08 December 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

އެމް.ޑީ.ޕީ ސަރުކާރާއި ޙަވާލުވާނަމަ ވަގުތުން ވެރިކަން ބަދަލުކުރަން ޖެހޭ !
0
8/12/2006 | އަލްޙާން ފަހުމީ
ދިވެހިރާއްޖެއަކީ އެތަނުގައި އޮތް ސަރުކާރުގެ ބާރު ކެނޑިފައިވާ ތަނެއްކަމަށް ޤަބޫލުކުރަނީ ހަމައެކަނި އެމް.ޑީ.ޕީ ރަޖިސްޓްރީކޮށް، އެޕާރޓީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ، އިނގިލިން ގުނާލެވޭހާ މަދު، ވަކިވަކި ފަރުދުންތަކެކެވެ. އެބަޔަކަށް ޤަބޫލުކުރެވޭ ގޮތުގައި އެމް.ޑީ.ޕީ ވުޖޫދަށްއައި ހިނދުން ފެށިގެން ދިވެހިރާއްޖޭގައި ސަރުކާރެއް ނެތެވެ. އަދި ރާއްޖޭގައި ޤާނޫނު ތަންފީޒުކުރާނެ ފަރާތެއްވެސް ނެތެވެ. އެހެންނަމަވެސް، މިއީ އެމް.ޑީ.ޕީގައި ތިބި، އެޕާރޓީގެ މައްޗަށް ނުފޫޒު ހިންގާ ބައެއް ލީޑަރުންގެ ކޮށި ވިސްނުމާއި ގުޅިފައިވާ ޙަޤިޤަތެއް ނެތް ޚިޔާލެކެވެ.

ސަރުކާރަށް ކުރިމަތިވެގެންދިޔަ ސިޔާސީ ފިއްތުންތަކަކާއި ގުޅިގެން، ޤައުމުގެ ސިޔާސީ ވެށި ބަދަލުކޮށް، ރައްޔިތުންގެ ވިސްނުމުގެ އަމާޒު ބަދަލުކޮށް، ސަރުކާރާއިމެދު ރައްޔިތުންގެ ކިބައިގާ އުފެދިފައިވާ ޖަމާޢީ، އިދިކޮޅު ސިޔާސީ ވިސްނުން ރޫޅާލާ، ރައްޔިތުންގެ ސިކުނޑީގައި ޖެހިފައިވާ ގޮށް މޮހެލުމަށްޓަކައި "ސިޔާސީ ޕާރޓީގެ ޤަވާޢިދު" ގެ ނަމުގައި ސަރުކާރުން ޖެއްސެވި 'ރިޔާސީ މަޅީ' ގައި ޖެހި، މަގުމައްޗަށް ނުކުމެ އަޑުގެ ކޮޅަށް ހަޅޭލަވައިގަތް ހިނދުން ފެށިގެން، އެމް.ޑީ.ޕީގެ ލީޑަރުންނަށް ޤަބޫލުކުރެވިފައި އޮތީ ދިވެހިރާއްޖެއަކީ މަލްޓިޕާރޓީ ޑިމޮކްރަސީއެއްގެ ހިޔަލުގައި ހިތުހުރި ގޮތަކަށް ސިޔާސީ ގޮތުން ހަރަކާތްތެރިވުމަށް އެކަށީގެންވާ ޤައުމެކެވެ.

އެބަޔަކަށް އެކަން އެގޮތަށް ޤަބޫލުކުރެވި، އިސާހިތަކު މައުމޫނުގެ ވެރިކަން ބަދަލުވެދާނެކަމުގެ ހުވަފެންތަކެއް ދެކި، ހިންގަންފެށި ތަސައްރަފު ނުފުދޭ ތަފާތު އެކި ޙަރަކާތްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ރައްޔިތުންގެ ތެރެއިން އެޙަރަކާތަށް ލިބުނު ތާއީދު ގެއްލި، އެޙަރަކާތް ބައިބައިވެ، ޙަރަކާތުގެ ލީޑަރުން ތަފާތު އެކި އޮޑީގައި އެކި ދިމަދިމާއަށް ދަތުރުފަށާ، ޙަރަކާތުގެ މަޤްޞަދު އޮޅި، 'އިނދަޖެހުނީ' އެވެ.

އެމް.ޑީ.ޕީގެ ނަމުގައި އުފެދިގެންއައި ސިޔާސީ އިދިކޮޅު ޙަރަކާތަކީ އެޙަރަކާތުގެ މުގުލުގައިތިބި މީހުންނަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ޤަބޫލުކުރެވޭތީ، އެމީހުންގެ ފިސްނުމާއި ފިކުރާއި އެއްގޮތްވާ ގޮތުގެމަތީން އުފެދިގެން އައި ޙަރަކާތެކެވެ. އެހެންނަމަވެސް، އެމް.ޑީ.ޕީ ޙަރަކާތަކީ ސިޔާސީ ގޮތުން ރާއްޖޭގައި 28 އަހަރުވަންދެން ވެރިކަން ކުރަމުން އައިސްފައިވާ ރައީސް މައުމޫނުގެ ސަރުކާރާއި ކުރިމަތިލާ، އެސަރުކާރު ބަލިކުރެވޭ ވަރުގެ ސިޔާސީ ޤާބިލުކަމާއި، ޤާނޫނީ ހޭލުންތެރިކަން ހުރި ޙަރަކާތެއްކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ.

އެހެން މިދެންނެވީ އެމް.ޑީ.ޕީގެ 'ހަޤީޤީ ލީޑަރުން' ޤަބޫލު ކުރާގޮތުގައި 'މަދަނީ ނުކިޔަމަންތެރިކަން' ވަސީލަތަކަށް ބޭނުންކޮށްގެން، މައުމޫނުގެ ސަރުކާރު ވައްޓާލުމަކީ އެޕާރޓީގެ އެޖެންޑާގެ އެއްވަނަ ނަންބަރެވެ. އެނަންބަރު ފުރިހަމަކޮށްގެން މެނުވީ، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އެމް.ޑީ.ޕީއަށް އަދާކުރެވޭނެ ދައުރެއް އޮތްކަމަށް އެމީހުންނަށް ޤަބޫލު ނުކުރެވެއެވެ. އެހެންނަމަވެސް، ހައިރާންވާ ކަމަކީ 'މަދަނީ ނުކިޔަމަންތެރިކަން' ބޭނުންކޮށްގެން ސަރުކާރުވައްޓާލަން ބޭނުންވާ ޙަރަކާތަކުން، އެސަރުކާރުގެ އިސްވެރިޔާގެ ޤަރާރެއްގެ ދަށުން ނެރެވުނު ޤަވާޢިދެއްގެ ދަށުން އެސަރުކާރުގެ ޤާނޫނީ އިމުގެ ތެރެއަށް ވަދެ، ޤާނޫނުއަސާސީގައި އޮތް ފުޅާ މިނިވަންކަން އަމިއްލައަށް ހަނިކޮށްލާ، އެސަރުކާރުގެ ތަންފީޒީ ބާރު، އަމިއްލަ ނަފްސުގެ މައްޗަށް ހިންގުމަށް ރުހި ޤަބޫލުވެ، "އެމް.ޑީ.ޕީ ޙަރކާތޭ" އަޅުގަނޑު މިކިޔާ ޙަރަކާތް ޤާނޫނީ ސިޔާސީ ޕާރޓީއަކަށް ބަދަލުކޮށްލިކަމެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ މައުމޫނުގެ ސަރުކާރަށް އަމާންދީ، ހުދު ދިދަ ނަގާ، ތިމާމެންގެ އަސްލު ޠަބީޢަތް އޮޅި، އޮޅުވާލީއެވެ.

މިދެންނެވި މަރުޙަލާ ނިމުމަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަޙަށް އުފަންވީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާރޓީ އެމް.ޑީ.ޕީ އެވެ. އެމް.ޑީ.ޕީ ޙަރަކާތް ސިޔާސީ ޕާރޓީއަކަށް ބަދަލުވުމަށްފަހު، ދެން ކުރިމަތިލާންޖެހުނީ އެޕާރޓީއަށް ޤާނޫނީ ޝަޚްޞިއްޔަތު ލިބިދިން ޤަވާޢިދުގެ ފިއްތުންތަކާއެވެ. ޕާރޓީގެ އެޖެންޑާގެ އެއްވަނަ ނަންބަރު، 'މަދަނީ ބަސްނޭހުން' ކުރިއަށް ގެންދިއުމުގެ ޖާގަ ކުޑަވެ، އެކަމަށް ހުރި މަގުތައް ބަންދުވެ، ހުރިހާކަމެއްވެސް، ސަރުކާރުން ބޭނުންވާގޮތަށް ހިންގަން މަޖްބޫރުވެ، ކުރިމަރުވެއްޖެވެ.

އެހާހިސާބުން، ޕާރޓީ ކުރިއަށް ގެންދާނަމަ ބަސްނޭހުމުގެ މިސްރާބު ބަދަލުކުރަން ޖެހޭކަން ފުރަތަމަ ޤަބޫލުކުރެވުނީ ޕާރޓީގެ އެންމެ ފުރަތަމަ ރައިސް އިބްރާހިމް އިސްމާޢިލް (އިބުރާ) އަށެވެ. އޭނާއަށް އަކަން ޤަބޫލުކުރެވިގެން ކަނޑައަޅަންފެށި ސިޔާސަތަކީ، ބަސްނާހާ ޠަބީޢަތް ހުރި، ޕާރޓީގެ ޙަޤީޤީ ވެރިޔާ މުޙަންމަދު ނަޝީދު (އަންނި) އަށް ޤަބޫލު ކުރެވޭ އެއްޗަކަށް ނުވުމުގެ ސަބަބުން، ޑިމޮކްރަސީގެ ދޮރުން އެމް.ޑީ.ޕީގެ ރިޔާސީ ގަނޑުވަރަށް ވަތް އިބުރާއަށް ޖެހުނީ ޑިމޮކްރަސީގެ 'ވަލު ދޮރޯށިން' ނުކުމެގެން ގޮސް، އައު ޕާރޓީއެއް އުފެއްދުމާއިގެން ޙަރަކާތްތެރިވާށެވެ.

މިކަންތައް މިގޮތަށް ހިނގައި ދިޔުމުން ދޭހަވަނީ، ދިވެހިރައްޔިތުން ސިޔާސީ އިޞްލާޙު ބޭނުންވިޔަސް، އަދި މައުމޫނު ޢަބްދުލް ޤައްޔޫމުގެ ވެރިކަން ބޭނުން ނުވީނަމަވެސް، އެމީހުންގެ އެ ސިޔާސީ މަޤްޞަދު ޙާޞިލުކުރަން ބޭނުންވާގޮތާއި، އެމް.ޑީ.ޕީ ގެ ލީޑަރުން އިޚްތިޔާރު ގޮތް ތަފާތުކަމެވެ. ޑިމޮކްރަސީއަކީ ވެރިންނަށް ފެންނަހާ ގޮތަކަށް ކަންތައް ހިންގުން ކަމަށް ނުވާތީ، އެމް.ޑީ.ޕީ ޙަރަކާތަށް ތާއީދުކުރާ ރައްޔިތުންނަށް އެމް.ޑީ.ޕީގެ ވެރިންގެ ޑިމޮކްރަސީ ޤަބޫލު ނުކުރެވޭކަން ހިނގައިދިޔަ މަދު ޙާދިސާތަކުން ސާބިތުވާނެއެވެ. އެމް.ޑީ.ޕީގެ ޗެއަރ ޕާރސަން އަންނި މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު، މަދަނީ ބަސްނޭހުމަކާއިއެކު ސަރުކާރު ވައްޓާލަން ގިނިކަންޏާ މަގުމައްޗަށް ނުކުތް ނުކުތުމުންވެސް، އެފަދަ ސިޔާސަތުތަކާއިމެދު ރައްޔިތުންގެ ވިސްނުން ހުރި ގޮތާއި، އެމް.ޑީ.ޕީގެ ލީޑަރުންގެ ތަސައްރަފު ނުފުދޭކަމާއި، އެމީހުންގެ ސިޔާސީ ވިސްނުމާއި ފިކުރު ހާމަވެއެވެ.

އެމް.ޑީ.ޕީގެ ސިޔާސީ މަގު ކުރެހިފައި އޮތީ ޑިމޮކްރަސީއާއި ރައްޔިތުންގެ ވެރިކަން ހަރުދަނާކުރަން ކަމަށްވިޔަސް، އެޕާރޓީގެ ވެރިންނަކީ އެކަން ކުރުމުގެ ޤާބިލުކަން ނެތް ބަޔަކަށްވުމަކީ އެމް.ޑީ.ޕީގެ މުސްތަޤުބަލާއިމެދު ސުވާލު އުފެދި ނާއުންމީދު ވާންޖެހޭ ކަމެކެވެ. އަންނިގެ ޚުދުމުޚްތާރު ސިޔާސަތާއި، ޒަކީގެ ފޭލިވެފައިވާ ވިސްނުމާއިގެން ރާއްޖޭގެ އަދުގެ ސިޔާސީ މައިދާނުގައި އެމް.ޑީ.އަށް ކުރިއަށް ދޭވޭނެ ޖާގައެއް އޮތްކަމަކަށް ނުފެނެއެވެ.

އެހެންކަމުން މިހާރު އެމް.ޑީ.ޕީގެ އެންމެ އިސް ކަމަކަށް ވާންވީ، ވަގުތުން ވަގުތަށް ޕާރޓީގެ ލީޑަރޝިޕް ބަދަލުކޮށް، އެމް.ޑީ.ޕީ ދައުލަތުގެ ވެރިކަމާއި ހަވާލުވާއިރު، ދައުލަތް ހިންގުމަށް ޤާބިލު ބަޔަކު ޕާރޓީގެ ވެރިކަމަށް ގެނައުމެވެ. އަދި ސިޔާސީ ގޮތުން ތަސައްރަފު ފުދޭ، ދައުލަތުގެ ވެރިކަމާއި ޤައުމީ ސިޔާސީ ކަންކަމުގައި ޒާތީ ޙަސަދައަކީ އޮންނަ އެއްޗެއް ނޫންކަން ޤަބޫލުކުރާ ޙިކުމަތްތެރި ބަޔަކާ ޕާރޓީ ހިންގަން ޙަވާލުކުރުމެވެ.  ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved