 |
|
ދަމޯލްޑިވިއަން އާއި ފެކްޓް މޯލްޑިވްސް ހިންގަނީ ކާކު؟ އެއީ
'ސިޔާސަ' ޕްރޮޕަގެންޑާއެއް!
03/03/2006
| އ. ނަސީރު | އީ-މެއިލް
27 އަހަރުގެ ދިގު މުއްދަތަށް އެއްވެސް ސިޔާސީ ފިއްތުންތަކެއް
ނެތި ރައީސް މައުމޫނު ހިންގެވި ސިޔާސީ ނިޒާމަކީ އަދުގެ
މުޖުތަމަޢުގެ ގިބަ ބަޔަކު ދެކޭގޮތުން ފޭލިވެފައިވާ ނިޒާމެކެވެ.
އެނިޒާމާއި ދެކޮޅަށް އުފެދިގެންއުޅޭ އިދިކޮޅު ޙަރަކާތަކީވެސް
ހަރުދަނާ ޤައުމީ އަމާޒެއް ނެތުމުގެ ސަބަބުން ފޭލިވަމުންދާ
ޙަރަކާތެއްކަމަށް ގިނަބަޔަކު ދެކެއެވެ. އެހެންނަމަވެސް،
އެޙަރަކާތުގެ ސަބަބުން، 27 އަހަރުގެ ސަރުކާރު މިވަނީ ބަލިކަށިވެ،
މުޖުތަމަޢާއި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އައިސްފައިވާ
ކުއްލި ބަދަލާއި ކުރިމަތިލާން ނޭނގިފައެވެ.
'ސަންދާނު' ގެ އަޑު ހުއްޓި، އެނޫހުގައި ލިޔުނު މީހުންނާއި،
ސަރުކާރާއި ދެކޮޅަށް ޚިޔާލުފާޅުކޮށް، ސާބިތުނުހިފޭ ވާހަކަތައް
ފަތުރައިގެން ސަރުކާރުގެ ވެރިން ބަދުނާމުކޮށް ރައްޔިތުންގެ
ހިތުގައި ސަރުކާރާއިމެދު ނަފްރަތު އުފައްދަން އުޅުނު ބަޔަކު ތިބި
ތަނަކުން ހިފާ ހައްޔަރުކޮށް އަބަދުދީ، އެންމެފަހުން މަޢާފްވެސް
ލިބި، އެކަން ނިމި ތާރީޚުގެ ތެރެއަށް ގޮސްފިއެވެ.
ދެން އުފެދުނީ 'ދިވެހިއޮބްޒާވަރ' އެވެ. ސަންދާނާއި ޚިލާފަށް،
މިފަހަރު މި 'އޮބްޒާވަރު' ފާޅުވެގެންއައީ އެކަން ހިންގަނީ
ކާކުކަމާއި، ކޮން ބޭނުމެއްގައިކަންވެސް ދުނިޔެއަށް
އިޢްލާނުކޮށްގެންނެވެ. 'ސައްޕޭ' ހުރީ ހިފާ
ހައްޔަރުކުރެވޭވަރަށްވުރެ ބޮޑަށް ތައްޔާރުވެގެންނެވެ.
އެހެންކަމުން، ސަރުކާރާއި، ސަރުކާރުގެ ވެރިންގެ އަބުރާއި
ޢިއްޒަތަށް ހުތުތުވާފަދަ ވާހަކަތަކާއި، ފޮޓޯތަކާއި، ކާރޓޫނުތައް
މެދުކެނޑުމެއްނެތި ޢާންމުކުރަމުން އެހެރަ ގެންދަނީއެވެ. ރާއްޖޭން
އެވެބްސައިޓަށް ނުވަދެވޭގޮތް ހަދާ، ސައިޓު ބްލޮކް ކުރިޔަސް،
އެކަމަކަށްވެސް، ސަރުކާރުން ބޭނުންފުޅުވާފަދަ ޙައްލެއް
ލިބިވަޑައިގެންފައި ނުވާކަން ޤަބޫލުކުރަންޖެހެއެވެ.
ވެރިކަމުގެ ބޭނުމުގައި ދިވެހި މުޖުތަމަޢާއި ރައްޔިތުންގެ
މަޞްލަޙާތާ ދެކޮޅަށް ހިންގޭ ހަނގުރާމައިގެ މައިދާނުން ދެން
ފެނިގެން ދިޔައީ 'ދިވެހިއޮބްޒާވަރ' ފަދަ ބާޒާރުމަތީ ބަހުރުވައިން
ހަޑިހުތުރު އެއްޗެތި ލިޔެ، ޢާންމުކުރާ އިންޓަރނެޓް ފޮޅިތަކެކެވެ.
އޭގެ ތެރޭގައި 'ދަމޯލްޑިވިއަން' އާއި 'ފެކްޓް މޯލްޑިވްސް' ފާހަގަ
ކުރެވިގެން ދިޔައީ، އިދިކޮޅު ހަރަކާތް ހިންގާ ފަރާތްތަކާއި ސީދާ
'ދިވެހިއޮބްޒާވަރ' ގެ ބަހުރުވައިން މުޚާޠަބުކޮށް، ކިލޯއަކަށް
ކިލޯއެއްގެ ރޭޓުން، މާބޮޑު ޙަޤީޤަތެއް ނެތް ވާހަކަތައް ލިޔެ،
އެމް.ޑީ.ޕީ ނަމަކަށް މިކިޔާ އިދިކޮޅު ޕާރޓީއާއި ދެކޮޅަށް
ސަރުކާރުގެ ފަރާތުން، ކާކުކަން ނޭނގޭގޮތަށް ފެށިފައިވާ
'އިންޓަނެޓު ފޮޅީގެ' ހަނގުރާމައެއްގެ ގޮތުގައެވެ.
މިހަނގުރާމައިގާ ކޮންމެ ބަޔަކުވެސް ދަޢުވާކުރަނީ މިނިވަން
ނޫސްވެރިކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށެވެ. ސައްޕޭގެ
'ދިވެހިއޮބްޒާވަރ' ގެ ހަމައެކަނި މަޤްޞަދަކީ ރައީސް މައުމޫނުގެ
ސަރުކާރާއި ދެކޮޅު ޚިޔާލުތައް، ދޮގުވާހަކަތަކެއް
ފަތުރައިގެންވިޔަސް، ރައްޔިތުންގެ ކިބައިގާ އުފެއްދުމާއި، އެފަދަ
ކަންކަމަށް ހިތްވަރު ދިނުމެވެ. ކިޔާމީހާ އެފަދަ ލިޔުންތަކާއިމެދު
ދެކޭނީ ކިހިނެއްތޯ ބެލުމަކީ އޭނާ ވިސްނާކަމެއް ނޫންކަން،
އެވެބްސައިޓުގެ ލިޔުންތަކަށް ބަލާލުމުން ކޮންމެ މީހަކަށްވެސް
ޤަބޫލުކުރެވޭނެއެވެ. ހަމަ މިމޭރުމުން 'ފެކްޓްމޯލްޑިވްސް'
އަކީވެސް އިތުރު މަޤްޞަދެއްނެތި، ދިވެހިއޮބްޒާރާއި ވާދައަށް
އިދިކޮޅު ޕާރޓީއަށް ހަމަލާ ދިނުމުގެ މަޤްޞަދުގައި ހިންގޭ
ސައިތެކެވެ.
މިދެސައިޓާ ޚިލާފަށް ' ފެކްޓްމޯލްޑިވްސް' އާއި އެއްބަނޑުއެއްބަފާ
'ދަމޯލްޑިވިއަން' އިން ބޭނުންވަނީ، އެސައިޓަކީ ވަކި ފަރާތަކަށް
ނުޖެހޭ ސައިޓެއްކަމަށް ދައްކައިގެން، ސަރުކާރުގެ ޕްރޮޕަގެންޑާ
ހިންގުމެވެ. އެގޮތުން، ސިޔާސީ ގޮތުން މާބޮޑު ކަމަކަށް ނުވާ
ކަންކަމުގައި ސަރުކާރަށް މަތިމަތިން ފާޑެއް ކިޔާލުންފަދަ
ކަންކަން ކުރުން ހިމެނެއެވެ.
އެސައިޓުގައި ސަރުކާރާއި ސީދާ އިދިކޮޅު ޚިޔާލުގެ އެއްވެސް
ލިޔުމެއް ޝާއިޢުކޮށްފިނަމަ، ފަހުން އޭގެ ރައްދު ޖަވާބުވެސް ހަމަ
އެސައިޓުގައި އަންނަކަން، ދިރާސާކޮށްލުމުން ސާބިތުވާނެއެވެ.
މިސާލަކަށް، ދާދިފަހުން، ޤާހިރާގައި ކިޔަވާކުއްޖަކު
ސަރުކާރާއިމެދު ނުރުހުން ފާޅުކޮށް، އެސައިޓަށް ފޮނުވިކަމަށް ބުނާ
ސިޓީއެއް ޝާއިޢުކުރުމަށްފަހު، އަނެއްދުވަހު، ޤާހިރާގައި ކިޔަވާ
ހުރިހާ ދިވެހި ކިޔަވާކުދިން ބަދުނާމުވާގޮތަށް، އެސިޓީއަށް ރައްދު
ޖަވާބު ދީފައިވާކަން، އެސައިޓުގެ ފަހުގެ ލިޔުންތައް ބަލާލުމުން
ސާބިތުވާނެއެވެ.
ކާކުކަން ނޭނގޭގޮތަށް ސަރުކާރުގެ ޕްރޮޕަގެންޑާތައް ހިންގާ
ބައެއްގެ ވިސްނުން ކޮށިކަން ޤަބޫލުކުރަންޖެހެއެވެ. ސީދާ ސިޔާސީ
ސަބައެއްނެތި، ކިޔަވާކުއްޖަކު ފާޅުކުރި ޚިޔާލަކާއި ދެކޮޅަށް 125
އެއްހާ ކިޔަވާކުދިން ބަދުނާމުކޮށްލުމަކީ ފަހެ، އިދިކޮޅު
އަޑުއުފުލުމަށް ދެވޭ ދަޢްވަތެއް ނޫންބާއެވެ؟ އިތުރު މައްސަލަތައް
ހޯދުމަށްވުރެ، ހުރި މައްސަލަތައް ހައްލުކުރުމަކީ ސަރުކާރުގެ
ސިޔާސަތަކަށް ހަދަން ޖެހިފައިވާއިރު، ސަރުކާރު ޕްރޮމޯރޓުކުރާ
ސައިޓުތަކަށް އިރުޝާދުދޭ 'ކާކުކަން ނޭގޭ' އެހެނަސް،
ކޮންފަރާތެއްގެ ކަމެއްކަން އެނގޭ، ފިލާތިބި 'ސިޔާސަ' ލީޑަރުން
މިކަންކަމާމެދު ނުވިސްނާނަމަ، ވެއްޓިފައިވާ ވަޅުގަނޑުން
އަރައިގަތުމަށް ކުރެވޭ މަސައްކަތް ބޭކާރުވެގެން ދާނެކަން
'ޒަޢީމުން' ވިސްނެވުން މުހިންމެވެ. ސިޔާސީ ޕްރޮޕަގެންޑާ
ހިންގުމަކީ ސިޔާސީ މައިދާނުގައި އައުކަމެއް ނޫނެވެ. އެހެނަސް
މިވެރިން މިހިންގާފަދަ 'ސިޔާސަ' ޕްރޮޕަގެންޑާއަކީ މުޅީން އައު
އެއްޗެކެވެ. ނިމުނީ!
|
|
 |
|