|
އެމް.ޑީ.ޕީގެ
ދެވަނަ ސިޔާސީ މޫނަށް މަރުޙަބާ!
14/01/2007
| ޚާން ޚަލީލް
އެމް.ޑީ.ޕީ އަކީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ފުރަތަމަ
ރަޖިސްޓްރީ ކުރެވުނު ޕާޓީ ކަމަށްވިޔަސް، ޕާޓީ ރަޖިސްޓްރީ
ކުރެވުނުތާ ދޮޅުއަހަރު ފަހުން، އެޕާރޓީ ސިޔާސީ ޕާޓީއަކަށް
ހެދުމަށްޓަކައި އިނގިރޭސި ވިލާތުން ކަމުގެ ފަންނީ މީހުން ގެންނަން
އުޅޭކަމުގެ ޚަބަރު އެޕާޓީން ނޫސްވެރިންނަށް ދިނުމަކީ، އެޕާޓީއަކީ
އަދި ސިޔާސީ ޕާޓީއެއް ނޫންކަމަށް އެޕާޓީން އިޢްތިރާފުވާކަމުގެ
ހެއްކެކެވެ.
ގ.ކެނެރީގޭ އަންނިގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިނގަމުންއަންނަ
ސިޔާސީޕާޓީން އެމީހުން އަދި ސިޔާސީ ކަންކަމަށް އަރާއަރަފޯދިގެން
ނުވާކަމަށް އިޢްތިރާފްވުމަކީ ސިޔާސީ ކަންކަމުގެ ނަމުގައި އެޕާރޓީން
މީގެކުރިން ހިންގި ޢަމަލުތަކާއިމެގުގައި ޝައްކުއުފެދޭ ކަމެކެވެ.
އެހެންކަމުން ، ސަރުކާރަށް މުހުލަތުތަކެއް ދީގެން ތާފާތުއެކި
ފަހަރު މަތީން ސަރުކާރު ވައްޓާލާ، ވެރިކަމާއި ޙަވާލުވާން
މަސައްކަތް ކުރުމާއި، މަގުމަތީގައި ސިޔާސީ މަޤްޞަދުތަކެއް
ޙާޞިލުކުރުމުގެ ނަމުގައި މުޒާހަރާތައް ބޭއްވުންފަދަ ކަންކަމަކީ
އެކަންކަމުގެ ޠަބީޢަތާއިމެދު ސުވާލު އުފެދޭ ކަމެކެވެ.
އެމް.ޑީ.ޕީ އުފެއްދުމުގެ މަސައްކަތުގެ ކުރީކޮޅުގައި ރައިވެރިޔާ
ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންވެސް
ޕާރޓީގެ ޗެއަރޕާސަން އަންނި ވަނީ "އަޅުގަނޑަކަށްވެސް ޕާރޓީ ހިންގާ
ގޮތެއް މާ ރަނގަޅަކަށް ނޭނގޭ...ޖެހޭނީ ބަލަން" ކަމަށް
ވިދާޅުވެފައެވެ. ހިތާމައަކީ ސިޔާސީ ޕާރޓީއެއްގެ ނަމުގައި ޤައުމުގެ
އެތަންމިތާ އެކި ބާވަތުގެ ޙަރަކާތްތައް ހިންގާ، މިތިބީ ވެރިކަމާ
ޙަވާލުވާން ތައްޔާރަށޭ ބުނެ، ހިޔަނި ކެބިނެޓް ހަދާ،
އެކެބިނެޓަށްވެސް ޚިޔާނާތްތެރިވެ، އެއީ ސިޔާސީ ޕާޓީއެއްކަމަށް
ހީކޮށް ޕާރޓީއާއި ގުޅުނު ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިން
ޖެހާ، ޖިނާއީ މައްސަލައެއްގައި ރައްޔިތުންގެ މަޖްލީހުގެ
ޢިއްޒަތްތެރި މެމްބަރަކަށް ޗިޓު ފޮނުވާ، އަމިއްލައަށް
ބޭޒާރުވުމަށްފަހު، ޕާރޓީ ސިޔާސީ ޕާޓީއަކަށް ހެދުމުގެ މަސައްކަތް
ފެށުމެވެ.
މިޕާޓީގެ ޙާލަތު މިހާހިސާބަށް ދިއުމުގައި ފޮރުވިފައިވާ ސިއްރަކީ
ޕާޓީގެ އިސް ހިންގުންތެރީން ކަމަށް ކުފޫ ހަމަނުވުމެވެ. އަދި އަންނި
އާއި ޒަކީމެންފަދަ ބޭފުޅުންގެ ސިޔާސީ ވިސްނުން ކޮށިކަމެވެ.
މައުމޫނުފަދަ ދުރުވިސްނޭ ތަޖްރިބާކާރު ސިޔާސީ ލީޑަރަކާ ވާދަކުރަން
މިބޭފުޅުންނަކީ އެކަށީގެންވާ ބަޔަކަށް ނުވުމެވެ.
ކޮންމެއަކަސް، މާޒީގެ ތަޖްރިބާ ތަކުގެ އަލީގައި، ތިމާމެންގެ
ފެންވަރާއި ފަންވަރު ޤަބޫލުކޮށް، އިޞްލާޙުވާން މަސައްކަތް ފެށުމަކީ
ހެޔޮ ފާލެކެވެ. ނިމުނީ! |