|
|
 |
|
|
ބަނަވަމުންދާ ކުރިމަގާއިމެދު އެމް.ޑީ.ޕީ ސަމާލުވާން ޖެހޭ
05/122005
|
ޒާހިރު ޢަލީ |
އީ-މެއިލް
- ޕާރޓީ ވުޖޫދަށް އައުމުގެ ކުރީން ސަރުކާރު އުފަންވެފައިވާ -
އަދުގެ ސަރުކާރުގެ އިތުބާރު ގެއްލި، ރައްޔިތުންގެ ގިނަ ބައެއްގެ
ހިތްތަކުގައި އެސަރުކާރާއިމެދު ނަފްރަތު އުފެދުނީ ވެރިކަން
ކުރާތާ 27 އަހަރުގެ ތެރޭގައި ކަމަށްވިޔަސް، ދިވެހި ރައްޔިތުންގެ
ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަކީ ސަރުކާރު ހިންގުމުގެ
ފުރުޞަތެއް ލިބުމުގެ ކުރީން، ބަދުނާމުވެ، އިތުބާރު ގެއްލިގެން
ހިނަގައިދާނެ ޕާރޓީއަކަށްވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
އެމް.ޑީ.ޕީގެ އެތެރޭގެ ހަމަނުޖެހުމާއި ކޮރަޕްޝަން ފެންމަތިވަމުން
ދިއުމާއި، އެމް.ޑީ.ޕީ އަށް ތާއީދުކުރި ގިނަ ބަޔަކު އެޕާރޓީން
ވަކިވެގެން ގޮސްފައިވުމަކީ އެޕާރޓީގެ މިހާރުގެ ސަރުކާރުގެ
ވެއްޓުމުގެ ފެށުން ކަމުގައި ބެލެވިދާނެއެވެ.
އެމް.ޑީ.ޕީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ބަލައިގަންނަން ޖެހުނީ
ދިވެހި ސިފައިންގެ ތެރެއިން ޤާނޫނާއި ޤަވާޢިދުގެ ޙުރުމަތް
ކަނޑާލި، ޚާއިނުންތަކެއްގެ އަނިޔާވެރިކަމުން ޖަލަށް ޙުކުމް
ކޮށްފައިހުރި މުޖުރިމަކު މަރާލުމުގެ ސަބަބުން، ދިވެހީންގެ
ހިތްތަކުގައި 'މުސްކުޅިވެފައިވާ' ސަރުކާރާއިމެދު އުފެދެމުންއައި
ނަފްރަތާއި ރުޅިވެރިކަން އިތުރުވެ، މާލޭގެ ހަ ފަރާތުގައި
ހަމަނުޖެހުން އުފެދިގެންގިޔަ ދަނޑިވަޅެއްގައި، އެމް.ޑީ.ޕީގެ
ނަމުގައި ރާއްޖޭން ބޭރުގައި ތިބި ދިވެހީންގެ ބަޔަކު ސަރުކާރާ
ދިމާއަށް ލަވައިގަތް ހަޅޭކުގެ އަޑު، އާދަޔާއި ޚިލާފަށް
ގަދަކަމުންނެވެ.
ރައްޔިތުންގެ ނަފްސާނީ ޙާލަތު ގޯސްވެ، ސަރުކާރާއި ދެކޮޅަށް
ޢާންމުން ހަމަނުޖެހުންތަކެއް އުފައްދަމުންދިޔަ ދަނޑިވަޅެއްގައި،
އެސަރުކާރު ވައްޓާލަން މަސައްކަތްކުރާނެ ބަޔަކު ދުނިޔޭގެ
މީޑިއާއިން ފާޅުވުން ވެގެންދިޔައީ، ސަރުކާރާއިމެދު ނަފްރަތު
އުފެދިފައިވާ މީހުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމަކަށެވެ.
އެހެންކަމުން އެމް.ޑީ.ޕީއަށް ލިބިގެންދިޔަ ތާއީދަކީ ޙަޤީޤަތުގައި
އެމީހުން ހުށަހެޅި ހަރުދަނާ ސިޔާސީ އެޖެންޑާއެއްގެ ނަތީޖާއެއް
ނޫނެވެ. ނުވަތަ އެއަޑު އުފުލި މީހުންނާއިމެދު ދިވެހީންގެ
ހިތްތަކުގައި އޮތް އިތުބާރެއްގެ ބޮޑުކަމަކުން ލިބުނު
ތާއީދެއްވެސް ނޫނެވެ. އަދި އެޕާރޓީގެ އިސްމީހުންގެ ސިޔާސީ
ޙިކުމަތްތެރިކަމަކުންވެސް ނޫނެވެ. ޢަދާވާތްތެރިއާގެ
ޢަދާވާތްތެރިއާ ރަޙުމްތްތެރިއަކަށްވާ އުސޫލުންނެވެ.
އުފެދިފައިވާ ސަރުކާރާކާއި ނުވަތަ ސިޔާސީ ޕާރޓީއަކާއި
ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ ގުޅުމަކީ އެއްވެސް ޙާލެއްގައި
މިބާވަތުގެ ގުޅުމެއް ނޫނެވެ. ސިޔާސީ ގޮތުން ތަފާތު
ޖަމާޢަތްތަކެއް އުފެއްދުމުގެ ދުސްތޫރީ ހިކުމަތަކީ، ސިޔާސީ ގޮތުން
އެއްފިކުރެއްގެ ބަޔަކު ގުޅިގެން އެކުވެރި މާޙައުލެއްގައި،
ފިކުރީގޮތުން ތަފާތު، އެފަދަ އެހެން ޖަމާޢަތްތަކާއި
ޢަދާވާތްތެރިނުވެ، ޤައުމުގެ ސިޔާސީ އޮނިގަނޑު ހަރުދަނާކުރުމުގައި
ރައްޔިތުންގެ ދައުރު ފުޅާކޮށް، ވެރިކަން ހިންގާ ފަރާތަށް
މަގުދައްކައި އެފަރާތުގެ އުނިސިފަތައް އިޞްލާޙުކުރުވަން
މަސައްކަތްކުރުމުވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ވަކި
ބައެއްގެ ހައްދުފަހަނައަޅާފައިވާ ނުފޫޒާއި ބާރު، ޖަމާޢަތުގެ
މައްޗަށް ފޯރުވިޔަ ނުދިނުމެވެ.
ސިޔާސީ ޕާރޓީގެ ނިޒާމަކީ އޭގެ ސިޔާސީ ޠަބީޢަތަށް ބަލާއިރު
ޚުދުމުޚްތާރު އެތައް ސިފައެއް އެކުލެވިގެންވާ ނިޒާމަކަށްވިޔަސް،
އެނިޒާމަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގަމުންއައި
ކުދުމުޚްތާރު ވެރިކަން ނިމެން މެދުވެރިވި މައިގަނޑު ސިޔާސީ
ސަބަބު ކަމަށް ބެލެވިދާނެއެވެ. ރާއްޖޭގައި ސިޔާސީ ޕާރޓީގެ ނިޒާމު
ތަޢާރަފް ކުރުމާއި ގުޅިގެން އަންނަމުންދާ ބަދަލުތައް އެކަމުގެ
ހެއްކަކަށް ފުދޭނެއެވެ.
ހަރުދާނާ ދުސްތޫރީ، އަދި ޤާނޫނީ އޮނިގަނޑެއް ނެތި، މިހާރު
ރާއްޖޭގައި ހިންގަމުންދާ ޕާރޓީ ސިސްޓަމަކީ، އޭގެ ޒާތުގައި އަދި
ވަރަށް އުނި، ބަލިކަށި ނިޒާމެކެވެ. އަދި ޕާރޓީތަކަށް ރައްޔިތުން
ބެހިގެން ގޮސްފައިވަނީވެސް، ސިޔާސީ ހޭލުންތެރިކަމަކާއި ނުލާ،
ޕާރޓީއެއްގެ ސިޔާސީ އެޖެންޑާއާއިމެދު ވިސްނާނުލާ ކަމުން،
ރާއްޖޭގައި މިހާރު ޙަރަކާތްތެރިމިވާ ޕާރޓީތަކުގެ ތެރެއިން
އެމް.ޑީ.ޕީއާއި ޑީ.އާރު.ޕީ އަކީ ބައިބޯވިޔަސް، އޭގެ މެމްބަރުންގެ
މެދުގައި ހަރުދަނާ ވަކި ސިޔާސީ ރޫހެއް އޮތް ޕާރޓީތަކެއް ކަމަކަށް
ނުފެނެއެވެ. އެއްޕާރޓީން އަނެއް ޕާރޓީއަށް ޢުދުވާނީ އުސޫލުން
ޖެއްސުމާއި ފުރައްސާރަކުރަމުންދާ ދިއުމަކީ މިކަމުގެ އަލިގަދަ
ދަލީލެކެވެ. އެހެންކަމުނެ މި ދެޕާރޓީ ބެލެވޭނީ ޤައުމުގެ
މަޞްލަޙަތާއި، އިޖްތިމާޢީ ސުލޫކު އެކަހެރިކޮށް، ވަކިވަކި
އަމިއްލަ ފަރުދުންގެ ޚާއްޞަ ވަކި މަޤްޞަދުތަކެއް
ޙާޞިލުކުރުމަށްޓަކައި ރައްޔިތުންގެ ނަމުގައި ޙަރަކާތްތެރިވާ
ޕާރޓީތަކެއްގެ ގޮތުގައެވެ. އަދި މިގޮތުގައި މިޕާރޓީތަކުން
ކުރިއަށް ދާނަމަ، އެކަމުގެ ނަތީޖާއަކަށްވާނީ، ޕާރޓީގެ ކުރިމަގު
ބަނަވެ، ވެއްޓުމަކަށްފަހު ވެއްޓުމާކާ ކުރިމަތިލާން ޖެހޭތަން
އައުމެވެ.
ޑީ.އާރު.ޕީ އަކީ އުފަންވުމުގެ ކުރިން ސަރުކާރާއި ޙަވާލުވެގެން
އުޅޭ ޕާރޓީކަމުން އެޕާރޓީއަކީ ވުޖޫދަށް އައުމުގެ ކުރިން އިތުބާރު
ގެއްލި ސިޔާސީ ގޮތުން ކިލަނބުވެފައިވާ ޕާރޓީއަކެވެ.
އެހެންނަމަވެސް، ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް ފޯރުކޮށްދީ
ސަރުކާރު ހިންގުމުގެ ފުރުޞަތު ނުލިބި އެމް.ޑީ.ޕީ އޮއްސިޔަ
ދިނުމާއި ނުދިނުމުގެ ފަހަތުގައި ތިބީ އެޕާރީގެ ލީޑަރުންކަމުން،
ވެއްޓެންދާ ވަޅުގަނޑުން ސަލާމަތްވެ، އެކުވެރި މާހައުލެއްގައި
އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމަށް އެމް.ޑީ.ޕީއަށް
ނަސޭހަތްތެރިވަމެވެ. ނިމުނީ!
|
|
|
|
|
 |
|