|
|
 |
|
|
|
ދައުލަތުގެ ޢިއްޒަތްތެރީންނާއި ވަޒީރު ބޭކަލުންގެ ފޮށިން
ޑްރަގްސް! މއ.ކިނބިގަސްދޮށުގޭ މައުމޫނުގެ ފޮށި ޗެކްކުރުމުގެ
އިޢްތިރާޒެއް ނެތޯ!
14/06/2005 |
ދިޕޮލިޓިކްސް
ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި
އިޖްތިމާޢީ މައްސަލައަކީ މަސްތުވާތަކެތީގެ ނުރައްކާތެރި
ވަބާއެވެ. ހިތާމައަކީ، އެތައްބަޔަކު މަސްތުވާތަކެތީގެ
ބޭނުންކޮށް، އޭގެ ވިޔަފާރި ރާއްޖޭގައި ޢާންމުވެފައި ވާއިރު، އަދި
އަދަށްދާންދެންވެސް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން
ހުއްޓުވިފައި ނެތްކަމެވެ.
މުޖުތަމަޢްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހަނގުރާމަކުރާ
މީހުން ދެކޭ ގޮތުގައި ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް އެކަން
ހުއްޓުވެން ޖެހޭނެއެވެ. އަދި އެކަމަށް މިއަދުގެ ސަރުކާރު
ނުކުޅެދިފައިވާވުން މާނަކުރެވިފައިވަނީ، ސިޔާސީ މަކަރެއްގެ
ގޮތުގައެވެ. ޒުވާން ޖީލު މަސްތުގެ ދުނިޔެއަށް ވެއްދުމަކީ
މިހާރުގެ ސަރުކާރުން، އެ ސަރުކާރު ދިރިދެމިއޮތުމަށްޓަކައި
ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ.
ބުނެވޭގޮތުގައި، ސަރުކާރުގެ ފެހި ޕާސްޕޯރޓުގައި ބޭރުގެ
ޤައުމުތަކަށް ދަތުރުކުރައްވާ ޢިއްޒަތްތެރީންގެ ފޮއްޓަކީ،
މަސްތުވާތަކެތި ރާއްޖެއަށް އެތެރެވާ ދޮރުތަކުގެ މައި ދޮރޯއްޓެވެ.
އަދި، ދައުލަތުގެ ބައެއް ވަޒީރުބޭކަލުގެ ތެރޭގައި 'ބަނގުރާ ބޯ
މީހުންނާއި، އެހެނިހެން ޒާތްޒާތުގެ މަސްތުވާތަކެތި ބޭނުންކުރާ
މީހުން' ތިއްބަވާ ވާހަކައަކީ ޢާންމުންގެ ތެރޭގައި ވަރަށް
ގިނައިން ދެކެވޭ ވާހަކައެކެވެ. ޚާއްޞަކޮށް، ރިސޯޓުތަކުގެ ބަނގުރާ
ވިއްކާ މޭޒުތަކަށް ޒިޔާރަތް ކުރައްވާ ވަޒީރުބޭކަލުނެގެ
ވާހަކައަކީ، އެދާއިރާގައި ވަޒީފާ އަދާކުރާ ދިވެހީން ވަރަށް
ޢާންމުކޮށް ދައްކާ ވާހަކައެކެވެ.
މިވާހަކަތަކުގެ ފަހަތުގައި ޙަޤީޤަތްތަކެއް ވުމަކީ ދުރުގައިވާ
ކަމެއް ނޫނެވެ. މިބާވަތު ވާހަކަތަކުން ބަދުނާމުވެފައިވާ،
ދައުލަތުގެ އިސް ވެރީންނާއި ވަޒީރުބޭކަލުންނަކީ ކޮބައިކަން،
އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބްދުލް
ޤައްޔޫމަށްވެސް އެނގިވަޑައިގަންނަވާކަން މިއަދު މިވަނީ ފާޅުވެ،
ހާމަވެފައެވެ. ނުވަތަ، ސަރުކާރުގެ ބޮލުގައި މަސްތުވާތަކެއްޗާއި
ގުޅިގެން އެޅިފައިވާ ބަދުނާމުތަކާއި، ކުރެވިފައިވާ ތުހުމަތުތައް
ރައީސް މައުމޫނަށް އެނގިވަޑައިގަންނަވާކަން ރޭ އިސްކަންދަރު
ސްކޫލުގައި ބޭއްވުނު ރައްޔިތުންގެ ޕާރޓީގެ ތިންވަނަ ޢާންމު
ބައްދަލުވުމުގައި އެ ޕާރޓީގެ ލީޑަރު، މިއަދުގެ ރައީސުލް
ޖުމްހޫރިއްޔާ ދެއްކެވި ވާހަކަތަކުން ހާމަވެގެން ހިނގައްޖެއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ރޭ ހަނގުރާމަ އިޢްލާނުކުރެއްވައި،
ދެއްކެވި ވާހަކައިގާ ދިވެހިރައްޔިތުންގެ ޕާރޓީގެ ލީޑަރު މއ.
އެންދެރިމާގޭ މައުމޫނު ވިދާޅުވީ އޭނާގެ "ފޮށިތަންމަތި ބެލުމަށް
ދުވަހަކުވެސް އިޢްތިރާޒެއް ނުކުރާނަން" ކަމަށެވެ. އަދި
ސަރުކާރުގެ ފެހި ޕާސްޕޯރޓް ގެންގުޅުއްވާ ހުރިހާ ބޭފުޅުން
އެކަމަށް މަރުޙަބާ ކިއުއްވާނެކަމަށް އުންމީދުކުރައްވާ ވާހަކަވެސް
މައުމޫނު ވިދާޅުވިއެވެ. އަދި ރައީސް މައުމޫނުގެ ސަރުކާރަށް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ގޮތްތައް ފުރިހަމައަށް
ހޯދިފައި ނުވާކަމަށް މައުމޫނު އިޢްތިރާފްވެ، އޭނާގެ ޕާރޓީން
އެބާވަތުގެ ކަންކަމާއި ދެކޮޅަށް ސަރުކާރާއި ކުރިމަތިލާނެކަމަށް
ވިދާޅުވިއެވެ.
އަބަދުވެސް، އުފެދޭ ސުވާލަކީ ވެރިކަމުގެ ތަޚުތުގައި މައުމޫނު
ޢަބްދުލް ޤައްޔޫމް ހޭދަކުރެއްވި ހަތާވީހަކަށް އަހަރުގެ ތެރޭގައި
ކުރީން މިބާވަތުގެ ފިޔަވަޅުތައް އެޅިފައި ނުވަނީ ކީއްވެތޯއެވެ.
އަދި ސަރުކާރު ބަދުނާމުވާ ޙާލަތްތަކުގައި އެކަންތައްތައް
ތަޙްޤީޤްކޮށް، ފިޔަވަޅުއެޅިފައި ނުވަނީ ކީއްވެގެން ބާވައެވެ!
ކޮންމެއަކަސް، ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، ޕާރޓީ ސިސްޓަމަކީ
އޭގެ ޒާތުގައި ސަރުކާރަށް އިޞްލާޙީ ފިޔަވަޅުތައް އަޅައި،
ސަރުކާރުގެ ކުށް ޤަބޫލުކުރަން މަޖްބޫރުކުރުވާ ސިސްޓަމެއްކަމެވެ.
ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރަށް މަޖުބޫރު
ކުރުވާ ވަސީލަތެއް ކަމެވެ.
ދިވެހީން މިއަދު މަސައްކަތް ކުރަންވީ، ސިޔާސީ ޕާރޓީގެ ނިޒާމުން
އެންމެ އެކަށީގެންވާ ސިޔާސަތެއް ހުށަހަޅާ ފަރާތެއްގެ ފަހަތުން
މަސައްކަތްކޮށް، ރައްޔިތުންނަށް ލާބައާއި މަންފާހުރި ގޮތް،
އިޚްތިޔާރުކުރާ ޕާރޓީއަކާއި ދައުލަތުގެ ހުންގާނު
ޙަވާލުކުރުމަށެވެ. ނިމުނީ!
|
|
 |
|