|
ކޯރަމް
ހަމަނުވުމުގެ މައްސަލަ ޙައްލު ކުރެވޭނީ އޭގެ އަސްލު ސަބަބު
ނައްތާލެވިގެން
02/02/2006
| ޢަލީ ނަސީމު | އީ-މެއިލް
ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ސިޔާސީ އިޞްލާހުތައް ގެނެވެން
އޮތީ ޤާނޫނުއަސާސީއަށްވެސް އިޞްލާޙުތަކެއް ގެނެސްގެންކަމަށްވާތީ،
އެކަން ކުރުމަށް ޤާނޫނުއަސަސީގައިވާ ގޮތުގެމަތީން އެއްކުރެވިފައިވާ
ރައްޔިތުންގެ ޚާއްޞަ މަޖްލީހުގެ މަސައްކަތް، ކޯރަމް ހަމަނުވުމުގެ
ސަބަބުން ކުރިއަށް ނުދާތީ އެމައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ
އިޞްލާޙީ މަސައްކަތްތަކަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި
ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.
މަޖްލީހުގެ ކޯރަމް ހަމަނުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ
މަޖްލީހުގައި ހިމެނިވަޑައިގަންނަވާ ދައުލަތުގެ ވަޒީރުންނަށް
މަޖްލީހުގެ ޖަލްސާތަކަށް ޙާޒިރުވެވަޑައިނުގެންނެވުންކަން، ފާއިތުވި
ޖަލްސާތަކުގެ ޙާޒިރީ ރެކޯޑުތަކުން ސާބިތުވެއެވެ.
އެހެންކަމުން މިމައްސަލައަށް މިވަގުތަކަށް ގެނެވެންއޮތީ މައިގަނޑު
ތިން ޙައްލެކެވެ. ފުރަތަމަ ހައްލަކީ ވަޒީރުބޭކަލުން ޖަލްސާތަކަށް
ބަރާބަރަށް ޙާޟިރުވުމެވެ. ދެވަނަ ޙައްލަކީ ޤާނުނުއަސާސީގެ 93 ވަނަ
މާއްދާ، ޚާއްޞަ މަޖްލީހުގައި ވަޒީރުންގެ މަޖްލީހުގެ ބޭފުޅުން
ހިމެނިވަޑައި ނުގަންނަވާގޮތަށް އިޞްލާޙުކޮށް، އެމާއްދާއަށް
ޢަމަލުކުރަން ފެށުމެވެ. ތިންވަނަ ހައްލަކީ ޚާއްޞަ މަޖްލީހުގެ
ޤާނޫނީ ޢަދަދަކީ މަޖްލީހުގެ މެމްބަރުންގެ ތިންބައިކުޅަ
ދެބައިކަމަށް އިޞްލާޙުކޮށް، އެގޮތަށް ޢަމަލުކުރަން ފެށުމެވެ.
ޚާއްޞަ މަޖްލީހުގެ ޤާނޫނީ ޢަދަދު ހަމަނުވެގެން ޖަލްސާތައް ކުރިއަށް
ނުގެންދެވޭ މައްސަލަ ޙައްލުކުރުމަށްޓަކައި މަޖްލީހުގެ ބައެއް
މެމްބަރުން ކުރިން މިދެންނެވި ގޮތްތަކުގެ ތެރެއިން ޤާނޫނޫއަސާސީގެ
93 ވަނަ މާއްދާ އިޞްލާޙުކޮށް އެއަށް ޢަމަލުކުރުމަށް ހުށަހެއްޅުއްވި
ހުށަހެޅުއްވުމަކީ މައްސަލާ ޙައްލުކުރުމަށް އެދޭނަމަ ތާއީދު
ކުރަންޖެހޭ ކަމެކެވެ.
މިމައްސަލާއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ޕާރޓީ(ޑީ.އާރު.ޕީ) ގެ
ކޯރޑިނޭޓަރ އަލްފާޟިލް އިބްރާހިމް ޝާފިއު ވިދާޅުވެފައިވަނީ
"ރާއްޖޭގައި އޮންނަންޖެހޭނީ ކޮންކަހަލަ ސިޔާސީ ނިޒާމެއްކަން
ކަނޑައެޅުން ފަދަ ކުރިން ކުރަން ޖެހޭ ކަންތައްތައް ވުރެވެސް ކުރިން
ޤާނޫނުއަސާސީގެ މާއްދާތަކަކަށް އިޞްލާޙު ގެނައުމަކަށް ޑީ.އާރު.ޕީން
ތާއީދު ނުކުރަން" ކަމަށް ހަވީރު ނޫހުގައި ލިޔެފައި އޮތެވެ. އޭނާގެ
ވާހަކައާއިމެދު ދުސްތީރީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާލާއިރު،
ދަންނަވަންޖެހެނީ ޤާނޫނުއަސާސީގައި، ޤައުމުގައި އޮންނަންޖެހެނީ
ކޮން ސިޔާސީ ނިޒާމެއްކަން ކަނޑައެޅުމާއި، ޤާނޫނުއަސާސީ
އިޞްލާޙުކޮށް އެއަށް ބަދަލުގެނައުމަށް އެކުލަވާލެވޭ ދެސްތޫރީ
މަޖްލިސްގެ ސިފަ ކުރިން ކަނޑައެޅުމާއި އެއްވެސް ގުޅުމެއް ނެތެވެ.
އަދި ދުސްތޫރީ އުސޫލުތަކަށް ބަލާއިރު، ވަކި ސިޔާސީ ނިޒާމެއްގެ
ގިއުގަނޑުގެ ތެރޭގައި ކޮންސްޓިޓިއުޝަނަލް އެސެމްބްލީ ނުވަތަ
ދުސްތޫރީ މަޖްލިސް އޮންނަންޖެހޭނީ ވަކި ގޮތަކަށްކަމަށް ދުސްތޫރީ
ޢިލްމުގައި އައިސްފައިނުވެއެވެ. އެހެންނަމަވެސް، ޑިމޮކްރެޓިކް
ސިސްޓަމެއް އޮންނަ ތަނެއްނަމަ، އެތަނެއްގެ ދުސްތޫރީ މަޖްލީހަކީވެސް
ޑިމޮކްރެޓިކް އުސޫލުން ރައްޔިތުން ތަމްސީލުކުރާނެ މަންދޫބުންތަކެއް
އިންތިޚާބުކުރެވިގެން އެކުލެވާލެވޭ މަޖްލީހަކަށް، އެމަޖްލިސް ވާން
ޖެހޭނެއެވެ. އަދި މީގެ އިތުރުން އަޅުގަނޑު ދެކޭގޮތުގައި އަވަސް
ސިޔާސީ އިޞްލާޙުތަކަކަށް މަސައްކަތް ކުރަނީނަމަ އެންމެ
އިސްކަމަކަށް ވާންޖެހޭނީ، އެކަމަށް އެޅެމުންދާ ހުރަސްތައް
ވަގުތުންވަގުތަށް ނައްތާލުމެވެ. އެހެންކަމުން ޑީ.އާރު.ޕީގެ
ކޯރޑީނޭޓަރު އެދައްކަވާ ވަހަކައަކީ ޤައުމުގެ އަދުގެ ސިޔާސީ
މަސްރަޙުގެ ރޫހާއި ޚިލާފު ވާހަކެއް ކަމަށް ދެކެމެވެ.
ޑީ.އާރު.ޕިގެ އިތުރިން ރާއްޖޭގައި ދެން އޮތް ތިން ޕާރޓީގެ ތެރެއިން
އެމް.ޑީ.ޕީ އާއި އިސްލާމިކް ޑިމޮކްރެޓީއާއި އަދާލަތު ޕާރޓީންވެސް
ގޮވާލަނީ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ވީހާވެސް
އަވަސް ކުރުމަށެވެ. އަދި މީގެ އިތުރުން ރައީސް މައުމޫނުވެސް
މަޖްލީހުގެ މަސައްކަތް އަވަސްކުރުމަށް ތަކުރާރުކޮށް
ގޮވާލައްވާފައިވާ އިރު، އެމަނިކުފާނުގެ ޤިޔާދަތުގެ ދަށުގައިވާ
ސިޔާސީ ޕާރޓީން ޚުދު އެމަނިކުފާނުގެ ގޮވާލެއްވުމާއި ކަނޑައެޅިގެން
ޚިލާފު ފިކުރެއް ގެންގުޅުއްވާކަމީ، މިމައްސަލާގައި ރައީސް
މައުމޫނުގެ އިޞްލާޙީ އެޖެންޑާއަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި
ކުރެވޭ މަސައްކަތަށް އެމަނިކުފާނުގެ ޕާރޓީން އެކަށީގެންވާ ތަރުޙީބު
ނުދޭކަން ހާމަވެގެންދިޔަ ކަމެއްކަމުގައި ދަންނަވަންޖެހެއެވެ.
ވަޒިރު ބޭކަލުން ޚާއްޞަ މަޖްލީހުން އެކަހެރި ކުރުމަކީ ބަލީގެ
އެންމެ އަވަސް ޝިފާކަމަށްވުމާއިއެކު، މަޖްލީހުގެ ޢިއްޒަތްތެރި
މެމްބަރުންނަށް އެކަން އެގޮތަށް ކުރެއްވުމަށް، ކުރަންޖެހޭ
އެންމެހައި ޤާނޫނީ އަދި ދުސްތުރީ މަސައްކަތްތަކެއް ކުރެއްވުމަށް
ފަށްފަށުން އިލްތިމާސް ކުރަމެވެ.
ނިމުނީ!
މަތީގައިވާ
ލިޔުމާއި ގުޅޭ ލިޔުން
އެންމެ ބޮޑު ހުރަހަކީ ހަމަ ސަރުކާރު
|