|
ގިނަ ދިވެހިންގެ ތާއީދު އޮތީ މައުމޫނު ޕާޓީއަށް ! ބަޖެޓުން އެންމެ
ގިނަ ފައިސާވެސް ލިބުނީ އެޕާޓީއަށް !
18/01/2007
|
ޚާން ޚަލީލް
މިދިޔަ އަހަރެކޭވެސް
އެއްފަދައިން މިއަހަރުގެ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް
ކަނޑައެޅުއްވި ފައިސާއިން އެންމެ ގިނަ ފައިސާ ލިބުނީ ޕާޓީގެ ޞައްޙަ
މެންބަރުންގެ ޢަދަދަށް ބަލައި، ދިވެހި ރައްޔިތުންގެ ޕާޓީ (
ޑީއާރުޕީ ) އަށެވެ.
މިއަހަރުގެ ބަޖެޓުގައި ޕާޓީތަކަށް ދިނުމަށް ކަނޑައަޅުއްވާފައިވާ
12,331.486 މިލިޔަން ރުފިޔާގެ ތެރެއިން ޑީއާރުޕީ އަށް 4.77
މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. އެއީ އެޕާޓީގެ ޞައްޙަ
މެންބަރުންގެ ގޮތުގައި 30,927 މެންބަރުން ރަޖިސްޓްރީ
ކުރެވިފައިވާތީއެވެ. އަބަދުވެސް ހުރިހާ ޕާޓީތަކަށްވުރެ
މެންބަރުންގެ ޢަދަދު ގިނަކަމަށް ދައުވާކުރާ އެމްޑީޕީ އަށް ލިބިފައި
ވަނީ 2.92 މިލިޔަން ރުފިޔާއެވެ. އެމްޑީޕީގެ ޞައްޙަ މެންބަރުންގެ
ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 15,788 މެންބަރުން ނެވެ.
ނިމިގެންދިޔަ އަހަރު ޕާޓީތަކަށް ފައިސާ ދެއްވުމުން ފައިސާ
ދެއްވުމުގައި ކޮމިޝަނަރ އޮފް އިލެކްޝަން އެމްޑީޕީގެ ސައްޙަ
މެންބަރުންގެ ޢަދަދު އޮޅުވާފައި ވާކަމަށްބުނެ، ގިނަ އަޑުތަކެއް
ފެތުރި އެމްޑީޕީ އަށް މިފަހަރު ޖެހޭނީ ހަގީގަތާއި ކުރިމަތި ލާށެވެ.
އެއީ އެމީހުން ރުހުނު ކަމުގައި ވިޔަސް އަދި ނުރުހުނު ކަމުގައި
ވިޔަސް މެއެވެ.
އެހެނީ މިފަހަރު ފައިސާ ދެއްވުމުގެ ކުރިން އިލެކްޝަންސް
ކޮމިޝަނަރުގެ ރަޖިސްޓްރީއާ ޕާޓީތަކުގެ ރަޖިސްޓްރީ ދިމާވޭތޯ
ބެއްލެވިއެވެ. އަދި މިގޮތަށް ބެއްލެވުމަށްފަހު ޕާޓީތަކުގެ
ރަޖިސްޓްރީއާ އިލެކްޝަންސްގެ ކޮމިޝަނަރުގެ ރަޖިސްޓްރީއާ
ދިމާވާކަމަށް ދެފަރާތުން ވެސް އެއްބަސްވެ ސޮއި ކޮށްފައެވެ.
މިގޮތަށް އެއްބަސްވެ ފައިސާ ބެހި ކަމުގައި ވިޔަސް އާދައިގެ މަތިން
މިފަހަރުވެސް އެމްޑީޕީ އަކަށް ހިމޭނުން ތިބެވޭނެ ކަމަކަށް
ނުފެނެއެވެ. މައުމޫނެގެ ޕާޓީގައި މެންބަރުންގެ ޢަދަދު ގިނައީ ބިރު
ދައްކައިގެންނޭ ކިޔަގެން ކުރީގައި ވެސް ފެތުރި އަޑުތަށް
މިފަހަރުވެސް ފަތުރާނެކަމަށް ބެލެވެއެވެ. އެކަމަކު ހަމަވިސްނޭ
އެއްވެސް މީހަކު ގަބޫލު ކުރާނެ ވާހަކަޔަކަށް މިވާހަކަ ނުވާނެއެވެ.
ކުރިންވެސް އެމްޑީޕީގެ މިފަދަ އަޑުތަކަށް ދިވެހި ރައްޔތުން ދިން
ބީރު ކަންފަތް މިފަހަރުވެސް ދޭނެއެވެ.
މައުމޫނުގެ ހުށިޔާރުކަމުން ބިރުދައްކައިގެން، ދިވެހި ރައްޔިތުންގެ
ތެރެއިން 30,927 މެންބަރުން ޑީއާރުޕީ އަށް ސޮއި ކުރުވިއޭ ބުންޏަސް
މިވާހަކަ ގަބޫލު ކުރާނީ ކިހިނަކުންތޯއެވެ. މިދައްކަނީ އެންމެ
ސަތޭކަ ދުއިސައްތަ މީހުންގެ ވާހަކައެއް ނޫން ވިއްޔާއެވެ. ހާސް،
ދެހާސް، ތިރީސްހާސް މީހުންގެ ވާހަކައެވެ.
އިސްވެ ދެންނެވުނު ހަގީގަތަށް ބުރަވެހުރެ ދަންނަވަން ޖެހެނީ
މިހިނދުން މިހިނދަށް، ދިވެހި ރައްޔިތުންގެ ތާއީދު އޮތީ މައުމޫނު
ޕާޓީއަށް ކަމަށެވެ. މިވަގުތު އިންތިޚާބެއް ބޭއްވި ކަމުގައި ވިޔަސް
އިންތިޚާބު ކާމިޔާބު ކުރާނީ މައުމޫނު ޕާޓީ ކަމެވެ. އިންތިޚާބެއް
ބާއްވައިފިނަމަ ކާމިޔާބު ލިބޭނީ އެއްޑީޕީއަށް ކަމަށް އެޕާޓީން
ދައުވާކުރާއިރު މައުމޫނު ޕާޓީގެ މެންބަރުންގެ ދެބައިކުޅަ އެއްބައި
ވެސް އެމްޑީޕީއަކު ނެތެވެ.
އިންތިޚާބެއްގައި ކާމިޔާބު ލިބޭނީ ރުޅިގަދަވެގެން ހަޅޭލަވާ
ޕާޓީއަކަށް ނޫނެވެ. އަދި މަޑުން ހިމޭނުން ތިބޭ ބަޔަކަށް ވެސް
ނޫނެވެ. ކާމިޔާބު ލިބޭނީ ގިނަ ވޯޓު ލިބޭ ޕާޓީއަކަށެވެ. ގިނަ ވޯޓު
ލިބޭނީ މެންބަރުން ގިނަ ޕާޓީއަށްކަމީ އެއްމެން ދަންނަ ބޮޑު
ހަގީގަތެކެވެ.
އެހެންވީމާ، މިވަގުތު އެމްޑީޕީ އަށް އޮތީ ޕާޓީގެ ތާއީދު
އިތުރުކުރުން ކަމުގައި ފެނެއެވެ. ތެޅިފޮޅިގެން އިންތިޚާބަކަށް
ދިއުމެއް ނޫނެވެ. އަވަސްއަރުވައިގެން އިންތިޚާބަކަށް ގޮސްފިނަމަ
ވާނީ، އަވަސްއަރުވައިގެން މައުމޫނު ވެރިކަމުން ބާލަން އުޅުނީމާ
މިހާރު ޖެހިފައި އޮތް ހާލަށްވުރެ ބޮޑުހާލެކެވެ.
ނިމުނީ!
|