 |
|
އެމް.ޑީ.ޕީން އިންތިޒާމުކުރާ ދެވަނަ މުޒާހަރާގައި ގިނަ ބަޔަކު
ބައިވެރިވެގެން ޑީ.އާރު.ޕީއަށް ގޮންޖަހާލެވިދާނެ!
26/03/2006
| ޢަބްދުލް ޢަޒީޒު | އީ-މެއިލް
މިމަހުގެ 30 ވަނަ ދުވަހަށް އެމް.ޑީ.ޕީން ރާވާފައިވާ މުޒާހަރާ،
'އަންހެނުންނަށް އަނިޔާކުރުން ހުއްޓާލާ' ގައި ވީހާ ގިނަ
ޢަދަދެއްގެ ރައްޔިތުން ބައިވެރިވުމަކީ ޤާނޫނީ އެއްވެސް
އަސާސެއްނެތި ވެރިކަން ކުރާ ޕާރޓީ، ޑީ.އާރު.ޕީ އަށް
ގޮންޖަހާލުމަށް އޮތް ރަނުގެ ފުރުޞަތެކެވެ. މީގެ ކުރީން
އެމް.ޑީ.ޕީން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި
ބޭއްވުނު މުޒާހަރާގައި އެކަށީގެންވާވަށް ރައްޔިތުން ބައިވެރި
ނުވުމަކީ ވެރިކަންކުރާ ޕާރޓީގެ 'ހިތްވަރު' އިތުރުވެގެންދިޔަ
ކަމެކެވެ. ވަކީން ޚާއްޞަކޮށް، ދައުލަތުގެ ބަންޑާރަ ނައިބު،
އެމުޒާހަރާގައި ބައިވެރި ދިހަ ވަރަކަށް މީހެއްގެ މައްޗަށް ދަޢުވާ
ހުށަހަޅުއްވާނެކަމަށް ވިދާޅުވެ، ޤާނޫނުގެ ބިރު
ދައްކަވާފައިވާއިރު، މިފަހަރުގެ މުޒާޙަރާގައި ކުރީ
މުޒާހަރާއަށްވުރެ ގިނަ ބަޔަކު ބައިވެރިވެ، ޤާނޫނީ އެއްވެސް
އަސާސެއްނެތި ސަރުކާރާއި ޙަވާލުވެގެން އުޅޭ ޑީ.އާރު.ޕީ އާއި،
ޑީ.އާރު.ޕީގެ މަޤްޞަދުތައް ޙާޞިލުވާގޮތަށް ހިންގޭ ސަރުކާރުގެ
މުއައްސަސާތަކާއި، އޭގެ ހިންގުންތެރީންނަށް ދެވޭ ހަރުކަށި ސިޔާސީ
ޖަވާބަކަށް ވެގެންދާނެއެވެ.
ޤާނޫނަކީ އޭގެ ޠަބީޢަތުގައި ރައްޔިތުންގެ މަޞްލަޙަތު
ޙިމާޔަތްކުރުމަށް ހެދިފައިވާ އެއްޗެކެވެ. ދައުލަތާއި
ރައްޔިތުންގެ ޢާންމު މަޞްލަޙަތާއި ޚިލާފަށް ހެދިފައިވާ
ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ބާރު ރައްޔިތުންނަށް
ކަނޑުވާލެވިދާނެއެވެ. އެއްބައިވަންތަ ރޫޙެއްގައި ޙަރަކަތްތެރި
ވެވިއްޖެނަމަ، އެފަދަ ޤާނޫނުތަކާއި، އެޤާނޫނުތައް ހިންގާ
ސަރުކާރެއްގެ ބާރު ކަނޑުވާލުމަކީވެސް އުނދަގޫ ކަމަކަށް
ނުވާނެއެވެ. އަދި ރައްޔިތުންގެ ބާރުން އުފެދޭ ޤާނޫނަކުން
ރައްޔިތުންގެ ޖަމާޢީ ބޭނުންތަކަށް ހުރަސް އެޅުމާއި، އޭގެ
ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދެއްކުމަކީ ރައްޔިތުންނަށް
ހުއްޓުވިދާނެކެމެކެވެ.
ފާއިތުވި 28 އަހަރުގެ ދިގު މުއްދަތުގައި، ޢާންމު ގޮތެއްގައި
ދިވެހިރާއްޖޭގައި އުފެދިފައިވާ ހުރިހާ ޤާނޫނަކީ ސަރުކާރުން
ހުށަހަޅާގޮތަކަށް، ސަރުކާރު ހިންގާ ފަރާތުގެ ޚާއްޞަ މަޤްޞަދުތައް
ޙާޞިލުކުރުމަށްޓަކައި، ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުގައި
އޮތް، ޤާނޫނުހަދާ މަޖްލީހަކުން ހަދާފައިވާ ޤާނޫނުތަކެކެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެކަށީގެންވާ ވަރަށްވުރެ ދިގު
މުއްދަތަކަށް ރައީސް މައުމޫނަށް ވެރިކަން ކުރެއްވުނީ، ދިވެހި
މުޖުތަމަޢުގެ ސިޔާސީ ހޭލުންތެރިކަން ކުޑަކަމުންނާއި،
ރައްޔިތުންގެ ބާރު ކަނޑުވާލެވޭގޮތަށް ޤާނޫނުއަސާސީއެއް
އެކުލަވާލެވިފައިވާތީއާއި، ޤާނޫނޫގެ ބޭނުންކުރައްވައިގެން ސިޔާސީ
އިދިކޮޅު ހެދުންތަކުގެ އަޑު ކަނޑުވާލެވި، މުޖުތަމަޢުގައި
އޮންނަންޖެހޭ ސިޔާސީ ވާދަވެރިކަމާއި، ސަރުކާރު ހިންގުމުގައި
ރައްޔިތުންގެ ބައިވެރިވުމުގެ ރޫޙު ކަނޑުވާލެވިފައިވާތީއެވެ.
ހުރިހާ ރައްޔިތުން ގޮވައިގެން ޝަރީޢަތަށް ދެވޭނެ ބަންޑާރަ
ނައިބަކު އެއްވެސް ޤައުމަކު ނުހުންނާނެއެވެ. އަދި ހުރިހާ
ރައްޔިތުން ޖަލަށްލެވޭވަރުގެ ސަރުކާރެއްވެސް ނޯންނާނެއެވެ.
އެމް.ޑީ.ޕީގެ އެތެރޭގެ ސިޔާސީ މަސްރަހު ކޮންމެވެސް ވަރަކަށް
ގޯސްވެފައި އޮތަސް، އަޅުގަނޑުމެން ރައްޔިތުންގެ ރުހުމަކާނުލާ
ވެރިކަން 'ފޭރިގަނެގެން' އުޅޭ ޑީ.އާރު.ޕީއާއި ކުރިމަތިލުމަށް،
އެމް.ޑީ.ޕީގެ ފަހަތުން ނުކުތުމަކީ އެވެރީން އިސާހިތަކު
ބަލިކަށިވެދާނެ ކަމެކެވެ. ނިމުނީ!
|
|
 |
|