06/01/2005

Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

 At a Glance

 Constitution

 Government

 Foreign Policy

DHIVEHI

 

ކުށުގެ ތުޙުމަތުގައި ތަޙްޤީޤަށް ބަންދުކުރެވޭ މީހުންގެ މައްސަލަ - 1

 

01 ޖުލައި 2005 | އަލްޙާން ފަހްމީ- ދިވެހިރާއްޖޭގައި މިހިންގާ ޖިނާއީ ނިޒާމުގެ އާދަކާދައަށް ބަލާއިރު ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން އާދަޔާއި ޚިލާފަށް ދިގުމުއްދަތަށް ތަޙްޤީޤް މަރުޙަލާގައި ބަންދުގައި ބައިތިއްބާކަން ފާހަގަ ކުރެވެއެވެ. ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރަން ޖެހޭނީ އޭނާގެ މައްޗަށް ކުށެއް ތުހުމަތުވާވަރުގެ ސަބަބުތަކެއް ނުވަތަ ޤަރީނާތަކެއް ހުރެގެންނެވެ. އެފަދަ ޤަރީނާތަކެއް ނުވަތަ ސަބަބުތަކެއް ހުރެގެން ބަންދުކުރެވޭ މީހުންގެ ތަޙްޤީޤް އެތައް ދުވަހަކަށް ދިގުލައިގެން ގޮސް، އެއްވެސް ހަރުދަނާ އަސްލެއްނެތް މައްސަލާތަކުގައި މީހުންގެ މުޅި ދިރިއުޅުން ހަލާކުވާ ދަރަޖައަށް ގޮސްފައިވާކަން ފާހަގަކޮށް އެކަން ކުށްވެރިކުރަމެވެ. އަދި މިކަން މިހެން ވާން ޖެހޭ ސަބަބަކީ ހަރުދަނާ ޖިނާއީ ނިޒާމެއް ޤާއިމުވެފައި ނެތަތީއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް މީހުން ބަންދުކުރުމުގެ ޙައްޤު ލިބިދެނީ ޤާނޫނީ ހަމަތަކެއްގެ މަތީންކަން ހަނދާން ކުރަންޖެހެއެވެ. ޤާނޫނުން ލިބިދޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރެވޭނަމަ، އޭގެ ނަތީޖާ ވަރަށް ނުބައިވެދާނެއެވެ. އަދި އެކަމަކީ އޭގެ ޠަބީޢަތުގައި ވަރަށް ނުރައްކާތެރި ކަމެއްވެސް މެއެވެ. ދިވެހިރާއްޖޭގައި ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްގެ އަހަރެއްހައި ދުވަހު ބަހައްޓާ، މައްސަލާ ނިމޭއިރު އެމީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޝަރީޢަތުން ނިންމާފައިވާ ޢަދަދު މަދެއް ނޫނެވެ. މިކަމުން ދޭހަވަނީ ޙަޤީޤަތުގައި ބަންދުކުރެވިފައިވާ މައްސަލާގައި އެއްކުރެވިފައިވާ ޤަރީނާތަކުގެ ބާރު ނެތުމާއި، މައްސަލާ ޝަރީޢަތަށް ހުށެހެޅި ދަޢްވާ އުފުލިފައިވަނީ ކުށް ސާބިތުވާ ވަރަށް ހެއްކާ ޤަރީނާ ނެތި ކަމާއި، އެހާ ދިގުމުއްދަތަކަށް މީހަކު ބަންދުގައި ބެހެއްޓިފައިވަނީ ޤާނޫނީ ބާރުތައް ކޮންމެވެސް ސިފައެއްފައި ނަހަމަ ގޮތުގައި ބޭނުން ކުރެވިގެންނެވެ. 

ދިވެހިރާއްޖޭގައި ޙަޤީޤަތުގައި މިބާވަތުގެ ކަންކަން ހިންގަން އެންމެ އެކަށީގެންވާ ޤާނޫނީ މިންގަނޑުތަކެއް ނެތެވެ. ބޮޑު ޖިނާއި ކުށްތައް ކުރާމީހުންކަމަށް ޢާންމު ރައްޔިތުންނަށް ތުހުމަތުވާ، އަދި އެފަދަ މީހުންގެ ސަބަބުން މުޖުތަމަޢްގެ ހަމަޖެހުން ގެއްލިދާކަން ފާޅުގައި އެނގޭ، އަދި އެފަރާތްތަކުގެ ޝަކުވާތައް ތަކުރާރުކޮށް އުފުލިފައިވާ، އެތައް މީހަކު ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ތުހުމަތު ނުވާތީ، ނުވަތަ މުޖުތަމަޢްގެ ހަމަޖެހުމަށްޓަކައި ޤާނޫނުން ޙިމާޔަތް ކޮށްދެވެންޖެހޭ ކުށާއި ގުޅިފައިވާ ޙައްޤުތައް ރައްކާތެރިކޮށް ނުދެވޭތީ، މިނިވަންކަމާއިއެކު އެއްބަޔަކު އެމީހުންގެ ކުށުގެ ދުނިޔެ އާރާސްތުކުރަމުންދާތަން ފެނެއެވެ. އެހެންނަމަވެސް،  ހައިރާން ވާންޖެހޭކަމަކީ، ހަރުދަނާ ވަޒީފާތައް އަދާކުރާ ޒިންމާދާރު މީހުން ކުއްލިއަކަށް ސިޔާސީ މައްސަލައެއްގައި ޖަލަށް ދިރިއުޅުން ބަދަލުކޮށްލަން ޖެހުމެވެ. ޤާނޫނު ތަންފީޒު ކުރުމުގައި ބޮޑަށް ސަމާލުކަން ދެވިފައިވަނީ ސަރުކާރު ޙިމާޔަތްކުރާ ޤާނޫނުތަކަށްހެން ހީވެއެވެ. ޤާނޫނުތަކުގެ ބޭނުމަކީ މުޖުތަމަޢާއި ރައްޔިތުންނާއި، ދައުލަތެއްގައި ޤާއިމުކުރެވިފައިވާ ޝަރުޢީ ސަރުކާރުވެސް ޙިމާޔަޔްކުރުން ކަމަށް ވީއިރު، ޤާނޫނު ތަންފީޒުކުރާ ފަރާތުން މިކަމުގައި އިންސާފުވެރި ވުމަކީ ލާޒިމުކަމެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތުއްތުކުދީންނާއި ބޮޑެތިމީހުންނަށް ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތްކުރި ފައުޒީގެ ޙަޔާތް ބަރުބާދުވެ، އޭނާގެފަރާތުން ލިބެމުންދިޔަ އަގުހުރި ޚިދުމަތް މެދުކެނޑިގެން ދިޔައީ އޭނާއަކީ ނަޞާރާދީން ފަތުރަން އުޅޭ މީހެއްކަމަށް ކުރެވުނު ތުހުމަތެއްގައެވެ. އެތަކެއް ދުވަސްތަކެއް ޖަލުގައި ބަންދު ކުރުމަށްފަހު ޙާޤީޤަތް ހާމަވީއިރު، އޭނާގެ މައްޗަށް ކުށެއް ސާބިތުނުވާކަމަށް ވިއެވެ. މިހުންނަނީ ޙަޤީޤަތުގައި ވަރަށް ނުރައްކާތެރި މައްސަލާތަކެވެ. މިފަދަ އެތައް މީހެއްގެ ވާހަކަ އެބަ އޮތެވެ. އެހެނަސް ވަކިވަކި މީހުންގެ ވާހަކަދެއްކުމަށްވުރެ މުހިންމީ، އެންމެހާ ދިވެހީން މިވާހަކއިގާ ޝާމިލިވުމެވެ. އަދި މިއީ ދިރިހުރި ފުރިހަމަ މިސާލަކަށް ފުދޭނެއެވެ. އަޅުގަންޑުމެންގެ މުޖުތަމަޢްގެ ވަކި ވަކި ކޮނެމް ފަރުދަކަށް ލިބޭ އަނިޔާއަކީ މުޅި މުޖްތަމަޢަށް ލިބޭ އަނިޔާއެއްކަން ދައުލަތް ހިންގަވާ ފަރާތުން ޤަބޫލުކުރައްވާ، ވިސްނާ ވަޑައިގަންނަވާށެވެ.

އިންޓަރނެޓް ވެބްސައިޓެއްކަމަށްވާ "ދިވެހި އޮބްޒާވަރ" ގެ ޒަރިޢާއިން ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޝަރުޢީ ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން މަސައްކަތްކުރާކޮށް، ސަރުކާރު ވައްޓާލަން އުޅޭކަމަށް ތުހުމަތުވާކަމަށް ވިދާޅުވެ، ހައްޔަރުކުރެވިވައިވާ ދިރާގުގައި މަތީ ވަޒީފާއެއް އަދާކުރަމުން އައި އިސްމާއިލް ފާއިޒް(ޕީ.އެޗް) ހައްޔަރު ކުރެވިގެން އެކަމާގުޅިގެން ސަރުކާރުގެ އޮފީސްތަކުން މީޑިއާއަށް ދެއްވި މަޢްލޫމާތުތަކާއި، ޢާއިލާއަށް ޖެއްވި ޖަވާބުތަކުގައި ހަރުދަނާ ސިފައެއް ނެތްކަން ގިނަބަޔަކު މިހާރު ޤަބޫލުކުރެއެވެ. މިހެން މިކަން ވާން މެދުވެރިވި ސަބަބެއްކަމުގައި އަޅުގަނޑު ދެކެނީ އެކަށީގެންވާ ވަރަށް ކުރެވިފައިވާ ތުހުމަތަށް ބާރުދޭ ޤަރީނާނެތުން، ނުވަތަ މިފަދަ މައްސަލާތަކުގައި ޢަމަލުކުރެވޭ އުސޫލުތަކުގެ ދޯދިޔާކަމެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކި ގޮތްގޮތަށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ ވާހަކަ ހާމަކޮށްފިއެވެ. ކަމުގެ ޙަޤީޤަތް އަދިވެސް ވަނީ ސާފުކޮށް ހާމަކޮށް ނުދެވިފައެވެ. އެއްވެސް ޙާލެއްގައި މިބާވަތުގެ ކަންކަމަކީ މިފަދަ ދޯދިޔާ ސިފައެއްގައި ހިނގައިގެންވާނެ ކަންކަމެއް ނޫނެވެ. ޕީއެޗް ހައްޔަރު ކުރެވިފައިވާ ސަބަބަކީ ދިވެހި އޮބްޒާވަރާއި ގުޅިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ތުހުމަތުކުރެވިގެން ކަމަށް ވާނަމަ، ކެނެރީގޭ މުޙަންމަދު ނަޝީދު (އަންނި) ހައްޔަރު ނުކޮށް، އިތުރަށް ސަރުކާރު ވައްޓާލަން މަސަކަތްކުރަން ދޫކޮށްލާފައިވާކަމީ ކޮޅުނެތްކޮޅަށް ހައިރާންވާން ޖެހޭ ކަމެކެވެ. ފާޅުގައި އެކަންކަމުގައި ބައިވެރިވެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާމީހުން ބަންދުކުރުން އެ އުސޫލުން ބަލާއިރު މާ އައުލާކަން ބޮޑުވެގެން ވެއެވެ. މިހެން މިކަން އޮންނާތީ ޕީއެޗް ބަންދު ކުރެވިފައިވާ ޙަޤީޤީ މައްސަލާއާއިމެދު ވަރަަށް ބޮޑަ ޝައްކު އުފެދެއެވެ. ވީމާ، މިކަން ލަސް ނުކުރައްވާ، ޢާންމުންނަށް ސާފުކޮށްދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ރައްޔިތުންގެ ސަރުކާރަކުން، ރައްޔިރުންގެ ޙައްޤުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކޮށްދިނުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ. އަދި ދައުލަތުގެ ޤާނޫނުވެސް އެސަރުކާރުން ފުރިހަމައަށް ޙިމާޔަތް ކުރަން ޖެޙޭނެއެވެ. އެގޮތަށް ޢަމަލު ނުކުރެވޭނަމަ، އޭގެ މާނައަކީ ރައްޔިތުންގެ ހިތުގައި އެ ސަރުކާރާއިމެދު ނަފްރަތު އުފައްދާ ފަރާތަކީ ހަމަ އެސަރުކާރެވެ.

މިފުރުޞަތުގައި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ތަޙްޤީޤްތައް އަވަހަށް ނިންމާ، އެމީހުންގެ މައްސަލާތައް ބެއްލެވުމުގައި، ބަންދުކުރައްވައިގެން ނުޙައްޤު އަނިޔާތައް ލިބިދިނުމުގެ ބަދަލުގައި އިންސާފުވެރި ހަމަތަކެއްގެ މަތީން، އެމީހަކަށް ލިބުން ޙައްޤު އަދަބާއި، ޤާނޫނީ ހަމަތަކުގެ މަތީން އެމީހަކު ކުށެއްގެ ޒިންމާ އުފުލަންޖޭޙޭ މިންވަރަށްވުރެ އިތުރަށް އެއްވެސް މީހަކަށް އަނިޔާ ލިބިނުދިނުމަށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ފަށްފަށުން ގޮވާލަމެވެ!

 

 

Open Forum

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us