|
ބޭރުގެ
ތަޖުރިބާކާރުން ދިވެހިރާއްޖެ "ހަފުސް" ކުރަނީ
06/01/2006
| އައްލާބެއްޔާ | އީ-މެއިލް
ދިވެހިރާއްޖޭގައި މިހާރު ކުރެވެމުންދާ އިސްލާހީ މަސައްކަތުގެ
ދަށުން އެންމެ އަޑުގަދަކޮށް މިހާރު އިވެމުންދާ އެއް އަޑަކީ ބޭރުގެ
ތަޖުރިބާކާރުންގެ އެހީގައި އެކިއެކި މަސައްކަތް ކުރެވެމުންދާ
ވާހަކައެވެ. މިގޮތުން އެމް. ޑީ. ޕީގެ ކޮންގްރެސް ހުޅުވުމަށް ބޭރުގެ
ތަޖުރިބާކާރެއް ގެނައުމާއި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު
''އިސްލާމްދީނާއި އެއްގޮތްވާ ގޮތުގެ މަތިން'' ހުޅަނގުގެ
އިސްލާމްދީން ޤަބޫލުނުކުރާ ތަޖުރިބާކާރަކު ލައްވާ
އެކުލަވާލެއްވުމާއި، ރައްޔިތުންގެ މަޖިލިހުގެ އާޤަވާއިދު
ދިރާސާކުރުމަށް ބޭރުގެ ތަޖުރިބާކާރަކު ގަނައުމާއި، ދިވެހިރާއްޖޭގެ
ޤާނޫނު އަސާސީ ބޭރުގެ ފަންނާނުންގެ އެހީގައި އަލުން
އެކުލަވާލެއްވުމަށް މަސައްކަތް ކުރެއްވުމާއި، ރައްޔިތުންގެ
މަޖިލީހުގެ ޤަވާއިދު އެކުލަވާލެއްވުމަށް ހިނގަމުންދާ ބަހުސްތައް
ބެއްލެވުމަށް ބޭރުގެ ތަޖުރިބާކާރުން ގެންނެވުމަކީ ހުސްވި ޑިސެމްބަރ
މަހުގެ އެކަކުންފެށިގެން މިމަހު މިހާތަނާ ހަމަޔަށް ބޭރުގެ
ތަޖުރިބާކާރުން ލައްވާ ކުރުވާފައިވާ ނުވަތަ ކުރުވަމުން އަންނަ
ބައެއްކަންމެވެ. މިކަންކަމަށް ރަނގަޅަށް ވިސްނާލުމުން ހީވަނީ
ދިވެހިންނަކީ ޤާނޫނީ ދާއިރާގައި ނުވަތަ ހިންގުމުގެ ދާއިރާގައި
އުޑެއް ބިމެއް، އެޔެއް މިޔެއް ވަކިނުވާބާޔެއް ހެންނެވެ. އެހެން
ނަމަވެސް ހަޤީޤަތަކީ އެއީ އެއްނޫނެވެ. ދިވެހިންގެ ތެރޭގައިވެސް
ކަމަށް އެކަށޭނެ ޤާބިލު މީހުން އެބަތިއްބެވެ. ކަންކަން ކުރެވިދާނެ
މީހުން އެބަތިއްބެވެ. ނަމަވެސް ފުރުސަތުލިބިގެންތާއެވެ.
އެހެންކަމަށްވާނަމަ އެކިކަންކަން ކުރުމުގައި ކުއްލިޔަކަށް ބޭރުގެ
ތަޖުރިބާކާރުން ގެންނަނީޔޭ ކިޔައިގެން މާ އަޑުގަދަވެގެން މިއުޅެނީ
ކީއްވެގެން ބާވައެވެ؟ ދިވެހިން ލައްވައި ދިވެހިންގެ މަސައްކަތް
ނުކުރެވިގެން މިއުޅެނީ ކީއްވެގެން ބާވައެވެ؟ އެއްވެސް
ޝައްކެއްނެތްގޮތެއްގައި ވެގެން މިއުޅެނީ މުޅީން އެހެން ގޮތެކެވެ.
އެބުނާ ތަޖުރިބާކާރުންނަށް ދިވެހިން މާބޮޑަށް ބޭނުން ޖެހުނީއެއް
ނޫނެވެ. އެހެނެއްކަމަކު، އާންމު ރައްޔިތުންނާއި ބޭރުދުނިޔޭގެ
ލޮލުގައި ކޮންމެ ބަޔަކުވެސް ނިކަން ފަލަ އަދުނެއް އެޅުވޭތޯ
މަސައްކަތް ކުރަމުންދަނީ އެވެ. ތިމަންނާމެންގެ މިވެނި އެވެނިކަމެއް
ކުރީ ޑިމޮކްރެސީ އެންމެ ރަނގަޅަށް ދަންނަ އަދި އެ "ގިރައިގެން
ބޮއެގެން" ހުރި އެވެނި މިވެނި މީހެކޭ ބުނެ މުޅި ދުނިޔެއާއި
ދިވެހިން ވާ ވެއްދުމަށްޓަކައި މަސައްކަތް ކުރަމުންދަނީއެވެ. އެފަދަ
މީހުން އަޅުގަނޑުމެންނަށް ދޭން ބޭނުންވާ މެސެޖަކީ ތިމަންނަމެން
ކަންތައްތައް ކުރަމުން މިދަނީ ޑިމޮކްރެސީ އާއި އިންސާނީ ހައްޤުތައް
އެންމެ ރަނގަޅަށް ދަންނަ މީހުންލައްވައި ކަމަށާއި އެހެން ކަމުން
ދެން އެކަންކަމަށް ފާޑުކިޔައި އެކަންކަން ބަދަލުކުރަން ނޫޅޭށޭ
ބުނުމެވެ. ނަމަވެސް އިސްވެ ދެންނެވުނު ތަޖުރިބާކާރުންގެ ފެންވަރު
އަޅުގަނޑުމެންނަށްވަނީ ވަރަށްފަހުން ރާއްޖޭގެ އަލަށް ހުޅުވާ
ޓޫރިސްޓް ރިސޯޓްތަކެއްގެ ބިޑްތަކެއް އިވެލުއޭޓް ކުރަން ގެނައި
''ތަޖުރިބާކާރު'' ޓީމުން ވަރަށް ފުރިހަމަޔަށް ސާބިތުވެފައެވެ.
އެޓީމުން އިވެލުއޭޓް ކުރުމަށްފަހު އެކިފަރާތްތަކާއި ހަވާލުކުރެވުނު
ރަށްތަކުގެ މައްސަލަ އަދިއަދަށްދާންދެންވެސް އެއޮތީ ރާއްޖޭގެ
ކޯޓްތަކުގައި ވިއްޔާއެވެ.
ކަންހިނގަމުންމިދާ މަގާއިމެދު ވިސްނާ ފިކުރު ކުރާ މީހަކު އަޖައިބު
އަންތަރީސްވާހާ ވެއެވެ. ތަޖުރިބާކާރުންގެ މަސައްކަތް މިދާ
ބާރުމިނުގައި ދާނަމަ ދުވަސްކޮޅަކުން ދެން އަޅުގަނޑުމެންނަށް
އަޑުއިވޭނީ ރާއްޖޭގެ ރައީސަކަށްވެސް ބޭރުގެ ތަޖުރިބާކާރަކު
ގެންނަން އުޅޭވާހަކައެވެ. ބޭރުގެ ތަޖުރިބާހުރި ވަޒީރުންގެ
މަޖިލިހަކަށްވެސް "އޯޑަރ" ކުރިޚަބަރެވެ. ޚާއްސަ މަޖިލިހާއި
ރައްޔިތުންގެ މަޖިލިސްވެސް އޮތްގޮތަށް ބޭރުން "އިމްޕޯޓް"
ކޮއްލުމުގެ މަޝްވަރާތައް ބޭރުގެ އެހެން ބަޔަކާއެކު ކުރެވެމުންދާ
ވާހަކައެވެ. މިހެންގޮސް ދަންނަވާނެކަމެއް ނެތެވެ. ގޭދޮރުމަތީގައި
ހުރި ގަހެއް ކަނޑާލުމަށްވެސް ބޭރުގެ ތަޖުރިބާކާރުންނާއި
މަޝްވަރާކުރާތަނެވެ. އަދި އެގަސް ކަނޑާލުމުން ގޭދޮރު މައްޗަށް
އެޅޭކުނިތައް ސާފުކުރުމަށްވެސް ބޭރުގެ ތަޖުރިބާކާރުންގެ ޓީމެއް
ގެންނަން އުޅޭވާހަކައެވެ. ބޭރުގެ ތަޖުރިބާކާރުން ކީއްކުރަންތޯއެވެ؟
އެހެން ޕްލެނެޓަކުން ތަޖުރިބާކާރުން ގެނަޔަސް އަޅުގަނޑުމެންގެ
ގައިގައި އިޚްލާސްތެރިކަމެއް ނެތްނަމަ ޤާނޫނު އަސާސީވެސްދާނީ
އިސްލާހުވުމުގެ ބަދަލުގައި ރިސޯޓްތަކުގެ ބިޑްތައް ފަދައިން ނިކަން
ރަނގަޅަށް ''އިވެލުއޭޓް'' ވެގެންނެވެ

|