 |
|
ބަދުއަޚްލާޤީ
ފާޙިޝް ޢަމަލުތައް ދިވެހި މުޖުތަމަޢުގައި ހައްދު ފަހަނައަޅާ
ދިޔައީ، ހައްދު ފަހަނައަޅާފައިވާ މުސްލިމުން ފެންމަތިވުމުގެ ކުރިން
15/12/2005
| އަޙްމަދު މުސްލިމް | އީ-މެއިލް
ދިވެހިރާއްޖޭގައި އުޅޭ 'ހައްދު ފަހަނައަޅާފައިވާ މުސްލިމުން' ގެ
ނުރައްކަލާއިމެދު، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ
މަޖްލީހުގެ ރައީސް އައްޝައިޚް މުޙަންމަދި ރަޝީދު އިބްރާހިމް
ކަންބޮޑުވެވަޑައިގެން، އެމީހުން އިޞްލާޙު ކުރެއްވުމަށް
ވިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވާއިރު، ރާއްޖޭގައި ހައްދު
ފަހަނައަޅާފައިވާ ބަދުއަޚްލާޤީ މައްސަލަތަކުގެ ސަބަބުން
މުޖުތަމަޢުގައި އަށަގަންނަމުންދާ އަޚްލާޤީ ބަލިމަޑުކަމުގެމަތީން
ހަނދުމަފުޅު ނައްތަވާލެއްވީ 'ދިމުޤްރާޠީ ނިޒާމެއްގައި'
ރައްޔިތުންނަށް ލިބިދޭ 'މިނިވަންކަމަށް' އަރައިގަތުމަކީ އިސްލާމީ
ކަންތައްތަކާބެހޭ މަތީ މަޖްލީހަށް ލިބިފައިވާ ބާރަކަށް ނުވާތީ
ކަމަށް ވެދާނެއެވެ.
ހައްދު ފަހަނައަޅާފައިވާ މުސްލިމުންގެ ސަބަބުން އިސްލާމީ
ޤައުމުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން ދާކަމަށް
ވިދާޅުވެ، ރާއްޖޭގައި އުފެދިފައިވާ ހައްދުފަހަނައަޅާފައިވާ
މީހުންގެ ބިރު ނައްތަވާލެއްވުމަށް އެމަޖްލީހުން މަސައްކަތް
ކުރަމުންދާ ކަމަށް ދާދި އިހަށްދުވަހު އެމަޖްލީހުގެ ރައީސް ވަނީ
ނޫސްވެރީންނަށް މަޢްލޫމާތު ދެއްވާފައެވެ.
ހައްދު ފަހަނައަޅާފައިވާ މުސްލިމުންނަށްވުރެ ރާއްޖޭގައި ގިނައީ،
ލާދީނީ ޢަމަލުތަކާއި، ބަދުއަޚްލާޤީ ފާޙިޝް ޢަމަލުތަކުން ހައްދު
ފަހަނައަޅާފައިވާ މީހުންނެވެ. މުޖުތަމަޢްގައި އުފެދިފައިވާ އެންމެ
ބޮޑު ބިރަކީވެސް، އަޚްލާޤީ ބަލިމަޑުކަމެވެ. ދިވެހި ޒުވާން ޖީލުގެ
ދީނީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމީ އަޚްލާޤް އެވެރީންނަށް
އުންގަންނައި ދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
މިއަދު ދިވެހިރާއްޖޭގައި އޮތީ ހުއްދަ ނޫން ޣައިރު ޝަރުޢީ، ޖިންސީ
ޢަމަލުތައް ހައްދުފަހަނައަޅާފައިވާ މުޖުތަމަޢެކެވެ. ޒިނޭކުރުމާއި،
އެހެނިހެން ޖިންސީ ކުށްތަކައި، ވައްކަން ކުރުމާއި، މަސްތުވާތަކެތި
ބޭނުންކުރުންފަދަ ޖަރީމާތައް ރާއްޖޭގައި އެއްދުވަހުން އަނެއް
ދުވަހަށް ދަނީ އިތުރުވަމުންނެވެ. ދީނީ އަދި އަޚްލާޤީ
ތަރުބިއްޔަތެއް ލިބިފައިނުވާ ކުޑަކުދީންނާއި ޒުވާނުންވެސް
އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ.
ހައްދުފަހަނައަޅާފައިވާ މުސްލިމުންގެ ކަންތައްތައް ރާއްޖޭގައި
ފެންމަތިވެގެން އުޅެނީ މީގެ ދިހަވަރަކަށް އަހަރު
ކުރީންކަމަށްވާނަމަ، މިދަންނަނަވާ ބަދުއަޚްލާޤީ، ލާދީނީ މީހުންގެ
މައްސަލަ ފެންމަތިވެގެން އުޅެނީ މީގެ 27 އަކަށް އަހަރު ކުރީންނެވެ.
އިސްކަން ދޭންވީ ކޮންކަމެއް އިޞްލާޙު ކުރައްވަންތޯ ސުވާލު
ކުރައްވާށެވެ.
އުފެދޭ ސުވާލަކީ އަދުގެ ޒުވާން ޖީލުގެ ދީނީ ޢަޤީދާ ބަލިކަށިވެ،
އިސްލާމީ ރިވެތި އަޚްލާޤާއި އާދަތައް ދިވެހިންގެ ތެރެއިން
ފިލައިގެން ދިޔައިރު، ހަތާވީސްއަހަރު ވެރިކަންކުރައްވާފައިވާ
އަޒުހަރުގެ ދަންނަބޭކަލުނާއި، އެދަންނަބޭކަލުންގެ ބެއްލެވުމާއި
އިރްޝާދުގެ ދަށުން ހިންގާ 'މަތީ މަޖްލިސް'ތަކުން ކުރައްވާފައިވާ
ކަމެއް އެބައޮތްތޯއެވެ؟ އެޅިފައިވާ އިޞްލާޙީ ފިޔަވަޅެއް
ކޮބައިތޯއެވެ. ޤައުމެއްގެ މުސްތަޤްބަލް އެބައެއްގެ އަތްމައްޗަށް
ދޫކޮށްލަން ޖެހިފައިވާ ކުޑަކުދީންނާއި ޒުވާނުން ތިބީ އެފަދަ
ޒިންމާއެއް އުފުލުމަށް ތައްޔާރު ކުރެވިފައި ބާވައެވެ.
ކޮންމެއަކަސް، އަދުގެ ދުނިޔޭގައި އިސްލާމީ ފިކުރަކަށް ޖާގައެއް
ނެތެވެ. ހުޅަނގުގެ ފިކުރާއި ބާރު މުސްލިމުންގެ މައްޗަށް ގަދަވެ،
މިއަދު މިއޮތީ މުސްލިމުންނާ މުސްލިމުން ހަނގުރާމަކުރާ ހިސާބަށް
ގޮސްފައެވެ. ހުޅަނގުގައި މުސްލިމުނަކީ ޓެރެރިސްޓުންނެވެ. ނޫންނަމަ،
މިކިޔާ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުންނެވެ.
އެހެންނަމަވެސް، ދީނުގައި ހުރި ޚިލާފު މައްސަލާތަކުގައި
ދަންނަބޭކަލުންނާއި ޝަރުޢީ ޢިލްމު އުނގެނިގެންތިބޭ މީހުންގެ
މެދުގައި ޚިޔާލު ތަފާތުވެ، ޝަރުޢީ ދަލީލާއި ޙުއްޖަތް ދައްކައިގެން
ވަކި ގޮތެއް ތަރުޖީޙު ކުރަން މަސައްކަތްކުރުމަކީ ދީނުގައި ހައްދު
ފަހަނައަޅައި ދިއުމެއް ނޫނެވެ. އެއީ ދީނުގެ ތެރެއިން ހިމެނޭ
ކަންކަމެވެ. އެމީހުންގެ އަޑު އިސްލާމީ މުޖުތަމަޢަކުން ކެނޑިގެން
ނުވާނެއެވެ. އަދި އިސްލާމީ ސަރުކާރަކުން އެފަދަ މަސައްކަތްތަކެއް
ކޮށްގެންވެސް ނުވާނެއެވެ. އަދި އެމީހުންނަކީ
ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ބުނެ، އެމީހުންނަކީ ޤައުމާއި
މުޖުތަމަޢަށް ކުރިމަތިވެފައިވާ ބިރެއްކަމަށް ހަދަން
މަސައްކަތްކޮށްގެން ނުވާނެއެވެ. ވީމާ، ދީނީ ނަސޭހަތްދީ، ފިޤުހީ
މައްސަލާތަކުގައި ދަންނަބޭކަލުންނާއި ދީނީ ޢިލްމުވެރީންގެ މެދުގައި
ޚިލާފު އުފެދި މައްސަލާތަކާއިމެދު ބަޙުސް ކުރުމުން އެމީހުންނަކީ
'ހައްދުފަހަނައަޅާފައިވާ މުސްލިމުން'ނޭ ނުވަތަ ޓެރެރިސްޓުނޭ،
ނުވަތަ 'އިރުހާބީންނޭ' ކިޔައި، ދީނުގެ ޙުކުމްތައް ބަޔާންކުރުން
މަނާކުރެވިގެން ނުވާނެއެވެ. އަދި އެފަދަ ޢަމަލު ހިންގާ
ސަރުކާރަކަށް ބައިޢަތު ހިފުމެއްވެސް ނޯންނާނެއެވެ. ހުޅަނގުގެ
ފިކުރަށް އަޅިވެތިފައިވާ މުސްލިމު ސަރުކާރުތަކުން އެމީހުން ޖެހިހާ
ބެރަކަށް ނަށާނެއެވެ. އެއީ ފަހު ޒާމާނުގެ ޢަލާމާތެކެވެ.
މއ. ކިބިގަނސްދޮށުގޭ މައުމޫން ޢަބްދުލް ޤައްޔޫމް، މިހާރުގެ
ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް ނާސިރުގެ ރައީސްކަމުގައި ދީނީ
ފަތުވާ ދެއްވައި، ދީނުގެ ޙުކުމް ބަޔާންކުރެއްވުން އެސަރުކާރުން
މާނަކުރެއްވީ އޭނާ އަކީ ހައްދުފަހަނައަޅާފައިވާ މުސްލިމަކު
ކަމުގައެވެ. ދީނުގެ ޙުކުމެއް ބަޔާންކުރެއްވުމުން އޭނާ އަށް ޤާނޫނީ
އަދަބުތައް ދީފައިވާކަން ނުދަންނަ ދިވެއްސަކު ނުހުންނާނެއެވެ.
މިއަދު މިއޮތީ ދުނިޔެ ބަދަލުވެފައެވެ. މިއަދު ވެރިކަމުގައި
އެހުންނެވީ އޭރު ހައްދުފަހަނައަޅައިގެން އުޅުއްވިކަމަށް އޭރުގެ
ސަރުކާރުން ބައްލަވާފައިވާ، ޢިލްމުވެރިއެކެވެ. ހައިރާންވަނީ،
އެމަނިކުފާނު އެދުވަސް މަތީން ހަނދުމަފުޅު ނައްތަވާލެއްވީތީއެވެ.
އަޅުގަނޑު މިވާހަކަ ލިޔުމުގެ މަޤްޞަދަކީ އިސްލާމީ ކަންތައްތަކާބެހޭ
މަތީ މަޖްލީހަށް އެމަޖްލީހުގެ ޙަޤީޤީ ވާޖިބު އަދާކުރެވިފައި
ނުވާކަމާއި، އަދި އަދާނުކުރަން މަސައްކަތްވެސް ނުރައްވާކަން
ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ. އަދި އެމަޖްލީހަކީ ދީނީ
ހޭލުންތެރިކަމާއި ދީނީ ތަރުބިއްޔަތު ދިނުމުގެ މަސްއޫލިއްޔަތު
އުފުލުމަށް ނުކުޅެދިފައިވާ މަޖްލީހެއްކަމަށް އަޅުގަނޑަށް
ޤަބޫލުކުރެވޭތީ، އެޝުޢޫރު ފާޅުކުރުމުގެ މަޤްޞަދުގައިވެސް މެއެވެ.
މިފަދަ ޒަމާނެއްގައި އައު 'ޚުޠުބާ ސެޓެއް' ނެރެ، ހުކުރުދުވަހު
އެޚުޠުބާ ކިޔުއްވުމަކީ މިޒަމާނުގެ ޙާލަތަށްބަލާއިރު، ދީނީ
ހޭލުންތެރިކަން އިތުރު ކުރުމަށް އޮތް އެންމެ ހަނި މަގެވެ.
ޑީސްކޯތަކާއި، ޓީވީ ޗެނަލްތައް ދޫކޮށް މީހުން، ހުކުރަށް ދާނެގޮތެއް
ހެދޭތޯ އެމަޖްލީހުން މަސައްކަތް ނުކުރައްވާނަމަ، 'ޚުޠުބާ ސެޓު'
އަޑުއަހާނީ ކާކުބާއޭ ހިތައް އަރައެވެ. އަދި ފެޝަނަކަށް ހުކުރަށްދާ
ޅަފުރައިގެ ކުދީން، މިސްކިތުގެ ގޯތިތެރޭގައި ތިބެ ކޮންމެވެސް
ސައްލާއެއް ކޮށްލުމުގެ ބަދަލުގައި އެޚުޠުބާ އަޑުއަހަންޖެހޭކަން
ވިސްނައި ދެވިފައިނުވާނަމަ، އޭގެފައިދާއަކީ ކޮބައިބާއެވެ.
ފަހަރުގައި މަތީމަޖުލީހުން އައު 'ޚުޠުބާ ސެޓެއް' ނެރުއްވިކަމުގެ
ޝަރަފު ކޮންމެވެސް މީހަކަށް ޤައުމީ ޚިދުމަތުގެ އިނާމެއްގެ ގޮތުގައި
ލިބިދާނެ ތޯއްޗެކެވެ. ނިމުނީ! |
|
 |
|