|
ޅ.މާފާފިލާފުށީ ރައްޔިތުންގެ ޝަކުވާތަކަށް ފަރުވާއެއް ނުލިބި 17
އަހަރު!
މާފިލާފުށީގެ ރައްޔިތުން އަލިފުޅުގެ ވެރިކަން ބޭނުމެއް ނުވޭ!
01/08/2005 |
ދިޕޮލިޓިކްސް
ޅ.އަތޮޅު
މާފިލާފުށި އާބާދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާ، ގޯތީގެ
ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ގޯތިދެއްވާ، އެރަށަކީ
މީހުން ދިރިއުޅޭ ރަށަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ 1988
ހާތާގައެވެ. އެރަށުން ގޯތި ލިބުނު މީހުން އެރަށުގައި ރަށްވެހިވެ،
ދިރިއުޅުމެއް ހޯދަން މަސައްކަތްކުރާތާ މިހާރު މިވަނީ 17 އަހަރު
ދުވަސްވެފައެވެ. ވޭތުވެދިޔަ މި ދިގު މުއްދަތުގެ ތެރޭގައި
އިންސާނުން ދިރިއުޅޭ ތަންތަނުގައި ލިބެން ހުންނަންޖެހޭ އަސާސީ
ޚިދުމަތްތައް ސަރުކާރުން އެރަށަށް ނުދިނުމުގެ ސަބަބުން، އެރަށަށް
ވަޒަންވެރިވާން ދިޔަ ބައެއް މީހުން އެރަށުގައި ނޫޅެވިގެން
އަމިއްލަ ގޯތި ދޫކޮށް، އެހެން ތަންތާނގައި ބިކަ ޙާލުގައި
އުޅެންޖެހިފައި ވެއެވެ. އަނެއްބައި މީހުން ސަރުކާރުން ޖެއްސި
ހާލެއްގައި ޖެހިގެން މަރުވީމާ ވަޅުލާނެ ތަނެއްވެސް
ހަމަޖެހިފައިނެތް، އެ ފަޅުރަށެއްފަދަ މިރަށުގައި ދިރިއުޅުނަސް،
އެރަށަކީ އިންސާނުން އުޅެން އެކަށީގެންވާ ހާލަތެއްގައި އޮތް
ރަށެއް ނޫނެވެ.
ދިޕޮލިޓިކްސްއަށް މަޢްލޫމާތު ލިބިފައިވާގޮތުން ސަރުކާރުން
އެރަށުގައި މީހުން ވަޒަންވެރި ކުރުވީއްސުރެ އެރަށުގެ ވެރިއަކަށް
ހުންނަނީ ޅ.ނައިފަރު ރޭނިގޭ ޢަލިފުޅެވެ. އަލިފުޅު
ޤަބޫލުކުރާގޮތުން އެރަށު ރައްޔިތުންނަކީ އެއްވެސް ޙައްޤެއް
ލިބެންޖެހޭ ބައެއް ނޫނެވެ. އޭނާ އަކީ ބޮޑު ގަހެއްގެ ހިޔަލުގައި
ހުރި ބޮޑު މީހަކަށްވާތީ އެރަށުގައި ދިރިއުޅޭ ކެތްތެރި، މަދު
މީސްކޮޅަށް އަލިފުޅު ހަދަނީ ހަދާނެ ގޮތެކެވެ. މި އަލިފުޅަކީ
ކުރީގެ އެޓޯލްސް މިނިސްޓަރުކަން ކުރެއްވި ރައީސް މައުމޫނުގެ
ކޮއްކޯފުޅު ޢަބްދުއްﷲ ޙަމީދުގެ އަނބިކަނބަލުންގެ ޢާއިލާގެ
ބޭފުޅަކަށްވާތީ، އޭނާގެ ޢަމަލުތައް ހުންނަނީ ހިތަށްއެރި ގޮތަކަށް
ކަމަށްވެސް އެރަށުގައި ތިބި، އިންސާނީ ހައްޤުތަކުން މަޙްރޫމު
ކުރެވިފައިވާ ރައްޔިތުންގެ ފަރާތުން މަޢްލޫމާތު ލިބިފައިވެއެވެ.
މާފިލާފުށީގެ ޞިއްޙީ ޙާލަތު
ސަރުކާރުން
އެރަށުގައި ޞިއްޙީ މަރުކަޒެއްގެ ނަމުގައި މަސައްކަތު
މީހުންނާއިއެކު ޢިމާރާތެއް ހަދާފައި ކުރެއެވެ. ނަމަވެސް އެތަނަކީ
އެރަށުގައި ދިރިއުޅޭ މަދު މީސްކޮޅަށް އެއްވެސް ޚިދުމަތެއް
ފޯރުކޮށްދެވޭ ތަނެއް ނޫނެވެ. ޑޮކްޓަރެއް ނުހުންނަތާ
އިންޖެކްޝަނެއް ޖަހާލާނެ ނަރުހެއްވެސް ނުހުރެއެވެ.
ބޭސްމަލަންކޮޅެއްވެސް ލިބޭ ކަމަކަށް ނުވެއެވެ. މިފަދަ ކަންކަމަކީ
ރަށުގެ ވެރިއަކަށް ހުންނަވާ ބޮޑު ހިޔަލުގައި ހުންނަވާ އަލިފުޅާ
ވާކަމެއްވެސް ނޫނެވެ. ކިތައްމެ ބޮޑު ބައްޔެއް ވިޔަސް ކުއްލި
ކަމެއް ދިމާވިޔަސް އެ މަރުކާޒުން ކުރެވޭނެ ކަމެއް ނޯންނައިރު،
މާލެއަށް ނުވަތަ ނައިފަރު ޞިއްޙީމަރުކަޒަށް ދެވޭނެ ފަދަ
ނިޒާމެއްވެސް ސަރުކާރުން ޤާއިމުކޮށްފައި ނުވާކަމަށް އެރަށުގައި
ސިރިއުޅޭ ރައްޔިތުން ކިޔާދިނެވެ. އެރަށުގައި ފެށުނީއްސުރެ
ދިރިއުޅޭ ނިކަމެތި އަންހެނަކު އެރަށުގެ ޙާލަތު ކިޔައިދެމުން
ބުނިގޮތުގައި، އެއްދުވަހަކު އޭނާގެ ދަރިފުޅަށް ކުއްލި
މައްސަލައެއްދިމާވެގެން ޑޮކްޓަރަށް ދައްކަން ޖެހިގެން ދޯނި
ހަމަޖައްސަން އެދުމުން އަލިފުޅު އެއްވެސް ފަރުވާލެއް ނެތި މިހާރު
ދޯނި ހަމަނުޖެއްސޭނެކަމަށް ބުނެ އޭނާ ފޮނުވާލި ވާހަކަ
ކިޔައިދިނެވެ. ޞިއްޙީ ޚިދުމަތެއް ނުދީ، ތަނެއްގައި މީހުން އާބާދު
ކުރަން ސަރުކާރުން މަސައްކަތްކުރުމުގެ ބޭނުމަކީ ކޮބައިބާއޭ
ހިތައް އަރައެވެ. ދިވެހި ރައްޔިތުންނާއިމެދު ހިތު ހުރިހާގޮތަކަށް
ޢަމަލުކުރުމުގެ ބާރު ސަރުކާރަށް ލިބުނީ ކިހިނަކުންބާއޭވެސް
ހިތައް އަރައެވެ.
މީގެ އިތުރުން ރަނަގޅު ބޯފެނުގެ މައްސަލަވެސް އެރަށު
ރައްޔިތުންނަށް ވަނީ ކުރިމަތިވެފައެވެ. އެރަށުގައި އޮންނަ
ބޯފެނުގެ ނިޒާމަކީ ސަރުކާރުން ބަހައްޓާފައި ހުންނަ ހަތަރު
ތާނގިއަކުން ބޯފެނުގެ ޚިދުމަތް ދިނުމުގެ ނިޒާމެވެ. އެތާނގީތައް
ސާފުނުކޮށް ފުރާޅުން އަންނަ ބުޅާ ގުއިތަކާއި އެކު މީހުންނަށް
ފެންބޯންދިނުމަކީ އަލިފުޅު ވިސްނާވަޑައިގަންނަވާ ކަމެއް ނޫނެވެ.
ވާރޭ ވެހުނަސް ނުވެހުނަސް ހޮޅި ގުޅާފައި ހުންނާތީ އެތާނގީ ތަކުން
ބޯފެނަކީ ބޯން އެކަށީގެންވާ ފެނެއްކަމަކަށް އެރަށު ރައްޔިތުން
ޤަބޫލެއް ނުކުރެއެވެ. މިކަން މިހެން އޮންނާތީ އަލިފުޅަށް
ދެންނެވުމުން ވިދާޅުވަނީ ތާނގީ ހުންނާނީ ސާފުކޮށްފައޭ!
އެ ފެން ބޯން
ބޭނުން
ނެތިއްޔާ ފެން
ނުބޮއެ ތިބޭށޭ! މިހެންނޯލައެވެ. ކޮންމެއަކަށް މިވަރުން
ނުފުދިގެން އެރަށު ރައްޔިތުން ހެލްތު މިނިސްޓްރީއަށް ފެނުގެ
މައްސަލަ ހުށަހެޅުމުން އެމިނިސްޓްރީން އެރަށު ރައްޔިތުންނަށް
ފެންލިބޭނެ އެހެން ނިޒާމެއް ޤާއިމުކޮށްނުދީ އެތާނގީތަކުގައި ތަޅު
އެޅުވީކަމަށް ވެއެވެ. އެންމެފަހުން އެއްކަލަ ރައްޔިތުންނަށް
މަޖްބޫރުވީ އާދޭސްކޮށްގެން، މަރުވިޔަސް ވަރިހަމަކަމަށް، އެއްކަލަ
'ބުޅާގުއި' ފެންގަނޑުން ފެންބޯންކަމަށްވެސް އެރަށުގެ
ރައްޔިތުންގެ ފަރާތުން މަޢްލޫމާތު ލިބިފައި ވެއެވެ. މިފަދަ
ޙާލަތެއްގައި އިންސާނުން ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ!
އަދި މީގެ އިތުރުން، ފާޚާނާ ކުރުމުގެ ނިޒާމެއް އެރަށުގައި
ޤާއިމުކުރެވިފައި ނެތުމަކީ ބަލިތައް ޢާންމުވެ އެރަށުގައި
ދިރިއުޅޭ މީހުންނާއި ތަފާތު ބަލިތަކާއި ކުރިމަތިލާން ޖެހިދާނެ
މައްސަލައެކެވެ. އަދި،
ރަށުގައި ހުންނަނީ އެންމެ ދެ ފިހާރަކަމަށްވެފައި، ދަރުރުފަތުރުގެ
ދަތިކަމުން، ރަނަގަޅު ކާނާ ހޯދުމުގެ ދަތިކަންވެސް އެރަށު
ރައްޔިތުންނަށްވަނީ ކުރިމަތިވެފައެވެ. އަދި މީގެ އިތުރުން،
އާދަޔާއި ޚިލާފަށް މަދިރި ގިނަވުމުގެ ސަބަބުންވެސް މިހާރު އިތުރު
އިނދަގޫތައް ކުރިމަތިވަމުންދާކަމަށް އެރަށުން ރައްޔިތުން
ކިޔާދިނެވެ. އެ ރށުގެ ރައްޔިތުން ދެކޭ ގޮތުން އަސާސީ
ޚިދުމަތްތައް ލިބެންނެތުމަކީ މިފަދަ ތަރައްޤީގެ ޒަމާނެއްގައި،
އެއްބަޔަކު އުފަލާއި އަރާމުގައި ދިރިއުޅެމުންދާއިރު،
ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
އަދި ސަރުކާރުގެ
މަސްއޫލިއްޔަތު އުފުލުމުގައި މިހާ ފަރުވާކުޑަވެ، ޚުދުމުޚްތާރު
ވުމަކީ އެފަދަ ސަރުކާރެއްގެ ބޭނުން ކެނޑޭ ހިސާބުކަމަށްވެސް،
އެރަށުގެ ކެތްތެރިކަން ކޮޅުންލާފައިވާ ރައްޔިތުން ބުނެއެވެ.
އެހެނިހެން އަސާސީ ޚިދުމަތްތައް
ތަޢްލީމު :
އެރަށުގައި
ސްކޫލެއްގެ ނަމުގައި ހަތަރުފާރުލީ ތަނެއް ހެދިފައިވީނަމަވެސް،
އެއްވެސް ފެންވަރަކަށް ތަޢްލީމު ލިބޭކަށް ނެތެވެ. ގްރޭޑް ހަތަކާ
ހަމައަށް ކިޔައިވައިދޭގޮތަށް ނަމެއްގައި ހަމަޖެހިފައި އޮތަސް،
ކިޔަވައިދެނީ އެއް ގަޑިއަކު، ހުރިހާ ގްރޭޑަކަށް އެއް ހޯލެއްގެ
ތެރޭގައި، ޖުމްލަ ދެ ޓީޗަރުން ކަމަށް އެރަށުގެ ރައްޔިތުން
ބުނެއެވެ. އެރަށުން ގްރޭޑް ހަތެއް ނިންމާ ކުއްޖާ ގްރޭޑް ތިނެއްގެ
ފެންފަރުވެސް ނުހުންނާނެކަމަށާއި، އެކަމަކީ އެރަށުގެ ރައްޔިތުން
އެންމެ ކަންބޮޑުވާ އެއް މައްސަލަ ކަމަށް ވެއެވެ. އެރަށު
ރައްޔިތުން ޤަބޫލުކުރާގޮތުން، ރަށުގެ މީހުން މަދުކަމާއިއެކު،
ރަށުން ތަޢްލީމުގެ ޚިދުމަތް ނުލިބުނު ނަމަވެސް، އެޚިދުމަތް ކާރީ
ރަށަކުންވިޔަސް ފަސޭހައިން ލިބޭނެގޮތް ސަރުކާރުން
ހަމަޖައްސައިދޭނެ ޖެހޭނެއެވެ. ނަމަވެސް، އެކަން އެހެން
ކުރެއްވުމުގެ ބަދަލުގައި 'ސަރުކާރުން ގޮސްފޭފައިވަނީ އަމާބުނީތީ
ފަރަށް' ކަމަށް އެރަށުގެ ހޭލުންތެރި މީހަކު ބުނެފައިވެއެވެ.
ކަރަންޓު :
މިދިޔަ ޖުލައި
މަހުގެ 13 ވަނަ ދުވަހާއި ޖެހެންދެން އެރަށަށް ކަރަންޓު
ދީފައިވަނީ ހަމައެކަނި ރޭގަނޑުގެ ވަގުތުތަކުގައެވެ. އެމައްސަލާ
އަލިފުޅާއި، ކަމާބެހޭ ދާއިރާތަކަށް ހުށަހެޅުމުން ބުނެފައިވަނީ
އެރަށުގައި ހުރި ޖަނަރާޓަރުން 24 ގަޑިއިރު ކަރަންޓު
ނުދެވޭނެކަމުގައެވެ. ނަމަވެސް މިހާރު ސަރުކާރާއި
ކުރިމަތިވެފައިވާ ގޮންޖެހުންގަނޑުގެ ތެެރެއިންލާފައި، އެރަށު
ރައްޔިތުން އެމައްސަލާ ހުށަހެޅުމުން، ހަމަ އެއްކަލަ ޖަނަރޭޓަރުން
24 ގަޑިއިރަށް ކަރަންޓު ދޫކޮށްފިއެވެ. މިމައްސަލާގައި އެރަށު
ރައްޔިތުން ދެކެނީ، ސަރުކާރުން ފަސޭހައިން ކުރެވެން ހުންނަ
ކަންތައްތައްވެސް ނުކޮށް، ގަސްތުން އެމީހުން ޙާލުގައި ޖައްސާ
ނިކަމެއްތި ކޮށްފައިވާ ކަމަށެވެ. އަދި މިފަހަރު ކަރަންޓުގެ
ޚިދުމަތް ދޭގޮތަށް ނިންމީ އެރަށުގެ ބާކީ ކުރެވިފައިވާ
ރައްޔިތުންގެ ބޭނުން 'އެއްކަލަ' ބާރުގަދަ ސަރުކާރަށް ޖެހިފައި
ވާތީއެވެ. މާފިލާފުށީގެ ރައްޔިތުން ބުނާގޮތުން ސަރުކާރުން
ވޭތުވެދިޔަ 17 އަހަރު ދުވަހު އެމީހުންނާއިމެދު ޢަމަލުކުރިގޮތް
ހަނދާން ނުނެތޭނެއެވެ. އަލިފުޅުގެ އަނިޔާވެރި ވެރިކަމަކަށް
މަޢާފެއް ނެތް ކަމުގައެވެ.
ދަތުރުފަތުރު :
ވަކި އުސޫލަކުން
ހަމަޖެހިފައި އޮންނަ ސަރުކާރުގެ ދަތުރުފަތުރުގެ ޚިދުމަތެއްވެސް
އެރަށުގައި ނޯވެއެވެ. މިހެން ވުމުގެ ސަބަބުން ކުއްލި
ޙާލަތްތަކުގައި ބަލި މީހުން ޑޮކްޓަރަށް ދައްކަން އެހެން
މަރުކަޒަކަށް ދިއުމާއި، އެހެން ރަށަށް ކުދިން ކިޔަވަން
ފޮނުވުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ. ސަރުކާރުން
ހަމަދައްސައިދޭ ދޯނީގެ ޚިދުމަތް ލިބޭނީ އަލިފުޅުގެ ހިތްޕުޅަށް
އަރައިވަޑައިގެންފި ޙާލަތެއްގައެވެ. މިހެން މިކަން އޮންނާތީ
އެރަށުގެ މާބަނޑު އަންހެނުން މަގުމައްޗަށާއި އަނގަމަތި
މަސްއޮޑީގައި ކަނޑުމައްޗަށް، ފޫޅުމައެއް ނެތި، ވިހަން
ޖެހިފައިވާކަން ސަރުކާރަށް އެނގޭނެކަމަށް އެރަށުގެ އަންހެނަކު
ނުރުހުންވެ އިނދެ، ކިޔައިދީފައިވެއެވެ.
ސުނާމީ އާއި މާފިލާފުށި :
ސުނާމީގެ އެހީގެ
ކަންތައްތައްވެސް މާފިލާފުށީ ރައްޔިތުންނަށް ރަނަގަޅަށް ފޯރުކޮށް
ދެވިފައި ނުވާކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. އަތޮޅުގެ
އެހެން ރަށްތަކަށް އެއްޗެހި ބަހާ ނިމިގެން ބާކީ ހުރި ބައެއް
ތަކެތި އެރަށަށްވެސް ބެހި ކަމަށްވެއެވެ. އެގޮތުން ގެއަކަށް
މިނަރަލް ވޯޓަރގެ ދެފުޅި ފެނާއި އަދިވެސް ބޮޑަށް ދެއްލުން ލިބުނު
ގޭގެއަށް ދެ ބެޑްޝީޓާއި ދެ ބާލީސް ދިންކަމަށް ބުނެއެވެ. އަދި
ފަހުން، އަލިފުޅު ބުނާގޮތުން އެރަށަށް އެކާރިސާގައި ގެއްލުމެއް
ނުވެސް ވާކަމަށް އެރަށުގެ ރައްޔިތަކު ކިޔައިދިނެވެ.
މާފިލާފުށީ ރައްޔިތުންގެ އެދުން :
އެރަށުގެ
ރައްޔިތުން އެންމެ ފުރަތަމަ ކަމަކަށް ބޭނުންވަނީ އަލިފުޅުގެ
އަނިޔާވެރި ރަޙުމެއްނެތް ވެރިކަމަށް ނިމުމެއް ގެނައުމެވެ.
އެހެންކަމުން، އައު އެޓޯލްސް މިނިސްޓަރަށް އެރަށުގެ ރައްޔިތުން
ކުރާ އިލްތިމާސަކީ އެރަށުގެ ވެރިކަމަށް އެހެން ބޭފުޅަކު
އިސްކޮށްދެއްވައި، ރަށުގެ ޙާލަތު އަވަހަށް ރަނަގަޅުކޮށްދެވުމެވެ.
އެރަށަކީވެސް އިންސާނުން އުޅެން އެކަށީގެންވާ ތަނަކަށް
ހައްދަވައި ދެއްވުމެވެ. އަދި އެކަން ސަރުކާރަށް ކޮށް
ނުދެއްވޭނަމަ، އެރަށުގެ ރައްޔިތުންނަށް އެހެން މަގެއް
ކޮއްޓަވައިދެއްވުމެވެ. އަދި ދިވެހިރާއްޖޭގެ އިންސާނީ
ޙައްޤުތަކާއިބެހޭ ކޮމިޝަނުން މިކަންކަން ބައްލަވި ދެއްވުމަށްވެސް
އެރަށުގެ ރައްޔިތުން އިލްތިމާސް ކުރައްވައެވެ.
ދިޕޮލިޓިކްސްގެ
ބަސް :
މާފިލާފުށި އާބާދު ކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތް
އެކަށީގެންވާ ހަރުދަނާ ޕްލޭނެއްގެ ދަށުން ގެންދަވާފައި
ނެތުމާއިއެކު، އެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ
އެންމެހާ މައްސަލާތަކެއް އަވަހަށް ޙައްލު ކޮށްދެއްވައި، ދިވެހި
ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ވަގުތުން
ޤާއިމުކުރެއްވުމަށް ގޮވާލަމެވެ. ނިމުނީ! |