|
"އިމެއްނެތް
ބަސްތައް" ބޭނުންކޮށްގެން
މީހުންގެ ފިކުރިއްޔާތާއި
ކުޅެނީ
23/04/2007
|
ޝައިބާނީ
ޞަލާޙްގެ މަރާއި ގުޅިގެން ފުލުހުން ދައްކާ ބައެއް ވާހަކަ
ތާކުންތާކު ނުޖެހޭ ބީދައިން އިދިކޮޅު ޕާޓީއިން މިކަމާއި އެހާ
ޝައުގުވެރިވެގެން އުޅޭތީ ވަރަށް ގިނަ ވާހަކަ ދެއްކޭނެ ފުރުޞަތު
އެބައޮތްކަން ފާހަގަކޮށްލެވެއެވެ. އިވޭ އަޑުތަކުންނާއި ފެންނަ
މަންޒަރުތަކުން އެނގޭހާ އެއްޗަކީ މީހަކު މަރުވެއްޖެ ކަމެވެ. ދެން
އުފެދޭ ސުވާލަކީ ބަޔަކު އޭނާ މަރާލީ ބާވައެވެ؟ ނުވަތަ މަރުވީ
ބާވައެވެ؟ ރާއްޖޭގައި ސިޔާސީ ޕާޓީ ކުޅިވަރު ފެށިގެން މިވީ ތިން
ހަތަރު އަހަރުގެ ތެރޭގައި މިފަދަ އަމަލުތައް ހިންގާފައި
އެބަހުއްޓެވެ. އަދި މިފަދަ ޢަމަލުތައް ހިންގުމަށް ހިތްވަރުދޭ
މީހުންނަކީ ޢާންމުންގެ ތެރޭގައި މާބޮޑު ނުރުހުމެއް ލިބިފައިވާ
ބަޔެއްވެސް ނޫނެވެ.
ސިޔާސީ ގޮތުން މިޙާދިސާއިން ކާމިޔާބީއެއް ލިބިފައިވަނީ "ރާއްޖޭގެ
އިދިކޮޅު ޕާޓީ " އޭ ކިޔުނު މީހުންނަށެވެ. ނަމަވެސް މިހާރު ފުލުހުން
ތާކުންތަކުން ނުޖެހޭ ވާހަކަ ދައްކާ ބީދައިން މި ޕާޓީގެ މީހުންވެސް
ދުވަސްތަކެއް ކުރިން ތިބީ ހަމަ އެފަދަ ޙާލަތެއްގައެވެ. އެއީ
އިސްލާމް ދީނަށް ފުރައްސާރަކޮށް އެޖަމާޢަތުގެ އަންހެން " ބޭފުޅެއް"
ލިޔުއްވި ލިޔުމެއްގެ ސަބަބުން ކިޔާނެ ނުކިޔާނެ އެއްޗެއް ނޭގި
ތިބިތިބުމެވެ. ހީވަނީ މިހާރު އެމައްސަލަ މީހުންގެ ހަނދާނުން
ފޮހެވިގެން ހިނގައްޖެހެންނެވެ. ހަމައެއާއިއެކު، އެ މައްސަލާއާއި
ވިދިގެން ފުރިހަމަ ހައްގުބަސް ބުނަން ޖެހިލުންވެގެން އުޅުނު
ޢިލްމުވެރިންނަށް އިންޞާފުގެ ވާހަކަ ދައްކަން މުޅިން އައު ބާބެއް
ހުޅުވައިވެސް ދީފައެވެ.
އެއްވެސް އިމެއްނެތި "ހައްގު"
އާއި "އިންޞާފު" މިފަދަ ބަސްތައް
ބޭނުންކޮށްގެން މީހުންގެ ޖަޒުބާތަށް އަސަރުކުރުވާގޮތަށް ލިޔެފައި
ހުންނަ ލިޔުންތަކުގެ ސަބަބުން މީހުންގެ ފިކުރިއްޔާތައް
އައިސްފައިވާ ބަދަލުތަކުގެ ފުންމިން މިއުޅޭ "ސިޔާސީބޭފުޅުންނަށާއި
ޢިލްމުވެރިންނަށް" ވިސްނޭ ބާވައެވެ. މީގެ އަސަރު މަސްވެރީން
ފެށިގެންގޮސް ސްކޫލު ކުދީންނާއި ހަމައަށް އޮތީ ފޯރާފައެވެ. ވީމާ،
ނޫކުލައިގެ ހެދުން ކޮޅު ތުރުކުރައްވައިގެން ތިބޭ ބޭކަލުންގެ
ތެރެއިން ބޭކަލުން ކޮޅަކަށް މިއަސަރު ނުކުރަން ވީ ސަބަބެއް ނެތެވެ.
އިމެއްނެތި ބަސްތައް ބޭނުން ކުރުމުން ކަންހިނގާ ގޮތުގެ މިސާލެކެވެ.
މީހަކު ސައި ހޮޓަލަށް ވަނީ ސައިބޯށެވެ. ހޮޓަލަށް ވަދެ، ވޭޓަރުމީހާ
ގޮވާލަފައި " އޭ.. ހެދިކާއާ ސައިގެނޭ!" ބުންޏެވެ. ވޭޓަރުމީހާ
ދިވެހިބަހުން "ހެދިކާ" ގެ މާނައަށް ފެތޭ ހުރިހާ އެއްޗެއް، އޭނާއަށް
ފެންނަ ޢަދަދަކަށް ގެނެސް މޭޒުމަކީގައި ސައިތައްޓަކާއި އެކީ
އަތުރާލިއެވެ. ސައިބޯން ދިޔަ މީހާ ރުޅިއައިސް ވެއިޓަރުމީހާކުރެން
އެހިއެވެ. "ކާކު ބުނީ މިހުރިހާ އެއްޗެއް ގެންނާށެ!" ވެއިޓަރު މީހާ
ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހުރެފައި ބުންޏެވެ.
"އަޅުގަނޑު ކައިރީގަ ނުބުނަމެއް ނޫންތޯ ވަކިވަރަކަށް ގެންނާށޭ!
ބުނީ ހެދިކާގެންނާށޭ ނޫންތޯ!" ވޭޓަރުމީހާ ޖަވާބުދިނެވެ.
މިއާއި ޚިލާފަށް ސައިހޮޓަލަށް ވަދެފައި ވޭޓަރުމީހާކައިރީ "
ތިންބަޖިޔާއާއި ކަޅެއް" ގެންނާށޭ ބުނުމުން ގެންނަންވީ އެއްޗެހީގެ
ނަމާއި ވައްތަރާއި އަދަދު އެނގެން އޮތުމުން ވޭޓަރުމީހާ ގެންނަ
އެއްޗެއްގެ މައްސަލަ ގިނަފަހަރު ނުޖެހޭނެއެވެ. ހަމަ މިބީދައިން
ދީނުގައި އަހަރުމެން އުޅެންވީ ގޮތް އައިސްފައި އޮތީ އެއްވެސް
އިމެއްނެތް ބަސްތަކެއްގެ ގޮތުގައެއް ނޫނެވެ. މާނައަކީ އިމެއްނެތް
ބަސްތަކަކަށް އަހަރުމެންނަށް ބޭނުން ތަފްސީލުތަކެއް ނޭޅޭނެއެވެ.
މިސާލަކަށް ގުރުއާނުގައި ނަމާދު ގާއިމުކުރާށޭ" އޮވެފައި
ނަމާދުކުރަންވީ ގޮތުގެ ތަފްސީލު – ވަގުތާއި ތާހިރުވުމާއި ތަނާއި
ގިބްލަފަދަ ކަން- ރަސޫލާގެ ސުންނަތުގައި ނުވަތަ ގުރުއާނުގެ އެހެން
އައިސްފައި ނެތްނަމަ ކޮންމެ މީހަކުވެސް ނަމާދުކުރާނީ އެމީހަކަށް
އެވަގުތަކު ފެންނަ ގޮތަކަށެވެ. ހަމަމިގޮތުން "ޙައްޤު ހޯދުން " އަދި
"އިންޞާފު " މިބަސްތައް އެއްވެސް އިމެއްނެތި ބޭނުންކުރުމުން
ނުކުންނަ މާނައަކީ " އެމީހަކު ބޭނުންގޮތަކަށް އުޅޭށޭ" މިހެންނެވެ.
މިހިސާބުން ދެން އުފެދޭ ސުވާލަކީ މީހަކު މަރާލުމާއި އިސްލާމްދީނަށް
ފުރައްސާރަކުރުމަކީ އެއްހަމައެއްގެ އެއްވަރުގެ ދެމައްސަލަބާވައެވެ.
މިސުވާލުގެ ޖަވާބު ހޯދަން ބުއްދިއާ ހަވާލުކޮށްފިނަމަ -
އިންސާނިއްޔަތުގެ ނަރަރަކުން – ވަރަށް ގިނަ ބަޔަކު ބުނާނީ މީހެއްގެ
މަރުގެ މައްސަލަ ދީނަށް ފުރައްސާރަ ކުރުމަށް ވުރެން މާބޮޑު
ކަމަށެވެ. އެހެންނަމަވެސް އެއީ ކަމުގެ ހަގީގަތެއް ނޫނެވެ. އިންސާނާ
މާތްކޮށް އިންސާނާގެ ލޭ ނުހައްގުގޮތުގައި އޮހޮރުން
އަނިޔާވެރިކަމެއްގެ ގޮތުގައި ލެއްވައި، އިންސާނާގެ ފުރާނައަކީ
ހުރުމަތްތެރިކުރެވިގެން ވާއެއްޗެއް ކަމުގައި ލެއްވީ
އިސްލާމްދީނެވެ. މީހަކު ގަސްދުގައި މެރުމުން މުސްލިމުންނަށް އެކަން
ބޮޑުކަމަކަށް ވަނީ ދީނުގެ ނައްޞުތަކުން އެކަން ކުއްވެރިކުރާތީއެވެ.
ވުމާއިއެކު، މިމައްސަލާގައި އިންސާނިއްޔަތުގެ ނަޒަރަކުން
މިނާކުރިމުގެ މާނައެއް ނެތެވެ.
ކޮންމެއަކަސް،
އަޅުގަނޑުމެންގެ ތެރޭގައި މިފެންނަނީ ސިޔާސީ ޕާޓީތަކަށް އަޅުކަން
ކުރުމުގެ މާހައުލެކެވެ. ޝިރުކުގެ މާހައުލެކެވެ. ޝަރީކަކުރުމަކީ
ކޮންފަދަ ކަމެއްކަން މިއުޅޭ ޢިލްމުވެރިންނަށްވެސް ހަމަ
ނޭނގެނީބާވައެވެ. ލުގްމާން ސޫރަތުގެ އާޔަތެއްގެ މާނައިގައި ވަނީ
"ހަމަކަށަވަރުން ޝަރީކަކުރުމަކީ ބޮޑުވެގެންވާ އަނިޔާވެރިކަމެކެވެ."
ޖަލުގައި އަނިޔާ ލިބުނު ކަމަށް ދަޢްވާކުރާ ޢިލްމުވެރިން، ޝިރުކުގެ
އަނިޔާވެރިކަމުގެ ބޮޑުކަން ހަނދާންނެތި، ފާސިގުންނާއި ގުޅި
އެމީހުންގެ އަމަލުތައް ކުށްވެރިނުކޮށް ތިބެ އެމީހުންގެ ސަފުގައި
ތިބުމަކީ ކޮންފަދަ ބޮޑު އަނިޔާވެރިކަމެއް ހެއްޔެވެ.
.
|