|
ދައުލަތުގެ ބައިތުލް މާލުން ވަގަށްނަގާ ފައިސާ މަޢާފް ކުރުމަކީ
ޑިފެންސް މިނިސްޓްރީއާއި ރައީސް މައުމޫނަށް ބާރު ލިބިގެންވާ
ކަމެއް ނޫން
25/09/2005
|
ދިޕޮލިޓިކްސް
ަގ.ސައުތުބީޒް
މުޙަންމަދު ތައުފީގު( ސައުތު ތައުފީޤް)ގެ ސައުތު ރެސްޓޯރެންޓާއި
ޑިފެންސް މިނިސްޓްރީއާއި ވެވިފައިވާ އެގްރީމެންޓެއްގެ ދަށުން
ބަންޑާރަ ކޮށީގައި ކައްކާ ކާންދިނުމުގައި، ޑިފެންސުން މުޙަންމަދު
ތައުފީޤުގެ މަސައްކަތަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި
ނުއަގުގައި ބިލުހެދިގެން، ދައުލަތުން އެކަމަށް
ކަނޑައަޅުއްވާފައިވާ ބަޖެޓުން ވަގަށް ފައިސާ ނަގާ،
ޚިޔާނާތްތެތިވި މައްސަލާގައި ސައުތު ތައުފީޤު ޑިފެންސް
މިނިސްޓްރީއަށް ދައްކަންޖެހޭ ކަމަށް، 'ޝަރީޢަތަކާއިނުލާ'
އެމިނިސްޓްރީން ނިންމާފައިވާ 4،983،724،14 ދިވެހި ރުފިޔާގެ
ތެރެއިން އޭނާ އެމިނިސްޓްރީއަށް ނުދައްކާ ހުރި 3،787،297 ދިވެހި
ރުފިޔާގެ މައްސަލަ ޑިފެންސް މިނިސްޓްރީގެ ހުޅަހެޅުއްވުމަކަށް،
'މައްސަލަ މިހިސާބުން ނިންމަވާލެއްވުން އެންމެ ރަނަގޅުކަމަށް'
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ޑިފެންސް މިނިސްޓަރަށް
އަންގަވާފައިވާ މައްސަލާއަކީ، ޤާނޫނީ ހަމަތަކުގެމަތީން
ބަލަންޖެހޭ، ދިވެހި ރައްޔިތުންގެ ޢާންމު ޙައްޤަކާއި ގުޅިފައިވާ
މައްސަލައެކެވެ.
ހަވިރު ނޫހަށް ރައީސް އޮފީހުގެ އިސް ބޭފުޅަކު ދެއްވާފައިވާ
މަޢްލޫމާތު ކަމަށް ވިދާޅުވެ، އެނޫހުން ޝާއިޢް ކުރައްވާފައިވާ
ލިޔުމުން، މިމައްސަލާގައި ސައުތު ތައުފީޤު ޑިފެންސް
މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ، އަތުލައްވަން
އެމިނިސްޓްރީއަށް ފެނިފަޑައި ނުގަންނަވާތީ އެކަން
ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ދެންނެވުމުގައި، އެގޮތަށް
މިނިސްޓްރީން ހުށަހަޅުއްވަން ޖެހިވަޑައިގެންނެވި ސަބަބުތަކެއް
ހުރެ، އެކަން ޢާންމު ކުރެވިފައި ނުވާކަން ސާބިތުވެއެވެ.
މިމައްސަލައަކީ ޚިޔާނާތުގެ މައްސަލައަކަށްވެފައި، މިމައްސަލާގައި
ސިފައިންގޭގައި މަސައްކަތްކުރެއްވި ބައެއް ފަރާތްތައް ވަޒީފާއިން
ވަކިކުރެވި، ޝަރީޢަތަށް މައްސަލަ ފޮނުއްވިފައިވާކަމަށް
މަޢްލޫމާތު ލިބިފައި ވުމާއިއެކު ހައިރާންވާން ޖެހޭ ކަމަކީ،
ސައުތު ތައުފީޤު ދައުލަތުގެ އެފަދަ ބޮޑު ޢަދަދެއްގެ ފައިސާއަށް
ޚިޔާނާތްތެރިވި މައްސަލާ ޝަރީޢަތަށް ނުފޮނުއްވައި، ޑިފެންސަށް
އެފައިސާ ދައްކާ ޚަލާޞްކޮށްގެން މައްސަލަ ނިންމާގޮތަށް ޑިފެންސް
މިނިސްޓްރީން ހަމަޖައްސަވާފައި އޮތްކަމެވެ. މިމައްސަލާގައި
ފައިސާ ދެއްކުމުގެ އިތުރުން އޭނާގެ މައްޗަށް ސާބިތުވާކަމަށް
ޑިފެންސް މިނިސްޓްރީގެ ޢަމަލުން ސާބިތުވާ، ޖިނާއީ ކުށުގެ
މައްސަލަ ޝަރީއަތަށް ހުށަނޭޅި އޮވެ، ކުއްލިއަކަށް ދެމައްސަލަ
އެއްފަހަރާ 'އޮއްބާލައްވަން' އެމިނިސްޓްރީއަށް ޖެހިވަޑައިގަތީ
ކޮން ސަބަބުތަކަކާއިހުރެކަން ދިވެހި ރައްޔިތުންނަށް ސާފުކޮށް
ބަޔާންކޮށްދެއްވަން ޖެހޭނެއެވެ. އަދި އޭނާ ދައްކަންޖެހޭ ކަމަށް
ކުރިން އެމިނިސްޓްރީން ނިންމަވާފައިވާ ފައިސާއަކީ ދިވެހި ކޮންމެ
ރައްޔިތެއްގެ ޙައްޤު އޭގައި އެކުލެވިގެންވާ ފައިސާކަމަށް
ވުމާއިއެކު، ކުއްލިއަކަށް އެކަން އަނބުރާ ބަދަލު ކުރެއްވީ ކޮން
އުސޫލަކުން އަދި ކޮން ޤާނޫނީ ހަމައަކުން ކަންވެސް
ދިވެހިރައްޔިތުންނަށް އެނގެންޖެހޭނެއެވެ.
މިމައްސަލާގައި ނޫސްތަކާއި އިންޓަރނެޓްގެ ބައެއް
ވެބްސައިޓުތަކުން ދެކެނީ ދައުލަތުގެ ބައިތުލްމާލަށް ގ.ސައުތުބީޒް
މުޙަންމަދު ތައުފީޤް ޚިޔާނާތްތެވެ، އެކުށް އޭނާގެ މައްޗަށް
ސާބިތުވެފައިވާ ޙާލުގައި، އޭނާ ދައުލަތަށް ދައްކަންޖެހިފައިވާ
3،787،297 ރުފިޔާއަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ސިޔާސީ
ސަބަބުތަކަށްޓަކައި، މަޢާފް ކުރައްވާ، މައްސަލަ މިހިސާބުން
ނިންމަވާލައްވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިކަމުގެ ޙަޤީޤަތަކީ ކަމާއިބެހޭ އިދާރާއިން
(ޑިފެންސް މިނިސްޓްރީން) ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހެޅުއްވި
ހުށަހެޅުއްވުމަކީ އެގޮތަށް އެމައްސަލަ ނިންމަވަން
އެމިނިސްޓްރީއަށް ފެނިވަޑައިގަނަވާތީ، އެކަން އެގޮތަށް
ނިންމެވުން ރައީސުލް ޖުމްހޫރިއްޔާއަށް އެންމެ ރަނގަޅުތޯ ދެންނެވި
ދެންނެވުމަކަށް، އެމިނިސްޓްރީގެ ހުށަހެޅުއްވުމުގައިވާ
ސަބަބުތަކަށް ރިޢާޔަތްކުރައްވާ ރައީސުލް ޖުމްހޫރިއްޔާ
އެމިނިސްޓްރީގެ ނިންމެވުމަށް ތާއީދު ކުރެއްވިކަމަވެ. ރައީސުލް
ޖުމްހޫރިއްޔާގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް ދެއްވި
ޖަބާބުގައި " ޑިފެންސް މިނިސްޓްރީން އެދިވަޑައިގަންނަވާފައިވާ
ގޮތުގެމަތީން އެމައްސަލަ މިހިސާބު ނިންމަވާލެއްވުން އެންމެ
ރަނަގަޅުކަމަށް" ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިކަމަށް އޮތުމަކީ
އެއްވެސް ޙާއްލެއްގައި ދައުލަތުގެ ބައިތުލްމާލަށް ވެފައިވާ
ޚިޔާނާތުގެ މައްސަލާއަށް ރައީސުލް ޖުމްހޫރިއްޔާ މަޢާފް ދެއްވި
ދެއްވުމެއްކަމަށް ބެލޭވޭކަށް ނެތެވެ. ނަމަވެސް
މިމައްސަލާ ހިނގާފައިވާ ގޮތުން، އެފަދަ ބޮޑު މައްސަލައެއް
އެގޮތަށް ނިންމަވާލައްވަން އެމަނިކުފާނު 'ރުހިވަޑައިގަތީ'
އެކަމުގައި ކިހާވަރެއްގެ ސަބަބުތަކެއް ހުރެގެންތޯ، ސުވާލު
އުފެދެއެވެ.
މިދަންނަވާ ޑިފެންސް މިނިސްޓްރީގެ ހުށަހެޅުއްވުމުގައި
ބަޔާންވެގެންވާ ސަބަބުތައް އަދި ވަނީ ވަންހަނާ ކުރެވިފައެވެ.
އަދި އެސަބަބުތަކަކީ، ޤާނޫނީ ސަބަބުތަކެއްތޯ ބެއްލެވުމަކީ
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް
ލިބިވަޑައިގެންފައިވާ، ވަޒީރުންނާއި ސުވާލުކުރެއްވުމުގެ ޤާނޫނީ
ބާރުގެ ބޭނުން ކުރައްވައިގެން ކުރެއްވިދާނެ ކަމެކެވެ. އަދި
ޑިފެންސް މިނިސްޓްރީން އެސަބަބުތައް ޢާންމުކޮށް އިޢްލާނު
ނުކުރައްވާނަމަ، އެކަން ބެއްލެވުމަކީ ދައުލަތުގެ ބައިތުލްމާލު
ހިމާޔަތް ކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ
މެމްބަރުންގެ އިސްތަށިފުޅުގައި އެޅިފައިވާ ވާޖިބެއްކަމަށް
އަޅުގަނޑުމެން ދެކެމެވެ.
ދިޕޮލިޓިކްސް ލީގަލް ޓީމުން މިމައްސަލާގައި ދެކެވަޑައިގަންނަވާ
ގޮތް:
މިމައްސަލާ ހިންގާފައިވާ ގޮތް މުޢްތަބަރު ފަރާތްތަކުން
އެނގިފައިިވުމާއިއެކު، މައްސަލާގައި ޚިޔާނާތްތެރިވެފައިވާ ކަމަށް
ބެލެވިފައިވާ ގ.ސައުތުބްރީޒް މުޙަންމަދު ތައުފީޤުގެ މައްޗަށް
ދައުލަތުން ދަޢްވާ ކުރައްވުމުގެ ބަދަލުގައި، ޑިފެންސް
މިނިސްޓްރީއަށް ފައިސާ ދައްކާ ޚަލާޞްކުރުމަށް ޑިފެންސް
މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް އިޞްތަފާ
އިބްރީހިމް މަނިކުގެ ޤިޔާދަތުގެ ދަށުން، ޑިފެންސް މިނިސްޓްރީގެ
ލީގަލް ޑިޕާރޓްމަންޓުން ނިންމަވާފައިވާ ނިންމެވުމަކީ
ދައުލަތުގައި އޭރު ޢަމަލު ކުރެވެމުންދިޔަ
ޖިނާއީ ކަންތައްތައް ހިންގުމުގެ ނިޒާމާއިީ
ޚިލާފަށް ނިންމިފައިވާ ނިންމުމެއް ކަމަށް ދެކެމެވެ. މިފަދަ
މައްސަލައެއް ޝަރީޢަތަށް ނުފޮނުއްވާ ނިންމުމަކީ ޢަދުލު
އިންސާފުން އެއްކިބާވެވޭ ކަމަކަށްވެފައި، ސަރުކާރަށް
ފެނިވަޑައިގެންނެވި މީހެއްގެ މައްސަލަ ޝަރީޢަތަށް ފޮނުއްވާ،
ފެނިވަޑައި ނުގަންނަވައިފިނަމަ ނުފޮނުއްވާ އުސޫލަކީ ފުރިހަމަ
ޢަދުލުވެރި ޝަރުޢީ ނިޒާމެއްގެ ތެރޭގައި ހިނގައިގެންވާނެ
ޢަމަލުތަކެއް ނޫނެވެ. ވީމާ، މިމައްސަލާ މިހެން ހިނގާފައިވުމުގެ
ފަހަތުގައި ކޮރަޕްޝަން އެކުލެވިގެންވުމާއި، މިމައްސަލާގައި
ދައުލަތަށް ޚިދުމަތް ކުރަމުންދިޔަ ބައެއް ފަރާތްތަކާއިމެދު
ތުހުމަތު ކުރެވިފައި އޮތުމާއިއެކު، މައްސަލާ ޝަރީޢަތަށް
ފޮނުއްވުމަކާއިނުލާ ނިންމަވާފައިވާ ޚުދުމުޚްތާރު ނިންމެވުމަކީ
ކަނޑައެޅިގެން ބާޠިލު ނިންމުމެއްކަމަށް ދިޕޮލިޓިކްސްގެ ލީގަލް
ޓީމުން ދެކެމެވެ. އަދި މައްސަލާ ޝަރީޢަތުން ސާބިތުނުވެ، ސައުތު
ތައްފީޤް ޑިފެންސަށް ދައްކާފައިވާ ފައިސާއަކީވެސް ޤާނޫނީ
ހަމަތަކުގެ މަތީން އޭނާ ދައްކަންޖެހޭ ފައިސާއެއްކަމަށް
ނުދެކެމެވެ. މީގެ އިތުރުން މިމައްސަލާ ޝަރީޢަތުން ނުބައްލަވާ
ނިންމަވާލައްވަން ޑިފެންސުން ހުށަހެޅުއްވި ހުށަހެޅުއްވުމަށް
ރައީސުލް ޖުމްހޫރިއްޔާ ތާއީދު ކުރެއްވިކަމީ އަޅުގަނޑުމެން
ނުރުހުންފާޅު ކުރާ ކަމެކެވެ. އަދި މިމައްސަލާ މިގޮތަށް
ނިންމަވާލައްވާއިރު، ކުރީން މައްސަލާ ޝަރީޢަތަށް ފޮނުއްވުމަކާއި
ނުލާ، ސައުތު ތައްފީޤް އަތުން ޑިފެންސަށް ފައިސާ ނަންގަވަމުން
އައީ ކޮން އުސޫލަކުންކަން އެމަނިކުފާނު ބައްލަވަން
ޖެހިވަޑައިގަންނަވާކަމަށްވެސް އަޅުގަނޑުމެން ދެކެމެވެ.
މިމައްސަލާއާއި ބެހޭ ގޮތުން ލިބިފައިވާ މަޢްލޫމާތުގެ އަލީގައި
ދަންނަވަންޖެހެނީ އެއްވެސް ފަރާތަކުން ސައުތު ތައުފީޤަކީ
ޚިޔާނާތްތެރިއެއްކަމަށް ކަނޑައެޅިގެން ނިންމެވުމަކީ ޢަދުލުވެރި
ނިންމެވުމެއް ނޫންކަމެވެ. ސަބަބަކީ މައްސަލާގައި ސަރުކާރުގެ
މުވައްޒަފުންތަކެއް ހިމެނިފައިވާކަމަށް މަޢްލޫމާތު
ލިބިފައިވުމާއި، މައްސަލާ ހިނގަން ޖެހޭ ޤާނޫނީ އުސޫލުން
ހިންގާފައި ނެތުމާއި، މިކަމަކީ ނުފޫޒުގެ ބޭނުން ކުރެވިގެން
ސައުތު ތައްފީޤުގެ ބޮލުގައި އަޅުވަން މަސައްކަތްކުރެވިފައިވާ
ކުށެއްކަމަށް ވުމަކީ އެކަށީގެންވާ ކަމަކަށްވާތީއެވެ. އަދި މިހާރު
މިމައްސަލާ މިގޮތަށް ނިމެން މެދުވެރިވާ ސަބަބަކީ އޭރުގެ
ނިންމުންތައް ނިންމެވި، ޑިފެންސް މިނިސްޓްރީގެ ވެރިންނާއި
އެމިނިސްޓްރީގެ އޮނިގަނޑަށް މިހާރު ބަދަލުތަކެއް އައިސްފައި
ވުމާއިއެކު، މިހާރު ބެއްލެވި ބެއްލެވުމުން އެކުށް އޭނާގެ
މައްޗަށް ސާބިތު ނުވާކަމަށް އެމިނިސްޓްރީއަށް ފެނިވަޑައިގަތުމަކީ
އެކަށީގެންވާ ކަމަކަށްވާތީވެސް މެއެވެ.
ނޯޓް: މިމައްސަލާގައި ޑިފެންސް
މިނިސްޓްރީގެ މި ނިންމެވުމާއިމެދު އެއްޗެއް ދަންނަވަން އެނގޭނީ
އެގޮތަށް ނިންމެވި ސަބަބުތައް އެނގިގެން ކަމަށްވާތީ އެ
ސަބަބުތައް އެނގުމުން މިމައްސަލާގެ ބަކީ ކުރިއަށް ގެންދާނެ
ވާހަކަ ކިއުންތެރީންގެ މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.
ނުނިމޭ!
|