 |
|
ޤާނޫނުއަސާސީ 'ހަދާ' މަޖްލީހަކީ ޕާރޓީތަކުގެ ނުފޫޒުން
ސަލާމަތްވެފައިވާ މަޖްލީހަކަށް ވުމަކީ ލާޒިމުކަމެއް!
02/03/2006
| ދިޕޮލިޓިކްސް
ޤާނޫނުއަސާސީއަކީ ދައުލަތް ހިންގުމުގެ ޢާންމު އޮނިގަނޑު
އެކަށައަޅާ، ދައުލަތުގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ
ނިޒާމު ބައްޓަންކުރުމަށް އެކުލަވާލެވޭ ދުސްތޫރީ މިންގަނޑު
ތަކެއްގެ މައްޗަށް ބިނާވެފައިވާ ދައުލަތުގެ އެންމެ އިސް ޤާނޫނީ
ބާރެވެ.
ޤާނޫނުއަސާސީން ކަނޑައަޅާ، ދައުލަތް ހިންގުމުގެ ނިޒާމަކީ
އެއްވެސް ސިޔާސީ ޕާރޓީއެއްގެ ލާބައާއި މަންފާއަށްޓަކައި، ނުވަތަ
ސިޔާސީ ޕާރޓީއެއްގެ ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ހެދޭ
އެއްޗަކަށް ވެގެން ނުވާނެއެވެ. އެހެން ވެއްޖެނަމަ،
ޤާނޫނުއަސާސީގެ ޠަބީޢަތުގައި އޭގައި ހުންނަންޖެހޭ ރައްޔިތުންގެ
ސިޔާދަތާއި އެވެރިންގެ މެދުގައި އޮންނަ އިޖްތިމާއީ
އެއްބަސްވުމުގެ ސަބަބުން އުފެދިފައިވާ، ދައުލަތުގެ ސިޔާދަތު
ގެއްލިގެން ހިނގައިދާނެއެވެ.
މިހާރު ޢަމަލު ކުރެވެމުންދާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަކީ
ވަކި ސިޔާސީ ނިޒާމެއް ކުރަހާފައިވާ ޤާނޫނުއަސާސީއެއް ނޫނެވެ.
އޭގައިވާ ސިޔާސީ ނިޒާމަކީ ޕްރެޒިޑެންޝަލް ސިސްޓަމާއި
ޕާރލަމެންޓަރީ ސިސްޓަމުގެ ސިފަތަކުގެ މައްޗަށް އެކުލެވިގެންވާ
މަސްހުނި ނިޒާމެކެވެ. މަލްޓިޕާރޓީ ޑިމޮކްރެޓިކް ނިޒާމުތަކާއި
ފުށޫއަރާ ސިފަތައް އެޤާނޫނުއަސާގައި ވާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑރ.މުނައްވަރު، އެ
ޤާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާރޓީގެ ނިޒާމެއް ހިންގުމުގެ
ފުރުޞަތު ނެތްކަމަށް ވިދާޅުވީ، އެފަދަ ސަބަބުތަކަށްޓަކައި
ކަންވެސް އެމަނިކުފާނު ރައީސުލް ޖުމްހޫރިއްޔާއަށް އެރުއްވި
ލަފާފުޅުގެ ތަފްސީލަށް ބަލާލުމުން ޔަޤީންވެއެވެ.
މިހެން އޮތް ޤާނޫނުއަސާސީއަކަށް އަމަލުކުރަމުން ދަނިކޮށް،
މަލްޓިޕާރޓީ އޮނިގަނޑަކަށް އޭގެ ބައްޓަން ބަދަލުނުކޮށް، ރިޔާސީ
ޤަރާރަކުން ޕާރޓީ ސިސްޓަމް ތަޢާރަފް ކުރުމަށްފަހު،
ޤާނޫނުއަސާސީއަށް 'އިޞްލާޙު ގެނައުމުގެ ނަމުގައި' އައު
ޤާނުނުއަސާސީއެއް ހެދުމުގެ މަސައްކަތަށް، އެކަށީގެންނުވާ
ދުސްތޫރީ މަޖްލިހެއް އެއްކުރެވުނުއިރު، އެމަޖްލިސް އޮތީ
އުފެދިފައިވާ ސިޔާސީ ޕާރޓީތަކުގެ ތެރެއިންވެސް ދެ ޕާރޓީއަކަށް
ބެހިފައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ބައެއް ޕާރޓީތަކުން
އެމަޖްލީހުގައި ތިއްބަވާ، އެޕާރޓީތަކަށް ނިސްބަތްވާ
މެމްބަރުންނަށް، ކަނޑައެޅިފައިވާ ވަކި ޕާރޓީ ލައިނަކުން
ޢަމަލުކުރެއްވުމަށް ނިންމެވުމެވެ. އަދި ޤާނޫނުއަސާސީ
އިޞްލާޙުކުރުމުގެ ނަމުގައި އެކުރާ ޤާނޫނުއަސާސީއެއް ހެދުމުގެ
މަސައްކަތުގައި އެއްޕާރޓީން އަނެއްޕާރޓީއަށް ޖެއްސުންކުރާ އުސޫލު
ތަޢާރަފްވެ، މަޖްލީހުގެ މަސައްކަތް ހުއްޓި، މަޖްލީހުގެ
ބަހުސްތައް ބާޒާރުމަތީ ޒުވާބުތަކަކަށް ބަދަލުވެ، ރައްޔިތުންގެ
ޚާއްޞަ މަޖްލީހޭ މިކިޔާ މަޖްލިސް މަރުވެ ކަފުން ވުމެވެ.
ކޮންމެކަސް، ކުރުކޮށް ދަންނަވާނަމަ ދަންނަވަން ޖެހެނީ، މިއަދު
ދެކެމުން މިދާ ހަމނުޖެހުމާއި، މާނައެއް ނެތް، ގެއްލުންހުރި
ސިޔާސީ އަރާރުންތަކާއި ހަމަނުޖެހުމުގެ މައިގަނޑު ސަބަބަކީ 27
އަހަރުގެ ޒަމާންވީ ވެރިކަމާއި ދެކޮޅަށް އުފެދިގެންއައި އިދިކޮޅު
ޙަރަކާތާއި ކުރިމަތިލެއްވުމާއި، ރައްޔިތުން އެދޭ އިޞްލާޙީ
ބަދަލުތައް ގެންނެވުމަށްޓަކައި ރައީސް މައުމޫނުގެ ސަރުކާރުން
ކުރެއްސެވި 'މަގު ޗާރޓު' ގެ ބަލިފައިތެކެވެ. އަދި މިފަދަ ހޫނު
މައްސަލަތަކެއް ކުރިމަތިވެގެން އައިއިރު، ރައީސް މައުމޫނުގެ
އެޑްމިނިސްޓްރޭޝަނުގެ ތަނބުތަކުގެ ބަލިކަށިކަމާއި، އަލަށް
ބިނާކުރެއްވި ތަނބުތަކަކީވެސް، އިހުގެ ވަޑާންގަނޑުގެ ސަބަބުން
ދައުލަތުގެ ޢާންމު ނިޒާމަށް އައިސްފައިވާ އަޑިގުޑަންތައް
ޙައްލުކުރެވޭ ވަރުގެ ތަނބުތަކަކަށް ނުވީކަމެވެ.
ރާއްޖޭގައި ޤަވާޢިދުން ރަޖިސްޓްރީކުރެވިފައިވާ ހަތަރު ސިޔާސީ
ޕާރޓީއެއް އޮވެ، ދެ ޕާރޓީއަކުން ޤާނޫނުއަސާސީ ހެދުމުގެތެރެއަށް
ވަދެގެން މިއުޅޭ އުޅުމަކީ މިހާރު ރާއްޖޭގައި އޮތް ސިޔާސީ
ނިޒާމަކީ ދެކޮޅު ނުޖެހޭ، ހަމައެއްލަމައެއް ނެތް ސިޔާސީ
ނިޒާމެއްކަން ސާބިތުވާ ކަމެކެވެ. ޑިމޮކްރަސީއާއި އިޞްލާޙުގެ
ނަމުގައި ދައުލަތަށް ބަޔަކު މީހުން ޚިޔާނާތްތެރި ވަމުންދާކަމުގެ
އަލިގަދަ ހެއްކެކެވެ.
ޑީ.އާރު.ޕީއާއި އެމް.ޑީ.ޕީން ޤައުމުގެ މުސްތަޤްބަލާއި ދައުލަތުގެ
ސިޔާދަތު ރައްކާތެރިކޮށް، ހަރުދަނާ ސިޔާސީ ނިޒާމެއް ޤާއިމުކުރަން
އެދެނީނަމަ، ޤާނޫނުއަސާސީ އިޞްލާޙުކުރުން، ނުވަތަ ޤާނޫނުއަސާސީ
ހެދުމުގެ މަސައްކަތުގެ ތެރެއަށް ޕާރޓީގެ ސިޔާސީ
މަޤްޞަދުތަކާއިގެން ނުވަނުމަކީ މައްސަލައިގެ ހައްލަކަށް
ވާނެއެވެ. ޚާއްޞަ މަޖްލީހުގެ ކޮންމެ މެމްބަރަކީވެސް،
އެމެމްބަރަކަށް ލިބިވަޑައިގެންފައިވާ ދުސްތޫރީ އަދި ޤާނޫނީ
ހައިސިއްޔަތުން މަސައްކަތް ކުރައްވާ މެމްބަރަކަށްވުމަކީ،
މައްސަލައިގެ ޙައްލަކަށް ވާނެއެވެ. މަޖްލީހުގައި އެއްވެސް
މެމްބަރަކީ ދުސްތިރީ އަދި ޤާނޫނީ ހަމަތަކުގެމަތީން އެއްވެސް
ޕާރޓީއެއް ތަމްސީލުކުރައްވާ މެމްބަރެއް ނޫނެވެ. ބާޒާރުމަތީގެ
ޒުވާބުތަކަކުން ރައްޔިތުން ތަމްސީލުކޮށްގެން ދައުލަތުގެ
ބައިތުލްމާލު ކައި ހުސްކުރުމަކީ ފަހެ ކޮން ޑިމޮކްރަސީއަކުން
އައިސްފައިވާ ޢަދުލުވެރިކަމެއްބާއޭ ހިތައް އަރައެވެ!
ނިމުނީ!
|
|
 |
|