|
ސިޔާސީ ޕާރޓީގެ
ޤަވާޢިދުގެ ހަތް ވަނަ ބާބުގައި ކަނޑައެޅިފައިވާ ސުލޫކީ
މިންގަނޑުތަކާ ޚިލާފަށް އެމް.ޑީ.ޕީ އަށް މަސައްކަތް ކޮށްދޭ
ބައެއް ފަރާތްތަކުން ޢަމަލުކުރާއިރު ސަރުކާރަށް ޤަވާޢިދު
ތަންފީޒުކުރަން ނުކުޅެދިފައި
2005/07/09 | އީސާކޮއެ
ދިވެހި ރާއްޖޭގެ
ސިޔާސީ ޕާރޓީއާއި ބެހޭ ޤަވާޢިދާއި ޚިލާފަށް ޢަމަލުކުރާ
ޕާރޓީތަކާއި ޕާރޓީތަކުގެ މެމްބަރުންނާއި ޕާރޓީތަކަށް
މަސައްކަތްކޮށްދޭ ފަތާތްތަކުން ޢަމަލުކުރާއިރު އެކަމާ ސަރުކާރުގެ
ކަމާބެހޭ އިދާރާއިން އަޅާނުލަނީ ކީއްވެތޯ ސުވާލު އުފެދެއެވެ.
އެމް.ޑީ.ޕީގެ
އިސް މެމްބަރެއްކަމުގައިވާ އަޙްމަދު ޝަފީޤް އިބްރާހިމް މޫސާ
(ސައްޕޭ) އެމް.ޑީ.ޕީ ޕްރޮމޯޓްކުރަން ކުރާ މަސައްކަތުގެ ތެރޭގައި
އިނގިރޭސިވިލާތުގައި ހުރެގެން އޭނާ ހިންގާ ދިވެހިއޮބްޒާވަރު
ނަމަކަށް ކިޔާ ވެބްސައިތުގައި ސިޔާސީ ޕާރޓީއާއި ބެހޭ ޤަވާޢިދުގެ
ހަތް ވަނަ ބާބުގައި ބަޔާންކުރެވިފައިވާ އަޚްލާޤީ މިންގަނޑުތަކާއި
ޚިލާފަށް ޢަމަލުކުރަމުން ދާއިރު އެކަމާއިމެދު އެއްވެސް
ފިޔަވަޅެއް ސަރުކާރުން އަދި އަޅުއްވާފައި ނުވާކަން ފާހަގަ
ކުރެވެއެވެ.
ދިވެހި
ރައްޔިތުން ނިސްބަތްވާ އެމް.ޑީ.ޕީ ނޫން އެހެން ސިޔާސީ
ޖަމާޢަތްތަކުގެ އަބުރާއި ޢިއްޒަތަށް ހުތުރުވާގޮތަށް އޭނާ
އިންޓަނެޓްގައި ލިޔާ ބަދުއަޚްލާޤީ ލިޔުންތަކާއި ފަތުރާ
ވާހަކަތަކާއިމެދު ފިޔަވަޅު އެޅެން ޖެހޭނެއެވެ.
މއ.ކިނިބަގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމު އުފައްދަވަން
މަސައްކަތްކުރައްވާ ދިވެހި ރައްޔިތުންގެ ޕާރޓީގެ ނަމާއި،
އެޕާރޓީއަށް ނިސްބަތްވާ އެތަކެއް ދިވެހި ރައްޔިތުންނަށް
ހުތުރުވާގޮތަށް ހަޑިހުތުރު ބަހުރުވައިން ލިޔުންތައް ލިޔެ ބަދު
އަޚްލާޤީ ކުރެހުންތައް ކުރަހާ ޕަބްލިޝްކުރާ މައްސަލައަކީ
ސަރުކާރުން އެކަމާއިމެދު އެއްވެސް ޙާލެއްގައި އިހްމާލުވެގެން
ވާނެ ކަމެއް ނޫނެވެ. އެތަކެއް ދިވެހި ރައްޔިތެއްގެ ޙައްޤަށް
ބަޔަކު އަރައިގަންނައިރު އެކަމަށް ކަނު ލޮލަކުން ބެލުމަކީ
ސަރުކާރުން ކޮށްގެން ވާނެކަމެއް ނޫނެވެ.
ދިވެހި
ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ ( އެމް.ޑީ.ޕީ) އިންވެސް
އެޕާރޓީގެ މެމްބަރުންގެ މިބާވަތުގެ ޢަމަލުތައް ހުއްޓުވަން
ޖެހޭނެއެވެ. އެކަން ނުހުއްޓުވަނީ ނަމަ މިކަމުގައި ޕާރޓީން ނުސީދާ
ސިފައެއްފައި ބައިވެރިވާކަމަށް ބެލެވޭނެއެވެ. ދިވެހި
ރައްޔިތުންގެ ޢިއްޒަތާ އަބުރު ރައްކާތެރި ކޮށްދިނުމުގައި
މިގޮތުން ބަލާއިރު އެމް.ޑީ.ޕީވެސް ނުކުޅެދިފައިވާ ކަން
ފާހަގަކުރަން ޖެހެއެވެ. ހަމައެކަނި ވެރިކަމާއިގެން ހޭވެރިކަން
ގެއްލުމަކުން ކަންތައްތައް އިޞްލާޙެއް ނުވާނެއެވެ.
އެމް.ޑީ.ޕީއާއި ދިވެހިއޮބްޒާވަރުފަދަ އެމް.ޑީ.ޕީގެ
ބައިވެރީންނަކީ ޙަޤީޤަތުގައި ޑިމޮކްރަސީއަށް ލޯބިކުރާ ބައެއްނަމަ
އެހެން ޕާރޓީތަކަށް ވަންނަ ދިވެހީންގެ މިނިވަންކަމަށް
އަރައިގަންނަން މަސައްކަތްކުރަންވީ ކީއްވެގެންބާވައެވެ. ދައްކާ
ވާހަކައާއި ކުރާކަމާ ދިމާ ނުވާކަމީ އެމް.ޑީ.ޕީގެ ދޯދިޔާކަމާއި،
ހަމައެކަނި ވެރިކަމަށް ދަހިވެތިވެފައިވާ މިންވަރު ހާމަކޮށްދޭ
ކަމެއްކަމެއްކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.
ވީމާ، ސަރުކާރުގެ
ކަމާއި ބޭހޭ ދާއިރާތަކަށް ވަގުތުން މިބާވަތުގެ ޣައިރުޤާނޫނީ
ޢަމަލުތައް ހުއްޓުވުމަށާއި ދިވެހި ރައްޔިތުންގެ އަބުރާއި
ޢިއްޒަތް ޙިމާޔަތް ކޮށްދެއްވުމަށް ގޮވާލަމެވެ. އަދި އެމް.ޑީ.ޕީގެ
ފަރާތުން ހިންގޭ މިފަދަ ޣައިރުޤާނޫނީ އެންމެހާ ޢަމަލެއް ވަގުތުން
ހުއްޓާލުމަށް ގޮވާލަމެވެ.
މީގެ އިތުރުން ވަކިފަރާތެއް ނޭނގި މިބާވަތުގެ ޣައިރުޤާނޫނީ
ޢަމަލުތައް ހިންގާ ފެކްޓް މޯލްޑިވެސްފަދަ ވެބްސައިޓްތަކަށްވެސް
މިފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ.
އަދި ދިވެހިރާއްޖޭގެ ސިޔާސީ ޕާރޓީއާއިބެހޭ ޤަވާޢިދުގެ 35 ވަނަ
މާއްދާގައި މިފަދަ ކުށް ކުރާ ފަރާތްތަކަށް ދިނުމަށް
ކަނޑައެޅިފައިވާ ޤާނޫނީ އަދަބު ދިނުމަށް ފަށްފަށުން ގޮވާލަމެވެ.
ނިމުނީ! |