08/16/2005

Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

 At a Glance

 Constitution

 Government

 Foreign Policy

DHIVEHI

 

ޝަރުޢީ ހަމައެއްނެތި މުސްލިމު ރައްޔިތެއްގެ ލޭ އޮހޮރުވާލުމަށް ސިފައިންގެ ވެރިޔާ އަށް އަމުރު ނެރެވިދާނެތަ ؟
16/08/2005 | މުޙަންމަދް ޝަހީމް ޢަލީ ސަޢީދު
މާތް ﷲ އަށް ޙަމްދު ހުއްޓެެވެ. އެކަލާނގެ މިއުންމަތައް ކައުކުރެއްވި މާތް ނަބިއްޔާއަށް ޞަލަވާތާ ސަލާމްލެއްވުން އެދި ދުޢާކުރަމެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު އަޞްޙާބުންވެސް ޝާމިލުކުރަން .
އާދެ ! އިސްލާމީ ޝަރީޢަތުގެ އެންމެ ފުރަތަމަ މަޤްޞަދަކީ ޢަދްލުވެރިކަމެވެ. އިންސާނީ ޙަޔާތުގެ ހުރިހާ މައިދާނެއްގައި އިންޞާފާއި ހަމަހަމަކަން ދެމިއޮތުމަކީ ޞުލްޙަވެރިކަމާއި އަމާންކަން މުޖުތަމަޢަށް ފެތުރިގެން ދިއުމުގެ އަސާސީ ވަސީލަތެވެ. މައިގަނޑު ތަބެވެ.
ޢަދުލުވެރިކަމާއި އިންޞާފަކީ އިންސާނުންގެ މެދުގައި އޮންނަންވާނެ އަސާސީ ޙައްޤެކެވެ. މިޙައްޤު ފަހަނައަޅައިދިއުމަކީ ޢަދުލުވެރިކަމުން އެއްކިބާވުމެވެ. އަދި މިޙައްޤު ނުދިނުމަކީ އެލިބުން ޙައްޤުވެގެންވާ އިންސާނުންނަށް ދެވޭ އަނިޔާއެކެވެ.
ޝައްކެއްނެތެވެ. އަނިޔާވެރިކަމަކީ މުޖުތަމަޢުގައި ހަމަޖެހުން ގެއްލި އިންސާނުންގެ ދީނާއި ދުނިޔޭގެކަންތައް ބަރުބާދުކޮށްލާކަމެކެވެ. އަދި އެކަމަކީ ޤިޔާމަތްދުވަހުގެ އަދިރިކަން އެ އަނިޔާވެރިވާ ބައެއްގެ މައްޗައް އެޅިގެންދާނެކަމެއްވެސް މެއެވެ.
ޢަދުލުވެރިވުމަކީ އެންމެހައި ފަރާތްތަކުގެ މައްޗައް ވާޖިބުކުރައްވާފައިވާ ކަމެކެވެ. ވަކިން ޚާއްޞަކޮށް އަދަލުވެރިވުމަކީ ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރާ އެންމެހައި ފަރާތްތަކުގެ މައްޗައް ﷲ ފަރުޟުކުރައްވާފައިވާ ކަމެކެވެ. އެބައެއްގެ ބެލުމުގެ ދަށުގައިވާ އެންމެހައި ރައްޔިތުންނާމެދު ޢަދުލުވެރިވުމާއި އިންޞާފުވެރިވުމަކީ ވެރިންގެ މައްްޗައް ﷲ ފަރުޟުކުރައްވާފައިވާކަމެކެވެ. މާތް ﷲ ގެ ވަޙީބަސްފުޅެއްގެ މާނައިގައިވެއެވެ. '' ހަމަކަށަވަރުން އަމާނާތް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާހިނދު ޢަދުލުވެރިކަމާއެކު ޙުކުމްކުރުމަށްވެސް އަމުރުކުރައްވައެވެ.
މިހެންކަމުން މިކަމަކީ ވަކިން ޚައްޞަގޮތެއްގައި ވެރިކަމުގެ ޒިންމާ ނަންގަވާ ބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެކެވެ.
މިއަދު އަޅުގަނޑުމެންގެ ރާއްޖޭގެ ކަންކޮޅުތަކުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއި ، އަދި އިޖުތިމާޢީ ހަމަނުޖެހުންތަކުގެ އަޞްލަކީ މިދެންނެވި ޢަދުލުވެރިކަމުގެ ނިޒާމަށް އައި ލޮޅުމުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެއްކަމަށް ބެލެވެއެވެ. މީގެ ސަބަބުން ރައްޔިތުން އެބައިމީހުންގެ ޙައްޤުތައް ހޯދުމަށްޓަކައި އަޑު އުފުލަމުންދަނީއެވެ. މިއަދު ރާއްޖެ ފަސާދަވެފައި މިިވަނީ މީގެކުރިން ދުވަހަކުވެސް ދިވެހިރާއްޖެ ފަސާދަވެފައިނުވާ މިންވަރަކަށެވެ.
މިއީ މުޖުތަމަޢުގެ ހަމަހަމަކަމާއި ޢަދުލުވެރިކަން ގެއްލިދިއުމުގެ ނަތީޖާއެވެ. މިފަދަ ޙާލަތަކަށް ޤައުމުދިއުމުން ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރެވެމުންދާކަން ފާހަނގަކުރެވެއެވެ. ބުނެވޭގޮތުން ދުނިޔޭގެ ބައެއްޤައުމުތަކުގައި ބޭނުންނުކުރާ ހައްމުށިތައް ބޭނުންކުރެވިފައިވެއެވެ.
މުސްލިމު ރައްޔިތެއްގެ ގައިގައި ބާރުގެ ބޭނުންކޮށްގެން ނުޙައްޤުން ތެޅުމަށް އެއްވެސް ވެރިޔަކަށް ޝަރުޢީ ހަމަތަކުގެ މަތިން ހުއްދަވެގެނެއްނުވެއެވެ. މިފަދަ އަމުރެއް ކުރެވިއްޖެނަމަ މިއަމުރަށް ކިޔަމަންގަތުމަކީވެސް ބޮޑުވެގެންވާ އުރެދުމެކެވެ. މާތް ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. '' ޙުރުމަތްތެރެިވެގެންވާ ގެފުޅު ހިލަޔަކުން ހިލަޔަކުން ތަޅާލުމަށްވުރެން ނުޙަޤުން މުއުމިނެއްގެ ލޭ އޮހޮރާލުމުގެ ނުބައިކަން ﷲ ގެ ޙަޟްރަތުގައި ބޮޑެވެ. " ކަމަކީ މިވަރުގެ ކަމެކެވެ. މުރާދަކީ ﷲ ގެ ޙަޟްރަތުގައި މުސްލިމު އިންސާނާގެ ފުރާނަ ޙުރުމަތްތެރިވެގެންވާ ކަޢުބާއަށް ވުރެން މާތްކަންބޮޑެވެ.
ކަމާބެހޭ ފަރާތްތަކުން ބައްލަވަންވާނީ މިފަދަ އަމަލުތައް ނުހިންގާ ރައްޔިތުންގެ މައްސަލަތައް ޙައްލުކުރެވޭތޯއެވެ. ސިފައިންނާ ފުލުހުންނަކީ ޞުލްޙަޤާއިމުކޮށް އަމްނު ބަލަހައްޓައި ޤާނޫނު ޙިމާޔަތްކުރެއްވުމަށް ތިއްބަވާ ބޭފުޅުންކަމުން އެބޭފުޅުންނަށް ރައްޔިތުންވެސް ޤަދަރުކުރަންޖެހޭނެއެވެ. މީގެކުރިން ދިވެހިރާއްޖޭގައި ސިފައިންނާ ރައްޔިތުންނާ ދެމެދު އޮތީ ވަރަށް އެކުވެރި ރަނގަޅު ގުޅުމެކެވެ. މިފަހަހަކަށް އައިސް މިކަމަށް ވަނީ ވަރަށް ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ވީމާ މީގައި ކޮންމެވެސް އުނިކަމެއް އެބަހުރިކަން ފާހަނގަވެއެވެ. ޝައްކެއްނެތް ގޮތުގައި ރައްޔިތުންނާ ފުލުހުންގެ މެދުގައި އިތުބާރު ހުރި ގުޅުމެއް ޤާއިމު ނުކުރެވޭހާ ހިނދަކު ދުވަހަކުވެސް ޤައުމެއްގައި އަމަންއަމާންކަމާއި ޞުލްޙަވެރިކަމެއް ނުގެނެވޭނެއެވެ.
ވީމާ ސިފައިންނާ ފުލުހުންވެސް ރައްޔިތުންނާ މުޢާމަލާތްް ކުރައްވާއިރު އަޅުގަނޑުމެންނަކީ މުސްލިމުން ކަމުން ޝަރުޢީ ހަމަތައް ރިޢާޔަތްކުރެއްވުމަކީ ލާޒިމުވެގެންވާ ކަމެކެވެ. ހުތުރުބަހުން ބަސްބުނުމާއި މުނޫފަދަ ތަންތަނުގައި ތެޅުމަކީ އިސްލާމްދީން ހުއްދަކުރާކަމެއްނޫނެވެ. މިދިވެހިރާއްޖޭގެ އެންމެ ފަރުދަކަށްވެސް އަނިޔާއެއްލިބިގެންދިއުމަކީ ، ނުވަތަ ފަރުދެއްގެ ލޭއޮހޮރިގެންދިއުމަކީ ވަރަށް ބޮޑު ހިތާމައެކެވެ. މުސްލިމު އެއްވެސް ވެރިޔަކަށް ، ނުވަތަ އަސްކަރީ އަމުރުތައް ނެރެން ހުންނެވި އެއްވެސް ބޭފުޅަކަށް ޝަރުޢީ ހަމައެއްނެތި ، ނުހައްގުން މުސްލިމުންގެ ގަގައި ތެޅުމަށް ނުވަތަ އަނިޔާކުރުމަށް ، ނުވަތަ މަރާލުމަށް އަމުރުު ނެރުމަކީ ފާފައެކެވެ. ޤަޞްދުގައި މީހަކު މެރެންވާނީ ޝަރުޢީ ހަމަތަކުގެ މަތިންނެވެ. ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން ވަކިޚާއްޞަ ޙާއްލަތްތަކެއްގައި ޝަރުޢީ ޙުކުމެއްގެ މައްޗައް ބިނާވެގެންމެނުވީ އެއްވެސް މީހަކު އަނެކަކު މެރުމަކީ ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. 6 ޖެނުއަރީ 1995 ދީނުގެ މަގު ފުރަތަމަ ޞަފްޙާ ބައްލަވާށެވެ. މިކަމާބެހޭ މަޢްލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ކިޔަމަންގަތުންވަނީ ހެޔޮކަންކަމުގައިކަމަށް ނަބިއްޔާ ވިދާޅުވެފައިވެއެވެ. މިހެންކަމުން ޝަރުޢީ ހަމައެއްނެތި ނުހައްޤުން ކުރެވޭ މިފަދަ އަމުރުކަށް ކިޔަމަންގަތުމެއްނުވެއެވެ. ގަޞްދުގައި އެއްވެސް ޙައްޤެއްނެތި މުއުމިނަކު މަރާލުމަކީ އަބަދައްޓަކައި އެމީހަކު ނަރަކައިގައި ލެއްވޭނެކަމެއްކަމުގައި ކީރިތި ޤުރްއާނުގެ ނައްޞުތަކުން ސާބިތުވާން އެބައޮތެވެ. އައްނިސާޢު ސޫރަތުގެ 93 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. ޤަޞްދުގައި މުއުމިނަކު ޤަތުލުކޮށްފިމީހާ ، ފަހެ އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ، ދެމިހުންނަނިގޮތުގައެވެ. އަދި މާތް ﷲ އެމީހެއްގެ މައްޗައް ކޯފާލައްވާފައިވެއެވެ. އަދި އެމީހަކަށް ލަޢުނަތްލައްވާފައިވެއެވެ. އަދި ބޮޑުވެގެންވާ އަޒާބު އެމީހަކަށްޓަކައި ﷲ ތައްޔާރުކުރެއްވިއެވެ.
މިއީ މިކަމުގައި ހުރި ނުބައިކަމެވެ. މިހެންކަމުން ޢަސްކަރީވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ކުރެވިގެންނުވާނެއެވެ. މުޖުތަޢުގައި އަމްނު ޤާއިމުކުރެވޭނީ މީހުންނަށް އަނިޔާކުރެވިގެންނޫނެވެ. މީހުންގެ ޙައްޤުތައް މީހުންނަށް ލިބިދީގެންނެވެ. ޤައުމުން މިއަދު މިފެންނަ ހަލަބޮލިކަމުގެ އަސްލަކީ އެޙައްޤުތައް ލިބިދީފައި ނެތްކަމުގެ ނަތީޖާއެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މުސްލިމުންނަށް އިސްލާމްދީނުގެ ޢަދުއްވުން ދެމުންދާ ބޮޑެތި އަނިޔާތަކަށްވުރެން މުސްލިމުންގެ ސަރުކާރުތަކުން ދެމުންގެންދާ އަނިޔާތައްވެސް ކުޑައެކޭ ދެންނެވުމަކީ ޢަދުލުވެރި ގޮތެއްނޫނެވެ.
އަޅުގަނޑުމެންގެ ޤައުމުގެ މިހާރުގެ ޙާލަތުވެސް މިފަދަ ނުރައްކާތެރި ދިމާލަކަށް މިޞްރާބުޖެހުމަކީ ބިރުހުރިކަމެކެވެ. ދާޚިލީ ހަމަނުޖެހުމެއްގެ ތެރެއަށް ޤައުމު ވެއްޓިގެން ދިއުމަކީ ވަރަށް ނުރައްކާތެރި ، ބިރުހުރި ކަމެކެވެ. މާތް ﷲ އަޅުގަނޑުމެންގެ ޤައުމު މިފަދަ ކަންތައްތަކުން ސަލާމަތްކުރައްވާށި – އާމީން .
ނިމުނީ!

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us