|
މަވޯޓާ
ޝަރީފުގެ އަބުރާއި ޢިއްޒަތް ގެއްލުން : މަސްހުނި ނިޒާމެއްގެ ހިތި
ނަތީޖާ!
11/01/2007
| އަލްޙާން ފަހުމީ
ދިވެހި
ރާއްޖޭގައި މަލްޓިޕާޓީ ޕޮލިޓިކްސްއަކީ އަދި ހަމައެކަނި ދެކެވޭ
ވާހަކަތަކެކެވެ. ޤައުމުގައި ޢަމަލުކުރެވެމުންދާ ދުސްތޫރީ އަދި
ޤާނޫނީ ނިޒާމަށް ބަލާއިރު، އެނިޒާމުގެ ތެރޭގައި މަލްޓިޕާޓީ
ނިޒާމަކަށް ޙަޤީޤީ ޖާގައެއް، އަދި ދިރުމެއް ނެތެވެ. ރައްޔިތުންގެ
މަޖްލީހުގައި އެއްވެސް މެމްބަރަކީ ދުސްތޫރީ އަދި ޤާނޫނީ ގޮތުން
ވަކި ޕާރޓީއެއް ތަމްސީލުކުރައްވާ ބޭފުޅެއް ނޫނެވެ. ކޮންމެ
މެމްބަރަކީވެސް ޖުމްލަކޮށް އެންމެހާ ދިވެހި ރައްޔިތުން
ތަމްސީލުކުރައްވާ، އަދި ޚާއްޞަކޮށް އެބޭފުޅެއްގެ ދާއިރާ ނުވަތަ
އަތޮޅު މުސްތަޤިއްލު ސިފައެއްގައި ތަމްސީލުކުރައްވާ ބޭފުޅެކެވެ.
އެގޮތުން ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެ ތެރެއިން ސިޔާސީ
ޕާރޓީ ތަކަށް ނިސްބަތްވާ ބޭފުޅުންނަކީ އެއްވެސް ޙާލެއްގައި ނިޒާމީ
އުސޫލަކުން، އެބޭފުޅުން ނިސްބަތްވާ ޕާރޓީން ޤަބޫލުކުރާ
ވަކިގޮތަކަށް މަޖްލީހުގައި ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވާ
ބޭފުޅުންނެއް ނޫނެވެ. މިޙަޤީޤަތް ޕާރޓީތަކުންވެސް ޤަބޫލުކުރަން
ޖެހެއެވެ. އެކަން ޤަބޫލު ނުކުރެވޭނަމަ ޕާރޓީ ތެރޭގައި މައްސަލަތައް
ކުރިމަތިވާނެއެވެ. ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ރާއްޖޭގައި އަދި
ޕާޓީ އުސޫލުން އިންތިޚާބު ކުރެވިފައިވާ މަޖްލީހެއް ނެތްކަމާއި، މި
މަރުޙަލާއަކީ ޕާރޓީ ޕޮލިޓިކްސް ދަސްކޮށް، އެސިސްޓަމް
ޤާއިމުކުރުމުގެ މަރުހަލާކަމެވެ.
މިމަރުޙަލާގައި ސ.އަތޮޅު މެމްބަރު ޝަރީފު (މަވޯޓާ) އާއި އޭނާ
ނިސްބަތްވާ ޕާރޓީ، އެމް.ޑީ.ޕީ އާއި ދެމެދު އުފެދިފައިމިވާ
މައްސަލައަކީ އިސްވެ މިދެންނެވި ޙަޤީޤަތް އެމް.ޑީ.ޕީއަށް ޤަބޫލު
ނުކުރެވުމާއި، ޝަރީފަކީވެސް ޤާއިމުކުރުމަށް މަސައްކަތް
ކުރެވެމުންމިދާ ޕާރޓީ ސިސްޓަމުގެ އުސޫލުތަކަށް ބޯލެންބެވުމުގެ
ޤާބިލުކަމާއި ކެތްތެރިކަން ލިބިވަޑައިގެން ނެތް ބޭފުޅަކަށް ވުމެވެ.
ތަނުގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމަކީ އޭގެ ޢަމަލީ މައިދާނާއި
ޑިމޮކްރަސީގެ އުސޫލުތަކާއި، ރައްޔިތުންގެ މަޞްލަޙަތަށް ބަލާއިރު
ފޭލިވެފައިވާ ނިޒާމެކެވެ. އެނިޒާމު އިޞްލާޙުކުރުމުގެ
މަސައްކަތުގައި ޙަރަކާތްތެރިވާ އިސް މީހުންނަކީ، ޤާއިމުކުރުމަށް
މަސައްކަތް މިކުރެވޭ 'މަލްޓިޕާޓީ ޑިމޮކްރަސީ' އަށް މިހާރުއްސުރެ
އިޙްތިރާމް ނުކުރެވޭ ބައެއެއް ކަމަށް ވާނަމަ ޤައުމުގެ ސިޔާސީ
ހަމަޖެހުމާއި ދެމިއޮމަކީ ދުރުގައިވާ ކަމެކެވެ.
ޝަރީފަކީ
މަޖްލީހުގައި އޭނާގެ ޤާނޫނީ ސިފަ ކޮންމެގޮތަކަށް އޮތަސް،
އެމް.ޑީ.ޕީގެ ޕާރލަމެންޓަރީ ގްރޫޕުގެ ނައިބުރައީސެވެ. ސިޔާސީ
ޕާރޓީއެއްގެ ޕާރލަމެޓަރީ ގްރޫޕަކީ ޕާރލަމެންޓް (ރައްޔިތުންގެ
މަޖްލިސް) ގައި އެ ޕާރޓީގެ ސިޔާސަތަށް ނަޞްރުދިނުމަށް އޮންނަ،
ޕާރޓީގެ ސިޔާސަތަށް އިޙްތިރާމް ކުރަންޖެހޭ ބައެކެވެ. އަދި އެ
ގްރޫޕަކީ ސިޔާސީ ޕާރޓީއެއްގެ މަޤްޞަދުތައް ޙާޞިލުކުރުމުގެ އެންމެ
ބާރުގަދަ އެއް ބަހާވެސް މެއެވެ. ޕާލަމެންޓުގައި ޕާޓީ ތަމްސީލު
ކުރައްވާ މެމްބަރުން ތިއްބަވަންވާނީ ޕާޓީ ޕޮލިޓކްސް
ނިޔާކުރާގޮތުން، ޕާރޓީ ލައިނުގައި ނުވަތަ ޕާޓީން ކަނަޑައަޅާ
ސިޔާސަތުގައި ސާބިތުކަމާއިއެކު ހިފަހައްޓަވައިގެންނެވެ.
ޑިމޮކްރަސީއަކީ ތިމާ އެކަނި ޤަބޫލުކުރާގޮތް ކުރިރުވުން
ކަމަށްނުވާތީ، ޕާރޓީގެ އަޣްލަބިއްޔަތު ލިބިފައިފާ ސިޔާސަތަކީ ތިމާ
ތާއީދުނުކުރާ ސިޔާސަތެއްކަމަށަވިޔަސް، އެއުސޫލަށް ތަބާވާން
ޖެހެއެވެ.
ޝަރީފަކީ އިސްވެ މިދެންނެވި ޕާޓީ ޕޮލިޓިކްސްގެ ޢަމަލީ މައިދާނުގައި
ފޭލިވެފައިވާ ބޭފުޅެކެވެ. އެމް.ޑީ.ޕީ ގެ ސިޔާސަތަށް މަޖްލީހުގައި
އޭނާއަށް އިޙްތިރާމް ކުރެއްވިފައި ނުވާކަން އޭނާގެ ޢަމަލުން
ސާބިތުވެއެވެ. މިކަމުގެ ނަތީޖާއަކަށްވީ، އެމް.ޑީ.ޕީ އިންވެސް
އޭނާއާއި ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުމެވެ. އެހެންކަމުން
މިހާރު އޭނާއާއި ކުރިމަތި ވެފައިވާ ބަދުއަޚްލާޤީ މައްސަލައަކީ
އެމް.ޑީ.ޕީން އިޢުލާނުކުރި ހަނގުރާމައިގެ ހަމަލާއެއް
ކަމަށްބެލެވެއެވެ. އަދި އެއީ އެމް.ޑީ.ޕީއަށް ތަނުގައި
އަމަލުކުރެވެމުންދާ ދުސްތޫރީ ނިޒާމާއި، މަޖްލީހުގެ މެންބަރުންގެ
މުސްތަގިއްލު ޤާނޫނީ ހައިސިއްޔަތު އޮޅުމުގެ ނަތީޖާއެއްކަމަށްވެސް
ދެކެމެވެ. ނިމުނީ! |