|
ހަމަނުޖެހުން ހުއްޓުވާ ސިފައިންގެ ފަރުވާކުޑަކަމުން ކަމާނުބެހޭ
މީހުންނަށް ގެއްލުން ވެގެން ނުވާނެ!
15/08/2005 |
ދިޕޮލިޓިކްސް
ރޭމާލޭގެ ބައެއް ހިސާބުތަކުގައި މީހުން އެއްވެ ހަމަނުޖެހުން
ހިންގިޔަ ނުދިމުމަށްޓަކައި ފުލުހުން ކުރެއްވި މަސައްކަތުގެ
ތެރޭގައި ސީ.އެޗް.އެސް.އީ ސަރަޙައްދުގައި ކަރުނަ ގޭސް ބޭނުން
ކުރެއްވީ އެފަދަ ޙާލަތެއްގައި ބައްލަވަންވާ ވަރަށް
ނުބައްލަވާކަން ދިޕޮލިޓިކްސް އަށް ވަނީ ސާބިތުވެފައެވެ.
ގާތްގަނޑަކަށް، ރޭގެ 9.00 އާއި 10.00 އާ ދޭތެރޭގެ ވަގުތެއްގައި
ގިނަ ޢަދަދެއްގެ ސްކޫލްކުދީންތަކެއް ޔުނިފޯރމުގައި ސްކޫލުން
ނިކުތް ގަޑީގައި މިގޮތަށް ބަލާނުލާ ކަރުނަ ގޭސް ދޫކުރުމުގެ
ސަބަބުން އުނދަގޫތަކާއި ކުރިމަތިލާން ޖެހުނުކަމަށް ސްކޫލް
ކުދިންގެ ފަރާތުން މަޢްލޫމާތު ލިބިފައިވެއެވެ.
މިފަދަ ވަގުތު ތަކުގައި ޚާއްޞަކޮށް ސްކޫލު ސަރަޙައްދުތަކުގައި
ފުލުހުން ބާރުގެ ބޭނުން ކުރައްވާއިރު ކިޔަވާ ކުދީންނާއި،
ކަމާނުބެހޭ މީހުންނަށް އެފަދަ ޙާލަތެއް އަންނަކަން ކުރީން
ނޭންގުމަކީ ދިޕޮލިޓިކްސް އިން ކުށްވެރި ކުރާކަމެކެވެ.
ސީ.އެޗް.އެސް.އީގެ ގްރޭޑް 11 ގައި ކިޔަވާ އަންހެން ކުއްޖަކު ކިޔާ
ދިންގޮތުގައި، ސްކޫލުން ނިކުތްއިރު ކަރުނަގޭސް ބޭނުން ކޮށްގެން
އުޅޭކަން އެނގިފައި ނެތެވެ. އަދި މީހުންތައް ނޭފަތުގައި އަތް
އަޅައިގެން ކޮޅުކޮޅަށް ދުވާތީ ފުލުހުން ގޭހެއް ބޭނުންކޮށްގެން
އުޅޭކަން އެނގުނުވާހަކަވެސް ކިޔައިދިނެވެ. އެ ކުއްޖާ
ކިޔައިދިންގޮތުން އޭގެ އަސަރު އެކުދީންނަށް ވެސް ކުރިއެވެ. އަދި
ކުއްލިއަކަށް ސްކޫލުން ނުކުތްގަޑީގައި، ނޭނގިތިއްބާ މިފަދަ
ކަންތައްތަކެއް ދިމާވުމުން ކުއްލި ބިރެއްވެސް ގަތްކަމަށް
އެކުއްޖާ ޑީ.ޕީއަށް މަޢްލޫމާތު ދީފައިވެއެވެ.
ވީމާ، މޯލްޑިވްސް ޕޮލިސް ސާރވިސް އިން ޣައިރުޤާނޫނީ ޢަމަލުތައް
ހުއްޓުވައި ތަނުގެ އަމާންކަން ރައްކާތެރިކުރައްވަން ކުރައްވާ
މަސައްކަތުގައި ކިޔަވާކުދީންނާއި، ކަމާއި ނުބެހޭ އެއްވެސް
ފަރާތަކަށް ގެއްލުމެއް ނުވާފަދަ ގޮތަކަށް މަސައްކަތް ކުރިއަށް
ގެންދެވުމަށް ގޮވާލަމެވެ. އަދި އެއްވެސް ސިފައެއްގައި ބާރުގެ
ބޭނުން ކުރެއްވުމުގެ ކުރީން، އެކަމުގެ ސިގުނަލް ޢާންމުނާނާއި،
ސްކޫލުތަކަށް ދެއްވުމަށް އިލްތިމާސް ކުރަމެވެ.
ނިމުނީ! |