|
ޕާރޓީތެރޭގެ މައްސަލަ ޕާރޓީތަކަށް
ދޫކޮށްލާ!
28/01/2007
| އީމެއިލް
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ކުޅިވަރުތަކުގެ
ތެރެއިން އެއް ޕާޓީ އަނެއް ޕާޓީގެ އެތެރޭގެ މައްސަލަތަކުގެ ވާހަކަ
ދައްކާއިރު ހީވަނީ ތަންދޮރު ނޭނގޭ އަންހެންވެރީން(މާލޭއާއި
ރާއްޖެތެރޭގައި) އެހެން މީހުންގެ އާއިލީ ދިރިއުޅުމުގެ ކަންކަމާ
ޝައުގެވެރިވެގެން އުޅޭހެންނެވެ. މިސާލަކަށް މިވެނި މީހަކު
މާގިނައިރު އޭނާގެ އަނބި މީހާއި އެކީ ވަގުތު ހޭދަ ކުރާވާހަކައެވެ.
މިވެނި ފިރިއަކު މާ އަވަހަށް ގެއަށް ނިދަންވަންވާހަކައެވެ.
ކޮންމެ ޖަމާޢީ ކަމަކަށް އެއްބަސްވެގެން މަސައްކަތްކުރާ(ނުވަތަ
ދިރިއުޅޭ) ބައެއްގެ ތެރޭގައި ގަވާޢިދުތަކެއް ހެދިފައިހުރެއެވެ. އެ
ގަވާޢިދުތަކަކީ އެ ޖަމާޢަތް ފިޔަވައި އެހެން ބަޔަކާ ގުޅުން ހުރި
ގަވާއިދު ތަކެއް ނޫނެވެ. މިސާލަކަަށް އޮފީހަކަށް މިވެނި ނޫސް
މަޖައްލާއެއް ވެއްދުމަކީ މަނާކަމެކެވެ. މިއީ ގައުމީ ފެންވަރުގައި
ދައްކަންޖެހޭ ވާހަކަ ނޫނެވެ. މިމައްސަލައަކީ އެ އޮފީހުގައި
މަސައްކަތްކުރާ މީހުންނާ، އެތަނުގެ ބޮޑެތި މީހުންގެ
މައްސަލައެކެވެ. ބައެއް ކުންފުނިތަކުގައި ބައެއް ސޮފްޓުވެއަރ
ބޭނުން ކުރުން ހުއްދައެއް ނުކުރެއެވެ. މިއީ ކުންފުނީގެ އެތެރޭގެ
މައްސަލައެކެވެ. ހަމަ އެހެންމެ، އާއީލާއެއްގައި މީހަކު އޭނާގެ
ދަރިން ގެއަށް ވަދެނުކުމެ އުޅުމަށް ހަދާފައި އޮންނަ ގަވާއިދަކީ އެ
އާއިލާއިން ބޭރުގެ މީހުން ފާޑު ކިޔަންޖެހޭ ކަމެއްނޫނެވެ.
އެހެންނަމަވެސް ދަރީންނަށް ދީނާ ޚިލާފު ކަންތައްކުރަން
ހިތްވަރުދޭނަމަ، އެކަމާ ފާޑު ކިޔަންޖެހޭނެއެވެ.
އެހެންވީމާ ޕާޓީގެ ގަވާއިދުތަކަކީ އާންމު ކުރަންޖެހޭ އެއްްޗެއް
ނޫނެވެ. އެބަހީ، ޕާޓީއެއްގެ ގަވާއިދުތަކަކީ، ހަލާލް ޙަރާމް ގެ
މިންގަނޑާއި އެއްދަރަޖައެއްގެ މިންގަނޑެއް ނޫނެވެ. އެހެންވީމާ،
އެއް ޕާ ޓީއެއްގެ މެންބަރުން އެޕާޓީގެ ގަވާއިދުތަކަށް
ހުރުމަތްތެރިކޮށް ހިތާތޯ ބެލުމަކީ އެހެން މީހުން ޝައުގުވެރިވާން
ޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް ކޮންމެ ޕާޓީއަކުންވެސް ބޭރުން
ދައްކާ ދަޅަތަކަކީ ފާޑު ކިޔެން ޖެހޭނެ ކަންކަމެވެ. މިސާލަކަށް އެ
ޕާޓީއަކުން ނެރޭ ބަޔާންތަކާއި ކުރާ އިޢްލާންތަކަކީ ހަލާލު ހަރާމް
މިންގަނޑަށްފެތޭތޯ ބަލަންޖެހެއެވެ. ޕާޓީއެއްގެ އެތެރެއާއި
ބޭރުވަކިކުރަން އެޕާޓީއެއްގެ ރަސްމީ މަޞްދަރުތައް(ސޯސް)
އެނގުމުންނެވެ. ރާއްޖޭގައި ޕާޓީތަކުގެ ކުޅިވަރު ފެށިގެން
ދުވަސްތަކެއް ވީއިރުވެސް އެންމެ މަޝްހޫރު އިދިކޮޅު ޕާޓީގެ ރަސްމީ
މަޞްދަރުތަކީ ކޮބައި ކަމެއް ނޭނގެއެވެ. އެޕާޓީގެ މަޞްދަރުތައް
ކަމަށް މީހުން ބެލި މަޞްދަރުތަކަކީ އެ ޕާޓީއަކާއި ގުޅުން ހުރި
އެއްޗެއް ނޫން ކަން އެނގުނީ އިހަކަށް ދުވަހުއެވެ.
ދެން އޮތީ ޕާޓީއަކުން އެޕާޓީގެ މެންބަރުން ވަކިކުރުމުގެ
މައްސަލައެވެ. ޕާޓީގެ ގަވާއިދާ ޚިލާފުވެގެން ވަކިކުރާ މެންބަރަކު
ވަކި ކުރި ސަބަބު ޢާންމުކޮށް އިޢްލާނު ކުރުމަކީ ބޭނުންކަމެއް
ނޫނެވެ. އޭނާއަކީ ޕާޓީގެ މެންބަރެއް ނޫންކަަން ޢާންމުންގެ
މައުލޫމާތައްޓަކައި އިއުލާނު ކުރީމަ ނިމުނީއެވެ. ވަކި ކުރަން
ދިމާވި ސަބަބަކީ އެ ޕާޓީއާއި ގުޅުމެއްނެތް މީހުން ދިރާސާ
ކުރަންޖެހޭ ކަމެއްނޫނެވެ. އަދި ވަކިރުންދިމާވި ސަބަބު ޞައްޙަކަމާއި
މެދު ގައުމީ ފެންވަރުގައި ވާހަކަދެއްކުމަކީވެސް ބޭނުން
ކަމެއްނޫނެވެ. އެއީ އެއްޕާޓީއެއްގެ ގަވާއިދުތަކާ، އަނެއްޕާޓީގެ
ގަވާއިދުތަކާއި އެއްގޮތްވާން ޖެހޭނަމަ ޕާޓީ އޮތުމުގެ ބޭނުމެއް
ނެތެވެ.
ސިޔާސީ ޕާޓީތަކުންވެސް ދަސްކުރަންވީ އެޕާޓީއެއްގެ އެތެރޭގެ
ކޮމިޓީތަކާ، އެތެރޭގެ ބަހުޘްތަކާއި އެތެރޭގެ އިންތީޚާބުތަކާއި އަދި
އެތެރޭގެ އެހެން މައްސަލަތައް އާންމުންނަށް އިޝްތިހާރު ނުކޮށް،
ޕާޓީ ސިޔާސަތު މީހުންނަށް ދެއްކުމަށެވެ. ހުޅަނގުގެ ޕާޓީސިސްޓަމް
މަސައްކަތްކުރާ ގޮތުން ޕާޓީގެ އެތެރޭގެ ކަންތައްތައްވެސް ބޭރުވާން
ޖެހެނީ ކަންނޭގެއެވެ. |