|
ސުނާމީ އެހީ އިބުރާގެ ވިޔަފާރި ފަންޑަކަށް ބަދަލުވަނީ
28/01/2006
| ދިޕޮލިޓިކްސް
'ފްރެންޑްސް އޮފް މޯލްޑިވްސް' ގެ ނަމުގައި ދިވެހި ރައްޔިތުންގެ
ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އޭ ކިޔާ ސިޔާސީ ޕާރޓީގެ
ރައްޓެއްސެއްކަމުގައިވާ ޑޭވިޑް ހާރޑިންގހަމް އިނގިރޭސިވިލާތުގައި
ހިންގާ ޖަމްޢިއްޔާއިން، ސުނާމީގައި ޙާލުގައި ޖެހުނު ދިވެހީންނަށް
އެހީތެރިވުމުގެ ނަމުގައި ފައިސާ ހޯދުމަށް 'މޯލްޑިވްސް އެއިޑް'
ގެނަމުގައި ހިންގާ އެހީ ހޯދުމުގެ ޕްރޮގްރާމުން ލިބޭ ފައިސާ
އެމް.ޑީ.ޕީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބުރާ) ގެ އަމިއްލަ
ވިޔަފާރިއާއި ދިމާއަށް އެޖަމްޢިއްޔާއިން އަނބުރާލުމަކީ ވަރަށް
ހައިރާންވާން ޖެހޭ ކަމެކެވެ.
އަމާނާތްތެރިކާމާއިއެކު ޤައުމަށް އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް
އަޑުއުފުލާ ސިޔާސީ ޕާރޓީއެއްގެ ފަރާތުން އެއްދުވަހުން
އަނެއްދުވަހަށް ފެންނަމުން މިދާ މަންޒަރުތަކުގެ ސަބަބުން އެޕާރޓީގެ
އަސްލު މަޤްޞަދާއިމެދު ޝައްކު އުފެދެއެވެ. ބޭރުގެ ފަރާތްތަކުން
ދިވެހިރާއްޖެއަށް އެހީގެ ގޮތުގައިދޭ ފައިސާއާއި މުދަލަށް
ސަރުކާރުން ޚިޔާނާތްތެރިވާކަމަށާއި، އެފަދަ އެހީތައް ރައީސް
މައުމޫނުގެ އަރިސް ބޭކަލުންނާއި ޢާއިލާގެ ބޭކަލުންގެ އަމިއްލަ
ބޭނުންތަކަށް ދޫކުރައްވާ ވާހަކަ ދެއްކުމަށްފަހު، އެމް.ޑީ.ޕީގެ
ރައީސްގެ އިބްރާހިމް އިސްމާޢިލް ހިންގާ ޓިއުޝަން ކުލާސް
ކުރިއެރުވުމަށް ކޮންމެވެސް ނަމެއް ހަދައިގެން އެހީގެ ފައިސާ
ބޭނުންކުރާނެ ކަމުގެ ރޭވުންތައް ރާވާފައިވާކަން 'ފްރެންޑްސް އޮފް
މޯލްޑިވްސް' އޭ މިކިޔާ ޖަމާޢަތުން ހަދާފައިވާ މޯލްޑިވްސް އެއިޑް
ވެބްސައިޓުގައިވާ މަޢްލޫމާތު ތަކުން އެނގެން އެބައޮތެވެ. ސުނާމީ
އެހީގެ ގޮތުގައި އެއްކުރެވޭ ފައިސާ، ބޭރުގެ ޓީޗަރުން ގެނައުން
މަދުކުރުމަށްޓަކައި، ދިވެހި ޓީޗަރުން އުފެއްދުމުގެ ނަމުގައި
އިބުރާގެ މާންދޫ ޓިއުޓަން ކްލާހަށް ޚަރަދުކުރާގޮތަށް
ނިންމާފައިވާކަމަށް އެސައިޓުގައި ލިޔެފައިވެއެވެ.
މިދިޔަ އަހަރުގެ 17 ސެޕްޓެމްބަރުން ޑިސެމްބަރު 8 އަކަށް މޯލްޑިވްސް
އެއިޑުން އެހީހޯދުމަށް ބޭއްވި ފޮޓޯ މަޣްރަޒުން ލިބުނު ފައިސާވެސް
ތަޢްލީމު ކުރިއެރުވުމުގެ ނަމުގައި އިބުރާގެ މާންދޫ ޓްރޭނިން
ސެންޓަރާއި ޙަވާލު ކުރެވިފައިވާކަމަށާއި، ސުނާމީ އެހީގެ ގޮތުގައި
ހޯދާ ފައިސާ ޚަރަދުކުރާނެ ގޮތެއް ނިންމާފައިވަނީ 8 ފެބްރުއަރީ 2005
ގައި އިބުރާ އިންގިރޭސިވިލާތަށް ކުރި ދަތުރުގައި ހާޑިންގހަމް އާއި
ދެމެދު ކުރެވުނު މަޝްވަރާ ސައްލާތަކަކަށް ފަހުގައިކަންވެސް
ދިޕޮލިޓިކްސްއަށް މަޢްލޫމާތު ލިބިފައިވެއެވެ.
އެމް.ޑީ.ޕީން 'ސިޔާސީ މިނިވަންކަމޭ، ރައްޔިތުންގެ ޙައްޤޭ،
ރައްޔިތުންގެ ފައިސާއޭ' ކިޔައިގެން ހިންގާ ކަންކަމާއިމެދު ފުންކޮށް
ވިސްނުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެކެވެ. ބޭރުގެ ފަރާތްތަކާއި
ގުޅިގެން އަމިއްލަ އެދުންތަކެއް ފުއްދުމުގެ މަޤްޞަދުގައިވެސް
ކަންތައްތަކެއް ހިނގަމުންދާތަން ލޮލަށް ފެންނަ ހާލުގައި،
އެވެރީންގެ ފިޔަވަޅުތައް ގާތުން ބަލާ، ދިރާސާ ކުރަން ޖެހޭނެއެވެ.
މައުމޫނުގެ ސަރުކާރުގެ ޙަރާންކޯރު ވާހަކަ ދައްކައިގެން މީސްތަކުން
ރުޅިއެރުވުމަކީ އެމް.ޑީ.ޕީގެ މައިގަނޑު ސިޔާސަތެވެ. އަދި
އެވާހަކައިގެ ސަބަބުން މީހުންނަށް އެމް.ޑީ.ޕީގެ ޢަމަލުތަކާއިމެދު
ފުންކޮށް ވިސްނާލުމުގެ ފުރުޞަތެއް ނުދިނުމަކީ އެމީހުންގެ
އަމާޒެއްކަމަށް ޤަބޫލުކުރެވެއެވެ. ކޮންމެއަކަސް، މިނިވަން ސިޔާސީ
މާހައުލެއްގައި ކޮންމެ ޚިޔާނާތަކާއި މަކަރަކީވެސް ވަކި ހިސާބަކުން
ބޭޒާރުވާނެ ކަމެއްކެވެ. އެހެންކަމުން، އެމް.ޑީ.ޕީގެ ފަހަތުން
ސިޔާސީ އިޞްލާޙުގެ ނަމުގައި ބަޔަކު މީހުން ހިންގާ ޚިޔާނާތުގެ
ޢަމަލުތަކަށް ރައްކާތެރިވެ ތިބުމަށް ދިވެހި ރައްޔިތުންނަށް ހަނދާން
ކޮށްދެމެވެ. މައުމޫނުގެ ސަރުކާރު ވައްޓާލާ، އެމް.ޑީ.ޕީ ވެރިކަމަށް
ގެނެސްދިނުމަކީ އެއްވެސް ޙާލެއްގައި ޤައުމުގެ ސިޔާސީ އޮނގަނޑަށް
ގެނެވޭ ހަރުދަނާ އިޞްލާޙަކަށް ވާން އުޅޭހެން ހިއެއް ނުވެއެވެ.
ހާލުގައި ޖެހިފައިތިބި ދިވެހީންގެ ނަމުގައި ހޯދާ ފައިސާ އިބުރާގެ
ވިޔަފާރި ފަންޑަކަށް ބަދަލުވަމުން އެދަނީ އެއްވެސް ޙާލެއްގައި
އޮޅުމަކުން ނޭނގުމެއްގެ ތެރޭގައެއް ނޫނެވެ. ތަޢްލީމުދޭ މީހުންނާއި
ޓީޗަރުން ތައްޔާރުކުރަން ރާއްޖޭގައި ހަމައެކަނި ހުރި މަރުކަޒަކީ
އިބުރާގެ މާންދޫ ޓްރޭނިންގ ސެންޓު ނޫންކަން އަޅުގަނޑުމެން
ޤަބޫލުކުރަން ޖެހޭނެއެވެ. އެފައިސާ ހޯދުމަށް 'މަޅިއެއް'
ޖަހާފައިވާކަންވެސް ޤަބޫލުކުރަން ޖެހެއެވެ. ނިމުނީ!
ނޯޓް:
މަޢްލޫމާތު ޔަޤީން ކޮށްލެއްވުމަށް ތިރީގައިވާ ލިންކުތަކަށް
ޒިޔާރަތް ކުރައްވާށެވެ!
http://www.maldivesaid.org/ma-anniversarytsunami.htm
http://www.friendsofmaldives.org/ma-events.htm
http://www.friendsofmaldives.org/ma-whatwedo-ismail.htm
|