25 December 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

މާލޭގައި ދިރިއުޅެން ތަންތަން ކުއްޔަށް ދިނުމާއިބެހޭ ޤާނޫނީ ނިޒާމެއް އޮތުން ލާޒިމު
26
/12/2006 | އަލްޙާން ފަޙުމީ
މާލޭގައި ދިރިއުޅުމުގެ ބޭނުމަށް ކުއްޔަށްދޭ ކޮޓަރި، އެޕާރޓްމަންޓް އަދި ގޭގޭގެ އަގު އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް ދާކަން ފާހަގަ ކުރެވެއެވެ. ރާއްޖެތެރޭގެ ރައްޔިތުންނަށް ދިރިއުޅުމުގެ ތަފާތު އަސާސީ ޚިދުމަތްތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމަށް ސަރުކާރު ނުކުޅެދުމުގެ ސަބަބުން، ގިނަ ޢަދަދެއްގެ މީހުން އަމިއްލަ ރަށް ދޫކޮށް، މާލެއަށް ޢާއިލާ އާއި އަނބިދަރީން ގޮވައިގެން ހިޖުރަކޮށްފައިވާކަން ޤަބޫލުކުރަން ޖެހެއެވެ. އެންމެ ފުރަތަމަ ރާއްޖެތެރޭ މީހުން އައިސް މާލޭގައި ދިރިއުޅެން ފަށަން ޖެހުނު މައިގަނޑު ސަބަބަކީ އެމީހުންގެ ދަރީންނަށް މާލޭގެ ސްކޫލުތަކުން ތަޢްލީމު ހޯދައިދިނުމެވެ. މާލޭގައި ތަޢްލީމު ދެވޭ ފެންވަރަށް ރާއްޖެތެރޭގައި އަދިއަދަށް ދާންދެވެސް ތަޢްލީމު ދެވިފައި ނުވާކަމީ ކޮންމެ ދިވެއްސަކުމެ ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. މީގެއިތުރުން ރާއްޖެތެރޭގައި އެކަށީގެންވާ ފެންވަރަށް ށިއްޙީ ޚިދުމަތް ދެވިފައި ނެތުމާއި، ރާއްޖެތެރޭގައި ވަޒީފާގެ ފުރުޞަތު ނެތުމަކީވެސް މާލެއަށް ރާއްޖެތެރޭ މީހުން ޖަމާވެ، މާލެ ތޮއްޖެހެން މެދުވެރިވެގެން ދިޔަ ސަބަބުތަކެވެ.


މިކަން މިހެން ވުމުގެ ނަތީޖާއަކަށްވީ، މާލޭ މީހުންނާއި މާލޭގެ ގޯތިގެދޮރުވެ މާލިކުންނަށް ބޮޑު ވިޔަފާރިއަކަށް މަގު ފަހިވެގެން ދިޔައީއެވެ. ރާއްޖެތެރޭގެ ރައްޔިތުން ދުވާލުދާ ހަތަރުދަމު ކުރާ މަސައްކަތުން ލިބޭ ފައިސާކޮޅަކީ މާލޭގެ ގޯތިގެދޮރުގެ މާލިކުން، އަތުންފައިން މަސައްކަތެއް ނުކޮށް، ޓީވީގެ ޗެނަލް ބަދަލުކުރަން ތިއްބާ، މަހުން މަހަށް އެމީހުންނަށް ލިބޭ އާމްދަނީއަކަށް ބަދަލުވެގެން ދިޔައީއެވެ.


މާލެއަށް އައި ހަލުވި ޢުމުރާނީ ތަރައްޤީއާއިއެކު މާލޭގެ ގޯތިގެދޮތުގެ ވެރީން އެމީހުންގެ ފައިސާޖަހާ މެޝިންތައް ބުރިބުރިއަށް ނަގާ، އެތަންތަނުގެ އަގުތައް އަތުނުޖެހޭ ވަރަށް ބޮޑުކުރަން ފަށައިފިއެވެ. ކޮންމެ ގޮތެއްވިޔަސް، ކޮންމެ އަގަކަށް ކުއްޔަށް ދިނަސް، އެތަންތަން ހިފައިގެން އުޅުން ނޫން އިޚްތިޔާރެއް ރާއްޖެތެރޭން މާލެ އައިސް އުޅޭ މީހުންނަށް ނޯންނާކަން އެމީހުން ޤަބޫލުކުރެއެވެ. ކުލި ބޮޑޫ ކުރުމުގައި އެއްވެސް ރަޙުމެއް ބަލާލުމެއް ނޯވެއެވެ. އެންމެ މުއްސަނދިންވެސް އެމީހުންގެ ގޯތިން އަލިފާން ފޮއްޓެއްހާ ތަންކޮޅުވެސް ކުއްޔަށް ދެނީ ހިތުހުރި އަގެއްގައެވެ. ކުއްޔަށްދޭ ތަނާ، ކުޅިގެ ގޮތުގައި ނަގާ ފައިސާގެ ޢަދަދާ އެއްވެސް މުނާސަބު ގުޅުމެއް، ފެންވަރުގެ ގޮތުންބަލާއިރުވެސް ގިނަފަހަރަށް ނުހުރެއެވެ. ފާރނިޝް ކޮށްފައި ހުންނަ ތަންތަނާއި ނުހުންނަ ތަންތަނެކޭވެސް ތަފާތެއް ނޯވެއެވެ. ބަދިގެއާ ފާޚާނާއާ އެއްކޮށް ހަދާފައި ހުއްޓަސް ކުއްޔަށްދެނީ ހަމަ ދޭނެ އަގެއްގައެވެ.


މިކަން މިހެން އޮތްކަމަށްވިޔަސް، ކުއްޔަށް ދިރިއުޅޭ މީހުން ޖެހެނީ ހަމަ މާލިކުން ހިތްޕުޅާވާ އަގެއް ދީގެން އެތަންތާނގައި އުޅޭށެވެ. ވަކިބައެއްގެ ފުރިހަމަ ނުފޫޒު އޮތް، އިތުރު ކޮމްޕެޓިޝަނެއް ނެތް، ކުއްޔަށް ދިނުމުގެ ބާޒާރެއްކަމުން، އެތަނުގައި އަގަށް ބަދަލެއް އަންނަނަމަ އެބަދަލުވާނީ އަގު މައްޗަށް ދާދިއޔުމަކަށެވެ. އެހެންކަމުން، ޒަމާނުއްސުރެ މިއަދާ ޖެހެންދެންވެސް އެކަން އޮތީ އެގޮތަށެވެ. އެއްދުވަހުން އަނެއް ދުވަހަށް ކުލި ދަނީ ބޮޑުވަމުންނެވެ. އާދައިގެ 3 ކޮޓަރީގެ އެޕާރޓްމަންޓެއް މިހާރު 15.000 ރުފިޔާއަށްވުރެ ކުޑައެއް ނުވާނެއެވެ.


މިކަން މިހެން ދިމާވެފައި އޮތުމަކީ ވަރަށްގިނަ ބަޔަކަށް އިޤްތިޞާދީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މައްސަލައެކެވެ. ސަރުކާރު މުވައްޒަފުންގެތެރެއިން މާލޭގައި ކުއްޔަށް ދިރުއުޅޭ މީހުނާނާއި މާލޭގެ ގޯތި ގެދޮރުގެ މާލިކުންނާއިވެސް ފަރަޤެއް ނޯވެއެވެ. ސަރުކާރު މުވައްޒަފަކު މާލޭގައި ވަޒީފާ އަދާކޮށްގެން ކުލި ދައްކައިގެން އަނބިދަރިން ބަލައިގެން އުޅޭނީ ކިހިނެއްތޯ ސަރުކާރުން ވިސްނަން ޖެހިއްޖެއެވެ.


މާލޭގައި ގޯތި ގެދޮރު މީހުން ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރުމާއި ބެހޭ ޤާނޫނެއްވިޔަސް ޤަވާޢިދެއްވިޔަސް ހަދަން ޖެހިއްޖެއެވެ. ވަކި އުސޫލުތަކެއްގެ ދަށުން ކުއްޔަކީ ކޮންޓްރޯލްކުރެވިފައިވާ އެއްޗަށް ހަދަން ޖެހިއްޖެއެވެ. މިފަދަ ބޭއިންސާފެއް ރާއްޖެތެރޭގެ ރައްޔިތުންނަށް ތަޙައްމުލުކުރަން ޖެހިފައި މިވަނީ ސަރުކާރުގެ ނުކުޅެދުންތެރިކަމުންނެވެ. ރައީސް މައުމޫނުގެ 28 އަހަރުވީ ވެރިކަމުގައި ހަމައެކަނި މާލެއަށް ރިޒުޤު ބެއްސެވީތީއެވެ. ރާއްޖެތެރޭގެ ރައްޔިތުންގެ ޙައްޤުތަކަށް މިސަރުކާރަށް ރައްކާތެރި ނުވެވުނީތީއެވެ.


އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖްލީހަށާއި ސަރުކާރުގެ ކަމާއިބެހޭ އިދާއިރާތަކަށް މިގޮވާލަނީ މިމައްސަލައަކީ ޤައުމީ ފެންވަރުގެ މައްސަލައަކަށް ބައްލަވައި، ރާއްޖެތެރޭ ރައްޔިތުންނާއި މާލޭގެ މާލިކުންނާއި ދެމެދު ސަރުކާރުން އުފައްދާފައި މިވާ އިޤްތިޞާދީ ތަފާތު ނައްތާލެވޭނެ ގޮތްތަކެއް، ލަސް ނުކުރައްވާ ހޯއްދަވައި ދެއްވުމެވެ. މާލޭގައި ކުލި ކޮންޓްރޯލުކުރުމަށް ޤާނޫނީ ފިޔަވަޅުތަކެއް އެޅުއްވުމަށްވެސް ގޮވާލަމެވެ. ކެޕިޓަލިސްޓް ސިސްޓަމްތަކުގައިވެސް ރައްޔިތުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމުކުރުމަކީ އޮންނަ ކަމެކެވެ. ދިވެހިންނަށް ދިވެހި ބިން، މިއުސޫލުން ވިއްކުމަކީ ދައުލަތުން އަޅާނުލާ ދޫކޮށްލައިގެންވާނެ ކަމެއް ނޫނެވެ. ބިމަކީ އެންމެންގެވެސް ޙައްޤެކެވެ. ދިރިއުޅުމަކީވެސް އެންމެންގެ ޙައްޤެކެވެ. ތަޢްލީމު ލިބުމާއި، އާމްދަނީ ހޯދުމަކީ ރާއްޖެތެރޭމީހުންގެވެސް ޙައްޤެކެވެ. ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved