12 December 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

LAW AND JUSTICE

 

ޒަހީނާ ރަޝީދު ވަޒީފާއިން ވަކިކުރެއްވީ ކީއްވެ؟
ސަރުކާރުގެ އިދާރާތަކުގެ ނިންމުންތައް ޤާނޫނާއި ޚިލާފުވެގެން ނުވާނެ!
13/12/2006 | އަލްޙާން ފަހުމީ
އެޓޯލްސް މިނިސްޓްރީގެ ވަޒީފާގައި ހުރި ޒަހީނާ ރަޝިދު، 19 އ. އެމިނިސްޓްރީގައި އޭނާ އަދާކުރަމުންއައި، ޕްލޭނިންގެ އެންޑް މޮނީޓަރިންގ އޮފިސާރކަމުގެ ވަޒީފާއިން ވަކިކުރީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށް ފެންނާތީ، ވަޒީފާއިން ވަކިކުރި މައްސަލަ އޭނާ ވަނީ ޝަރީޢަތަށް ހުށަހަޅާފައެވެ. އަދި އެޝަރީޢަތުގެ ފުރތަމަ އަޑުއެހުން، މިދިޔަ އާދީއްތަ ދުވަހު ދިވެހިރާއްޖޭގެ މަދަނީ ކޯޓުގައި ވަނީ ބޭއްވިފައެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެމް.ޑީ.ޕީން ބޭއްވި ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވެގެންކަމަށް، ވަޒިފާއިން ވަކިކުރިކަން އެންގި ލިޔުމުގައި ވާކަމަށް މަޢްލޫމާތު ލިބިފައިވެއެވެ. އިދާރާތަކުގެ ޢަމަލުތަކާއި، ޤަރާރުތަކާއި ގުޅިގެން ޝަރީޢަތުގައި މިބާވަތުގެ މައްސަލައެއް ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާކަން އެނގިފައެއްނެތެވެ. އަދި މިފަދަ މައްސަލައެއް ހިނގާފައި އޮތަސް، މިއީ އޭގެ ޒާތުގައި ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ނިޒާމާއި، މިހިނގާ ވެރިކަމުގެ ވައްޓަފާޅިއަށް ބަލާއިރު ވަރަށް ނާދިރު މައްސަލައެކެވެ.
ކޮންމެއަކަސް، ސަރުކާރުގެ އިދާރާތަކުން ނިންމާ މިފަދަ ނިންމުންތަކާ ޤަރާރުތަކަކީ (ވަޒީފާއިން ވަކިކުރުމުގެ ޤަރާރު) ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން، ޢާންމު މަޞްލަޙަތާއި، ރައްޔިތުންނާއި ދައުލަތުގެ ކަންކަން ހެޔޮގޮތުގައި ހިންގުމުގެ މަޤްޞަދުގައި ނިންމިފައިވާ، ޤާނޫނީ ގޮތުން ޞައްޙަ ނިންމުންތަކަކަށް ވާންޖެހޭނެއެވެ.
ސަރުކާރުގެ އިދާރާއެއްގެ އެއްވެސް ނިންމުމެއް ނުވަތަ ޤަރާރަކީ، ޣައިރުޝަރުޢީ ނިންމުމަކަށް ނުވަތަ ޤަރާރަކަށް ވާނަމަ އެނިންމުމެއްގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް، އެޤަރާރެއް ބާޠިލުކުރުވުމަށާއި، އެޤަރާރެއްގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުމުގެ ބަދަލު ހޯދަން، ޢަދުލުއިންސާފުގެ ކުރިމައްޗަށް ދެވެން ޖެހޭނެއެވެ.
ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ޢާންމު މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ޤަރާރު ބިނާވެފައި އޮންނަންވާނީ، ވަޒީފާގެ ޤާނޫނާއި ޤަވާޢިދުތަކާއި، އެފަޒިފާއެއް އަދާކުރާ އިދާރާއެއްގެ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތަށެވެ. އެއްވެސް ޢާންމު މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، އިދާރާއަށް ލިބިފައިވާ ބާރު، ޢާންމު މުވައްޒަފަކާއި ދެކޮޅަށް ނަހަމަގޮތުގައި ބޭނުންކޮށްގެން، ނުވަތަ ނުބައިކޮށް ޤާނޫނަށް ޢަމަލުކޮށްގެން، ނުވަތަ މަތީ ފަންތީގެ މުވައްޒަފަކާ ދެމެދެ އުފެދިފައިވާ ޒާތީ ޙަސަދައެއްގެ ސަބަބުން، ނުވަތަ އެމީހަކަށް ޤާނޫނުން ލިބިދޭ ހައްޤެއްގެ ބޭނުން ކުރުމާއި ގުޅިގެން ނުވަތަ އެނޫންވެސް ޣައިރު ޝަރުޢީ ސަބަބަކާއިހުރެ ކަމަށްވާނަމަ، ވަޒީފާއިން ވަކިކުރުމުގެ ޤަރާރު އުވާލުމަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ހައްޤު އެމުވައްޒަފަކަށް އޮންނަންވާނެއެވެ.
ދިވެހިރާއްޖޭގައި ދައުލަތުގެ އެކި ވަޒީފާތައް އަދާކުރާ، ދައުލަތުގެ ޢާންމު މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޤާނޫނީ ވަކި މިންގަނޑަކަށް ސަރުކާރުގެ އިދާރާތަކުން ތަބާނުވާކަން ފާހަގަކުރެވެއެވެ. ޒާތީ ސަބަބުތަކާއި، ސިޔާސީ ސަބަބުތަކަށްޓަކައިވެސް ޢާންމު މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ގެއަށް ފޮނުވާލާތަން ފެންނަލެއް މަދެއް ނޫނެވެ. މިކަން މިހެން ދިމާވުމުގެ މައިގަނޑު ސަބަބުތަކަކީ އިދާރީ ޢަދުލުގެ ނިޒާމެއް ނެތުމާއި، އިދާރީ ކޯރޓުތަކެއްވެސް ނެތުމާއި، އިދާރާގެ ޢަމަލުތައް ޤާނޫނާއި އެއްގޮތްތޯ ބަލާ މޮނީޓަރކުރާނެ މުއައައްސަސާއެއް ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ނިޒާމުގެ ތެރޭގައި ނެތުމާއި، ޢާންމުންގެ ކިބައިގާ އެކަމުގެ ހޭލުންތެރިކަންވެސް ނެތުމެވެ. އަދި މިބާވަތުގެ މައްސަލަތައް ފެންމަތި ނުވާ ސަބަބަކީ ދިވެހިރާއްޖޭގައި އިދާރީ ކޯޓެއް ނެތަސް، ޝަރީޢަތުގައި ބެލެންޖެހޭ، އަދި އެމައްސަލަތައް ބެލުމުގެ ޖާގަ އޮތް މައްސަލަތަކެއްކަން، އިދާރީ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް އެނގިފައި ނުވާތީ ކަމަށް ވުމަކީވެސް ދުރުގައިވާ ކަމެއް ނޫނެވެ.
ތަންފީޒީ އެއްވެސް އިދާރާއަކީ އެއްވެސް ޙާލެއްގައި ތަނުގައި އޮންނަ ދުސްތޫރީ ނިޒާމާއި، ޤާނޫނާއި ޤަވާޢިދުގެ އިމުން ބޭރުން ހިންގިގެންވާނެ ތަނެއް ނޫނެވެ. އިދާރާތަކުގެ ޢަމަލުތަކާއި، ނިންމުންތައް ބައްޓަން ކުރެވިފައި ހުންނަންވާނީ ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި އެނޫން ގޮތަކަށް ކުރާ ޢަމަލުތައް ބާޠިލު ކުރެވެންޖެހޭނެއެވެ.
އެހެންކަމުން، މިފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހަޅުއްވައި މިކަން ޢާންމު ސަމާލުކަމަށް ގެނެސްދެއްވީތީ ޒަހީނާ ރަޝީދަށް މިވެބްސައިޓުގެ އެޑިޓޯރިއަލް ބޯރޑާއި ލީގަލް ޓީމުން ހިތްވަރުދީ، ހިނގަމުންދާ މައްސަލައާއި ގުޅޭގޮތުން ޤާނޫނީ ލަފައެއް ބޭނުންވާނަމަ، ފަންނީ މީހުންގެ ލަފާ، ހޯދައިދޭނެކަންވެސް މިފުރުޞަރުގައި ޢާންމުކޮށް އިޢްލާނުކުރަމެވެ.  ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved