Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

  At a Glance

 Constitution

 Government

 Foreign Policy

OPINION & ANALYSIS

 

'ތެދުމަގު' ޕްރޮގްރާމަށްވީގޮތް އަޅުގަނޑުގެ ޤަލަމުން

ޓީވީން ފޮނުވަމުންއައި ދީނީ ޕޮރޮގްރާމް 'ތެދުމަގު' ސިޔާސީ ފިއްތުންތަކެއްގެ ތެރޭގައި
11/08/2005 | މުޙައްމަދު ޝަހީމު އަލީ ސަޢީދު
ތެދުމަގު ޕްރޮގްރާމަކީ މީގެ ދުވަސްތަކެއްކުރިން އަޅުގަނޑު ހުށަހަޅައިދިން އެއްޗެކެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައިތިބި އަޚުންނާއި އުޚްތުންނަށް މިއިން ވަރަށް ގިނަފައިދާތަކެއް ވެފައިވާނެކަން ޔަޤީނެވެ. މީގައި ކުރިން މީޑިއާގައި ވާހަކަ ދެއްކިފައިނުވާ ކިތައްމެ ކަމަކާބެހޭގޮތުން ވާހަކަ ދެކެވިފައިވާނެއެވެ. މިގޮތުން ޤުނޫތުގެ މައްސަލައާއި ، އަންހެނުން ހެދުން އެޅުމުގެ މައްސަލައާއި ، މިނޫނަސްވެސް މުހިންމު ވަރަށް ގިނަ ކަންތަކަށް އަލިއަޅުވާލެވިފައިވާނެއެވެ. މިޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެންނެވި ޢިލްމުވެރިން ވަރަށް މިނިވަންކަމާއެކު އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރައްވަމުންދިޔައެވެ. އަޅުގަނޑުމެން މަސައްކަތްކުރީ އެއްވެސް ކަމެއް އޮޅުވާނުލާ ، އެކަމެއް ދީނުގައި އޮންނަ ގޮތައް މީސްތަކުންނަށް ބަޔާންކުރުމަށެވެ.
މިގޮތުން މި ސިލްސިލާގައި ވަރަށް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މިއީ އަޅުގަނޑުމެން ޢަދާލަތު ޕާޓީ އުފައްދަން ޚިޔާލުކުރުމުގެވެސް ކުރިން ފެށިގެން އަޅުގަނޑު ގެނެސްދޭ ސިލްސިލާއެކެވެ. އެންމެ ފަހުން އަޅުގަނޑުމެން ގެނައި ޕްރޮގްރާމުގައި ވާހަކަ ދައްކާފައިވާނީ ޤިޔާމަތުގެ ޢަލާމާތްތަކާ ބެހޭގޮތުންނެވެ. އޭގައި ވާހަކަ ދެކެވިފައިވާނީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން ޢީސާގެފާނު ފަހުޒަމާނުުގައި ވަޑައިގަތުމާއި ، ޤުރްއާން އުފުއްލެވުމާއި މިފަދަ ކަންކަމާބެހޭގޮތުންނެވެ. އަދި ނިވާކަންކުޑަ ހެދުން އަޅާއަންހެނުން ގިނަވުމާއި ، ކަމަށް އެކަށީގެންނުވާ މީހުންނާއި ކަންކަން ޙަވާލުކުރުމަކީ ވެސް ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރެއިންވާކަމެއްކަމުގައި ، ދަލީލުތަކުގެ އަލީގައި ހާމަކުރެވިފައިވާނެއެވެ.
މިޕްރޮގްރާމުގެ ރިޕީޓު އަންނަން އޮތް ދުވަސް 8 އޮގަސްޓް 2005 ވީ ހޯމަ ދުވަހު ރިޕީޓް ނައިސް އެހެން އެއްޗެއް އެގަޑީގައި އައުމުން ރާއްޖޭގެ ވަރަށް ގިނަތަންތަނުން އަޅުގަނޑަށް ގުޅަމުންދިޔައެވެ. އަޅުގަނޑު ބުނިން އެއްގޮތަކަށްވެސް ވެގެން އުޅޭގޮތެއް ނޭގެއެވެ. ދެން މިގޮތުން ވަރަށް ގިނަ ފަރާތްތަކުން ގުޅިއެވެ. އަދި އެދުވަހު މެންދުރެއްހާއިރު އަޅުގަނޑަށް ގުޅި މީހަކު ބުނި ތިމަންނަ ޓިވީ އަށް ގުޅީމަ ބުންޏޭ ދެން އޭތި ނުގެނެސްދޭ ގޮތަށޭ އޮތީ ، ދެން އަޅުގަނޑު ވަގުތުން ހުސައިން މުޙައްމަދަށް ގުޅާފަ ކިހިނެއްވެގެންތޯ މިއުޅެނީ ބެލީމެވެ. އޭނާ ވިދާޅުވީ ބައްދަލުކޮށްފަ ވާހަކަ ދައްކަންބޭނުންވާ ވާހަކައެވެ. ދެން އަޅުގަނޑު އެދުވަހު 1 ޖެހީއިރު އެތަނަށް ގޮސް އޭނާއާ ވާހަދެއްކީމެވެ. އެންމެ ފުރަތަވެސް އޭނާ މަޢާފު އެދޭ ވާހަކަ ވިދާޅުވިއެވެ. ދެން ވިދާޅުވީ ކުރި މަސައްކަތަށް ޝުކުރުވެރިވާވާހަކައެވެ. ދެން ވިދާޅުވީ މިއީ ސަރުކާރުގެ ނިންމުމެކޭ އެއީ ވަކި ޕާޓީއެއްގެ އިސްމީހަކު މިކަންކުރާތީ އެގޮތައް ޕްރޮގްރާމް ގެންދިއުމަށް ސަރުކާރުން ދެކިނުލައްވާތީ އަޅުގަނޑުމެންއަތުން އެކަންހުއްޓުވަން ސަރުކާރުން ނިންމެވި ވާހަކައެވެ.
އަދި ހަމަ އެހެންމެ މިއީ ޢަދާލަތު ޕާޓީގެ ސިޔާސަތު ފަތުރާ އެއްޗެއްކަމަށް އެހެންޕާޓީތަކުން މާނަކުރާކަމުގައިވެސް ވިދާޅުވިއެވެ. އަދި ވަކި ޕާޓީއެއްގެ އިސްބަޔަކަށް އެގޮތައް ޓިވީން ފުރުޞަތު ދިނުމަކީ ޓިވީގެ ސިޔާސަތެއްނޫންކަމަށްވެސް އަޅުގަނޑުގެ ގާތުގައި ޙުސައިން ވިދާޅުވިއެވެ. އަދި ފަރުދާގެ އެއްފަރާތުގައި ހުރެގެން އެބޭފުޅުންނަށް އެހީތެރިވެދިނުމަށް އެދިވަޑައިގަތެވެ.
ކަންތައްވެގެންދިޔަގޮތަކީ މިއީއެވެ. ކުރިންވެސް ދެންނެވިފަދައިން މިސިލްސިލާއަކީ ޕާޓީތައް އުފެދުމުގެކުރިންފެށިގެން އަޅުގަނޑު ހުށަހަޅައިދޭ އެއްޗެކެވެ. ޕާޓީ އުފެދުމުން އަޅުގަނޑުމެންގެ އަދާލަތު ޕާޓީގެ އިސްތަރުޖަމާނަކީ އަޅުގަނޑު ކަމުގައި ހަމަޖެހިގެން ދިއައެވެ. އެހެންނަމަވެސް އޭގެކުރިންނާ ފަހުން ވެސް ޕްރޮގްރާމުގެ ސިޔާސަތަކަށް ބަދަލުނުގެނެސް ، ކުރިއަށް ގެންދިޔައީމެވެ. އަޅުގަނޑު ޕްރޮގްރާމުގައި ވާހަކަދައްކަނީ ޕްރޮގްރާމު ހުށަހަޅައިދޭ މީހެއްގެ ހައިޘިއްޔަތުންނެވެ. ފަހަރެއްގައިވެސް ޢަދާލަތުގެ އިސްތަރުޖަމާނުގެ ޙައިޘިއްޔަތުންނެއްނޫނެވެ.
މިޕްރޮގްރާމާ ޢަދާލަތަކާ އެއްވެސް ގުޅުމެއްނޯންނާނެއެވެ. ދެން އަނެއްކާ އަޅުގަނޑުމެންގެ ސިލްސިލާގައި ބައިވެރިވި ވަޑައިގެންނެވި ގިނަ ބޭފުޅުންނަކީ ޢަދާލަތުގެ މީހުންނެއްނޫނެވެ. އޭގެތެރޭގައި އުއްތަމަ ފަނޑިޔާރު ، ޝައިޚް ފާރޫޤު ، ޝައިޚް ޢުޘްމާނު ، އަލްއުސްތާޛު އިބުރާހީމް ރަޝީދު މޫސާ ، ޝައިޚް ޔޫސުފް ޙުސައިން ، ޝެއިޚް ޢަލީ ޝަރީފު ، ޝައިޚް ޝުއައިބު މިބޭފުޅުންނަކީ ޢަދާލަތުގެ މެންބަރުންނެއްނޫނެވެ.
މިއީ ޕާޓީތައް އުފެއްދުމުގެ ކުރިން ފެށިގެން އަންނަ އެއްޗަކަށްވީތީ އަޅުގަނޑާ ، ޑރ. މަޖީދު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މީގައި އަންނަނީ ޙަރަކާއްތެރި ވަމުންނެވެ. ކިތަންމެ ބުރަކޮށް އުޅުއްވަމުންވެސް މަޖީދު މިގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ޑރ މަޖީދަކީ ދިވެހިރާއްޖޭގައި ތިއްބެވި ފުންނާބު އުސް ޢިލްމުވެރިންކުރެ މީހުންގެ މަޤްބޫލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުން މި ސިލްސިލާގައި ގިނައިން ޑރ މަޖީދުގެ މޫނު ފެނިފައިވާނެއެވެ.
ދީނީ ޕްރޮގްރާމެއްގައި އަރަންވާނީ ދީނީ ޢިލްމުވެރިންނެވެ. ޢަރަބިބަހުން ޙިސާބާއި ، ދަނޑުވެރިކަމާއި ، ތާރީޚާއި ޙަޟާރަތާއި ، ތަރުޖަމާއި ، ނޫސްވެރިކަމާއި ކިޔަވާފަތިއްބެވި ބޭފުޅުންނަކީ އެބޭފުޅުންގެ ފަންނުގެ ޢިލްމުވެރިންނެވެ. އެއީ ދީނީ ޢިލްމުވެރިން ކަމުގައި ހިމެނުމަކީ އިންސާފެއްނޫނެވެ. އަދި ދީނީ ޢިލްމުވެރިން ދޫކޮށްފައި ފަންނާނުން ގެނެސްގެން ދީނީ ވާހަކައެއް ނުދެއްކޭނެއެވެ. މިހެންކަމުން ޕްރޮގްރާމުގައި ބަލައިފައިވާނީ ދީނީ ޢިލްމުވެރިންނަށާއި ، އަދި ވީހާވެސް ބޮޑަށް ދީނީ މަޢްލޫމާތުގެ ޤާބިލުކަންހުރި ބޭފުޅުންނަށް ފުރްޞަތުދިނުމުގައެވެ.
ދީނީ ޢިލްމުވެރިން އެއީ ކޮންމެ ޕާޓީއެއްގައި ހިމެނު ބަޔަކުކަމުގައި ވިޔަސް މުޖުތަމަޢުގައި ދީނީ ޝިޢާރު ފާޅުކުރުމުގެ ޙައްޤު އެބޭފުޅުންނަށް ސަރުކާރުން ދެއްވަންވާނެއެވެ. ތެދުމަގަކީ އަޅުގަނޑުމެންގެ ސިޔާސަތު ފަތުރާ އެއްޗެއްކަމަށް ބައްލަވައި އޭތި އަޅުގަނޑުމެންގެ އަތުން އަތުލުމުން އަޅުގަނޑުމެން ހިތްބުރައެއްނުކުރަމެވެ. އަޅުގަނޑުމެންގެ ޤައުމުގައި ކަމަށް އެކަށީގެންވާ ޤާބިލު އެތަށް ބަޔަކު އެބަތިއްބެވެ. އެބޭފުޅުންނަށް ފުރްޞަތު ލިބުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެކެވެ. ވަރަށް ގިނަބޭފުޅުން ތެދުމަގަށް ވީގޮތް އޮޅުން ފިލުވުމަށް ބޭނުންވެގެން ސުވާލުކުރާތީވެ އަޅުގަނޑުގެ ޤަލަމުން މިވާހަކަ ދަންނަވާލުމުގެ އުފާވެރިކަން ލިިބިގަތީއެވެ.
އަޅުގަނޑުއެދެނީ އަބަދުވެސް އަޅުގަނޑުމެންގެ ޤައުމު މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި ލެއްވުމެވެ. ނިމުނީ!

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us