07/07/2005

Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

 At a Glance

 Constitution

 Government

 Foreign Policy

DHIVEHI

 

އެމް.ޑީ.ޕީން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތަކީ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި، ޤާނޫނުގެ ބާރު ކަނޑުވާލަން މަސައްކަތްކުރުން!

06/07/2005 | އައްޑޫ ފަނޑިޔާރު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ސިޔާސީ ބަސްފޮތުގައި 'ރިފޯރމް' މިބަސް މާނަކުރެވިފައިވާ ގޮތާއިމެދު ޝައްކުތަކެއް އުފެދެއެވެ. އެމް.ޑީ.ޕީގެ ޢަމަލުތަކަށް ބަލާއިރު އެޕާރޓީގެ ޢަމަލުތައް ބިނާވެގެންވަނީ މީހުންގެ ލޭ ހޫނުކޮށްގެން ތަނުގައި ގަޑުބަޑު އުފެއްދުމާއި، ޤާނޫނީ ބާރުތައް ލިބިފައިވާ ސަރުކާރުގެ ކުރިމަތީގައި ގަދަފައި ވިއްދައިގެން ކޮންމެވެސް ސިފައެއްގައި ޤާނޫނާއި ޚިލާފުވެ، ނުވަތަ ޤާނޫނުގެ ބާރު ކަނޑުވާލުމާއި، ތަނުގެ ހަމަޖެހުން ނަގާލުމާއި ފިތުނަފަސާދަ އުފެއްދުމުގެ މައްޗަށެވެ.

ގ.ކެނެރީގެ މުޙަންމަދު ނަޝީދުގެ ސިޔާސީ ލީޑަރޝިޕް ބިނާވެފައިވާކަމަށް އޭނާގެ ސިޔާސީ ސިޔަރަތުން ދައްކަނީ، ގަދަބާރު ދެއްކުމާއި ގޮށްމުށުން ކަންތައްތަކާއި ކުރިމަތިލުމުގެ މައްޗަށެވެ.ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއަށް އެމް.ޑީ.ޕީން ވަނުމުގެ ކުރީންވެސް އެމް.ޑީ.ޕީން ގޮވާލާފައިވަނީ ތަންތަނަށް އެއްވުމަށާއި، ސަރުކާރު ވައްޓާލަން މަސައްކަތްކުރަން އޮތް އެންމެ ރަނގަޅު ވަޞީލަތަކީ އާންމު ރައްޔިތުން ތަންތަނަށް އެއްވެ، ހަރު އަޑުން ސަރުކާރާއި ދިމާކުރާ އުސޫލުން ޢަމަލުތައް ހިންގުމަށެވެ. ދައުލަތުގެ ޤާނޫނުތައް ނަތްފީޒު ކުރައްވާ އިދާރާތަކުން މީހަކު ކުޑަވަގުތުކޮޅަކަށް ހައްޔަރު ކުރިޔަސް އަދި ހިފެހެއްޓިޔަސް، ހިފެހެއްޓި ސަބަބަކީ ކޮބައިތޯވެސް ބެލުމަކާނުލާ އެމް.ޑީ.ޕީގެ ސިޔާސަތަކީ ކޮންމެވެސް ވާހަކައެއް ދައްކައިގެން ޖުމްހޫރީ މައިދާނަށް މީހުން އެއްކޮށް، އެތަނުގައި އެ މީހަކު ދޫކޮށްލަން ގޮވުމާއި، އެފުރުޞަތުގެ ބޭނުންކޮށްގެން ސަރުކާރު އިސްތިއުފާ ދޭން ގޮވާލުމެވެ. މިބާވަތުގެ ޢަމަލުތައް ހިންގާއިރު އެމް.ޑީ.ޕީގެ ޤާނޫނީ ޙުއްޖަތަކީ ތަންތަނަށް އެއްވުމުގެ މިނިވަންކަން ޤާނޫނުއަސާސީން ލިބިގެންވުމެވެ. ނަމަވެސް ތަންތަނަށް އެއްވެ ތިބެ ކުރަނީ ކިއްތޯއާއި، ތަންތަނަށް އެއްވުމުގެ ޙަޤީޤީ މަޤްޞަދަށް ބަލާލުމަކީ އެމް.ޑީ.ޕީން ދަންނަނަ ކަމެއް ނޫނެވެ. އަދި އެމް.ޑީ.ޕީން ބަލަންބޭނުންވާ ކަމެއްވެސް ނޫނެވެ.

ގަދަބާރުން ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ޙައްޤު ލިބިގެންވާ ވަކި ޖަމާޢަތެއް ނޯންނާނެއެވެ. ރާއްޖޭގައި ޤާއިމު ކުރެވިފައިވާ ސަރުކާރަކީ އެންމެހާ ދިވެހި ރައްޔިތުން އެ ސަރުކާރު އެކުލަވާލުމުގައި ޙިއްސާވާ ސަރުކާރެކެވެ. އެމް.ޑީ.ޕީ އަކަށް، ނުވަތަ ޢަދާލަތަކަށް، ނުވަތަ ދިވެހި ރައްޔިތުންގެ ޕާރޓީ އަކަށް، ނުވަތަ ލޭބަރ ޕާރޓީއަކަށް، އެއްވެސް ޙާލެއްގައި އެ ސަރުކާރަށް ޙަމަލާ ދިނުމުގެ ޙައްޤެއް ނެތްކަން މީއިން ކޮންމެ ޕާރޓީއަކުންވެސް ހަދާން ކުރަން ޖެހޭނެއެވެ. ދިވެހި ހުރިހާ ރައްޔިތުން އެއްގަލަކަށް އަރައިގެން އެ ސަރުކާރު ރޫޅާލަން ބޭނުންވާ ޙާލަތެއްގައި މެނުވީ އެފަދަ އެއްވުމެއް ވުމަކީ އެ ޢަމަލު ހިންގާ މީހުން ނޫން، އެހެން މީހުންގެ ޙައްޤަށް އަރައިގަތުންކަން ހަނދާން ކުރަން ވާނެއެވެ.

އެއްވެސް ސިޔާސީ ޕާރޓީއަކީ ނުވަތަ އެއްވެސް ޕާރޓީއެއްގެ މެމްބަރަކީ ޤާނޫނާއި ޤަވާޢިދަށްވުރެ މަތީ ފަރާތެއް ނޫންކަން ހަނދާންކުރަން ޖެހެއެވެ. ރާއްޖޭގައި މަލްޓި ޕާރޓީ ސިސްޓަމް ތަޢާރަފް ވަމުންދާއިރު، ވަކި ޕާރޓީއަކުން މިބާވަތުގެ ޢަމަލުތައް ހިންގުމަކީ އޭގެ ރައްދު ޖަވާބު ހަމަ އެހެނިހެން ޕާރޓީތަކުން ދީފާނެ ކަމެއްކަން ވެސް ވިސްނަން ޖެހެއެވެ. އެމް.ޑީ.ޕީން ފާޑުފާޑުގެ އެއްވުންތަކަށް ގޮވާލުމާއި، އެމް.ޑީ.ޕީގެ މެމްބަރުން ލައްވާ ހަޅުތާލު ހެއްދުމަށް ކުރާ މަސައްކަތުގެ ފަހަތުގައިވަނީ، އެފަދަ ދާޚިލާ ހަމަނުޖެހުތަކެއް އުފެއްދުން ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ސަރުކާރުގެ ކަމާބެހޭ ދާއިރާއަކުން އަޅާފިޔަވަޅުތައް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ނުވާހާ ހިނދެއްގައި، އެކަމަކާއި ކުރިމަތިލާން ޖެހޭނީ ޤާނޫނީ ހަމަތަކުގެމަތީން ޞުލްހަވެރި އުސޫލަކުންނެވެ.އެމް.ޑީ.ޕީގެ ފަރާތުން ހިންގޭ މިބާވަތުގެ ޢަމަލުތައް ހުއްޓުވުމަށާއި، މުޖުތަމަޢްގެ އެހެންމީހުން މިފަދަ ކަންކަމުން ނުކުމެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ތަނުގެ އަމާންކަން ބަލަހައްޓަންޖެހޭ ޤާނޫނީ އިދާރާއިން ކުރާމަސައްކަތް އެމް.ޑީ.ޕީން ކުށްވެރި ކުރަނީ ހަމައެކަނި އެމީހުންގެ މަޤްޞަދުތައް ޙާޞިލުކުރުމަށެވެ.

 

ދިވެހީންގެ ހަމަޖެހުމާއި، ޤާނޫނާއި ޤަވާޢިދަށް އެމް.ޑީ.ޕީން ލޯބިކުރާކަމުގެ އެއްވެސް ސިފައެއް މިބާވަތުގެ ކަންކަމުގައި އެޕާރޓީގެ ކިބައިން އަދި ފެނިފައި ނުވާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެމް.ޑީ.ޕީން މިބާވަތުގެ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ. އަދި ދިވެހި ސަރުކާރުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް މިބާވަތުގެ މަކަރުވެރި ރޭވުންތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރެއްވުމަށް ގޮވާލަމެވެ. ދައުލަތުގެ ސިޔާދަތާއި މިނިވަންކަމަކީ ވަކި ފަރުދެއް، ނުވަތަ ވަކި ބައެއްގެ އެއްޗެއް ނޫނެވެ. ވީމާ، ވަކިވަކި ޖަމާޢަތްތަކުގެ ނަމުގައި މުޖުތަމަޢްގެ ހަމަޖެހުން ނަގާލާ ސިޔާދަތަށް ބުރޫއަރާފަަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ގޮވާލަމެވެ. ޚާއްޞަކޮށް އެމް.ޑީ.ޕީއަށް މިކަމަށް ސަމާލުވުމަށް ފަށްފަށުން ހަނދާންކޮށްދެމެވެ. ނިމުނީ!

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us