03 April 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ކުރިއަށް އޮތް އިންތިޚާބުގައި މައުމޫނު ވާދަ ނުކުރައްވާނެ!
02/04/2006 | އައްލާބެއްޔާ | އީ-މެއިލް
ނެލްސަން މަންޑޭލާ ވިދާޅުވެފައި ވެއެވެ. ވެރިކަމަކީ އެއަށް ދެވިހިފާ (އެޑިކްޓްވާ) ކަމެކެވެ. މިއީ ދިވެހިންނަށް ހަޖަމުކުރަން ވަރަށްފަސޭހަވާނެ ވާހަކައެވެ. ދިވެހިންގެ ވެރިޔަކަށް 28 އަހަރުވާންދެން އެއް ބޭފުޅަކު ހުންނެވިއިރުވެސް ވެރިކަމާމެދު ހުންނަވާ ޝައުޤުވެރިކަން ކުޑަކޮށްވެސް އުނިވެގެންގޮސްފައި ނުވާތީއެވެ. އަދި ކީއްހެއްޔެވެ؟ އެމަނިކުފާނުގެ ކޮއްކޯފުޅު މުސްކުޅިވެއްޖެކަމަށް ވިދާޅުވެ، ވަޒީފާއިން ވަކިކުރެއްވި އިރު އަމިއްލަފުޅު އެއަށްވުރެ މާބޮޑަށް މުސްކުޅިވާނެކަން ޤަބޫލުކުރައްވާކަމުގެ އެއްވެސް އަލާމާތެއް ދައްކަވާފައި ނުވާތީއެވެ. އޭގެ ބަދަލުގައި ލެއްވެވުނުހާ ބާރެއް ލައްވަވާފައި ވެރިކަމާއިގެން ކުރިޔަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާތީއެވެ. ކަންމިހެން އޮތްކަމުގައިވިޔަސް ރާއްޖޭގައި ހާލަތު މިހާރު ހުރި ގޮތުން ބޮޑަށް ބެލެވޭގޮތުގައި އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަނުކުރައްވާނެއެވެ.
ދެމަޖިލީހުގައި އޮތް އެމަނިކުފާނުގެ ބާރު ނެތިގެން ދާދިޔުމަކީ މީގެ އެއް ސަބަބެވެ. ރައްޔިތުންގެ މަޖިލީހުގައްޔާއި ޚާއްސަމަޖިލީހުގައި އެމަނިކުފާނަށާއި އެމަނިކުފާނުގެ މެމްބަރުންނަށް ކުރިމަތިކުރެވޭ ފިއްތުންތަކަކީ މި ވެރިކަމުގައި ފެނިދާނޭކަންކަމޭ ހީފުޅުކުރެއްވި ބޭފުޅަކު އެބަ ހުންނެވި ބާވައެވެ؟ ދެ މަޖިލިހުންކުރެ މަޖިލިހެއްގައި އެމަނިކުފާނާއި ދިމާލަށް ނުވަތަ އެމަނިކުފާނުގެ ސިޔާސަތަށް ފާޑުވިދާވި ބޭފުޅުންނަށް ވެގެން ދިޔަގޮތް ތިބޭފުޅުނަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. މުހަންމަދު ނަޝީދު (އަންނި) އާއި ޑރ. ވަހީދުމެންފަދަ ބޭފުޅުންނެވެ. ކޮންމެވެސް ބަހަނާއެއް ދައްކަވާފައި އެބޭފުޅުން ވަނީ މަޖިލީހުން ބޭރުކުރައްވާފައެވެ. ނުވަތަ ދިމާވަމުންދާ ދަތިތަކުގެ ސަބަބަބުން މަޖުބޫރުވެގެން އަމިއްލަޔަށް އިސްތިއުފާ ދެއްވައި ނުވަތަ އެ ފިއްތުންތަކަށް ދޫ ދެއްވާފައެވެ. ނަމަވެސް މިއަދުގެ މަޖިލީހަށް ބައްލަވާލައްވާށެވެ. ދެމަޖިލީހުގައިވެސް ވަކިން ޚާއްސަކޮށް ޚާއްސަމަޖިލީހުގައި އެމަނިކުފާނުގެ 28 އަހަރުވީ ވެރިކަމުގައި ދުވަހަކުވެސް ފާޑުނުކިޔާމިންވަރަށްދަނީ ފާޑުކިޔެމުންނެވެ. ރަސްކަލެކޭ، މުސްކުޅިފުޅު ވެއްޖެޔޭ، ޑިކްޓޭޓަރެއް ފަދަޔޭ، ރައްޔިތުންނަށް ޚިޔާނާތްތެރިވެ ވަޑައިގެންފިޔޭ އިސްތިއުފާ ދެއްވާށޭ ވިދާޅުވެ މެމްބަރުން ވާހަކަފުޅު ދައްކަވާފައިވެއެވެ. މިއީ ކުރިން ކޮންމެ އެއްޗެކޭ އެމަނިކުފާނު ވިދާޅުވިޔަސް އިއްތިފާޤުވާ މަޖިލިސްތަކުގެ ހާލަތު މިއަދު ހުރިގޮތެވެ. ހަމަ ހަޤީޤަތުގައިވެސް ރަސްކަލެއްފަދައިން ގިނަޒަމާންތަކެއް ވާންދެން ވެރިކަން ކުރައްވަމުން ގެންދެވި ބޭފުޅަކަށް މިހުންނަނީޔަކީ އަޑުއަހާލަން ފަސޭހަވާނޭ ވާހަކަ ތަކަކަށް ނުވާނެކަން ކަށަވަރެވެ. ވަކިންޚާއްސަކޮށް ދެން އިންތިޚާބު ކުރެވޭ މަޖިލިހެއްގައި އިދިކޮޅު މެމްބަރުންގެ އަދަދު މިހާރަށްވުރެއްވެސް ގިނަވާނެކަމަށް ޤަބޫލުކުރެވޭއިރު، އަންނަދައުރުގައި އަދި މިއަށްވުރެ އިތުރު ފާޑުކިޔުންތަކާއި ކުރިމަތިލައްވާކަށް ބޭނުންފުޅު ނުވާނެކަން ކަށަވަރެވެ.
ރައްޔިތުންގެ މައްޗަށް އޮތް އެމަނިކުފާނުގެ ކޮންޓްރޯލު ދަށްވަމުން ދިޔުމަކީވެސް ވަކި ކުޑަކަމެއް ނޫނެވެ. ގޭގެ ކޮޓަރިތެރޭގައި އެމަނިކުފާނުގެ ސަރުކާރަށް ނުރުހުމުގެ ނަޒަރަކުން އެއްޗެކޭ ބުނެލިޔަސް އަނގަމަޑުންލައިގެން ހުންނާށޭ، ގެންގޮސްދާނެޔޭ ބުނެ މަންމަ އަޅުގަނޑަށް އިންޒާރު ކުރާހަނދާން އަދިވެސް އަޅުގަނޑު އެބަހުއްޓެވެ. ވަކިން ޚާއްސަކޮށް ނަމަނަމަ މީހުންގެ ތެރޭގައި އެފަދަ ވާހަކަޔެއް ނުދެއްކާށޭ ބުނެ ކަންފަތު ފޫޅުގައި ހިފާ އިންޒާރުކުރާހަނދާންވެސް އެބަހުއްޓެވެ. މިއީ ދިވެހި ރައްޔިތުން އޭރުގެ ސަރުކާރު ދެކެ ގަންނަ ބިރެވެ. ސަރުކާރޭ ބުންޏަސްތިބޭނީ ބިރުންނެވެ. ނަމަވެސް މިއަދުގެ ހާލަތު ބައްލަވާލައްވާށެވެ. މަސްވެރިންވެސް މަސްނުކިރުމުން އައިސް އަތޮޅު އޮފީސްތެރެޔަށް މަސްތައް އުކާލަނީއެވެ. ރަށުގެ ފަޅު ހިއްކާގޮތާއި ހިތްހަމަ ނުޖެހިއްޖެނަމަ ވަގުތުން ނިކުމެ އެ މަސައްކަތް ހުއްޓުވާލަނީއެވެ. ކޮންމެ ދިމާލަކުންވެސް ވަކިން ޚާއްސަކޮށް އާބާދީ ބޮޑު ރަށްރަށުން އިވެމުންދަނީ އިސްތިއުފާގެ އަޑެވެ. ހުތުރުވެގެންވާ ނަންނަމުން ގޮވަމުންދާ އަޑެވެ. ގޮޅާބޯއެކޭ، ޑިކްޓޭޓަރެކޭ، ވަގެކޭ، ޚިޔާނާތްތެރިޔެކޭ ގޮވާއަޑެވެ. ނުވިތާކަށް މިފަދަ ލިޔުންތައް ހިފައިގެން ނިކުމެ މުޒާހަރާވެސް ކުރެވެމުންދަނީއެވެ. ކުރީގެ ހާލަތަށް ބަލާލައިފިނަމަ މިހުންނަނީ "ދައުލަތާއި އިނދިކޮޅު" އަމަލެއް ހިންގައިގެން އަދަބު ލިބޭވަރުގެ ކަންކަމެކެވެ. 28 އަހަރުވާންދެން "ތިޔައީ ލޮބވެތި ޒައިމޭ މިޤައުމު ފަޚުރުވެރިވާ" އެއްއަޑަކުން ގޮވާ ސަނާ ކިޔަމުންދިޔަ ރައްޔިތުންގެ ހާލަތު މިއަދު ހުރިގޮތެވެ. ކުރިން އެފަދަ މަތިވެރި މަޤާމެއް ލިބިވަޑައިގެންފައިވާއިރު އިތުރު ދައުރަކަށް ކުރިމަތި ލައްވައިގެން މިހާރުވެސް ކުރެވެމުންދާ ފުރައްސާރަ އިތުރުކުރައްވަން ބޭނުންފުޅު ވާނެޔެކޭ އަޅުގަނޑު ހިތެއް ނުބުނެވެ.
ދެންއޮތީ ލިޔުންތެރިކަމުގެ ވާހަކައެވެ. ފާޑުކިޔުމުގެ ނަޒަރަކުން ނޫހެއްގައި އެއްޗެއް ލިޔެލުމަކީ ކުރިން މަނާކަމެކޭ ދެންނެވިއްޔާ އަޅުގަނޑު ހިތުން ވާނީ ތެދުބުނި ކަމަށެވެ. ރާއްޖޭގައި ކުރިން ނެެރެވެމުން އައި ނޫހެއްކަމަށްވާ މަންޑޭ ޓައިމްސްގެ މަތިން ހަދުމަ ކޮށްލައްވާށެވެ. އެހެން މިސާލެކެވެ. އަޅުގަނޑުގެ ރައްޓެއްސެކެވެ. ސީ. އެޗް. އެސް. އީގައި ކިޔަވަން ހުރެފައި އީދު ޗުއްޓީގައި ރަށަށްދިޔަފަހަރެއްގައި އެރަށަށް ގެނެވުނު ސިމެންތިތަކަކަށް ރަށުކަތީބު ޚިޔާނާތްތެރި ވެއްޖެޔޭ ބުނެ ޅެމެއް ހެދުމުން އޭނަ ބަންދުކޮށް ސްކޫލުން ވަކިކޮށް ޝަރީޢަތް ކުރެވުނެވެ. މިއަދު އެހެންތޯއެވެ؟ ސަރުކާރާއި އިދިކޮޅު ނޫސްތަކުގައި ޖަހަމުން އެގެންދަނީ އެއަށްވުރެ އެތައް ގޮތަކުން ކްރިޓިކަލް ވާހަކަ ތަކެކެވެ. އަދިވެސް އެހެން މިސާލެކެވެ. އައްޑުވަސް މަޖައްލާގެ ބޭރު ގަނޑުގައި ތަންކޮޅެއްކުރިން ޖަހަން ގަސްދުކުރެވުނު ކާރޓޫނެއް ރައީސް މައުމޫނާއި ވައްތަރުގޮތެއް ހުރެގެންނޭ ބުނެ ޖެހޭގޮތެއް ނުވިއެވެ. ނަމަވެސް މިއަދު ސީދާ މައުމޫނުގެ ކާރޓޫންތައް ކުރެހެމުންދަނީއެވެ. މީގެ އިތުރުން އެމަނިކުފާނަށް ފާޑުކިޔުމުގެ ގޮތުން ބަޖެޓްގަސްދޮށުގެޔޭ، ލޯނު ބައްޕައޭ ދެން މިހެންގޮސް ދަންނަވާނެކަމެއް ނެތެވެ. އެމަނިކުފާނުގެ އުފަންދުވަހު ނުކުތް މިނިވަން ނޫހުގައިވަނީ އެމަނިކުފާނު އުމުރުފުޅުވެސް އޮޅުވާލައްވާފައި އެކަމުގައިވެސް މަކަރުހައްދަވާފައިވާކަމަށެވެ. އަޅުގަނޑު ހިތުން ސަރުކާރަށް ފާޑުކިޔައި އޮންލައިން ނޫހެއް ނެރުއްވި މައްސަލަޔެއްގައި އެކަންކުރެއްވި ފަރާތް އުމުރުދުވަހަށް ޖަލަށްލެއްވެވި ވެރިޔަކަށް މިހުންނަނީކީ އެއްގޮތަކަށްވެސް ތަހަންމަލުކުރަން ފަސޭހަވާނޭކަންކަމެއްްމެއް ނޫނެވެ. ވީމާ، މިޔަށްވުރެއްވެސް އިތުރު ޖެއްސުންކުރުންތަކާއި ކުރިމަތިލެއްވެވުމަށް 30 އަހަރު އިއްޒަތުގައި ވެރިކަން ކުރެއްވިފައިވާއިރު ދެން އިތުރު ދައުރަކަށް ކުރިމައްޗެއް ނުލައްވާނެއެވެ.
އިސްވެ ދެންނެވުނު ހުރިހާ ކަންކަމަށާއި އެމަނިކުފާނުގެ މުސްކުޅި އުމުރުފުޅަށް އަޅާ ބަލާއިރު އަޅުގަނޑަށް ބޮޑަށް ޤަބޫލުލުކުރެވޭގޮތުގައި އެމަނިކުފާނު އަންނަން އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެވެ. އެހެންނަމަވެސް މިއީ އަޅުގަނޑުގެ ޚިޔާލެވެ. ތިބޭފުޅާގެ ޚިޔާލު މިއާއި ތަފާތުވުމަކީ ވަރަށް ގާތްކަމެވެ. އެމަނިކުފާނު ވާދަނުކުރައްވައިފިނަމަ އެ ޕާރޓީން ރިޔާސީ އިންތިޚާބުގައި ދެން ވާދަކުރައްވާނީ ކޮންބޭފުޅެއްބާވައެވެ؟ މިއީ މުޅިން އެހެންވާހަކައެއް ދޮގެއްތޯއެވެ؟ މިވާހަކަ ދައްކާނީ އެހެންފަހަރަކުން ދޮގެއްތޯއެވެ؟  ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved