|
އެންމެ ބޮޑު ހުރަހަކީ ހަމަ ސަރުކާރު
28/01/2006
| ދިޕޮލިޓިކްސް
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވާ
ރައްޔިތުންގެ ޚާއްޞަ މަޖްލީހުގެ ޙާޟިރީ ރިޕޯރޓަށް ބަލާއިރު
ނިސްބަތުން ޙާޒިރީއަށް އެންމެ ފަރުވާކުޑަކަން ފާހަގަ ކުރެވެނީ
އެމަޖްލީހުގައި ތިއްބަވާ ވަޒީރުންގެ މަޖްލީހުގެ މެމްބަރުންނެވެ.
މާނައަކީ މަޖްލީހުގެ ކޯރަމް ހަމަނުވުމުގެ މައިގަނޑު ސަބަބަކީ
އެބޭފުޅުންނެވެ. އެހެންކަމުން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ
މަސައްކަތަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ސަރުކާރުގެ
ވަޒީރުން ނޫން ބަޔަކު ކަމުގައި ބެލެވޭކަށް ނެތެވެ.
ރައްޔިތުންގެ ޚާއްޞަ މަޖްލީހުގެ ފާއިތުވި 68 ޖަލްސާއަށް ބަލާއިރު
އެމަޖްލީހުގައި ތިއްބަވާ ސަރުކާރުގެ ވަޒީރުބޭކަލުންގެ ތެރެއިން
ގިނަ ޢަދަދެއްގެ ވަޒީރުންނަކީ ޙާޟިރީގެ 50 އިންސައްތައަށްވުރެ
ދަށުން ޙާޒިރުވެފައިވާ ބޭފުޅުންނެވެ. އަދި
ދެބައިކުޅައެއްބަޔަށްވުރެ ގިނައިން ޙާޒިރުވެފައިވާ ވަޒީރުންގެ
ތެރޭގައިވެސް ޙާޒިރުވުމުގެ މައްސަލަ ނެތް އެންމެ ވަޒީރަކުވެސް
ނެތްކަން މަޖްލީހުގެ ޙާޒިރީ ރިޕޯރޓުން ސާބިތުވެއެވެ.
ސަރުކާރުގެ ވަޒީރުބޭކަލުން ޚާއްޞަ މަޖްލީހުގެ މަސައްކަތާއިމެދު
ގެންގުޅުއްވާފައިމިވާ ސުލޫކަށް ބަލާލުމުން އުފެދޭ ސުވާލަކީ، ރައީސް
މައުމޫނުގެ ރިފޯމް އެޖެންޑާގައި ގަސްތު ކުރެވިފައިވާ
'ކޮންސްޓިޓިއުޝަނަލް ރިފޯރމް' ނުވަތަ ދުސްތީރީ އިޞްލާޙު
ގެނައުމުގައި އެމަނިކުފާނުގެ ރިފޯމް އޮޑީގެ ފަޅުވެރީން ފަރުވާކުޑަ
ކުރައްވާކަން ހާމަވެފައިވާއިރު، އެބޭފުޅުންގެ ސުލޫކު އިޞްލާޙު
ކުރައްވައިގެން އިޞްލާޙީ އެޖެންޑާ ކުރިއަށް ގެންދެވުމަށް ރައީސް
މައުމޫނު އެއްވެސް ފިޔަވަޅެއް ނާޅުއްވަނީ ކީއްވެގެންބާވައެވެ. ނޫނީ
ވަޒީރު ބޭކަލުން ޚާއްޞަ މަޖްލީހުގެ މަސައްކަތަށް
ފިލައިވަޑައިގަތުމަކީ އެމަނިކުފާނުގެ ރިފޯމް އެޖެންޑާގައި 'ސިއްރު'
ޖައްސަވާފައި ހިމަނުއްވާފައިވާ ބަޔަކީ ނޫންބާވައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކޮށް، އެއަށް ބަދަލު
ގެނައުމުގެ ދުސްތޫރީ ބާރު ލިބިދީފައިވާ ރައްޔިތުންގެ ޚާއްޞަ
މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަލާއިރު، އެމަޖްލީހުގައި
ސަރުކާރުގެ އެންމެހާ ވަޒީރު ބޭކަލުން ހިމެނިފައިވުމާއި،
އެމަޖްލީހަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ 8
މެމްބަރުން ތިއްބެވުމާއި، ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންގެ
ތެރޭގައި ތިއްބަވާ ރައީސުލް ޖުމްހޫރިއްޔާގެ 8 މެމްބަރުންވެސް
އެމަޖްލީހުގައި ހިމެނިފައިވުމަކީ ޙަޤީޤަތުގައި ސަރުކާރުގެ
ވަރަށްބޮޑު ބާރެއް މަޖްލީހުގެ ތެރެއަށް ވަދެގެންދާ ކަމެކެވެ.
ސަރުކާރުގެ މަޤްޞަދުތައް މަޖްލީހުގައި ޙާޞިލުކުރުމުގެ ފުރުޞަތު
ބޮޑުވެފައިވާ ކަމެކެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ޚާއްޞަ
މަޖްލީހުގެ އަޣްލަބިއްޔަތު އުނދަގުލަކާނުލާ ސަރުކާރަށް އޮތީ
ލިބިފައެވެ.
މިފަދަ ޙާލަތެއްގައި ސަރުކާރުގެ ބާރު އޮވެ، ޤާނޫނުއަސާސީއަށް
އިޞްލާޙު ގެނައުމުގެ މަސައްކަތް އަވަސްކުރުމަކީ ސަރުކާރުން
ބޭނުންވާ ކަމެއްނަމަ، އެކަން ނުވާންވީ އެއްވެސް ސަބަބެއް އޮވެގެން
ނުވާނެއެވެ. "އަޅުގަނޑު އެއޮތީ މަޖްލިސް އެއްކޮށްފައޭ،
އެމަޖްލީހުގެ މަސައްކަތް އަވަސް ކުރެއްވުމަކީ އެމަޖްލީހުގެ ކަމެކޭ"
ރައީސް މައުމޫނު ވިދާޅުވުމަކުން އެވާހަކަ ހަޖަމު ކުރެވޭކަށް
ނޯންނާނެކަން ސިޔާސީ ވިސްނުމަކުން ވިސްނާލައިފިނަމަ ޤަބޫލު
ކުރެވޭނެއެވެ.
ހައްލަކީ އިޚްލާޞްތެރި ކަމާއިއެކު މަސައްކަތް ކުރުމެވެ. ސިޔާސީ
ޅެމަކުން ކަމުގެ ޙަޤީޤަތް އޮޅޭވަރަށްވުރެ ހޭލުންތެރި
މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު އެވަނީ ބަދަލުވެފައެވެ.
ސަރުކާރުގެ ޒިންމާ ފުރިހަމައަށް ނުއުފުލޭނަމަ، އިދިކޮޅު ސިޔާސީ
ޕާރޓީތަކުގެ ދުވެއްޔަށް ހަލުވިކަން އަންނާނެކަން ސަރުކާރުން
ޤަބޫލުކުރަން ޖެހޭނެއެވެ. އިދިކޮޅު ޙަރަކާތްތައް އިތުރުވެ،
ސަރުކާރާއި ރައްޔިތުން ޙަވާލުކޮށްފައިވާ ބާރުތައް އިސާހިތަކު
އަނބުރާ އަތުލައިގެންފާނެތެވެ. ސަރުކާރުގެ ދިފާޢީ ބާރުގެ
ލަގޮނޑިއަށް ކެތްނުވާ ހިސާބަށް ޙާލަތު ހިނަގއިދާނެތެވެ. ލޮބިވެތި
ޒަޢީމުގެ ބަހާއި ޢަމަލު ދިމާނުވާކަން އިތުރަށް ހާމަވާން ވެއްޖެނަމަ
ކުރިމަތިވާނެ މައްސަލަތައް އިތުރުވެ، ޤައުމުގެ ސިޔާސީ ހަމަޖެހުމަށް
ގުޑުން އަރާދާނެތެވެ.
ޢިއްޒަތްތެރި ވަޒީރުންނެވެ! ތިޔަބޭކަލުންގެ މަސްއޫލިއްޔަތު
އަދާކުރައްވާށެވެ. ސިޔާސީ ކުޅިގަނޑެއްގެ ހޭޅިފަށުގައި
ތިއްބަވަނިކޮށް ބޮޑު ރާޅަކާއިއެކު އޮޔާ ގޮއްސާނެތެވެ.
އިޚްލާޞްތެރިކަމާއިއެކު، ލަސްނުކުރައްވާ ޤާނޫނުއަސާސީ
އިޞްލާޙުކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާށެވެ.
ޤާނޫނުއަސާސީން ތިޔަ ބޭކަލުންނަށް ދީފައިވާ ބާރަކީ ކުޅޭކުޅޭ
އެއްޗެއް ނޫނެވެ. އެއީ އެންމެހާ ދިވެހި ރައްޔިތުންގެ ޙައްޤެކެވެ.
ނިމުނީ! |