކަން އުނިކުރުމަށް ބާރުއަޅުއްވާނެކަމަށް، ނޫސްވެރިނަން
މަޢްލޫމާތު ދެއްވާފައިވާކަމަށް ނޫސްތަކުން ފެނިގެން
ހިނަގައްޖެއެވެ.
ކޮންމެއަކަސް، ޖަސްޓިސް މނިސްޓަރ ޖަމީލުގެ 'އަބުރާބެހުމުގެ
ޤަވާޢިދު' ވެގެން މިދިޔައީ ޚުދު 'އެބޭފުޅުން' ފަޟީޙަތްވެ،
'އެބޭފުޅުންގެ' އަބުރު ނަގާލި ޤަވާޢިދަކަށެވެ. ޤާނޫނުގައި
ކަނޑައަޅާފައިވާ އަބުރާއި ބެހުމުގެ ކުށުގެ މަދަނީ ބަދަލަކީ
ޖަސްޓިސް މިނިސްޓަރު ނުވަތަ ވަޒީރުންގެ މަޖްލީހުން
ޤަބޫލުކުރައްވާ ގޮތުން ކުޑަ މިންވަރެއްނަމަ، އެޤާނޫނަށް
ބަދަލުގެންނަވަން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ
ރައްޔިތުންގެ މަޖްލީހަށްކަން އެނގިވަޑައި ނުގެން،
އަމިއްލަފުޅަށް ޤަވާޢިދެއް ހައްދަވައިގެން ޤާނޫނު
ބަދަލުކުރައްވަން މަސައްކަތް ކުރެއްވުމަކީ
އެމަނިކުފާނުންގެ ޤާނޫނީ މަޢްލޫމާތުގެ އުނިކަމުގެ ހެއްކެއް
ކަމަށް ފުދެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް ނޫސްވެރިންގެ
ބައްދަލުވުމުގައި އެޤަވާޢިދަށް ބަދަލުގެންނަވަން
ބާރުއަޅުއްވާނެކަމަށް ވިދާޅުވުމަކީ، އެކޮމިޝަނަށްވެސް،
އެޤަވާޢިދަކީ ޤާނޫނާއި ޚިލާފު ޤަވާޢިދެއްކަން އެނގިވަޑައި
ނުގަންނަވާކަމުގެ ހެއްކަކަށް ފުދެއެވެ.
މިކަން މިހެން ދިމާވީމާ ޖަސްޓިސް މިނިސްޓަރަށް
ދަންނަވާލަން އޮތީ، ބޭކާރު ބަހުސްތަކެއް ކުރެއްވުމުގެ
ބަދަލުގައި ޤާނޫނީ ޢާންމު އުސޫލުތައް ޤަބޫލުކުރައްވައި،
ވިދާޅުވި ބަސްފުޅު އަނބުރާ ގެންދަވައި، މިނިސްޓްރީން
ކަންކަން އިޞްލާޙުކުރަން ބޭނުންވާލެއް ބޮޑުކަމާއިއެކުވެސް،
ރައްޔިތުންގެ މަޖްލީހުން ޤާނޫނު ހެދުމާއި ޤާނޫނު
އިޞްލާޙުކުރުމުގެ މަސައްކަތްތަށް ލަސްކުރާތީ ހެއްދެވުނު
ގޯހެއްކަމަށް ވިދާޅުވެ، ނޫސްބަޔާނެއް ނެރުއްވައި، 'ސިޔާސީ
އުކުޅެއް' ހައްދަވައިގެންވިޔަސް، މައްސަލަ
ނިންމަވާލައްވާށެވެ. ތާކުންތާކު ނުޖެހޭ ކަންކަމުގައި
ޤައުމުގެ މުއައްސަސާތަކުގެ ވަގުތު ނަގާނުލައްވާށެވެ.
ނިމުނީ! |