|
2008 ވަނަ އަހަރުވެސް ރިޔާސީ ޢާންމު ވޯޓަކަށް
ރިޔާސީ ޢާންމު އިންތިޚާބެއް ނުބޭއްވޭނެކަމުގެ 99 ޕަސެންޓު
ޔަޤީންކަން އޮތްއިރު ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް
އަންނާނެބާ ؟
16/12/2006
| އަލްޙާން ފަޙުމީ
ރައީސް
މައުމޫނުގެ " ރާއްޖޭގައި ޒަމާނީ ޑީމޮކްރަސީއެއް ޤާއިމުކުރުމަށް
ހިންގޭ އިޞްލާޙީ ޕްރޮގްރާމްގެ މަގުޗާޓު" ކުރެހިފައިވާގޮތުން 2007
ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ޤާނޫނޫ އަސާސީ
އޮންނާނީ އިޞްލާޙުކުރެވި، ތަޞްދީޤުކޮށް ނިމިފައެވެ.
އެހެންނަމަވެސް، ދާދި އިހަށްދުވަހު ދުނިޔޭގެ އިންސާނީ
ޙައްޤުތަކާބެހޭ ދުވަސް ފާހަގަކުރުމުގެގޮތުން ފޮރިން މިނިސްޓްރީގައި
ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ދައުލަތުގެ
ބަންޑާރަނައިބު ނުވަތަ 'ރައީސް މައުމޫނުގެ އިދާރާގެ ޤާނޫނީ ވަކީލު'
ޑރ. ޙަސަން ސަޢީދު ވިދާޅުވީ 2008 ވަނަ އަހަރާ ހަމައަށްވެސް، ޤާނޫނު
އަސާސީ އިޞްލާޙުކޮށް ނިމޭނެކަމުގެ އުންމީދެއް ނެތްކަމަށެވެ.
ޤާނޫނު އަސާސީ އިޞްލާޙުކޮށް ނުނިމޭނަމަ 2008 ވަނަ އަހަރު ފެށޭ
ރިޔާސީ ދައުރުގައިވެސް ރައީސުލް ޖުމްހޫރިއްޔާ ހޮވުމުގެ ދުސްތޫރީ
އޮނިގަނޑު އޮންނާނީ ކުރިންވެސް އޮތް ގޮތަށެވެ. މާނައަކީ، ރައީސުލް
ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކެއްގެ ތެރެއިން
ރައްޔިތުންގެ މަޖްލީހުގެ ޢަޣްލަބިއްޔަތު ލިބޭ ފަރާތަކީ
ރާއްޔިތުންގެ ޢާންމު ވޯޓަށް ހުށަހެޅޭނެ ފަރާތެވެ.
މިހާރު އޮތް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖްލީހުގެ
އަޣްލަބިއްޔަތު ހޯދުމަށް ވޯޓަކަށް ނުދިޔަނަމަވެސް، އެމަޖްލީހަކީ
ރައީސް މައުމޫނަށް އަޣްލަބިޔަތު އޮތް މަޖްލީހެއްކަމާއިމެދު
ޝައްކެއް ނެތެވެ. މާނައަކީ، ރައީސް މައުމޫނު 2008 ވަނަ އަހަރު ފެށޭ
ރިޔާސީ ދައުރަށް ކުރިމަތިލައްވައިފިނަމަ، ރައްޔިތުންގެ މަޖްލީހުގެ
އަޣްލަބިއްޔަތު ލިބިގެން އޭނާ ރައްޔިތުންގެ ޢާންމު ވޯޓާއި ހަމައަށް
އަންނާނެއެވެ. އަދި މަޖްލީހުގައި ތިއްބެވި ރައީސް މައުމޫނުގެ
އިދާރާއާއި އިދިކޮޅު ފަރާތްތަކަށް އެކަމަށް ހުރަސް އެޅޭނެ އެއްވެސް
ޤާނޫނީ މަގެއް ނޯންނާނެކަންވެސް ރާއްޖޭގެ ސިޔާސީ މަސްރަޙާއި،
އެމަޖްލީހުގެ ޒަމާންވީ އާދަކާދައަށް ރިޢާޔަތްކޮށް، ޤަބޫލުކުރަން
ޖެހެއެވެ.
އުފެދޭ ސުވާލަކީ، ކުރިން މިދެންނެވި އިޞްލާޙީ ޕްރޮގްރާމުގައި މުޅި
ޤާނޫނު އަސާސީ، އޭގެ ބަނޑޭރިގަނޑުގެ ކުލައިން ފެށިގެން ބަދަލުކޮށް،
އިޞްލާޙުކުރަން ފެށިފައިވާ މަސައްކަތަކީ ޙަޤީޤަތުގައި ރާއްޖޭގައި
ޑިމޮކްރަސީ ހަރުދަނާ ކުރަން ކޮންމެހެން ބޭނުން ކަމެއްބާއެވެ؟
ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ޤާނޫނުއަސާސީއަށް
ގެންނަންޖެހޭ މައިގަނޑު ބަދަލުތައް ވަކިވަކި މާއްދާތައް ބަދަލުކޮށް
އިޞްލާޙުކޮށް، ވަގުތުން ވަގުތަށް އެމާއްދާތަކަށް ޢަމަލުކުރާގޮތަށް
އެޕްރޮގްރާމުގައި އެޖެންޑާ ނުކޮށް އޮތީ، ކީއްވެގެން ބާވައެވެ.
ރާއްޖޭގެ ސިޔާސީ ނިޒާމާއި، ވޭތުވެދިޔަ 28 އަހަރު ދުވަހުގެ
ވެރިކަމުގެ ވައްޓަފާޅި ބަދަލުކުރަން ކަނޑައެޅިފައި މިވަނީ ދުސްތޫރީ
އިޞްލާޙުތަކެއްގެ ތެރެއިންކަމަށް ވާއިރު، އެކަމަށް އެންމެ ފަސޭހަ
އަދި ކުރު މަގު ދޫކޮށް، އައު ދައުލަތެއްގެ ސިޔާސީ ނިޒާމު
ކަނޑައަޅަން ކުރާފަދަ މަސައްކަތެއް ފަށާ، މިމަސައްކަތް މިގޮތަށް
ދިގުދެންމެވެމުގެ ސިއްރަކީ ކޮބައިތޯ ވިސްނާލުމަކީވެސް މިފަދަ
ޙާލަތެއްގައި ކުރަންޖެހިފައިވާ ކަމެކެވެ. އަދި މިގޮތަށް އެޅިފައިވާ
ނުސީދާ ހުރަސްތައް ނައްތާލުމަށް އެޅޭނެ ފިޔަވަޅުތަކަކީ
ކޮބައިތޯވެސް ބަލަން އެބަޖެހެއެވެ.
އަޅުގަނޑު ދެކޭގޮތުގައި ދުސްތޫރީ ގޮތުން ޑިމޮކްރެޓިކް
އިޞްލާޙުތަކެއް ގެނައުމުގެ ނަމުގައި، ޤާނޫނު އަސާސީގެ
ބަނޑޭރިގަނޑުން ފެށިގެން ބަދަލުކުރާގޮތަށް ނިންމައިގެން
މިމަސައްކަތް ކުރިޔަށް ގެންދިޔުމުގެ ފަހަތުގައި އޮތް 'ހަމައެކަނި
ސިއްރަކީ' 2008 ވަނަ އަހަރު ފެށޭ ރިޔާސީ ދައުރާއި ހަމައަށްވެސް
މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު އަސާސީ އަށް ޢަމަލުކުރަމުން
ދިޔުމެވެ. އަދި އެޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ގޮތަށް ރިޔާސީ
ދައުރު ފަށާ، ކުރިއެކޭވެސް އެއްފަދައިން ރައީސް މައުމޫނުގެ
ވެރިކަމުގެ ޙަޔާތަށް ރިޔާސީ އައު ދައުރެއް އިތުރުކޮށް،
ވެރިކަމުގައި ދެމިހުންނެވުމެވެ. އެހެންކަމުން، ދަންނަވަން ޖެހެނީ،
"ރައީސް މައުމޫނުގެ އިޞްލާޙީ އެޖެންޑާ" އާއި އެމަނިކުފާނުގެ
އިޞްލާޙީ އެޖެންޑާގެ މަގުޗާރޓަކީ ޙަޤީޤަތުގައި މިދެންނެވި މަޤްޞަދު
ޙާޞިލުކުރުމަށް ބޭނުން ކުރެވޭ ނުސީދާ ސިޔާސީ ވަސީލަތްތަކެކެވެ.
ޙަޤީޤީ އިޞްލާޙީ ބަދަލުތަކެއް އައުމުގެ ޖާގަނުދީ، ވަގުތު
ނަގާލުމަށް ކުރެހިފައިވާ ސިޔާސީ މަގު ޗާޓެކެވެ.
މިދެންނެވި ގޮތަށް މިކަން ސާފުކޮށް ފެންނަން އޮތްއިރު، މިކަމަށް
ގެނެވެން އޮތް އެންމެ އަވަސް ޤާނޫނީ ޙައްލަކީ، ރިޔާސީ ޢާންމު
އިންތިޚާބަކަށް ޖާގަ ލިބޭގޮތަށް، ޤާނޫނު އަސާސީގެ ރައީސުލް
ޖުމްހޫރިއްޔާ ހޮވުމާއިބެހޭ މާއްދާ އިޞްލާޙުކޮށް، އެމާއްދާ ވަކިން
ތަޞްދީޤުކޮށް، 2008 ވަނަ އަހަރު އެ އިޞްލާޙާއި އެއްގޮތަށް ރިޔާސީ
ޢާންމު އިންތިޚާބެއް ބޭއްވުމެވެ. އަދި އެނޫންވެސް، ޤައުމުގެ ސިޔާސީ
ޙާލަތާއި މިހާރު އުފެދިފައިވާ މަލްޓިޕާރޓީ ނިޒާމު ހިންގުމަށް
ކޮންމެހެން ބޭނުންވާ މާއްދާތައް ވަގުތުން ވަގުތަށް އިޞްލާޙުކޮށް،
އެމާއްދާތައް ތަޞްދީޤުކޮށް، އެއަށް ޢަމަލުކުރަން ފަށުމެވެ.
ޑީމޮކްރެޓިކް އުސޫލުން ރައީސުލް ޖުމްހޫރިއްޔާ އިންތިޚާބުކުރުމަކީ
ރައީސް މައުމޫނު ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަށް ކޮންމެހެން
ގެންނަވަން ބޭނުންފުޅު ބަދަލެއް ނަމަ، އެކަން އެގޮތަށް
ވިޔަދެއްވާނެއެވެ. އަދި ޚާއްޞަ މަޖްލީހުގައި ރައީސް މައުމޫނަށް
'ޙަޤީޤީ އަޣްލަބިއްޔަތު' އޮތްއިރު، އެފަދަ ހުށަހެޅުމަކަށް
މަޖްލީހުގެ އަޣްލަބިއްޔަތު ނުލިބިއްޖެނަމަ، އަޅުގަނޑު ކުރިން
ދެންނެވި 'މިކުޅިގަނޑުގެ' ސިޔާސީ ސިއްރު ހާމެވެ، "ރައީސް
މައުމޫނުގެ އިޞްލާޙި އެޖެންޑާ" ގައި އިޚްލާޞްތެރިކަން ހުރި
މިންވަރު ރައްޔިތުންނަށް ހާމަވެގެންދާނެއެވެ.
މިކަން މިހެން ހިންގުމަށްޓަކައި، ޚާއްޞަ މަޖްލީހުގައި
މިމައްސަލާގައި ވޯޓަކަށް ދިޔުމަކީ އެމަނިކުފާނުގެ 'އެތެރޭގެ
ރޭއްވެވުން" ބޭރުފުށަށް ދެއްކުމަށްޓަކައި ކުރަންވެއްޖެ
ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. ވީމާ، ޤާނޫނު އަސާސީގައި
ކޮންމެހެން ވަގުތުން ވަގުތަށް އިޞްލާޙުކުރަން ޖެހޭ މައްދާތައް،
ވަގުތުން ވަގުތަށް އިޞްލާޙުކޮށް، ތަޞްދީޤުކޮށް، އެއަށް
ޢަމަލުކުރަން ފެށުމަށް ހުށަހަޅުއްވާށެވެ.
މަޖްލީހުގެ ގޮނޑިކޮޅު ތަކުގައި ތިއްބެވި ރައްޔިތުން
ތަމްސީލުކުރައްވާ ޢިއްޒަތްތެރި މެމްބާރުންނޭވެ! 2008 ވަނަ އަހަރު
ފެށޭ ރިޔާސީ ދައުރަކީ ޑީމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާއި
އެއްގޮތްވާ ގޮތުގެމަތީން ބޭއްވޭ، ރިޔާސީ ޢާންމު އިންތިޚާބަކުން
ފެށޭ ދައުރަކަށް ހައްދަވަމާ ހިންގަވާށެވެ. ދައުލަތުގެ ރައީސުލް
ޖުމްހޫރިއްޔާއަކީ ޑިމޮކްރަސީގެ އުސޫލުން ރައްޔިތުން
އިންތިޚާބުކޮށްފައިވާ، ރައްޔިތުން ބޭނުންވާ ވެރިޔާ ކަމުގައި
ހައްދަވަމާ ހިންގަވާށެވެ!
ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއެވެ! މަނިކުފާނަކީ
ރައްޔިތުންގެ ތާއީދާއި ރުހުން އޮތް ބޭފުޅެއްކަން އަމިއްލަފުޅަށް
ޤަބޫލުކުރައްވާނަމަ، ކެރިހުނަންނަވައިގެން ކުރިމަތިލާއްވާށެވެ.
މަނިކުފާނުގެ ސިޔާސަތުގެ އެތެރެފުށް ދިވެއްސެއްގެ ހައިސިއްޔަތުން
ބަލާއިރު، އަޅުގަނޑަށް ފެންނަނީ އޭގެ ބޭރުފުށުގައި މަނިކުފާނު
ޖައްސަވާފައިވާ ކުލައަކުން ނޫނެވެ. ޔަޤީންކޮށް ދެއްވާށެވެ!
ނިމުނީ! |