 |
|
ވަޒީރުންނާ
ކުރިމަތިލާއްވާއިރު ނޫސްވެރިން ތައްޔާރުވުން މުހިންމު
23/02/2006
| އަލްޙާން ފަހުމީ
ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކުގެ މަސްއޫލިއްޔާތު
އަދާކުރެވޭ ގޮތާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢްލޫމާތު
ދިނުމަށްޓަކައި ޓީ.ވީ މޯލްޑިވްސްއިން ދުރައް ދައްކައިގެން
ބޭއްވެމުންދާ ނޫސް ކޮންފަރެންސްތަކަކީ، ރައްޔިތުންގެ
ކުރިމަތީގައި ސަރުކާރުގެ ޒިންމާދާރުކަން ހާމަކުރުމާއި،
ސަރުކާރުގެ މަސްއޫލިއްޔަތާއި ބެހޭގޮތުން ސުވާލުކުރުމުގެ ބާރު
ރައްޔިތުންނަށް ދީފައިވާކަން ހާމަކުރުމުގެ ގޮތުން ހިންގޭ
ޕްރޮގްރާމްތަކެކެވެ. އެތެރެ ފެންނަ ޑީމޮކްރެޓިކް ސިޔާސަތަށް
ސަރުކާރުން މަރުޙަބާ ކިޔާކަން ދެއްކެވުމުގެ ގޮތުން ހިންގަވާ
ޕްރޮގްރާމް ތަކެކެވެ.
މި ނޫސްކޮންފަރެންސްތަކުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ
އެއްކަމަކީ، ނޫސްވެރީންގެ ސުވާލުތަކުގެ ތިލަ ކަމާއި، އެފަދަ
ކޮންފަރެންސަކަށް ޙާޒިރުވާއިރު ތައްޔާރުވާން ޖެހޭވަރަށް
ނޫސްވެރިން ތައްޔާރުވެވަޑައިގެންފައި ނުވާކަމެވެ. އެހެން
މިދެންނެވީ، ކަށަވަރުނުވާ މަޢްލޫމާތުތަކާއި ޙަވާލާދީ ކުރެވޭ
ސުވާލުތަކުގެ ސަބަބުން، ނޫސްވެރިންގެ އަނގަބެދި، ލިބިފައިވާ
ރަނުގެ ފުރުޞަތު ގެއްލިގެންދާތަން ތަކުރާރުކޮށް
މިބައްދަލުވުންތަކުން ފެންނަމުންދާތީއެވެ. ސަރުކާރުގެ މަޤްޞަދު
ޙާޞިލުވިޔަސް، މިނިވަން ނޫސްވެރިކަމެއްގެ މަޤްޞަދު
ޙާޞިލުކުރުމަށް އަޅުގަނޑުމެންގެ ނޫސްވެރިން
ނުކުޅެދިފައިވާތީއެވެ.
މިނޫސް ކޮންފަރެންސްތަކުގައި ނޫސްވެރިންނަށް އެއްވެސް ހުރަހަކާ
ނުލާ، ސީދާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު
ހުޅުވާލެވިފައިވާއިރު، އެފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް
ހިފުމަކީ ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ.
ރައްޔިތުންގެ ޝަކުވާގެ އަޑު އިއްވުމާއި، ރައްޔިތުންގެ ޚިޔާލު
ފާޅުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ނޫސްވެރިކަމުގެ ދައުރަކީ
ޒަމާނީ ސިޔާސީ މައިދާނުގައި ބޭނުން ކުރެވޭ އެންމެ ބާރުގަދަ،
ޑީމޮކްރެޓިކް ހަތިޔާރުކަމުން، އެހަތިޔާރު އަޅައިގެން ތިބޭ
ނޫސްވެރިންނަކީ އެކަމަށް ތައްޔާރުވެގެންތިބި، ޤާބިލު ބަޔަކަށް
ވެގެން ނޫނީ އޭގެ ޙަޤީޤީ ފައިދާ ޤައުމާއި މުޖުތަމަޢަކަށް
ނުލިބޭނެއެވެ.
މިޒަމާނުގެ ޤާނޫނީ އަދި ސިޔާސީ ބައެއް ޢިލްމުވެރިން، މީޑިއާ އަކީ
ދައުލަތުގެ ހަތަރުވަނަ ބާރުކަމުގައި ދެކެއެވެ. އަޅުގަނޑުމެންގެ
ތެރޭގައި ހަމައެކަނި ދެކެވެނީ 'ތިން ބާރެއްގެ' ވާހަކަ
ކަމަށްވިޔަސް، ދުނިޔޭގެ ބައެއް ދުސްތޫރީ ނިޒާމުތަކުގައި
މީޑިއާއަކީ ދައުލަތުގެ ބާރުތަކުގެ ތެރެއިން ހިމެނިގެންވާ،
މިނިވަން، މުސްތަޤިއްލު ބާރެކެވެ. އެބާރަކީ ރައްޔިތުންނާއި
މުޖުތަމަޢުގެ ޚިދުމަތުގައި މިނިވަންކަމާއިއެކު، ޢާންމު
ޚިޔާލުތައް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުމާއި،
ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމާއި،
ސަރުކާރާއި ރައްޔިތުންގެ ވާޖިބުތައް ރައްކާތެރިކުރުމަށްޓަކައި
ރައްޔިތުންގެ ފަރާތުން އުފެދިގެން އަންނަ މިނިވަން ބާރެކެވެ.
އެބާރަކީ މުޖުތަމަޢު ހެދި ބޮޑުވުމަށްޓަކައި ބޭނުންވާ މިނިވަން
ޖައްވަށް، މުޖުތަމަޢެއް ނެރެދިނުމުގެ ޤާބިލުކަން ހުރި، މިނިވަން
ބާރެކެވެ.
ނޫސްވެރިންގެ މަސައްކަތަކީ ޙާދިސާތަކާއިބެހޭ ޚަބަރުތައް ގެނެސް
ދިނުމާއި، ކަންކަމާއިބެހޭ މަޢްލޫމާތުތަކާއި، ކަންކަން ހިންގާ
ފަރާތްތަކުގެ އިންޓަރވިއުތައް ގެނެސްދީ، ކޮންމެވެސް މީހެއްގެ
ފަތިފުށް ހާމަކޮށްލުމުން ނިމޭ މަސައްކަތެއް ނޫނެވެ. ނޫސްވެރިންގެ
ދައުރަކީ އެއަށްވުރެ ފުޅާ ދައުރެއްކަމުން، ޤައުމާއި ރައްޔިތުންގެ
މަޞްލަޙަތު ޙާޞިލުކުރުމަށްޓަކައި، މުޖުތަމަޢަށް ކުރިމަތިވެފައިވާ
މައްސަލަތައް ދިރާސާކޮށް، އެމައްސަލަތަކަށް ޙައްލުތައް ހުށަހަޅާ،
އިރުޝާދު ދިނުމަކީވެސް ނޫސްވެރިކަމުގެ ތެރެއިން ހިމެނޭ
ކަންކަމެވެ.
މިފަދަ މިނިވަން ނޫސްވެރިކަމުގެ މާހައުލެއްގައި، ޤާނޫނުގެ
އިތުރުން ނޫސްވެރިންގެ ބާރުގެ މައްޗަށް އެއްވެސް ނުފޫޒެއް
ފޯރުވޭނެ ބާރެއް އޮވެގެން ނުވާނެއެވެ. ނޫސްވެރިކަމާއި
ނޫސްވެރިންގެ ޙައްޤުތަކާއި ބާޖިބުތަކަކީ ޤާނޫނީ ގޮތުން
ޙިމާޔަތްކުރެވިފައި ވާންޖެހޭ އެއްޗެކެވެ.
އަޅުގަނޑު މުފުރުޞަތުގައި ދިވެހި ނޫސްވެރިންނަށް ގޮވާލަނީ،
ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ފުރުޞަތުގެ ބޭނުން
ހެޔޮގޮތުގައި ހިއްޕަވާ، ދައުލަތުގެ ހަތަރުވަނަ ބާރުގެ ފައިދާ،
ރައްޔިތުންނާއި މުޖުތަމަޢަށް ފޯރާ ގޮތަށް، ޢަމަލީ މައިދާނުގައި
ޙަރަކާތްތެރިވެ ވަޑައިގަތުމެވެ. ކަންކަން ފުރިހަމައަށް ދިރާސާ
ކުރައްވާ، ޢާންމު ޚިޔާލު ހޯއްދަވައިގެން، މަސްއޫލިއްޔަތު
އުފުލަންޖެހޭ ފަރާތްތަކާއި ކުރިމަތިލައްވާށެވެ. ސިޔާސީ
ޕްރޮޕެގެންޑާތަކުން މިނިވަންވެ ވަޑައިގެން، ތިޔަބޭފުޅުންގެ
އަމިއްލަފުޅު އިޞްލާޙީ އެޖެންޑާއަކަށް ވަޑައިގަންނަވާށެވެ.
ނޫހުގެ ނަމަކަށް 'މިނިވަން' ކިއުމަކުން ނޫސްވެރިކަން މިނިވަން
ނުވާނެކަން ޤަބޫލުފުޅު ކުރައްވާށެވެ. ނިމުނީ!
|
|
 |
|