24 November 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

BUSINESS & ECONOMY

 

ފިނޭންސް މިނިސްޓަރު ރެއާއި ދުވާލު ލޯނު ހޯއްދެވުމުގެ މަސައްކަތްޕުޅުގައި !
ޗައިނާގެ އެގްޒިމް ބޭންކު އޮތީ 100 މިލިޔަން ޑޮލަރު ދީގެންވެސް ދިވެހިން ދަރަނިވެރި ކުރުވަން ތައްޔާރަށް!

24/11/2006 | މުޞްޠަފާ އިސްމާޢިލް

ސަރުކާރުން ދައުލަތަށް ނަގަމުންދާ ލޯނުތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، ދައުލަތުގެ ޒިންމާގައި ހުރި ދަރަނި ގިނަވަމުން ދިއުމަކީ ޤައުމުގެ އިޤްތިޞާދީ ބަލިކަށިކަމުގެ ޢަލާމާތެކެވެ. އިސްވެދިޔަ ތާނގައި ޤައުމުގައި އޮތް އިޤްތިޞާދީ ސިޔާސަތުގެ ނުކުޅެދުންތެރިކަމާއި، މާލީ ކަންކަން ހިނގުމުގައި ސަރުކާރުގެ ނުކުޅެދުންތެރިކަންވެސް ދައްކުވައިދޭ ކަމެކެވެ.

ޒަމާނީ އިޤްތިޞާދުގައި ބިނާކުރުމާއި ތަރައްޤީގެ މަޝްރޫޢުތަކަށް ދިގުމުއްދަތަށް ރޭވޭ ޕްލޭންތަކުގެ ދަށުން ލޯނު ނެގުމަކީ އޮންނަ ކަމެއް ކަމުގައިވިޔަސް، މިފަދަ ލޯނުތައް ނަގައި، އެތައް ބިލިއަން ރުފިޔާއިން ޤައުމު ދަރަނިވެރިކޮށްލާއިރު، ލޯނު ހޯދޭ ބޭނުމަކީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާއި، އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނަގަޅުކޮށް، ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމުގައި ވަރަށް ފުރިހަމައަށް ޙިއްސާކުރާ ބޭނުންތަކެއް ނުވަތަ މަޝްރޫޢުތަކަކަށް ވާންޖެހޭނެއެވެ.


މިދިޔަ އަންގާރަދުވަހު ދައުލަތުގެ މާލީ ވަޒީރު ވިދާޅުވިކަމަށް ނޫސްތަކުގެ ފަލަ ސުރުޚީގައި " ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް 100 މިލިޔަން ޑޮލަރު ބޭނުންވިޔަސް ޗައިނާގެ އެގްޒިމް ބޭންކުން ދޭން ތައްޔާރު" ކަމަށް ލިޔެފައިވުމުން، އެއީ ވަރަށް ބޮޑު އިޤްތިޞާދީ ކުރިއެރުމެކޭ ހިތަށް އެރުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އަދި އެފަދަ ވާހަކަތައް އެގޮތަށް ލިޔުމުން އަޑުއަހާ މީހުންނަށް ފަހަރުގައި ކުރިއެރުމާއި ތަރައްޤީގެ ދަޅަ ފެނުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި މިކަމުގެ ޙަޤީޤަތަކީ އެވިދާޅުވާ ބޭންކަކުން އޮތީ، ދިވެހިރައްޔިތުންގެ ނަމުގައި ފިނޭންސް މިނިސްޓަރ ސަލާން ޖެއްސެވުމުން އެއަޑަށް އިޖާބަދީ، ދިވެހީންގެ ބޮލުގައި އިންޓްރެސްޓާއިއެކު ދަރަނި އަޅުވައިދިނުމަށް ތައްޔާރަށެވެ.

މާލެއާއި ހުޅުމާލެއާއި ދޭތެރޭ ބްރިޖް އެޅުމަށް ބޭނުންވާ، ގާތްގަނޑަކަށް 55 މިލިޔަން ޑޮލަރު ހޯދުމަށް މިހާރު ފިނޭންސް މިނިސްޓަރު ސަލާން ޖައްސަވާކަމަށް ނޫހަށް މަޢްލޫމާތު ދެއްވައި އެވާހަކަ ތަކުރާރު ކުރެއްވިއިރު އެވިދާޅުވާ ތަރައްޤީގެ މަޝަރޫޢުތަކުގެ ތެރެއިން ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި ގުޅުންހުރި މަޝްރޫޢެއްގެ ވާހަކަ ވިދާޅު ނުވީ ކީއްވެގެން ކަމާއިމެދު ސުވާލު އުފެދެއެވެ. މާލެއާއި ހުޅުމާލެއާއި ދޭތެރޭ ފާލަމެއް އެޅުމުގެ ވާހަކައަކީ ރާއްޖެތެރޭގައި ދިރިއުޅޭ މީހުންނަށް ފަޅު ފުންކޮށް ދިނުމުގެ ވާހަކަ ކިޔައިދޭހެން ކިޔައިދޭ ސިޔާސީ އަންބާއަކަށް ހެއްދެވީ ކަމަށްވުމަކީވެސް މިސަރުކާރުގެ މާޒީގެ ސިޔާސަތަށް ބަލާއިރު ޤަބޫލުކުރެވޭ ކަމެކެވެ.

މިދިޔަ 2005 ވަނަ އަހަރު ނިމުމަކަށް އައިއިރު ދައުލަތުން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ ޢަދަދު ހަތަރު ބިލިޔަން ރުފިޔާއަށް އަރާނެކަމަށާއި، މިހާރު ނަގާފައިވާ ލޯނުތައް ކަނޑައެޅިފައިވާ ގޮތަށް 'ދެއްކޭނަމަ' (ދައްކާނެކަމުގެ ޔަޤީންކަމެއް ނެތް) އެދަރަނި އަދާކޮށް ނިމޭނީ 15 އޮކްޓޯބަރު 2045 ވަނަ އަހަރު ކަމަށް ރައްޔިތުންގެ މަޖްލީހުގައި ދައުލަތުގެ މާލީ ވަޒީރު އަލްފާޟިލް ޤާސިމް އިބްރާހިމް ހާމަ ކުރައްވައިފައިވެއެވެ. މާނައަކީ އަދުގެ ސަރުކާރު އޮތީ، ކުރިއަށް އޮތް ސާޅީސް އަހަރު ތެރޭގައިވެސް މިހާރު ނަގާފައިވާ ދަރަނިތައް އަދާނުކުރެވޭވަރަށް ލޯނު ނަގާ، އަންނަން އޮތް ޖީލުތައްވެސް ދަރަނިވެރިކޮށްފައެވެ. މިކަމަކީ މާދަމާގެ ޖީލުތަކަށް ކުރިމަތިވާނެ ނުރައްކާތެރި އިޤްތިޞާދީ މައްސަލައަކަށް ވާނެއެވެ. އެހެނީ އަދުގެ ސަރުކާރުން މިދަރަނިތައް ނުދައްކައި، ދައުލަތަށް ނަގާފައިވާ ލޯނުތަކުގެ ބޭނުން ފުރިހަމައަށް ނުހިފައި، އެފައިސާ އިސްރާފުކޮށް އެއަށް ޚިޔާނާތްތެރިވެއްޖެނަމަ، އޭގެ ނަތީޖާއަކަށް ވާނީ، އިޤްތިޞާދީ ތަދުމަޑުކަމެއްގެ ތެރެއަށް ޤައުމު އެއްލާލުމުގައި ޢަމަލީގޮތުން އެއްވެސް ދައުރެއް އަދާނުކުރާ ބައެއްގެ ބޮލަށް އިޤްތިޞާދީ މައްސަލަތަކެއް ބިންދާލުމެވެ. އެހެންކަމުން މުސްތަޤްބަލުގެ ޖީލުތައް އިނދަޖެހި، ސަރުކާރުން މިހާރު ފުންކުރަމުން އެދާ އިޤްތިޞާދީ ތަދުމަޑުކަމުގެ ވަޅުގަނޑުން އަރައިނުގަނެވި، ތިބެން ޖެހުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

މިފަދަ ޙާލަތަކަށް ޤައުމެއްގެ އިޤްތިޞާދު ދިއުމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުތަކެއް ހުންނާނެއެވެ. ދައުލަތުގެ މާލީ ސިޔާސަތު ރާވައި ހިންގުމުގައި، ދައުލަތުގެ ފައިސާ، ހަރުދަނާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގިފައި ނެތުމަކީ މީގެ މައިގަނޑު ސަބައެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ދިވެހިރާއްޖެއަކީ ތިންވަނަ ދުނިޔޭގެ ތަރައްޤީވަމުން އަންނަ އިޤްތިޞާދީ ވަސީލަތްތައް މަދު ޤައުމަކަށްވެފައި، ދައުލަތުގެ ފައިސާ ޚަރަދުކުރުމުގައި އިސްރާފުކުރުމާއި، ފައިދާއެއް ނެތް، ޚަރަދުތައް ހައްދުފަހަނައަޅައި ދިއުމަކީ ދައުލަތުގެ މީޒާނިއްޔާ ބަލިކަށިވެ، އިޤްތިޞާދީ ތަދުމަޑުކަމާއި ކުރިމަތިލާން ޖެހިފައިވުމުގެ ސަބަބެކެވެ. އަދި މީގެ އިތުރުން ދައުލަތުގެ ފައިސާއަށް ބަޔަކުމީހުން ޚިޔާނާތްތެރިވެފައިވާއިރު، ސަރުކާރުން އެފަދަ މައްސަލަތައް ފަރުދާކޮށް، ކޮރަޕްޝަން އިތުރުވުމަކީވެސް މީގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.

އިޤްތިޞާދީ ހޭދައަކީ، އެހޭދައަކުން މަންފާއެއް ނުވަތަ ފައިދާހުރި ބަދަލެއް ލިބޭ ހޭދަތެކެވެ. ކޮންމެ އަހަރަކު ތަފާތު މުނާސަބާތައް ފާހަގަ ކުރުމުގެ ނަމުގައި އެއްވެސް ހައްދެއްނެތި ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމާއި، ސަރުކާރުގެ ފޯނު ބިލުތަކާއި ކަރަންޓަށްވެސް ބޭނުންވާވަރަށްވުރެ އިތުރަށް ޚަރަދުކުރުމާއި، ޖަލްސާއެއް ބޭއްވިޔަސް، މަންފާއެއް ނެތް ބޭކާރު ޚަރަދުތައް ކުރުމަކީ، ފެންނަ ފެނުމަށް މާބޮޑު ކަންކަމަށް ނުވިޔަސް، އެޚަރަދުތަކަކީ ދައުލަތުގެ ބައިތުލް މާލުން ގެއްލިގެންދާ ފައިސާއެވެ. ދައުލަތުގެ އިޤްތިޞާދަށް ކުރިމަތިވާ މާލީ ގެއްލުމެކެވެ.

ދައުލަތުގެ ބަޖެޓުން ޢާންމު ބޭނުންތަކުގައި ސަރުކާރުން ކުރާ ޚަރަދުތަކަކީ ހަރުދަނާ ނިޒާމެއްގެ ދަށުން، މޮނީޓަރކޮށް، އެކުރެވޭ ޚަރަދުތަކާއިމެދު ސުވާލުކުރެވެންޖެހޭ ޚަރަދުތަކެކެވެ. އަދި ހަމަ މިމޭރުމުން ދައުލަތަށް ނެގޭ ލޯނުތަކާއި، އެލޯނުތަކުގެ ބޭނުންތަކާއި، ލޯނު ފައިސާ ބޭނުންކުރެވޭ ގޮތް ބެލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިޒަމާނުގެ ދުސްތޫރީ ނިޒާމުތަކުގައި ޢާންމުކޮށް ދައުލަތުގެ ބަޖެޓު ފާސްކުރުމާއި، މާލީ ރިޕޯރޓު ދިރާސާކޮށް ބެލުމާއި، ކޮށްފައިވާ ޚަރަދުތަކާއި ބެހޭގޮތުން ވަޒީރުންނާއި ސުވާލުކުރުމުގެ ބާރު ލިބިފައިވާ ފަރާތަކީ ޤާނޫނު ހަދާ މަޖްލީހެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖްލީހަކީ ދުސްތޫރީ ގޮތުން މިދެންނެވި ދައުރު އަދާކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތެވެ. ވީމާ އެފަރާތުން މިކަންކަމަށް ސމާލުކަން ދިނުމަކީ ޚާއްޞަކޮށް ސިޔާސީ ބޮޑެތި ބަދަލުތަކަކާއި ކުރިމަތިލާން އުޅޭއިރު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ލޯނު ހޯދައި ފައިސާ ޚަރަދު ކުރުމަށްވުރެ ބޮޑު ޒިންމާއަކީ ލޯނު ހޯދި ބޭނުން ފުރިހަމައަށް ހިފުމާއި، އެލޯނު އިންޓްރެސްޓާއިއެކު ދެއްކުންކަން ހަނދާން ކުރަމާ ހިނގާށެވެ. ބުރުމާ ޤާސިމު ލޯނު ހޯއްދަވައި ދެއްވިޔަސް އެލޯނު އަދާކުރަންޖެހޭނީ އަޅުގަނޑުމެންގެ ދަރީންކަންވެސް ހަނދާން ބަހައްޓަމާ ހިނގާށެވެ.
 ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved