27 November 2005

EDITORIAL

 

ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން މަޖްލީހުގެ މަސައްކަތަށް ފަރުވާކުޑަ ކުރެއްވުމުގެ ސަބަބަކީ ކޮބައިބާ؟
27/11/2005 | އަލްޙާން ފަހުމީ
"ޢިއްޒަތްތެރި މެންބަރުން އަރިހުން އަޅުގަނޑު ވަރަށް އިޙްތިރާމާއެކު އެދެން އަޅުގަނޑުމެންނަށް މަޖިލީހުގެ ޖަލްސާ ހަމަޖެހިފައި އޮންނަ ވަގުތުގައި ފެށޭނެކަހަލަ ގޮތަކަށް ޚާޒިރީގެ ކަންތައް ހަމަޖައްސަވައިދެއްވުން. ޢިއްޒަތްތެރި މެންބަރުންނަށް އެގިވަޑައިގަންނަވާނޭ ފަދައިން ރައްޔިތުންގެ މަޖިލީހުގެ މާޒީގެ ހަޔާތުގައި އަޅުގަނޑުމެނެއް ނެތް މަޖިލީހުގެ ޖަލްސާޔަށް ކޯރަމްހަމަނުވެގެން ފެށުން ލަސްވެފަ. އެހެންނަމަވެސް ވޭތުވެދިޔަ ދެތިން ހަފްތާއެއްގައި ދެދުވަހަކު ނުވަތަ ތިންދުވަހަކު އަޅުގަނޑުމެން މިހެން ލަސްކުރަން ޖެހިއްޖެ" ރައްޔިތުންގެ މަޖްލިސްގެ 2005 ވަނަ އަހަރުގެ 16 ވަނަ ޖަލްސާ ފައްޓަވަމުން މަޖްލީހުގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖްލީހުގެ މަސައްކަތަށް ފަރުވާކުޑަ ކުރައްވާ މެމްބަރުންނަކީ ރައްޔިތުންގެ މަޖްލީހުގެ ދުސްތޫރީ ހައިސިއްޔަތާއި، އެމަޖްލީހުގެ ހައިބަތާއި، އެމަޖްލީހުގެ މެމްބަރުކަމުގެ ޙަޤީޤީ މާނަ، އެނގިވަޑައި ނުގަންނަވާ ބޭފުޅުންނެވެ. އަދި ރައްޔިތުން ތަމްސީލުކުރެއްވުމަކީ ކޮބައިކަންވެސް އެނގިވަޑައި ނުގަންނަވާ ބޭފުޅުންނެވެ.
ޑިމޮކްރެޓިކް ނުވަތަ ދިމުޤްރާޠީ ވެރިކަމުގެ ނިޒާމެއްގެ ބޭނުމަކީ ރައްޔިތުންގެ ބާރުގެ މައްޗަށް ބިނާވެފައިވާ ރައްޔިތުންގެ ސަރުކާރެއް ޤާއިމުކޮށް، ރައްޔޮތުންގެ ޖަމާޢީ މަޞްލަޙަތު ޙިމާޔަތްކޮށް، އެސަރުކާރުގެ ހިޔާވަހިކަމުގެ ދަށުން ވަކިވަކި ފަރުދުންގެ ޙައްޤުތައްމެ، ފުރިހަމައަށް ރައްކާތެރިކުރުމެވެ. އިންސާނީ ތާރީޚް ގިރާކުރި އިޖްތިމާޢީ އަދި ސިޔާސީ ހަރުފަތްތަކުގެ ތަޖްރިބާގެ އަލީގައި، ރައްޔިތުންގެ ބާރުގެ މައްޗަށް ބިނާކުރެވިފައިވާ ރައްޔިތުންގެ ވެރިކަމެއް ހިންގުމަށްޓަކައި، ކަމަށް ކަމުވޮށިގެންވާކަމަށް ރައްޔިތުންގެ ގިނަ ބަޔަކަށް ފެންނަ، އަދި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ރުހޭ ވަކި ބަޔަކު، ރައްޔިތުން ޤަބޫލުކުރާ ވަކި ނިޒާމެއްގެ ދަށުން ވެރިކަމުގެ މަޤާމުތަކަށް އިންތިޚާބުކޮށްގެން، މިހާރު ދިނުޔޭގެ އެކި ކަންކޮޅުތަކުގައި މިހިންގޭ ވެރިކަމަކީ މިކިޔާ ޑިމޮކްރެޓިކް ނުވަތަ ދިމުޤްރާޠީ ވެރިކަމެވެ.
ރައްޔިތު ވެރިކަމުގެ (ޑިމޮކްރެޓިކް ވެރިކަން) ފަލްސަފާއަކީ މިދެންނެވި ގޮތަށް އައިސްފައިވާ އެއްޗަކަށްވިޔަސް، ދިވެހިރާއްޖެފަދަ މިޒަމާނުގެ ރައުސުމާލީ ނުވަތަ ކެޕިޓަލިސްޓް މުޖުތަމަޢްތަކުގައި ރައްޔިތުންގެ ނަމުގައި ބާރާއި ނުފޫޒުގެ ބޭނުންކުރަނީ މުއްސަނދީންނާއި ފައިސާވެރީންނެވެ. އެހެންކަމުން، ރައްޔިތުންގެ ވޯޓަކީ ދައުލަތުގެ އިޤްތިޞާދީ ވަސީލާތްތަކުގެ މައްޗަށް ގަދަވެގެންފައިވާ ވިޔަފާރިވެރިންނާއި، މުއްސަނދީންގެ ޖީބުން އަގުހެޔޮކޮށް ގަނެ، ބޮޑުއަގުގައި ވިއްކާ އެއްޗެކެވެ. އަދި އެފަދަ ފައިސާވެރީންނާއި މުދާވެރީންގެ ބާރު އިތުރުކޮށް، ދައުލަތުގެ އިޤްތިޞާދީ ވަސީލަތްތަށް އިތުރަށް ކޮންޓުރޯލްކޮށް އެވެރީން ބާރުގެ ދަށަށް ގެނައުމަށްޓަކައި، ދައުލަތުގެ ދުސްތޫރީ ބާރުތަކުގެ މައްޗަށް އެބައިމީހުން ގަދަވެގަންނަނީ ރައްޔިތުން ތަމްސީލުކުރާނެކަމުގެ ދަޅަ ދައްކައިގެން، ހަނޑޫ ކިލޯއަކަށް ވޯޓެއްގެ މަގުން ވޯޓު ގަނެގެންނޭ ދެންނެވުމަކީ އަޅުގަނޑު ހިތުން ކުށަކަށް ނުވާނެއެވެ.
މިކަން މިހެން ދިމާވުމުގެ މައިގަނޑު ސަބަބަކީ މުޖުތަމަޢްގައި އިޤްތިޞާދީ ޙާލަތުގެ ތަފާތުކަންބޮޑު، އެކި ކެޓަގަރީތަކަށް ނުވަތަ ފަންތިތަކަކަށް މުޖުތަމަޢް ބެހިފައި އޮތުމެވެ. މުޖުތަމަޢުގެ އެއްބަޔަކީ މުއްސަނދިކަމުންގޮސް ފައިސާއިން ތުންފޮހޭ މީހުނަށް ވީއިރު، އަނެއްބަޔަކީ އެއްފަހަރު ކައިފިއްޔާ އަނެއްފަހަރު ނުކައި ތިބެން ޖެހިފައިވާ މީހުންނަށް ވެފައި އޮތުމެވެ. ދިވެހިރާއްޖެ މިފަދަ އިޤްތިޞާދީ ޙާލަތެއްގައި އޮންނައިރު، މުއްސަނދީންގެ ވަކިލާރީގެ އަޑަށް ފަޤީރުންނާއި ފުދުންތެރިކަމެއް ނެތް ނިކަމެތީން އެމީހުންގެ ބާރު (ޥޯޓު) ދޫކޮށްލާ ދޫކޮށްލުމަކީ، އިންސާނީ ޠަބީޢަތް ނިޔާކުރާގޮތުން ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ކޮންމެއަކަސް، ރާއްޖޭގެ ރައްޔިތުންގެ މަޖްލީހުގެ ގޮނޑިތަކުގައި ގިނައިން ތިއްބެވީ ރިސޯޓުތަކުގެ ވެރީންނާއި، ބާރުގަދަ ވިޔަފާރި ވެރީންނާއި، އެވެރީންގެ ބައިވެރިން ކަމަށް ވުމަކީ މިދެންނެވި ގޮތަށް ރާއްޖޭގައިވެސް ކަން ހިނގާފައިވާކަމުގެ ހެއްކަކަށް ފުދޭނެއެވެ.
އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ އަމިއްލަ މަޞްލަޙަތާއި އަމިއްލަ ތަރައްޤީއަށްޓަކައި މަޖްލީހުގެ ގޮނޑިފުރުއްވާ މެމްބަރުންނަށް އެމަޖްލީހުގެ މަސައްކަތް މުހިންމުވާނެތޯއެވެ؟ އެމަޖްލީހުން ރައްކާތެރި ކޮށްދޭން ޖެހިފައިވާ ރައްޔިތުންގެ ޙައްޤުތައް އެވެރީންނަށް މުހިންމު ވާނެތޯއެވެ؟ ޖީބުން ޚަރަދުވީ ފައިސާކޮޅު އިންޓްރެސްޓާއިއެކު އަނބުރާ ލިބި، ފަސްއަހަރު ހަމަވުމުން އަނެއްކާ އަނެއް ދައުރަކަށް ކުރިމަތިލުން ނޫންކަމެއް މިދެންނެވި ކަހަލަ މެމްބަރުންނަކަށް ނޯންނާނެއެވެ. މިކަމަކީ ރާއްޖޭގެ ރައްޔިތުންގެ މަޖްލީހުގެ ތާރީޚު ދެކެފައިވާ ޙަޤިޤަތެކެވެ.
ވީމާ، އަރިހުގައި ގެންގުޅުއްވާ ޖާރިޔާއިންނާއި އެކު، ދުނިޔޭގެ އެއް ބަނދަރުން އަނެއް ބަނދަރަށް 'ފިނިފެންމާ ކުލާހުގެ' ވިޔަފާރި ދަތުރުތައް ކުރެއްވުމަކުން މަޖްލީހުގެ މަސައްކަތް ކުރިއަށް ނުދާނެކަން، މަޖްލީހުގެ ޢިއްޒަތްތެރި މެމްބަރުންނަށް ހަނދުމަކޮށް އަރުވާ، ރައްޔިތުންނަށް ހަރާންކޯރުވުން ހުއްޓަވާލެއްވުމަށް ފަށްފަށުން ގޮވާލަމެވެ. ނިމުނީ!

 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved