09/09/2005

  At a Glance
  Foreign Policy
  Government
  Constitution

 

 POLITICS

   

ދިވެހިރާއްޖޭގެ ދާޚިލީ ސިޔާސަތަށް ފުރައްދެވެހީން ދަނޑިބޭނުމަކީ ދިވެހީން ރުހޭ ގޮތެއްބާ؟

10/09/2005 | ދިޕޮލިޓިކްސް

މިހާރު ރާއްޖޭގައި ޤާއިމުކުރަން މަސައްކަތް ކުރެވެމުންދާ ސިޔާސީ ޕާރޓީގެ ނިޒާމު ހަރުދަނާ ޤާނޫނީ އޮނގަނޑެއްގެ ތެރޭގައި ބައްޓަންކުރުމަށްޓަކައި ބޭއްވުނު މަޝްވަރާ ބައްދަލުވުމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ(އެމް.ޑީ.ޕީ) ން ޙާޒިރުނުވީ ސަބަބަކީ ކުރީން މިނަންގަތް ފުރައްދެވެހީންގެ މެމްބަރު(ކޮމަންވެލްތުގެ މަންދޫބު) ނެތުންކަމަށްވެފައި، އަދާލަތު ޕާރޓީން އެމް.ޑީ.ޕީގެ ޣައިރުޙާޒިރުގައި އެބައްދަލުވުން ކުރިއަށް ގެންދަން ނުފެންނަކަމަށް ހާމަކުރުމާއި، އަދި އެފަދަ ބައްދަލުވުމެއްގައި ހުޅަނުގެ އެޖެންޓުން ތިބުމަކީ ފައިދާހުރިކަމެއްކަމަށް ފެންނަވާހަކަ ހާމަކުރައްވައި، އިޞްލާޙަށް ކުރެވޭ މަސައްކަތުގައި ބުރަކި ޖެއްސިކަމީ، މިޕާރޓީތަކުގެ ސިޔާސީ ހޭލުންތެރިކަމާ، އަމިއްލަނަފްސާއިމެދު އިތުބާރެއް ނެތްކަމާއި، ތިމާމެންގެ އަމިއްލަ މަޞްލަހަތަކީ ކޮބައިކަން ނޭނގޭކަމުގެ ފުރިހަމަ ދަލީލެކެވެ.
ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަށް އިޞްލާޙީ ބަދަލުތައް ގެނައުމާއި، 'ޑިމޮކްރަސީ' ހަރުދަނާ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި އަމިއްލަ ސިޔާސީ ޖަމާޢަތްތަކާއި، އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުންދާއިރު، ދިވެހީންގެ ބިމުގައި، ދިވެހީންގެ އަމިއްލަ މަޞްލަޙަތަށްޓަކައި ބިނާކުރަން ބޭނުންވާ ޤާނޫނީ އަދި އިޖްތިމާޢީ ނިޒާމު، ކުރަހާ ބައްޓަންކުރުމަށްޓަކައި، ބިދޭސީން ނުވަތަ ފުރައްދެވެހީންގެ ފިކުރާއި ޚިޔާލު ހޯދަން 'ކުރެވެމުންދާ' މިފަދަ މަސައްކަތްތަކަކީ ރާއްޖޭގައި އޮތް އަމިއްލަ ވެރިކަމަށް ފުރައްދެވެހީން ދަންޑިބާނަން ހުޅުވެމުންދާ ދޮރޯއްޓެކެވެ. ހުޅަނގުގެ ލާދީނީ ފިކުރުގެ ކުލަ ދުނިޔޭގެ ހަތަރު އުދަރެހުގައި ޖެއްސުމަށް އެވެރީން ކުރާ މަސައްކަތަށް ހިތްވަރުދީ، ދިވެހި ފަސްގަނޑުގައިވެސް އެކުލަތައް ޖައްސަން ދެވޭ، ރަސްމީ ދަޢުވަތެކެވެ. ހުޅަނގުގެ މީހުން މުސްލިމުންނާ އިސްލާމީ ޙަޟާރަތް ނެތިކޮށްލުމަށް ކުރަމުންދާ ފިކުރީ ހަނގުރާމައިގައި ދިވެހި ސިޔާސީ ލީޑަރުން ބަލިވެ، އަޅުވެތިވެފައިވާކަމުގެ ޤަރީނާއެއްވެސް މެއެވެ.
ބައިނަލްއަޤްވާމީ ސިޔާސީ މަސްރަޙުގައި ޙާލަތު ނިޔާކުރާގޮތުން ބިދޭސީންގެ ތަށިން ކާން ޖެހޭ ޙާލަތްތަކެއް އޮތުމަކީ ދިވެހިރާއްޖެފަދަ ކުޑަ، މީހުންމަދު ޤައުމަކަށް ކުރިމަތިވެފައި އޮވެދާނެ ޙާލަތެކެވެ. އެހެންނަމަވެސް، އަމިއްލަ ވެރިކަމުގައި، އަމިއްލަ މުޖުތަމަޢްގެ ސިޔާސީ، އަދި އިޖްތިމާޢީ އޮނިގަނޑު ބިނާކުރުމަށްޓަކައި، ތަފާތު ސިޔާސީ މަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަމަކި ހުޅަނގުގެ ބާރުތަކުން އުފައްދާފައިވާ ފާޑުފާޑުގެ ޖަމާޢަތްތައް ބައިވެރި ކުރުމާއި، އެވެރީންނާ ނުލާ، އަމިއްލަ މަޞްލަޙަތަކީ ކޮބައިކަން ނޭނގޭކަމަށް ޤަބޫލުކުރެވުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމީ ހަމަތަކާއި އުސޫލުތަކުގެމައްޗަށް ބިނާކުރެވިފައިވާ ސިޔާސީ، އިޖްތިމާޢި، އިޤްތިޞާދީ އަދި އަޚްލާޤީ ނިޒާމެއް ޤާއިމުކުރުމަށް މިކަމުގެ ސަބަބުން ނުސީދާ ހުރަސްތަކެއް އެޅިގެންދާނެކަން އަދާލަތު ޕާރޓީފަދަ އިސްލާމީ ފިކުރުގެ މައްޗަށް ބިނާވެފައިވާ ސިޔާސީ ޖަމާޢަތަކުން ލަދުގަންނަންޖެހޭ ކަމެއްވެސް މެއެވެ.
ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތައް ބޭެއްވެން އޮންނަނީ ކޮމަންވެލްތު މެމްބަރުންގެ ޙާޒިރުގައި ކަމަށްވެ، ކާވެނީގެ ޢަޤުދު ތަޞްދީޤުކުރެވޭނީ އީޔޫ މެމްބަރުންގެ ޙާޒިރުގައި ކަމަށްވެ، ކަށުކަމާކެމީގެ ކަންތައްތައް އޮބްޒާރވް ކުރަން އެމްނެސްޓީ އިންޓަނޭޝަނަލްގެ މެމްބަރަކު ނެތިއްޔާ މައްޔިތާ ވަޅުނުލެވޭނަމަ، ދިވެހީންގެ ޙާލަތަކީ ކޮބައިބާއޭ ހިތައްއަރައެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނާއި، މިކިޔާ އަމިއްލަ ވެރިކަމާއި، ޑިމޮކްރަސީއާ، މިނިވަންކަމާ، އަމިއްލަވަންތަކަމަކީ ކޮބައިބާއޭވެސް ހިތައް އަރައެވެ.
ދިވެހިރައްޔިތުންނަކީ އެމީހުންގެ އަމިއްލަ ވެރިކަން ހިންގާ، ސިޔާސީ ޕާރޓީތަކާއި ބެހޭ ޤާނޫނެއް އެކުލަވާލުމަށް ނުކުޅެދޭ، ޖާހިލުންތަކެއް ނޫނެވެ. ރާއްޖޭގެ އެންމެހާ ކަންތައްތައް ރާވާ ހިންގުމުގެ ކުޅަދާނަކަން ލިބިގެންވާ ޤާބިލު ޢިލްމީ އެތަކެއް ދިވެހި ދަރީން ތިއްބާ، 'މިތާކު ޔަހޫދީއަކު ނެތޭ' ބުނެ ޤާނޫނުނެއް ނުހެދިފައި ތިބެންވީ އެއްވެސް ސަބަބެއް ނެތެވެ.
ވީމާ، އަޅުގަނޑު ދެކެނީ އެމް.ޑީ.ޕީން 'ބިދޭސީކަލޭގ'ެ ނެތިގެން މަޝްވަރާ މޭޒަށް ޙާޒިރު ނުވުމާއި، ޢަދާލަތު ޕާރޓީން އެކަމަށް ހިތްވަރުދީ، އެބައްދަލުވުމަށް ނުސީދާ ސިފައެއްގައި ފުރަގަސް  ދިންކަމީ،      އެވެރީންނަކީ ދިވެހީންގެ ސިޔާސީ ނައުގެ މާލިމީކަމަށް ކަމުވޮށިގެންނުވާ، ނުކުޅެދޭ ޖަމާޢަތްތަކެއް ކަމުގައެވެ. އަދި އަޅުގަނޑުގެ ގޮވުމަކީ އެވެރީންގެ އެސިޔާސަތު އިޞްލާހުކޮށް، ފުރައްދެވެހީންގެ ފިކުރުން މިނިވަންވެ، އިސްލާމްދީނުގެ އަލީގައި ދުނިޔޭގެ ސިޔާސަތު ރާވާ، ދިވެހިވަންތަ މަންޒިލަކަށް ދިއުމަށްޓަކައި، އައު ދަތުރެއް ފެށުމެވެ. ނިމުނީ!

 

Back to Home

 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved | Developed and maintained by Dhi-Politics.com | Tested on IE. 6.0