23 February 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ކިޔަވާކުދިންގެ ކަންތައްތައް ސަރުކާރުން ބައްލަވަނީ ކިހާވަރަކަށްބާ؟
23/02/2006 | ޤާހިރާގައި ކިޔަވާ ކުއްޖެއް | އީ-މެއިލް
ތިޔަ ސައިޓުގައި 'މިޞްރުގައި ކިޔަވާ 100 އަށްވުރެ ގިނަ ދިވެހި ލިޔަވާކުދިންނަށް ދޫނި ރޯގާގެ ބިރު' މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުގައިވާ މަޢްލޫމާތުތައް ކިޔާލުމަށްފަހު، ދިޕޮލިޓިކްސްގެ އިޖްތިމާޢީ ކަންކަމާއިބެހޭ މަޖްލީހުން މިޞްރުގައި ކިޔަވާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާކޮށްފައިވަނީ ހަމައެކަނި ދޫނި ރޯގާގެ ނުރައްކަލަށް އަމާޒުކޮށްގެންކަމުން، އެ ދިރާސާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ތިރީގައި މިވާ މަޢްލޫމާތުތައް ތިޔަ ސައިޓުގައި ޝާއިޢުކޮށްދެއްވުން އެދެމެވެ.
ދޫނި ރޯގާގެ މައްސަލައަކީ އަޅުގަނޑުމެން ކިޔަވާ ކުދިން މިޞްރުގެ ޙާލަތަށް ރިޢާޔަތްކޮށް ނިހާޔަތަށް ކަންބޮޑުވާ މައްސަލައެކެވެ. މުޅި ދުނިޔެއަށް ދޫނި ރޯގާގެ ބިރު ބޮޑުވަމުންދާއިރު، އަޅުގަނޑުމެން މުއުޅޭ ޤައުމުން އޭގެ އަސަރު ފެނިފައިވުމަކީ، އޭގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ސަރުކާރުން އަޅުގަނޑުމެން ދިވެހި ކިޔަވާކުދިންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތައް އަޅުއްވައި، މިފަދަ ޙާލަތަކާއި ގުޅޭގޮތަށް އަޅުގަނޑުމެން ކިޔަވާކުދިން ފެސިލިޓޭޓް ކޮށްދެއްވުމަކީ އަޅުގަނޑުމެން ނިހާޔަތަށް އެދޭކަމެކެވެ. އަދި މިޞްރު ނޫނަސް، ސަރުކާރުންގެ ބެއްލެވުމުގެ ދަށުން ބޭރުގެ އެއްވެސް ޤައުމެއްގައި ދިވެހި ކުދިބަޔަކު ކިޔަވަމުން ދަނިކޮށް މިފަދަ ނުރައްކާތެރި މައްސަލައެއް ކުރިމަތިވެއްޖެނަމަ، ސަރުކާރުން އެކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަން ޖެހިވަޑައިގަންނަވާ އެންމެހާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭޏެއެވެ.
ދޫނި ރޯގާގެ މައްސަލަ ފެންމަތިވުމުގެ ކުރީންވެސް، މިޞްރުގެ އިޤްތިޞާދަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން، ސަރުކާރުން ދެއްވާ ފައިސާއަކީ އާދައިގެ ލިވިންގ އެކްސްޕެންސަސްއާއި، ކިޔެވުމަށް ކުރަންޖެހޭ ޚަރަދުތައް ކުރެވޭވަރަށްވުރެ މަދު މިންވަރަކަށް ވެފައިވާތާ ދޮޅު އަހަރެއްހާ ދުވަސް ވެއްޖެއެވެ. އަދި އެކަމުގެ ޝަކުވާތައް ތަފާތު އެކި ސިފަސިފައިގާ އެކި ފަހަރުމަތީން ވާނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހެޅިފައެވެ.
ބޭރު ޤައުމެއްގައި ސަރުކާރުން ކިޔަވާ ކުދިބަޔަކު ބައިތިއްބަވާއިރު، އެތަނެއްގެ ދިރިއުޅުމުގެ ޚަރަދުތަކަށް އަންނަ ބަދަލުތަކާއި އެއްގޮތްވާގޮތަށް ސަރުކާރުން ކުދިންގެ މައްޗަށް ކުރައްވާ ޚަރަދުތަކަށްވެސް ބަދަލު އަންނަންޖެހޭނެއެވެ. އެގޮތުން މިސްރުގައި ކިޔެވުމުގެ ޚަރަދުތަކުގެ އިތުރުން އެކޮމަޑޭޝަން އާއި ކެއިންބުއިމާއި، ދަތުރުފަތުރާއި، ސިއްޙީ ޚިދުމަތްތަކުގެ ޚަރަދުތައް މައްޗަށް ގޮސްފައިވާތީ އެކަންކަން ސަރުކާރުން ބައްލަވާ، ކޮންމެހެން ކުރަންޖެހޭ މިފަދަ ޚަރަދުތައް ކުރެވޭވަރަށް ކުދިންނަށް ފައިސާ ދޭން ޖެހޭނެއެވެ. ނުވަތަ އެޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދޭން ޖެހޭނެއެވެ.
ކިޔަވާ ނިންމުމަށްފަހު ދައުލަތަށް ޚިދުމަތްކުރާގޮތަށް ދިގު މުއްދަތެއްގެ ބޮންޑެއް އޮވެގެން ކިޔަވާ ކުދިންނަށް ދައުލަތުގެ ބައިތުލްމާލުން ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް މިމައްސަލައަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ސަމާލުކަމެއް ދެއްވާފައި ނެތުމަކީ ސަރުކާރުގެ މަސްއޫލިއްޔަތު ނުއުފުލޭކަމަށް ޤަބޫލުކުރަންޖެހޭ ސަބަބެކެވެ.
އެންމެ ފަހުން މިމައްސަލަ ސަރުކާރުގެ ކަމާއިބެހޭ އިދާރާއަށް ހުށަހަޅާފައިވަނީ މިޞްރުގައި އޮންނަ ދިވެހި ކިޔަވާކުދިންގެ ޖަމްޢިއްޔާއިންނެވެ. އެމައްސަލަ ހުށަހެޅިތާ ދެމަސްދުވަސް ވެގެން ދިޔައިރުވެސް އަދިވެސް ސަރުކާރުން އެއްވެސް ޖަވާބެއް ދެއްވާފައި ނެތުމަކީ، ކިޔަވާކުއްޖެއްގެ ހައިސިއްޔަތުންނާއި، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުށްވެރިކުރާ ކަމެކެވެ. ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved