|
އައު
ޤާނޫނުއަސާސީއެއް ހަދުމަށް އެކުލަވާލެވިފައިވާ މަޖްލީހުން
ރައްޔިތުންގެ މަޖްލިސްވެސް ބޭރުކުރަން ޖެހޭނެ!
20/02/2006
| ދިޕޮލިޓިކްސް
ދުސްތޫރީ އިޞްލާޙުތަކެއް ގެނައުމަށްޓަކައި ޤާނޫނުއަސާސީއަށް
އިޞްލާޙު ގެނައުމަކީ މުޅި ޤާނޫނުއަސާސީ އަލުން ހެދުމެއް ނޫނެވެ.
ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރާ ޤާނޫނުއަސާސީއަކީ މުޅީން
ޚުދުމުޚްތާރު ވެރިކަމަކަށް ފުރުޞަތުދޭ އެއްޗެއްވެސް ނޫނެވެ. އޭގައި
ހިމެނޭ ޑިމޮކްރަސީގެ މައިގަނޑު ބައެއް އުސޫލުތަކާއި ތަޢާރުޟުވާ
މާއްދާތައް އިޞްލާޙުކުރުމުން، ބޭނުންވާ ޑިމޮކްރެޓިކް
އިޞްލާޙުތަކަށް ދުސްތޫރީ ގޮތުން މަގު ފަހިވެގެންދާނެއެވެ.
އެހެންނަމަވެސް، ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދަނީ
ޤާނޫނުއަސާސީގެ ވަކިވަކި މާއްދާތަކެއް އިޞްލާޙުކުރުމުގެ
މަސައްކަތެއް ނޫނެވެ. މިހާރު ހިންގަމުންދަނީ އައު ޤާނޫނުއަސާސީއެއް
އެކުލަވާލުމުގެ މަސައްކަތެވެ. ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް
އެއްކުރެވިފައިވާ މަޖްލީހުން ފުރަތަމަ ބަޙުސްކުރަން ފަށާފައިވަނީ
ޤާނޫނުއަސާސީގައި ހިމެނެންވާނެ އަސާސީ ސިފަތަކާއިބެހޭ
ގޮތުންކަމަށްވެފައި، އިޞްލާޙުކުރުމަށް ވަކި މާއްދާތަކެއް
އިޚްތިޔާރު ކުރެވިފައި ނުވުމުން ދޭހަވަނީ މިހާރު އެމަޖްލީހުން
ކުރަމުން އެގެންދަނީ އައު ޤާނޫނުއަސާސީއެއް އެކުލަވާލުމުގެ
މަސައްކަތްކަމެވެ. އެމަޖްލީހުގެ މަސައްކަތްތައް ހުރިގޮތުން ބޮޑަށް
ހީވަނީ ރާއްޖޭގައި އައު ދައުލަތެއް ޤާއިމުވެ، ދައުލަތް ހިންގާނެ
ގޮތް ކަނޑައަޅާ ދުސްތޫރީ ނިޒާމެއް ނެތުމުން އެފަދަ ނިޒާމެއް
އެކުލަވާލުމުގެ މަސައްކަތްތަކެއް ފެށިގެން އުޅޭހެންނެވެ.
މިހާރު ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 92 ވަނަ
މާއްދާއާއު 93 ވަނަ މާއްދާއަކީ ވެސް އިޞްލާޙުކުރަން ޖެހޭ ދެ
މާއްދާއެކެވެ. ސަބަބަކީ އެ ދެމާއްދާގެ ހިޔަލުގައި ޤާނޫނުއަސާސީއެއް
ހެދުމާއި، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބާރު ދީފައިވާ
މަޖްލީހުގެ ތެރެއަށްވެސް ޤާނޫނުހަދާ މަޖްލިސް ވައްދާ
މަސްހުނިކޮށްލާފައި ވާތީއެވެ.
ރައްޔިތުންގެ މަޖްލިސް ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނު ހަދާ
މަޖްލިހަކީ ޤާނޫނުއަސާސީން އުފައްދާ، ޤާނޫނުއަސާސީގެ ބާރަށްވުރެ
ދުސްތޫރީ އަދި ޤާނޫނީ ގޮތުން ދަށް ބާރަކަށް ވުމާއިއެކު، މުޅިން
އައު ޤާނޫނުއަސާސީއެއް އެކުލަވާލާއިރު އެއްވެސް ޙާލެއްގައި
އެމަޖްލީހުގެ ނުފޫޒާއިއެކު ޤާނޫނުއަސާސީ
އެކުލަވާލެވިގެންނުވާނެއެވެ. އެބަހީ ޤާނޫނު ހަދާ މަޖްލިސް އުފެދޭނީ
ޤާނޫނުއަސާސީން ކަމަށްވެފައި، ޤާނޫނުއަސާސީ އުފަން ނުވަނީސް
ޤާނޫނުހަދާ މަޖްލީހެއް އޮތުމަކީ ދުސްތޫރީ ހަމަތަކުގެމަތީން
ޤަބޫލުކުރެވޭ މިންގަނޑެއް ނޫނެވެ.
އެހެންކަމުން، އައު ޤާނޫނުއަސާސީއަކީ އެކަމަށް ކަނޑައެޅިފައިވާ
މުސްތަޤިއްލު މަޖްލީހަކުން ހަދަންޖެހޭ އެއްޗެކެވެ. މިހާރު
އެކުލަވާލެވިފައިވާ ޤާނޫނު އަސާސީ ހަދާ މަޖްލީހުން
ބޭރުކޮށްލަންޖެހެނީ ހަމައެކަނި ރައީސުލް ޖުމްހޫރިއްޔާ
އައްޔަންކުރައްވާ މެމްބަރުންނާއި، ވަޒީރުން އެކަންޏެއް ނޫނެވެ.
ރައްޔިތުންގެ މަޖްލިސްވެސް އެމަޖްލީހުން ބޭރުކުރަންޖެހޭނެއެވެ.
އެމަޖްލިހަކީ އޭގެ ޒާތުގައި ވަކި މަޖްލީހަކަށް ވިޔަސް، އެމަޖްލިސް
އެކުލެވިގެންވާވުމުގައި ޤާނޫނުހަދާ މަޖްލިސް އޮތުމަކީ ދުސްތޫރެއް
ނުވަތަ ޤާނޫނުއަސާސީއެއް އެކުލަވާލުމަށްޓަކައި ބަލަންޖެހޭ ޙަޤީޤީ
ދުސްތޫރީ މިންގަނޑުން ބޭރުވުމެވެ. އެހެންކަމުން އައު ޤާނޫނުއަސާސީ
ހަދަން ޖެހޭނީ ސީދާ އެކަމަށްޓަކައި އިންތިޚާބުކުރެވިގެން
އެކުލަވާލެވޭ ޚާއްޞަ ދުސްތޫރީ މަޖްލީހަކުންނެވެ. ނިމުނީ! |