27 January 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

އެމް.ޑީ.ޕީގެ މުޒާހަރާގެ 'ޖަނާޒާ' ކޯޓުގައި ބާއްވަން ބަންޑާރަ ނައިބު މަސައްކަތް ފައްޓަވާފައި ވާއިރު...

27/01/2006 | ދިޕޮލިޓިކްސް
މިދިޔަ އަންގާރަ ދުވަހު ދިވެހި ރައްޔިތުންގެ ޑީމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ރާއްޖޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ބައެއް މީހުންގެ މައްޗަށް ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވިކަމުގެ ތުހުމަތުގައި، ބަންޑާރަ ނައިބު ޝަރީޢަތަށް މައްސަލައެއް ހުށަހަޅުއްވިކަން ޖަސްޓިސް މިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ. މިމައްސަލާ ޝަރީޢަތަށް ހުށަހެއްޅުއްވުމުގައި ބަންޑާރަ ނައިބުގެ މަޤްޞަދަކީ ސިޔާސީ ޙަރަކާތްތަކެއްގެ ނަމުގައި، ދައުލަތުގެ ޤާނޫނީ ބާރު ކެނޑުވާލުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމާއި، ރައްޔިތުންގެ ޤާނޫނާއި، ދައުލަތުގެ އިޖްތިމާޢީ ނިޒާމު ޙިމާޔަތްކުރުން ކަމަށް ވާން ޖެހޭނެއެވެ. އެބަހީ، ދިވެހި ރާއްޖޭގެ ބަންޑާރަ ނައިބު ޑރ. ޙަސަން ސަޢީދަކީވެސް ސިޔާސީ ޕާރޓީއެއްގެ އިސް ބޭފުޅަކަށްވެފައި، ބަންޑާރަނައިބަށް ޤާނޫނީ ގޮތުން ލިބިދީފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވާ، ވަކި ސިޔާސީ ޙަރަކާތަކަށް، ނުވަތަ ވަކި ސިޔާސީ ޕާރޓީއަކަށް ނުސީދާ ސިފައިގާ ހުރަސް އެޅުއްވުމުގެ މަޤްޞަދުގައި، ޞައްޙަ ޤާނޫނީ މަޤްޞަދެއް ނެތް އެއްވެސް ދަޢްވާއެއް ސިޔާސީ ޙަރަކާތަކާއި ގުޅިގެން ހުށަހަޅުއްވައިގެން ނުވާނެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ވަނީ " ޤާނޫނާއި ޚިލާފު ނުވާ ގޮތުގެ މަތީން، ޞުލްޙަވެރިކަމާއިއެކު މީސްތަކުން އެއްވެ އުޅުމަކީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ" ހަމަ އެހެންމެ، އެފަދަ އެއްވުމެއްގައިވިޔަސް އަދި އެނޫން ގޮތަކަށް ވިޔަސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީވެސް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 25 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެކެވެ.
ނަމަވެސް ޤާނޫނުއަސާސީގައި ދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމަށް އިމެއް ކަނޑައެޅިފައިވާކަން ފާހަގަކުރެވެއެވެ. އެހެނީ "ޤާނޫނާއި ޚިލާފު ނުވާގޮތުގެ މަތީން" އެއްވުމުގެ މިނިވަންކަން އޮތަސް، ޤާނޫނުގައި އެއްވެ އުޅުން މަނާކުރެވިފައިވާ ނުވަތަ މަނާކުރާ ޙާލަތެއްގައި އެއްވުމަކީ ޤާނޫނުއަސާސީ މަނާކުރާ ކަމެއްކަން، އިޝާރާތް ކުރެވުނު 26 ވަނަ މާއްދާއިން ދޭހަވެއެވެ.
ހިތާމައަކީ، އެމް.ޑީ.ޕީގެ މީޑިޔާއާއި، އިސް ފަރާތްތަކުން ރައްޔިތުންނަށް މިކަން އޮޅުން ފިލުވައި ނުދޭކަމެވެ. އެޕާރޓީން ހަމައެކަނި ފާހަގަކުރާ ނުކުތާއަކީ ޤާނޫނުއަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ ކަމެކެވެ. އެއްވެސް ޙާލެއްގައި އެމިނިވަންކަމަކީވެސް ދުސްތޫރީގޮތުން ވަކި އިމެއް ކަނޑައެޅިފައިވާ އެއްޗެއްކަން އެޕާރޓީން ފާހަގަކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އެޕާރޓީން ޢާންމުކޮށް ބޭނުންކޮށްފައިވާ ސިޔާސަތަކީ، ޤާނޫނުއަސާސީގައި ދީފައިވާ މިނިވަންކަމަކީ ވަކި އިމެއް ނުވަތަ މިންގަނޑެއް ނެތް އެއްޗަކަށް ހަދައިގެން، ޕާރޓީގެ ޢާންމު މެމްބަރުން ނުވަތަ ރައްޔިތުން 'ބޭނުންކޮށްގެން' އެޕާރޓީގެ ސިޔާސީ ލަނޑުދަނޑިއާއި ހަމައަށް ވާޞިލުވުމަށް މަސައްކަތް ކުރުމެވެ.
މިސާލަކަށް ބަންޑާރަ ނައިބު މުޒާހަރާގެ މައްސަލަ ޤާނޫނުލް ޢުޤޫބާތުގެ މާއްދާއަކާއި ޙަވާލާދެއްވާ ޝަރީޢަތަށް ހުށަހަޅުއްވައިގެން އުޅުއްވާ މައްސަލާގައި މިނިވަން ނޫހަށް އެމް.ޑީ.ޕީގެ ހިޔަނި ކެބިނެޓުގެ މިނިސްޓަ ޑރ. މުޙަންމަދު ވަޙީދު ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ " ޞުލްޙަވެރިކަމާއިއެކު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައިވާ ގޮތުގެމަތީން ރައްޔިތުންނަށް ލިބިފައި އޮތް ޙައްޤެއް . ޤާނޫނުއަސާސީން ލިބިދޭ މިފަދަ ޙައްޤެއް ސިޔާސީ ޕާރޓީގެ ޤަވައިދަކަށް ނިގުޅައި ނުގަނެވޭނެ." (މިނިވަން ނިއުސްގެ ޢިބާރާތެއްގެ ތަރުޖަމާ) ވަޙީދުގެ އެބަހުން ދޭހަވަނީ ކުރިން މިދެންނެވި މިނިވަންކަމުގެ އިން އެއްގޮތަކަށްވެސް ފާހަގަ ނުކުރައްވާ ކަމާއި، ދަޢުވާ ޙަވާލާދެވިފައިވާ ޤާނޫނުވެސް ރަނަގަޅަށް އެނގިވަޑައިގެންފައި ނުވާކަމެކެވެ. ނުވަތަ އެފަދަ ޤާނޫނީ ނުކުތާތަކަށް ދެއްވަންވާ ސަމާލުކަން ދެއްވިފައި ނުވާކަމެކެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ ޤާނޫނީ ނިޒާމެއްގެ ގިއުގަނޑުގެ ތެރޭގައި ހިންގޭ އެންމެހައި ޙަރަކާތްތަކަކީ އެޙަރަކާތެއްގެ ހަފަރާތުން ޤާނޫނީ ތަރަހައިގެ ތެރެއިން ހިންގޭ ޙަރަކާތަކަށް ހަދަން މަސައްކަތް ކުރަން ޖެހޭނެއެވެ. 'މަދަނީ ނުކިޔަމަންތެރިކަން' ދެއްކުމުގެ މާނައަކީ ޤާނޫނަކާއި ނުވަތަ ޤާނޫނުތަކަށް، ނުވަތަ ސަރުކާރުގެ އަމުރަކަށް ނުވަތަ އަމުރުތަކަކަށް، ޢުދުވާނީ އަނިޔާވެރި ޙަރަކާތްތަކަކާއި ނުލާ ނުކިޔަމަންތެރިކަން ދެއްކުމެވެ. އެގޮތަށް ބަޔަކު ޢަމަލުތަކެއް ހިންގި ނަމަވެސް ޤާނޫނު ތަންފީޒުކުރުމުގެ ބާރު ލިބިފައިވާ ފަރާތަށް ޤާނޫނު ތަންފީޒު ކުރެވޭހާ ހިނދެއްގައި އެކަން ކުރާނެކަން ޤަބޫލުކުރަންވެސް ޖެހެއެވެ. އަދި ކުރާނެވެސް މެއެވެ.
ކޮންމެއަކަސް، ކުރިން މިދެންނެވި ސިޔާސަތަކީ އެމް.ޑީ.ޕީން ގެންގުޅެފައިވާ ސިޔާސަތު ކަމަށްވެފައި، ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 46 ވަނަ މާއްދާގައި ޣައިރުޤާނޫނީ އެއްވުމުގެ ދާއިރާ ފުޅާކަމާއިއެކު، އެމާއްދާއާއި ޙަވާލާދީ މުޒާހަރާއާއި ގުޅިގެން، ނުވަތަ 'މަދަނީ ނުކިޔަމަންތެރިކަން' ދެއްކުމާއި ގުޅިގެން ދަޢްވާއެއް އުފުލުމުގެ ޖާގަ ބަންޑާރަ ނައިބަށް އޮތުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ފަހެ އެމާއްދާގެ ނޯޓުގައި ވަނީ " ބަޔަކު އެއްވާއިރު، ޣައިރުޤާނޫނީ އެއްވުމަކަށް ނުވިނަމަވެސް ފަހުން އެފަދަ އެއްވުމަކަށް އެނބުރިދާނެއެވެ." އެވެ.
ސިޔާސީ ޙަރަކާތްތަކުގެ ސަބަބުން ސިޔާސީ ޙަރަކާތްތަކަށް މުޅިން އައު، ޤާނޫނީ ހޭލުންތެރިކަން ކުޑަ އެތައް ބަޔަކަށް އަނިޔާ ލިބެމުންދާ ދިއުމަކީ އެފަދަ ޙަރަކާތްތައް ހިންގުވާ ފަރާތްތަކުން ޒިންމާ ވާންޖެހޭ ކަމެކެވެ. ފަހެ، ސިޔާސީ ޕާރޓީތަކުން ރައްޔިތުންނަށް އޮޅުވާލައިގެން އެމީހުންގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ނުވާނެއެވެ. ހަމަ އެހެންމެ، ދައުލަތުގެ ޤާނޫނީ އިދާރާތަކުން ޤާނޫނުގެ ރޫޙާއި މަޤްޞަދާއި ޚިލާފަށް ރައްޔިތުން މައްޗަށް ދަޢްވާތައް އުފުލައި، ސަރުކާރު ހިންގާ ފަރާތުގެ އަމިއްލަ މަޤްޞަދުތަކެއް ޙާޞިލުކުރުމަށް ދައުލަތުގެ ޤާނޫނީ އެއްވެސް ބާރެއްގެ ބޭނުން ނުކުރުމަށް ގޮވާލަމެވެ.
ނިމުނީ!

 

ނޯޓް: ދިޕޮލިޓިކްސްގެ ލީގަލް ޓީމުން ބަނޑާރަ ނައިބު ހުށަހަޅުއްވާފައިވާ ދަޢްވާ ދިރާސާ ކުރަމުންދާ ވާހަކަ ކިޔުންތެރީންގެ މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved